ތިބާ މާޔޫސް ނުވާށެވެ. (ހަތަރުވަނަ ބައި)
މީހުންނަށް ކޮއްދޭ ހެޔޮ ކަންތައްތައްކުން ހިތަށް ހަމަޖެހުން ލިބެއެވެ.
ތިބާ މީހަކަށް ޞަދަޤާތެއް ކުރާއިރު ފުރަތަމަ ހިތްހަމަޖެހުން ލިބޭނީ ތިބާއަށެވެ. އެ ޞަދަޤާތް ލިބިގަންނަފަރާތަށް އަންނަ ބަދަލުތައް ފެނިފައެވެ. އޭނާގެ މޫނުމަތިންފެންނަ ހިނިތުންވުމުގެ ސަބަބުންނެވެ. ﷲގެ މަގުގައި މީހަކަށް އެއްޗެއް ދިއްކޮއްލެވުނީތީއެވެ. އަދި ﷲ ހަޟުރަތުގައި ތިބާގެ މަޤާމު އުފުލޭނެތީއެވެ. އެހެނީ މުދަލުން ހޭދަ ކުރުމަކީ އިންސާނުން އެހާ ކުރާހިއްވާ ކަމެއްނޫނެވެ. މުދާ މަދުވާނެތީއެވެ. އަދި މީހަކަށް ކަމަކާ ނުލާ އެހެންދޭ ފައިސާ ގެ ބަދަލު ނުލިބިދާނެތީއެވެ. ނުވަތަ ތިބާ އެހާ ބުރަމަސައްކަތުން ހޯދާ މުދާ އެހައި ފަސޭހައިން ބަހާލާއިރު އަނެއްކާ އެވަރަށް ތިބާ މަސައްކަތް ކުރަން ޖެހޭނެތީވެއެވެ.
ތިބާއަށް މުސީބާތެއް ނުވަތަ ނުތަނަވަސްކަމެއް ކުރިމަތިވެއްޖެނަމަ ގިނަގިނައިން ފަޤީރުންނަށް ޞަދަޤާތްކުރާށެވެ. ތިބާގެ މުދަލުން ހޭދަކުރާށެވެ. ދަތިހާލުގައި ޖެހިފައި ތިބިމީހުންނަށް އަޅާލާށެވެ. އަނިޔާ ލިބެމުންދާ މީހުން ދިފާއުކުރާށެވެ. ސަލާމަތްކޮއްދޭށެވެ. ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ. ދިމާވާ ކޮންމެމީހަކަށް ހިނިތުންވެލާށެވެ. އޭރުން ތިބާގެ ވަށައިގެން ވާނީ އުފާވެރިކަމެވެ. އަދި ތިބާގެ ފަރާތުން ހެޔޮކަން ފޯރި މީހުންނަށް އަމިއްލަ އިޚުތިޔާރުގަޔާއި، ބޭއިޚުތިޔާރުގައި ތިބާއަށްޓަކައި ހެޔޮދުޢާ ކުރެވޭނެއެވެ. އެފަދައިން ކުރެވޭ ހެޔޮ ދުޢާގެ ސަބަބުން ތިބާގެ ނުތަނަވަސްކަން އިސާހިތަކު ފިލައިގެން ހިނގައިދާނެއެވެ.
ތިބާއަށް ކޮންމެމަހަކު ލިބޭ ޢާމްދަނިން ކޮންމެވެސް ވަރެއް ފަޤީރުންނަށް ޞަދަޤާތްކުރުމަށް ޚާއްޞަކުރާށެވެ. ތިބާގެ މުދަލުން މާ ބައިވަރެއްނޫނެވެ. ވަރަށް މަދުއެތިކޮޅެއްކަމުގައިވިޔަސް އެންމެރަނގަޅެވެ. ގިނަކުރަން ބޭނުމީ އިޚުލާސްތެރިކަމެވެ. ދުވަސްކޮޅަކުން ތިބާއަށް ލިބޭ ހިތްހަމަޖެހުމާ އަޅާ ބަލާއިރު ތިޔަ ހޭދަކުރާ އެތިކޮޅު އެއީ ވަރަށް މަދުއެއްޗެއްކަމުގައި ތިމާއަށް އިހުސާސްވާނެއެވެ. ދުނިޔޭގެ ހިތްހަމަޖެހުން ހޯދުމަށްޓަކައި ކޮންމެފަދަ ހޭދައެއް ކުރަންވެސް ތައްޔާރަށްތިބޭ އިންސާނުން މީ ދޫކުރާވަރުގެ ކަމެއްތޯއެވެ. ނަމަވެސް ޝައިތަނާވަނީ ގިނަ އިންސާނުންގެ ހިތުތެރެއަށް ފަޤީރުކަމުގެ ބިރުވައްދާ އަތުގައި ހުރި މުދަލުން ފަޤީރުންނަށް ހޭދަކުރަން ފަށައިފިނަމަ އެހުސްވެ، އަމިއްލަ ބޭނުންތައްވެސް ނުފުއްދިދާނެ ކަމުގެ ވަސްވާސް ވައްދާ މުދަލަށް ދަހިވެތި ކުރުވަފައެވެ. އޭގެ ބަދަލުގައި ފާޙިޝް ކަންތައްތަކަށް ހޭދަކޮށް އިސްރާފުކުރުން އެއީ އުފާ ލިބޭނޭ ކަމެއްކަމުގައި ދައްކާ ހައްލުވާލާފައެވެ.
ފޫހިކަން ފިލުވުމަށް ދިރިއުޅުމަށް ކޮންމެސް މަސައްކަތެއްކުރާށެވެ.
ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ނެތިފައި ތިބޭ މީހުންނަކީ ޢާންމުގޮތެއްގައި ބެކާރު ވާހަކަ ދެއްކުމާއި، ދޮގުވާހަކަ ފެތުރުމާއި، ނުބައި ފާޙިޝް ޢަމަލުތައްކުރުމުގައި މަސްޢޫލުވެ އުޅޭބަޔެކެވެ. އެބައި މީހުންގެ ސިކުނޑިތަކުން ހެޔޮ ނުވަތަ ފައިދާހުރި ކަމަކާއިމެދު ނުވިސްނާނެއެވެ. އެފަދަ މީހުން ތިބޭނީ އަބަދުމެ ފޫހިވެފައެވެ. ކުރާނެ ކަމެއްނެތިފައެވެ. އިންސާނުން މާގިނަ ވަގުތު ކުރާނެ ކަމެއް ނެތިފައި ހުސްކޮށް ތިބޭނަމަ އެމީހުން ތިބޭނީ އަބަދުވެސް ނަފްސާނީ ގޮތުން ބަލިވެފައެވެ. އެމީހުންގެ ވަގުތުތައް ދުއްވާލާނީ މާޒީގައި ވެފައިވާ ކަންތައްތަކުގެ މަތިން ވިސްނުމުގައެވެ. އަދި ހިނގަމުންދާ ވަގުތުގައި އޭނާ ހުރިދަތި ހާލާއިމެދުގައި ފިކުރު ކުރުމުގައެވެ. އަދި މުސްތަޤުބަލާއި މެދުގައި އުންމީދުކުރުމުގައެވެ. މިގޮތައް ވަގުތުތައް ބޭކާރު ގޮތުގައި ދުއްވަލައި އެނދުގައި ދެފަރާތައް ފުރޮޅިލަ ފުރޮޅިލާ ތިބެއެވެ. އަދި ސިކުނޑި ސުމަކަށް ދުއްވާލައެވެ. މުޅި ދުނިޔެމަތިން ފޫހިވާން ފަށައެވެ. ޝައިތާނާ އޭނާގެ ސިކުނޑިއަށް ވަސްވާސްތައް ވައްދަން ފަށައެވެ. ﷲ އާއި މެދު ނުބައި ވިސްނުންތައް ވިސްނައިދީ ހަދައެވެ. އޭނާ ބޭކާރުމީހެއްގެ ގޮތުގައި މިދުނިޔެއަށް ﷲ ދޫކޮއްލީ ކަމުގައިބުނެ ހިތުތެރޭގައި ﷲއާއި މެދު ރުޅިވެރިކަން އުފައްދައެވެ. މިހެން ގޮސް އެފަދަ މީހުން އެންމެފަހުން ﷲ ދެކެ ފޫހިވެ އެކަލާނގެއަށް ކާފަރުވެ ވޮޑިގެން ވާކަން ޤަބޫލުނުކުރާހިސާބަށްވެސް ދެއެވެ.
މިގޮތަށް ކުރާނެ މަސައްކަތެއްނެތިފައި ތިބޭމީހުންގެ އުޅުމުގައި އެއްވެސް ކަހަލަ ޤަވާއިދެއް ނުހުންނާނެއެވެ. އެއީ މިފަދަ މީހުން ޒިންމާވާންޖެހޭ އެއްވެސް ކަމެއް ނޯންނާތީއެވެ. މުޅި ދުވަސް ވާނީ ހުސް، ބޭކާރު އަދި ފޫހި ދުވަހަކަށެވެ. މިކަމުން ސަލާމަތް ވުމަށްޓަކައި އަދި ކުރާނެ މަސައްކަތެއްނެތްނަމަ ތިބާ ނަމާދު ކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ފޮތްކިޔާށެވެ. ޛިކުރުކޮށް ދުޢާ ކުރާށެވެ. އޭރުން ﷲ ތިބާގެ ހިތަށް ހަމަޖެހުން ވައްދަވާ ފޫހިކަން ފިލުވައިދޭނެއެވެ. މިއީ ރޫހާނީގޮތުން ތިބާއަށް ލިބޭ ވެކްސިން އެކެވެ. މީހާ ޒިންމާދާރުކުރުވާ ގަޑިއަށް ކަމޭހިތުމަށް ދެވޭ ވަރަށް ރަނގަޅު ޓްރޭނިންގެކެވެ. މީގެ ސަބަބުން ތިބާ ހަރުދަނާވެ ހެޔޮ ވިސްނުންލިބި ކުރާނެ މަސައްކަތެއް ހޯދުމަށް އަވަސްވެގަންނާނެއެވެ.
ވީމާ ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއްކޮއްގެން ތިބާގެ ފޫހިކަމާއި ދުރައްދާށެވެ. އެހެނީ ފޫހިކަމާއި އެކަނިވެރިކަމަކީ ތިބާގެ ނަފްސައް ވަރަށް ބޮޑު އަނިޔާދޭ އެއްޗެކެވެ. މަސައްކަތުގެ ޒިންމާތައް ބަރާބަރަށް އަދާކުރާށެވެ. ކުރާ މަސައްކަތް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަސައްކަތް ކުރާށެވެ. މަސައްކަތުގެ ވަގުތުގައި ތިމާގެ އަޅުކަންތައް ބަރާބަރަށް އަދާ ކުރަމުން ގެންދާށެވެ. ފަސް ވަގުތު ނަމާދު ކުރުމާއިއެކު ކޮންމެވެސް މިންވަރެއް ޤުރުއާނުން ކިޔަވާށެވެ. މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތައުފީޤަށްއެދި ﷲ ޙަޟުރަތުގައި ދުޢާ ދަންނަވާށެވެ. އޭރުން ތިބާގެ މުޅި ދުވަސް ވެގެންދާނީ ބާއްޖަވެރި ފޫހިވުމެއްނެތް ދުވަހަކަށެވެ.
... (ނުނިމޭ) ...
މިލިޔުމުގެ ތިންވަނަބައި:
http://www.muraasil.com/details/view/3/5008
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
އަތުލިޔުންގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009

Posted on 2010-01-11 09:44:39 |
Report this Comment