
ތިންފަށްވުމަކީ ކޮބައިކަން ތިއެންމެ ބޭކަލުންނާއި ބޭކަނބަލުންނަށްވެސް އެނގޭނެ ކަމާއިމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. ތިންފަށް ވީމާ އިތުރު މީހަކާއި އިންނަންޏާ ކަންތައް ކުރަންޖެހޭނެގޮތްވެސް ތިއެންމެހާ ބޭކަލުންނާއި ބޭކަނބަލުންނަށްވެސް އެނގޭނެއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމްގެ ސަރުކާރުގައިވެސް ފޮރިންމިނިސްޓަރު ކަން ކުރެއްވި އަދި މިހާރުގެ ސަރުކާރުގައިވެސް ފޮރިން މިނިސްޓަރު ކަން ކުރައްވަމުން ގެންދަވާ ޑރ.އަޙްމަދު ޝަހީދަކީ، ކުރީގެ ސަރުކާރުގައި އުޅުއްވިއިރު ކުރީގެ ސަރުކާރަށް އެދުވަސްވަރު އެންމެ ފާޅުކަން ބޮޑުގޮތެއްގައި ސަނާކިޔާ ތަޢުރީފް ކުރެއްވި އެއްބޭފުޅާއެވެ.
އެދުވަސްވަރު ސަރުކާރުގައި އުޅުއްވި ޅަވަޒީރުންގެ ގޮތުގައި ހިމެނޭ އެއްބޭފުޅާއެވެ. އޭރުގައި ސަރުކާރުގައި އުޅުއްވި ވަޒީރުންގެ ތެރެއިން ޑރ.ޙަސަން ސަޢީދު އާއި ޑރ.މުޙައްމަދު ޖަމީލް ސަރުކާރު ހިނގާގޮތާއިމެދު ހިންހަމަ ނުޖެހިގެން ނުވަތަ އަމިއްލަ އެދުމެއް ނުވަތަ އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރުމަށް ކުރީގެ ސަރުކާރުން ވަކިވިތަނުން ޑރ.އަޙްމަދު ޝަހީދުވެސް ސަރުކާރުން ވަކިވެ ވަޑައިގަންނަވާ ޚަބަރު ފެތުރުމާއިއެކު، ވަރަށް އަސަރުން ފުރިފައިވައިވާ ގޮތުގައި އެފެތުރުނު ވާހަކަތައް ދޮގުކުރެއްވިއެވެ.
އަދި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާ، ރާއްޖެއަށް ޑިމޮކުރަސީ ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ ކުރީގެ ރައީސްކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަދި އެމް.ޑީ.ޕީ އަކީ ޣައިރު ޤާނޫނީ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވާ، އެމް.ޑީ.ޕީ ނެތިގޮސް އެޕާޓީގެ ޖަނާޒާ ބާއްވަން ވަރަށް ކައިރިވެއްޖެ ކަމުގައިވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ. ނަމަވެސް މިވާހަކަތައް ދެއްކިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރީގެ ސަރުކާރުން ވަކިވެ ވަޑައިގެންނެވިއެވެ. އާދެ އެއްގޮތަކުން ބުނަނީނަމަ ޑީ.އާރު.ޕީން ވަރިވިއެވެ. މި ވާގޮތެއް ނޭނގުނެވެ. އަދި މިބޭފުޅާ މި ދައްކާ ވާހަކައެއްވެސް ނޭނގުނެވެ.
އަދި އެއަށްފަހު މިބޭފުޅާވެސް ބޮޑުންގެ ގޮތުގައި ހިމެނޭ ގޮތަށް “ފަސްބައިގާ ކިލަނބުކަމެއްނެތް ތަޢުލީމީ މީހުންނަށް ފުރުޞަތު ހޯދައިދޭން” މަސައްކަތްކުރައްވާ ބައެއްގެ ގޮތުގައި ގައުމީ ޕާރޓީގެ ނަމުގައި ޕާރޓީއެއް އުފެއްދިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ޤައުމީ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ހުރެ ކުރިމަތި ލައިގެން ރައްޔިތުން ބަލައިނުގަތީމުން ވެރިކަން ބަދަލުކުރުމަށް އެއްވެސް ޝަރުޠެއްނެތި އެމް.ޑީ.ޕީ އިއްތިހާދާއި ގުޅުނީކަމަށް ބުންޏެވެ. ނަމަވެސް ވެރިކަން ބަދަލުވެ ކެބިނެޓް އިޢުލާން ކުރިއިރު އެއްވެސް ޝަރުޠެއްނެތި އުޅުނު މީހުންނަށްވެސް ބައިއެޅިކަން ފާހަގަ ކުރެވެއެވެ. މިފަހަރުވެސް ދެއްކި ވާހަކައާއި އަނގަޔަކާއި އަޑެއް ދިމައެއް ނުވިއެވެ. ޑަބުކުރުމުގެ މައްސަލައެއް ތޯއްޗެކެވެ.
ނަމަވެސް ދެން މިފެނުނުނީ އަނެއްކާ ޑރ.ހަސަން ސަޢީދުއަށް ދޯކާ ދިންތަނެވެ. އާދެ މަޖާކޮށްލުމުގެ ގޮތުން ބުނަނީނަމަ ގައުމީ ޕާރޓީން ވަރިވެގެން އެމް.ޑީ.ޕީއާއި އެންގޭޖްކޮށް ކައިވެނިކުރި ތަނެވެ. އެއަށްފަހު ކުރީން ދެއްކި ވާހަކައާއި ރާގު މުޅިން ބަދަލުވެ، ގައުމަށް ޑިމޮކުރަސީ މިގެނައީ އެމް.ޑީ.ޕީންނޭ ބުނެ ސަނާކިޔާ ތަޢުރީފްކޮށް ވާހަކަ ދެއްކި މަންޒަރެވެ.ޑީއާރުޕީ ކަރަންޓީނު ކުރަންޖެހޭ ވާހަކަ ވެސް ބުންޏެވެ. މިވީގޮތެއްވެސް ނޭނގުނެވެ. އެބޭފުޅާ ދައްކާވާހަކަ ދެއިރު ދެދަޅައަށް ބަދަލުވާ އޮއިވަރެކޭ އެއްގޮތެވެ. ނިއުޓްރޯލްގައި ހުންނަ އެންމެ ވަގުތެއްވެސް ނާދެއެވެ. އަބަދުވެސް ހުންނަވަނީ ކުރިއަށް ނުވަތަ ފަހަތު ގިޔަރަށް އެރިފާ ކަންނޭނގެއެވެ.
އަދި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ސަރުކާރަށް ޚިދުމަތް ކުރައްވަން ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް އެމްޑީޕީގެ ސަރުކާރު ދެމެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. އަދި ޤައުމީ ޕާޓީން އެމްޑީޕީގެ އިއްތިހާދުން ވަކިވެފައިވާކަމަށް ބުނަމުންދާއިރު އެމްޑީޕީގެ ސަރުކާރުގައި ހުންނެވުމާއި އިސްތިޢުފާ ދެއްވުމާ ދެގޮތުންކުރެ ގޮތެއް ޚިޔާރު ކުރައްވަން ޖެހިވަޑައިގަންނަވާކަމަށާއި މިހާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި އޮތް ޑިމޮކްރަސީއާ ދެކޮޅަށް ކުރާކަމެއް ކަމުގައިވެސްވަނީ ބުނެފައެވެ.
އަދި މި ސަރުކާރަކީ އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްގެން ގެނައި ސަރުކާރެއްކަމަށް ބުނެ. މިސަރުކާރު ދަމަހައްޓަން ޖެހޭނެކަމަށް ފެންނާތީވެ ގުޅުނީކަމަށް ބުންޏެވެ. ނަމަވެސް މިސަރުކާރަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތް ކޮށްގެން ގެނައި ސަރުކާރެކޭ ބުނާތީވެ ހިތާމަ ކުރަމެވެ. ސަބަބަކީ މިގޮތަށް ބަދަލު ކުރަން ބޭނުން ނޫންކަމަށް ބުނެވެސް ބަޔަކު ވޯޓުލިއެވެ. އެމް.ޑީ.ޕީގެ ތެރޭގައިވެސް މިވަގުތު ކުރީގެ ސަރުކާރަށް ވޯޓު ހޯދައި ދިނުމަށް މަސައްކަތް ކުރެއްވި ގިނަ ޢަދަދެއްގެ ބޭފުޅުން އެބަތިއްބެވިއެވެ.
މައްސަލައެއްނެތެވެ. ސިޔާސީ ޕާރޓީގެ ޤަވާޢިދު ބުނާގޮތުން އެއްޕާރޓީން ވަކިވެ އަނެއްޕާރޓީއާއި ކިތަންމެ ވަރަކަށްވެސް ގުޅެވިދާނެއެވެ. ނަމަވެސް ޕާރޓީގައި ބައިވެރިވި ގޮތުން މިހާރު އެހުންނެވީ ތިންވަނަ ޕާރޓީގައެވެ. އާދެ، “ތިން ކައިވެނި” ކުރެވިފައެވެ. ދެން މިހާރު ތިހުންނެވި ޕާރޓީން ވަކިވެއްޖެއްޔާ ޕާރޓިގައި ބައިވެރިވަމުންދާގޮތުން ބުނަނީނަމަ ތިންފަށް ވާނެއެވެ. އިތުރު ޕާރޓީއަކާއި ގުޅެންޏާ އަނެއްކާ ސިޔާސީ ފަށްކެނޑުމެއް ކަނޑަންޖެހި ސިޔާސީ ގޮތުން ފުރަތަމަ ތިންފަށްވެ ފަންކަނޑަށް ޖެހޭ ބޭފުޅާއަށް އަދުގެ ފޮރިން މިނިސްޓަރ ވެދާނެއެވެ.
click here to inguraidhoolive
Posted on 2009-10-25 11:58:03 |
Report this Comment
Posted on 2009-10-25 13:02:18 |
Report this Comment
Posted on 2009-10-25 13:06:59 |
Report this Comment
Posted on 2009-10-25 15:19:57 |
Report this Comment
Posted on 2009-10-29 10:12:56 |
Report this Comment