ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 11 03 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 1708
  • މޯބައިލް ލިންކު: m.muraasil.com/9944

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ފުރަތަމަ ރޭ ކަށްވަޅުގައި!...

އަލްއަޚް ޝަފީޢު ޢަބްދުﷲ


ޚިޔާލަށް ގެންނަވާށެވެ! ދެ ރެއެކެވެ. ފުރަތަމަ ރެއަކީ ގޭގައި ތިބާ ހުރި ރެއެކެވެ. އަނބި ދަރީންނާއި އެކުގައެވެ. އެކުދީން އުފާކޮށްދީ އެކުދިންނާއި އެކީ ކުޅެ ސަމާސާ ކުރަންށެވެ. ކުޑަ ކުޑަ އުފާވެރި އާއިލާއެކެވެ. ދެން ޖެހިގެން އައި ރެއެވެ. ތިބާ ކަށްވަޅަށް ތިރިކުރެވެނީއެވެ. އަނބިދަރީންނާއި ވަކިވެ، އަނދިރި ވަޅުގަނޑެއްގެ ތެރެއަށެވެ. އެތަނުގައި އެއްވެސް ބައިވެރިއަކު ނެތެވެ. ލޯބިވާ އަނބިމީހާވެސް ނެތެވެ. އަދި ދަރީންނެއްވެސް ނެތެވެ.

އެއީ ކަށްވަޅުގެ ފުރަތަމަ ރެއެވެ. އެރެއާއި މެދު ޞާލިޙުންނާއި ޢިލްމުވެރީން ރޮއެ ހިތާމަކޮށް އުޅުނު ރެއެވެ. އަދި ތަޤްވާވެރި އަޅުވެރިން އެރޭގެ ބިރުވެރި ކަމާމެދު ޝަކުވާކޮށް އުޅުނު ރެއެވެ.

ތަބޫކު ހަނގުރާމައަށް ކީރިތި ރަސޫލާ صلى الله عليه وسلمއާއި އެކަލޭގެފާނުގެ ޞާޙާބީން ނިކުމެވަޑައިގެން އުޅުއްވި ރެއެކެވެ. އެރޭ އެކަލޭގެފާނާއި ޞަޙާބީން ނިދިކުރެއްވިއެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ނިދިން ހޭލެވުނެވެ. އަދި ނަބިއްޔާގެ ތަންމަތިކޮޅަށް ބަލާލީމެވެ. ނަމަވެސް އެ ތަންމަތިކޮޅަކު އެކަލޭގެފާނެއް ނެތެވެ. ދެން އަބޫ ބަކުރުގެފާނުގެ ތަންމަތި ކޮޅާ ދިމާލަށް ދިޔައީމެވެ. ނަމަވެސް އެކަލޭގެފާނުވެސް ނެތެވެ. ދެން ޢުމަރުގެފާނުގެ ތަންމަތިކޮޅު ބެލީމެވެ. އެކަލޭގެފާނުވެސް ނެތެވެ.

ދެން ވިދާޅުވިއެވެ. ފޭލިގެތަކާއި ތަންކޮޅެއް ދުރުން އަލިކަމެއް ފެންނާން ހުއްޓެވެ. އެހެންކަމުން އެ ދިމާލަށް ހިނގައިގަތީމެވެ. އެތަނުގައި ކަށްވަޅެއް ކޮނެފައި ހުއްޓެވެ. އަދި ރަސޫލާ صلى الله عليه وسلم އެކަށްވަޅުގެ ތެރެއަށް ފައިބާވަޑައިގެން ހުންނެވިއެވެ. އަދި ކަފުންކޮށްފައިވާ މައްޔިތެއް ކަށްވަޅުގެ ކައިރީގައި ބާއްވާފައި އޮތެވެ. އަދި އަބޫ ބަކުރާއި ޢުމަރު – رضي الله عنهما - އެ ޖަނާޒާގެ ކައިރީގައި ތިއްބެވެ. ދެން ރަސޫލާ صلى الله عليه وسلم އެދެބޭކަލުންނަށް ވިދާޅުވިއެވެ. دليا الي صاحبكما މާނައީ؛ " ތިޔަބައިމީހުންގެ އަޚާ ކަށްވަޅަށް ހަމަހިމޭނުން ތިރިކުރާށެވެ". ދެން އެބޭކަލުން އެ މައްޔިތާ ކަށްވަޅަށް ތިރިކުރިއެވެ. އަދި އެކަލޭގެފާނުގެ ޠާހިރު ދެ އަތްޕުޅުން އެ މައްޔިތާ ކަށްވަޅުގައި ބާއްވާ ހަމަ ޖައްސައްވާލެއްވިއެވެ. ދެން އެކަލޭގެފާނުގެ ލޮލުން ކަރުނަ ފޮދު އޮހޮރިގެން ދިޔައެވެ. ދެން އެއަށްފަހު ޤިބްލައަށް ކުރިމަތިލެއްވިއެވެ. އަދި އެ ޠާހިރު ދެ އަތްޕުޅު މައްޗަށް އުފުއްލެވިއެވެ. އަދި މިފަދައިން ދުޢާކުރެއްވިއެވެ. اللهم اني أمسيت عنه راض فارض عنه މާނައީ: އޭ ﷲ ، ހަމަކަށަވަރުން މިރޭ މިއަޅާ ކުރީ އޭނާއަށް ރުހިގެންވާ ހާލުއެވެ. އަދި އިބަ ﷲ ވެސް އޭނާއަށް ރުއްސަވާފާދޭއެވެ". ދެން ތިމަންކަލޭގެފާނު އެއީ ކޮން ބޭކަލެއްގެ ޖަނާޒާއެއްތޯ ސުވާލުކުރީމެވެ. އެބޭކަލުން ދެންނެވިއެވެ. އެއީ ތިބޭކަލުންގެ އަޚް އަބްދުﷲ ޛުލްބަޖާދެއިންގެ ޖަނާޒާއެވެ.

ޢުމަރު ބުނު ޢަބްދުޢަޒީޒަކީ މުއްސަނދި ޢައިލާއަކަށް އުފަންވެ، މުއްސަނދިކަމުގެ ލައްޒަތާއި މަލައްޒަތުގެ ތެރޭގައި ބޮޑުވި ކުއްޖެކެވެ. ގަނޑުވަރުތަކާއި ޚާދިމުން ހުއްޓެވެ. ނަމަވެސް، އިސްލާމީ ދައުލަތުގެ ޚަލީފާއަކަށް ވުމަށްފަހު މި ހުރިހާ ލައްޒަތާއި މަލައްޒާތުތައް ދޫކޮށްލެއްވިއެވެ. ކީއްވެގެންތޯއެވެ؟. ކަށްވަޅުގައި ހޭދަކުރަންޖެހޭ ފުރަތަމަ ރޭ ހަނދުމަވުމުންނެވެ.

އެހެންކަމުން އެއްދުވަހަކު މިންބަރު މައްޗަށް އަރާވަޑައިގަތެވެ. އަދި ކީރިތި ކުރައްވަން ފެށްޓެވިއެވެ. އެތަނުގައި ހުކުރު ޖަމާޢަތަށް ޙާޟިރުވެވަޑައިގެން ޢިލްމުވެރީންނާއި ވަޒީރުންނާއި ޢާންމު ރައްޔިތުން ތިއްބެވެ. ވިދާޅުވިއެވެ. " ތިޔަބައިމީހުން އަޅުގަނޑަށް ހިއްޕެވި ބައިޢަތު އަނބުރާ ގެންދަވާށެވެ". އެބައިމީހުން އެންމެން އެކީ އެކައްޗަކަށް ދެންނެވިއެވެ. " ކަލޭގެފާނު ނޫން މީހަކު ޚަލީފާއެއްކަމުގައި ބޭނުމެއް ނޫނެވެ". އެހެންކަމުން، ޚަލީފާކަމަށް ނުރުހޭ ޙާލު - އެހެން ގޮތެއް ނެތިގެން- އެކަމުގެ ޒިންމާ ނެންގެވިއެވެ. ޚަލީފާކަމުގައި ހަފްތާއެއް ނުވަނީސް އެކަލޭގެފާނުގެ ހަށިކޮޅު ނިކަމެތިވެ، ގައިގެ ކުލަ ބަދަލުވިއެވެ. އަދި ތުރުކުރައްވަން އަތްޕުޅުގައި އޮތީ އެންމެ ހެދުންކޮޅެކެވެ. އެހެންވެ އެކަލޭގެފާނުގެ އަނބިކަބަލުން ކުރެން ސުވާލު ދެންނެވުނެވެ. ޚަލީފާއަށް ވަމުން އެދަނީ ކިހިނެއް ތޯއެވެ؟. ވިދާޅުވިއެވެ. " ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ރޭގަނޑު އަވަހާރަފުޅެއް ނުލައްޕަވައެވެ. ތަންމަތީގައި އޮންނެވުމަށްފަހު ފުރޮޅެން ފަށްޓަވައެވެ. އިންސާނަކު ހޫނު އަނގުރު ގަނޑެއް މަތީގައި އޮވެގެން ފުރޮޅޭނެ ފަދަ ގޮތަކަށެވެ. ދެން ވިދާޅުވެއެވެ. " މުޙަންމަދުގެފާނުގެ އުއްމަތުގެ މީސްތަކުންގެ ޒިންމާ މި ނިކަމެތި އަޅާއާއި ހަވާލުކުރެވިއްޖެއެވެ. މި އަޅާއާއި ޤިޔާމަތް ދުވަހުން މި ޒިންމާތަކާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި ތުއްތު ކުދިންނާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ".

ހަމައެހެންމެ، އެއްދުވަހަކު އެކަލޭގެފާނުގެ އަރިހުގައި ޢިލްމުވެރިއެއް ދެންނެވިއެވެ. " އޭ އަމީރުލް މުއުމިނީންއެވެ. ކަލޭގެފާނު މީގެކުރިން މައްކާގައި ހުންނަވަނިކޮށް އަޅުގަނޑުމެން ދެކުނީމެވެ. އެއީ ކަލޭގެފާނު ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިންނެވެ. އޭރު ކަލޭގެފާނު ހުންނެވީ ވަރަށް ޞިއްޙަތާއި ޢާފިޔަތުގައެވެ. މުއްސަނދިކަމާއި ތަނަވަސްކަމުގައެވެ". ދެން ވެސް ޢިލްމުވެރިޔާ ދެންނެވިއެވެ. " ނަމަވެސް މިހާރު ކަލޭގެފާނު މި ފެންނަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައި ވަނިކޮށްނެވެ. އެއީ ކީއްވެތޯއެވެ؟".
ޢިލްމުވެރިޔާގެ މިކަލިމަތައް އަޑުއެއްސެވުމަށްފަހު ޢުމަރު ބުނު ޢަބްދުލްޢަޒީޒް ވަޤުތުން ކީރިތި ކުރައްވަން ފެށްޓެވިއެވެ. އަދި ދެންނެވިއެވެ. " އޭ ޒިޔާދެވެ. ކަލޭގެފާނަށް އަޅުގަނޑު މަރުވެ ކަށްވަޅަށް ލުމަށްފަހު ތިން ވަނައަށް ވާ ދުވަހު ފެނިލައްވައިފިނަމަ ހުންނާނެ މަންޒަރު އެނގިލައްވާތޯއެވެ. ﷲ ގަންދީ ބުނަމެވެ. ވަރަށް ވެސް ހިތާމަވެރި މާޔޫސް މަންޒަރަކަށް ނޫނީ އެ މަންޒަރު ނުވާނެއެވެ".

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!... އަޅުގަނޑުމެން މި ކަށްވަޅުގެ ފުރަތަމަ ރެއާއި ބައްދަލުކުރުމަށް ވަމުންދަނީ ކޮން ތައްޔާރީތަކެއްތޯއެވެ؟. އެއްވެސް ތައްޔާރީއެއް އެބަ ވެވޭތޯއެވެ؟. އުއްމަތަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلى الله عليه وسلمގެ ހަދީޘްފުޅެއްގައިވެއެވެ. القبر روضة من رياض الجنة أو حفرة من حفر النار މާނައީ: " ދަންނާށެވެ. ކަށްވަޅަކީ ސުވަރުގޭގެ ބަޤީޗާއިންކުރެ ބަޤީޗާއެކެވެ. ނުވަތަ ނަރަކައި ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ".

އެހެންކަމުން އުޘްމާނު ބުނު ޢައްފާނު رضي الله عنه ގެ ކައިރިން ޖަނާޒާއެއް ގެންދެވިއްޖެނަމަ، ވަރަށް ބޮޑަށް ކީރިތި ކުރައްވައެވެ. އެކަލޭގެފާނު ހޭފުޅު ނެތިގެން ބައެއް ފަހަރު ވެއްޓިވަޑައިގަންނަވާ ކަމަށްވެސް ބައެއް ރިވާޔަތްތަކުން ސާބިތުވެއެވެ. މިއީ ކޮންބޭކަލެއްކަން އެނގިލައްވާތޯއެވެ؟. ސުވަރުގޭގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ތެދުމަގު ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ތެރެއިން ތިންވަނަ ޚަލީފާއެވެ. މިދީނަށްޓަކައި މާތް ނަބިއްޔާ صلى الله عليه وسلم އާއި އެކުގައި އެތައް ޖިހާދެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ދީނަށްޓަކައި އެކަލޭގެފާނުގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވި، ކިރީތި ރަސޫލާގެ މަތިވެރި މާތް ޞަޙާބީއެކެވެ.

އެހެންކަމުން، އެއް ފަހަރަކު އެކަލޭގެފާނަށް ދެންނެވުނެވެ. "ތި ދަރަޖައަށް ކީރިތި ކުރައްވަނީ ކީއްވެތޯއެވެ؟". ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މިފަދައިން ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެހީމެވެ. القبر أول منازل الآخرة މާނައީ: " ކަށްވަޅަކީ އަޅާ މަރުވުމަށްފަހު އޭނާގެ އެންމެ ފުރަތަމަ މަންޒިލެވެ". އެތަނުން ސަލާމަތްކަން ލިބިއްޖެ މީހަކަށް ސަލާމަތް ކަން ލިބިއްޖެއެވެ. އަދި އެތަނުން ނާކާމިޔާބުވެއްޖެ މީހެއް ގެއްލި ހަލާކުވެއްޖެއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!... ޣާފިލުކަމުގެ ނިދިން ހޭވެރިވެލައްވާށެވެ. އަދި މި ދުވަހަށް ތައްޔާރުވެލައްވާށެވެ. އެހެނީ މަރަކީ ބުނެފަ އަންނަ އެއްޗެއް ނޫނެވެ. ނޭނގި ހުއްޓާ މަރާ ބައްދަލުކުރަން ޖެހިދާނެއެވެ.

އަޅުގަނޑުމެންގެ މި މަރުވެފައިވާ ހިތްތަކަށް ދިރުން ލިބޭތޯ ހަޤީޤި ހާދިސާއެއް ނަކަލުކޮށްލާނަމެވެ. މިއީ ސަޢޫދީ ޢަރަބިޔާގެ ރިޔާޟުގައި ހިނގި ހާދިސާއެކެވެ. ދެމަފިރިންނެވެ. ޞާލިޙު ތަޤްވާވެރި ޢާއިލާއެކެވެ. އެއްދުވަހަކު، މިދެމަފިރިން ޢުމްރާވުމަށް މައްކާއަށް ދިއުމަށް ތައްޔާރުވިއެވެ. ނަމަވެސް، ދަތުރު ފެށުމުގެ ކުރީން، އެދުވަހު، އަންހެންމީހާގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެނުނެވެ. އެހެނީ އެދުވަހު، އަދަޔާޚިލާފަށް އެ އަންހެންމީހާ އޭނާގެ ދަރީންނަށް ބޮސްދީ ހަދާ އުޅުނެވެ. އަދި ރޮއެ ރޮއެ ހުރެގެން ވަޞިއްޔަތެއް ލިޔުނެވެ. އޭގައިވާ ޢިބާރާތްތަކުން އެއީ އޭނަގެ މަރުގެ ވަޞިއްޔަތޭވެސް ދެންނެވިދާނެއެވެ. މި އަންހެންމީހާއަކީ ވަރަށް މާތް ތަޤްވާވެރިއެކެވެ.

ކޮންމެއަކަސް، ދެމަފިރިން މައްކާއަށް އައިސް ޢުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރިއެވެ. އަދި އެނބުރި ރިޔާޟަށް ދާން ދަތުރުފެށިއެވެ. އެއީ ވަދާޢުގެ ދަތުރެވެ. އަޖަލުގެ ދަތުރެވެ. ދެމަފިރިން ދުއްވަމުން ގެންދިޔަ ކާރުގެ ފުރޮޅު ފަޅައިގެން ދިޔައެވެ. އަދި އެއާއެކު ކާރު ފުރޮޅާލިއެވެ. ޞާލިޙް އެ އަންހެނާގެ ބޮލަށް ވަރަށް ބޮޑު ޒަހަމެއް ލިބުނެވެ. ނަމަވެސް ފިރިމީހާއަށް ސީރިއަސް ބޮޑު އަނިޔާއެއް ނުލިބެއެވެ. އެހެންކަމުން، ފިރިމީހާ އަވަސް އަވަހަށް އަނބިމީހާގެ ގާތަށް ދިޔައެވެ. އެވަޤުތު އަނބިމީހާ ޝަހާދަތުގެ ދެކަލިމަ ކިޔަމުން ގެންދެއެވެ. ދެން ފިރިމީހާއަށް ދެންނެވިއެވެ. " އަޅުގަނޑަށް މާފުކުރައްވާ... ދެން ބައްދަލުވާނީ ސުވަރުގެއިން... އަދި ކުދިވެރީންނަށްވެސް ސަލާމް ބުނާތި..." وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ [٥٢:٢١]
އަދި އީމާންވިމީހުން އެއުރެންގެ ދަރިން އީމާންވުމާއެކު، އެއުރެންނަށް ތަބާވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.

ކޮންމެއަކަސް، ކެތްތެރިކަމާއިއެކު މާތް ﷲ ގެ ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންވެގެން، ޝުކުރުވެރިކާމައިއެކު ފިރިހެންމީހާ އެނބުރި ގެއަށް އައެވެ. އެކަންޏެވެ. ކުދިންގެ މަންމައެއް ނެތެވެ. އެމީހުންގެ ދަރީންގެ ތެރެއިން ތުއްތު އަންހެން ދަރިފުޅު ދުވެ އައިސް އެއްސެވެ. " ބައްޕާ، ކޮބާ މަންމަ؟"... ބައްޕަ ވަރަށް ހިތްވަރު ކޮށްލާފަ ޖަވާބު ދިނެވެ. " މަންމަ އަންނާނެ"... ނަމަވެސް، އެ ތުއްތު ދަރިފުޅު ބުންޏެވެ. " ކޮންމެ ގޮތެއް ހަދާފަވެސް މަންމަ ދެކެން ބޭނުން...". އެ ޖުމްލަ އިވުމުން އެ ފިރިހެން މީހާއަށް ތަހައްމަލު ކުރަން އުދަނގޫވިއެވެ. އަދި ގިސްލާ ރޮވެން ފެށިއެވެ. އަދި އެ ތުއްތު ދަރިފުޅަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގި ހަމަހިމޭންވިއެވެ.

މިއީ ހަޤީޤީ ހާދިސާއެކެވެ. އެރެއަށްޓަކައި ތައްޔާރުވަމުން ދިޔަ އުޚުތެއްގެ ވާހަކައެވެ. މާތް ﷲ، އޭނާގެ ކަށްވަޅު އެއީ ސުވަރުގޭގެ ބަޤިޗާއެއް ކަމުގައި ލައްވާށިއެވެ... އާމީން...





http://www.raajjeislam.com އިން ނަގާފައި.

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-03-11 21:12:26 | Report this Comment
އައިންތު:

ވަރަށް ޢިބްރަތްތެރި ވާހަކައެއް. މާތް ﷲ އަޅަމެންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނދޭވެ! އާމީން!

Posted on 2011-03-12 20:03:52 | Report this Comment
އިމާނުއެލް:

ފަތްފުށްތަކުގައި ވާ ގޮތުން މާތްކަލާނގެއަށް އީމާންވެ އީސާގެފާނަށް ތަބާވެގެން ތިބި މީހުން މަރުވުމެއް ނުވާނެ. ހަށިގަނޑު ވަޅުލިޔަސް އެމީހުން ހަމަ ވަގުތުން ވާނީ އީސާގެފާނާ އެކު އެކަލޭގެފާނު ހުންނެވި ތަނެއްގައި.

Posted on 2011-03-13 13:56:13 | Report this Comment
ފައިޞަލް:

ވަރަށް ފުރިހަމަ.... މިފަދަ ކަންކަމާ ވިސްނާ ނަސީބު ލިބިގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާށި...އާމީން.

Posted on 2011-03-20 15:11:57 | Report this Comment
ޙައްވާ:

ކައްވަޅުގެ ޢަޒާބަށް ތައްޔާރު ވުމަށް ކުރެވެން އޮތް އެންމެހާ މަސައްކަތެއް ކުރުމަކީ އަހަރެމެންގެ ވާޖިބެއް

Posted on 2011-03-23 23:41:18 | Report this Comment
ޔޫހަންނާ:

ދިންނަވަނީ މާތްކަލާނގެ މަތިވެރި ނިއުމަތް ފުޅުން. އިންސާނުންގެ މަސައްކަތަކުންނެއް ނޫން. އިންސާނުންނަށް ކުރެވެން އޮތްކަމަކީ އީމާންވެ ސާލިހު އަމަލު ކުރުންމަތީ ދެމި ތިބުން.

Posted on 2011-05-26 19:46:11 | Report this Comment
އައި:

ވަރަށް ޢިބުރަތްތެރި ވާހަކައެއް. ﷲ އަހަރުމެން ހުރިހާ މުސްލިމުންނަށް މިފަދަ ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.