ހަމަ ކޮންމެ ދިވެއްސަކަށްވެސްމެ އެސުވާލެއްގެ ޖަވާބު އެގެންޖެހޭ ސުވާލެކެވެ. މުސްލިމިކަށްވީތީ ތިމާގެ ޢަޤީދާ ، މަޢުރިފާކުރުމާއި ތަފްކީރުކޮށް ވިސްނައި ތަދައްބުރުކޮށްގެން ބިނާކުރުމަށެވެ. މުސްލިމަކަށްވީތީ، މުލްޙިދުންނާއި މުސްތަޝްރިޤުންގެ ކުރިމަތީ ތިމާގެ ޢަޤީދާ ދިފާޢުކޮށް ޙައްޤު ބަޔާންކުރަން ކެރޭ އެގޭ މީހަކަށް ވުމަށެވެ.
ސުވާލުގައި (ﷲ) ނިސްބަތް އެކުރެވެނީ ކާއިނާތު ޚަލްޤުކުރެއްވި ގަދަ ކީރިތި ވަންތަ ﷲ ތަޢާލާއަށެވެ. (އުފެއްދެވީ) އޭ ބުނެވެނީ ޚަލްގު ކުރެއްވުމަށެވެ. ނުވަތަ ނެތުމުގެ ތެރެއިން - ރޯމެޓީރިއަލަކާ ނުލައި - އެއްޗެއް އުފެއްދެވުމަށެވެ. (ކާކު) ނިސްބަތްކުރެވެނީ އުފެއްދެވި ފަރާތަށެވެ.
ޚާލިޤު ވަންތަ ﷲ ތަޢާލާ އަކީ އުލޫހިއްޔަ ރުބޫބިއްޔަ ސިފަތައްލިބި ވޮޑިގެންވާ ހަމައެކަނި ފަރާތެވެ. ދެން މިކާއިނާތުގައިވާހާ ހުރިހާ އެއްޗަކީވެސް ޚަލްޤު ކުރެވިގެންވާ ތަކެއްޗެވެ. އެހެން ކަމުން މިއީ ދެދަރަޖައެކެވެ. ޚާލިޤާއި މަޚުލޫޤެވެ. ޚާލިޤުވަންތަ އިލާހު، މަޚުލޫޤުގެ ދަރަޖައަށް ފޭބުމަކީ އުލޫހީވަންތަ ކަމަށް އުނިކަން އަންނާނެ ކަމެކެވެ. ހަމަ އެފަދައިން މަޚުލޫޤު، ޚާލިޤުވަންތަ އިލާހުގެ ދަރަޖައަށް އުފުލުމަކީވެސް އެ އިލާހުގެ އުލޫހިއްޔަވަންތަކަމަށް އުނިކަން އަންނާނެ ކަމެކެވެ.
ދަންނަވަން މިއުޅެނީ ޚާލިޤު ވަންތަ އިލާހުގެ ސިަފަތަށް މަޚުލޫޤައް ލިބުމަކީ މުސްތަޙީލުކަމެކެވެ. ހަމައެފަދައިން ޚާލިޤު ވަންތަ އިލާހަށް މަޚުލޫގުގެ ސިފަތަކުން ސިފައެއް ނިސްބަތްކުރުމީ ނުވަތަ މަޚުލޫޤާއި އެއްފަދަވުމަކީ މުސްތަޙީލުކަމެކެވެ. އެހެނީ އަޅުގަނޑުމެން ފަދަ އިންސާނުންނާ ﷲ ތަޢާލާ އެއްފަދަ ވެގެން ވާނަމަ އަންނަނިވި ދެގޮތުންކުރެ ގޮތެއް މެދުވެރި ވާނެއެވެ.
1- ﷲ ތަޢާލާގެ އުލޫހީ ސިފަތަކެއް އިންސާނުންނަށް / މަޚުލޫގުންނަށް ލިބުން: މިޙާލަތުގައި އިންސާނާއާއި އިލާހާއި ފަރަގެއްނުވެއެވެ. ﷲ ތަޢާލާ މަރުގަންނަވާފަދައިން އިންސާނާވެސް މަރުގަންނަވައި ބޭނުން ފަރާތަކުން އިރު އަރުވައި އިރު އޮއްސުވާނެއެވެ. އަދިވެސް އެތައް އެފަދަކަމެއް ކުރާނެއެވެ. އެކަމަކު އެހެނެއް އެކަންތަކެއް ނުވެއެވެ. އެހެންކަމުން އުލޫހީ ސިފަތަކެއް މަޚުލޫގުންނަށް ލިބިގެން ނުވާކަން ސާބިތުވެއެވެ.
2- އިލާހަކު ވޮޑިގެންނުވުން: އިލާހަކު ވޮޑިގެން ނުވާނަމަ އަޅުގަޑުމެން ވަށާގެން މިވާ ހުރިހާތަކެއްޗެއް މިހާފުރިހަމަ އިންތިޒާމެއްގެ ތެރެއިން ދައުރުވެ ހިގަހިގާ ހުންނަ ގޮތައް ކަންތައްތަށް އިންތިޒާމް ވެގެން ދިޔައީ ކިހިނަކުންތޯއެވެ؟ އެކްސިޑެންޓަކުން ހެއްޔެވެ؟ ނޫނެކެވެ! ތިބާ ދިރިއުޅެމުންދާ ވެށި/ދުނިޔެއަށް ނަޒަރު ހިންގާލުމުން މި ދުނިޔެ އާއި މިދުނިޔޭގައި ވާހާ ތަކެއްޗަކީވެސް ވަކި ނިޒާމެއްގެ ދަށުން ހިގަމުން ދާ ކަންކަމެވެ. ވާރޭ ވެހުމާއި އިރުއެރުމާއި އިރު އޮއްސުމާއި ރޭ ދުވާ ބަދަލުވުމާއި ދުނިޔެ ވަށާ ހަދު އޭގެ މިސްރާބުން ނެއްޓުމެއްނެތި ދައުރުވުމާއި މިފަދަ އެތައްކަމެއް އެއްވެސް ހުއްޓުމެއް ފުށުއެރުމެއްނެތި ހިގަހިގާ ހުރުން ދަލިލުކޮށްދެނީ މިއީ ގަދަ ކީރިތި ވަންތަ އިލާހުގެ މަތިވެރި ޚަލްޤުކުރެއްވުމެއްކަމެވެ.
ވީމާ މިއިން ދޭހަކޮށްދެނީ މަޚުލޫޤާއި ޚާލިޤު އެއްފަދަވެގެން ނުވާކަމެވެ. އެހެނެއްކަމަކު މުސްތަޙީލުވެގެން ވާކަމެވެ. އުފެދޭ ސުވާލަކީ ﷲ އުފެއްދެވި ފަރާތާއި ، އިސްވެދިޔަ ވާހަކަތަކާއި ހުރީ ކޮންގުޅުމެއް ހެއްޔެވެ؟
ސުވާލު ކުރެވެނީ ﷲ ހެއްދެވީ (ޚަލްޤުކުރެއްވީ) ކާކުހެއްޔެވެ؟ ސުވާލުގައި އެވާފަދައިން ﷲ ތަޢާލާ އަކީވެސް ޚަލްޤުކުރެވިގެންވާ ފަރާތެއްނަމަ އިންސާނާއާއި އެއްފަދަވީއެވެ. އެޙާލަތުގައި އިންސާނާއަކީ ވެސް މަޚުލޫގެކެވެ. ﷲ ތަޢާލާއަކީވެސް މަޚުލޫޤެކެވެ.
ޙަދީދު ސޫރަތުގެ ތިންވަނަ އާޔަތުގައި ވަޙީކުރައްވަނީ قال تعالى: هُوَ الأَوَّلُ وَالآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ މާނައީ ''އެކަލާންގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާންގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާންގެއެވެ. އަދި ހިއްސުތަކަށް ވަންހަނާވެވޮޑިގެންވާ ރަސްކަލާންގެއެވެ. އަދި އެކަލާންގެއީ، ކޮންމެކަމެއް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.'' (މާނަ: ޤުރުއާނުގެ ދިވެހި ތަރުޖަމާ)
رسول الله صلى الله عليه وسلم ޙަދީޘްކުރައްވަތެވެ (اللهم أنت الأول فليس قبلك شيء، وأنت الآخر فليس بعدك شيء، وأنت الظاهر فليس فوقك شيء، وأنت الباطن فليس دونك شيء). މާނައީ: '' އޭ ހައްދާބޮޑުކުރެއްވި ރަސްކަލާންގެއެވެ. އިބަ ރަސްކަލާންގެއީ ފެށުމެއްނެތި އިސްވެވޮޑިގެންވާ ރަސްކާލާންގެއެވެ. ފަހެ އިބައިލާހަށްވުރެ ކުރިއަކުން އެއްޗެއްނުވެއެވެ. އަދި އިބަރަސްކަލާންގެއީ ނިމުމެއްނެތި ފަސްވެވޮޑިގެންވާ ރަސްކާލާންގެއެވެ. ފަހެ އިބައިލާހަށްފަހު އެހެންއެއްޗެއްނުވެއެވެ. އަދި އިބަރަސްކަލާންގެއީ ظاهر ވެވޮޑިގެންވާ ރަސްކަލާންގެއެވެ. ފަހެ އިބައިލާހަށްވުރެ މަތިން އެހެން އެއްޗެއްނުވެއެވެ. އަދި އިބަރަސްކަލާންގެއީ باطن ވެވޮޑިގެންވާ ރަސްކަލާންގެއެވެ. ފަހެ އިބައިލާހަށްފަހު އެހެން އެއްޗެއްނުވެއެވެ.''
ވީމާ ﷲ ތަޢާލާ އަކީ އުފެއްދެވިގެންވާ ފަރާތެއްނޫނެވެ. އުފެއްދެވިގެން ނުވާ ފަރާތެއް، އުފެއްދެވި މީހަކުވެސް ނުހުންނާނެއެވެ. ވީމާ ސުވާލު ރަގަޅެއްނޫނެވެ. ތިބާގެ ކުރިމަތީގައި ފެންނަން ހުރި ކޮމްޕިއުޓަރ ނަގައި އެހެން މޭޒެއްގައި ބެހައްޓިއްޖެނަމަ، އެކަން ކުރީ ކާކުތޯ ސުޥާލު ކުރެވިދާނެއެވެ. އެކަމަކު ތިބާ ތިޔަ ކިޔަމުންދާ ތާނަ އަކުރުތަކުގެ އަޑު ނަގައި މޭޒުމަތީގައި ބެހެއްޓީ ކާކުތޯ ސުވާލު ކުރެވިދާނެ ހެއްޔެވެ؟
Posted on 2010-03-11 16:18:34 |
Report this Comment
Posted on 2010-06-22 12:36:29 |
Report this Comment