
މިބަހަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމުވަމުން އަންނަބަހެކެވެ. ތިމާ ހިތްހަމަނުޖެހޭފަދަ ޢިބާރާތަކުން މުޚާތަބުކުރާ ކޮންމެ ފަހަރަކު މިފަދައިން ބުނެއުޅެއެވެ. ތިމާގެ އަބުރާ މީހަކު ބެހެފިނަމަ، އެބެހުނީ އަބުރާކަން އަޅުގަނޑުމެންގެ ތެރެއިން ކިތަން މީހުންނަށް އިނގޭބާ؟
ދިވެހިރާއްޖޭގެ ޤާނޫނު ޢުޤޫބާތުގެ 150 ވަނަ މާއްދާގައި އަބުރާބެހުންކަމުގައި ބުނެފައި އޮންނަނީ މިހެންނެވެ.” އަބުރާ ބެހުމަކީ މީހެއްގެ އަބުރާ ޢިއްޒަތް ނުވަތަ ކަރާމާތް ނަގާލުން ނުވަތަ އެއިންކަމަކަށް އުނިކަން ދިނުމެވެ. ބުނެވިދިޔަ ކަންތައްތަކުގެ ތެރެއިން ކަމެއްކުރީ، ބުނާ އެއްޗަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ކަމުގައިވިޔަސް އެކަމެއް ބެލޭނީ އަބުރާ ބެހުންކަމުގައެވެ.” މިމާއްދާގައި ބުނެފައިވާ ގޮތުން އަބުރާބެހެވެނީ 03 ގޮތަކަށެވެ. އެއީ:
1)ބުނާ ބުނުމަކުން،
2)ލިޔާ ލިޔުމަކުން އަދި
3)ކުރަހާ ކުރެހުމަކުން، މި ތިންގޮތުން ކުރެ ކޮންމެގޮތަކުންވިޔަސް، މީހެއްގެ އަބުރާ ބެހެފިނަމަ، އެ ބެލެވޭނީ އަބުރާ ބެހުން ކަމުގައެވެ. މިގޮތުން، މީހަކު ބުނާ ބުނުމަކުންވިޔަސް، ޝާއިޢުކުރާ ލިޔުމަކުން ކަމުގައިވިޔަސް އަދި ކުރަހާ ކުރެހުމަކުންވިޔަސް މީހެއްގެ ޢިއްޒަތާއި އަބުރު ނުވަތަ ކަރާމާތަށް އުނިކަމެއް ލިބިއްޖެނަމަ ބެލެވޭނީ އެއީ އަބުރާ ބެހުންކަމުގައެވެ.
ހަމަ އެހެންމެ 151 ވަނަމާއްދާގައި ބުނެފައިވާގޮތުން އާންމުރައްޔިތުންގެ މަސްލަހަތާއި ގުޅޭކަމަކާއި ހަވާލަވެހުރިމީހަކު އޭނާގެ ވަޒީފާ ލާޒިމް ކުރާގޮތުންކޮށްފައިވާ ނުވަތަ ކުރަމުންގެންދާ، ނުވަތަ ނުކޮށް ދޫކޮށްލިކަމަކާއިމެދު އެކަމެއްގެ ޙަޤީޤަތާއި އެއްގޮތަށް ވާހަކަދެއްކުމަކީ ނުވަތަ ލިޔެ ޝާއިޢު ކުރުމަކީ ނުވަތަ ކުރެހުމެއްކުރެހުމަކީ އަބުރާ ބެހުމެއް ނޫނެވެ.
އަބުރާ، ޢިއްޒަތް ނުވަތަ ކަރާމާތް ނަގާލުން ނުވަތަ އުނިކަން ލިބުމަކީ ކޮބާ؟
އަބުރާބެހުމުގެ މާނައިގެ ތެރޭގައި ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނިސްބަތްކޮށް ދޮގު އެއްޗެއް ބުނުމުގެ ސަބަބުން، މުޖްތަމަޢުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންގެ ނަޒަރުގައި އެ ބަސް ރައްދުވި ފަރާތަށް ކުރަމުން އައި ޤަދަރަށް އުނިކަމެއް އައުން ނުވަތަ މުޖްތަމަޢުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރުދުންގެ ހިތްތަކުގައި އެ ބަސް ނިސްބަތް ވި ފަރާތަށް ކުރަމުން އައި އިޙްތިރާމަށް ނުވަތަ ދެކެއުޅޭ ގޮތަށް ހެޔޮނޫން ބަދަލެއް އައުން، ނުވަތަ އެފަރާތަކާމެދު ނަފްރަތުކުރެވޭގޮތް ދިމާވުން، ނުވަތަ އެބަހުގެ ސަބަބުން، ބަސް ނިސްބަތްވި ފަރާތެއް މުޖްތަމަޢުން އެކަހެރިވުން ހިމެނެއެވެ. އަބުރާބެހެވޭ ފަދަ އެއްޗެއް ސީދާ ޞަރީޙަ ބަހުންނާއި، ނުސީދާކޮށް އަދި މި ނޫން ގޮތަކަށްވެސް ބުނެވިދާނެއެވެ. (ޓްބީ ކަންޓިނިއުޑް)
click to visit inguraidhoolive