Muraasil

ހޯދާ

ތިބާ މާޔޫސް ނުވާށެވެ. (ފުރަތަމަ ބައި)

يا الله ( އޭ ﷲ)

މޫސުމް ގޯސްވެ ކަނޑު ގަދަވެ ސަލާމަތް ނުވެވިދާނެ ކަމުގެ ބިރު ހީވުމުން މީސްތަކުން ﷲ سبحانه وتعالي އަށް ދަންނަވާ ސަލާމަތް ކޮއްދިނުމަށް އެދެއެވެ. މުސީބާތެއް ދިމާވެއްޖެނަމަ ހަނދާންވަނީ ﷲ سبحانه وتعالي ގެ މަތިންނެވެ. ކުރަމުންދާ ވިޔަފާރި ބަނގުރޫޓުވެ ދެކެމުން އަންނަ ހުވަފެންތަކާއި ރާވާފައި ހުރި ރޭވުންތައް ފެއިލްވެ ދެން ހަދާނެ ގޮތް ހުސްވެ އުއްމީދު ކެނޑުމުން ދެން އެނބުރެނީ ﷲ سبحانه وتعالي އާ ދިމާލަށެވެ. މިފަދަ ހާލަތަކަށް އިންސާނުން ވެއްޓޭހިނދު އަތްތަކާއި ލޯތައް ދިމާކުރެވެނީ ޢާލަމްތައް ހެއްދެވި ﷲ سبحانه وتعالي އާ ދިމާލަށެވެ. އެކަލާނގެއަށް ރިވެތި ބަސްތަކުން ސަނާ ދަންނަވައެވެ. އިޚްލާސްތެރި ދުޢާ ދަންނަވައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ ފައިބާހާލުގައެވެ. ބާރެއް ނެތް ދެރަ ނިކަމެތި އަޅެއްގެ ހާލުގައެވެ. މަޑުމޮޅިކަމާއިއެކު ކުރިމަތިވެފައިވާ ދަތި އުނދަގުލުން ސަލާމަތް ކުރުމަށް އެދި ރޮއެ އާދޭސް ކުރެއެވެ. އެއަށް ފަހު އިންސާނާގެ ހިތަށް ހަމަޖެހުން ލިބެއެވެ. ނުތަނަވަސްކަން ފިލައިދެއެވެ. ނާރުތަކަށް ހަމަޖެހުން ލިބެއެވެ. އުއްމީދު އަލުން އާވެއެވެ. މީ އަޅުގަނޑުމެންގެ ތެރެއިން ހާދަ ގިނަބަޔަކު ތަޖުރިބާ ކޮއްފައިވާ ކަމެކެވެ. މިކަން މިހެން މިވަނީ ކީއްވެގެން ބާއެވެ؟ ހަމަ ކަށަވަރުންވެސް މިކަންތައްތައް މިހެން މިވަނީ ﷲ سبحانه وتعالي ގެ މަތިން ހަނދުމަކުރުމުންނެވެ. އެކަލާނގެ ހަޟުރަތުން ވާތްގަށް އެދުމުންނެވެ. ވީމާ ކަމެއްދިމާވެ ހާސްކަން ކުރިމަތިވެއްޖެ ނަމަ އަވަހަށް އެކަލާނގެއަށް ދަންނަވާށެވެ. ލަދުވެތި ނުވާށެވެ. ބޮޑާކަން ދޫކޮއްލާށެވެ. ހިތްހަމަ ޖެހުން ހޯދުމަށްޓަކައި އިންސާނުން ކުރާ ދަށުދަރަޖައިގެ ފާޙިޝް ކަންކަމުން ލިބެނީ ކޮން ހިތް ހަމަޖެހުމެއްތޯއެވެ؟

ﷲ އަށް ޝުކުރުވެރިވުން

އަހަރުމެންގެ ބޮލުމަތިންނާއި ވަށައިގެން އަދި ފައިދަށުގައި މިވާ ﷲ سبحانه وتعالي ގެ ނިއުމަތަކާއިމެދު ވިސްނާ ފިކުރު ކުރާށެވެ. އަހަރުމެން ބަލައިލި ކޮންމެ ދިމާލެއްގައި ވަނީ އަޖައިބު ކުރުވަނިވި ނިޢުމަތްތަކެވެ. މި ނިޢުމަތްތައް ގުނައި އަދަދު ކުރުމަކީ ވާނޭ ކަމެއްނޫނެވެ. ގިނަ އިންސާނުން މިނިޢުމަތްތަކާއި މެދު ނުވިސްނައެވެ. އަދި މި ނިޢުމަތްތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ. އެންމެކުޑަމިނުން ތިމާގެ އަމިއްލަނަފްސާއިމެދު ވިސްނާލިންތޯއެވެ؟ ލޮލާއި ދޫ، ނޭފަތާއި ކަންފަތް އަދި ދެ އަތާއި ދެފަޔާއި މެދު ވިސްނާލީ ކޮންއިރަކުތޯއެވެ؟ ފައިނެތި ތިބާ ހިނގަނިކޮށް ސިފަކޮށް، ވިސްނާލިން ތޯއެވެ؟ ލޮލަށް ނުފެންނަ މީހުންގެ އިހުސާސްތައް ދެނެގަނެވޭތޯ މަސައްކަތް ކުރިންތޯއެވެ؟ އެއްބަޔަކު މީރު ކެއުންތައް ކައި، މީރު ބުއިންތައް ބޮމުން ގެންދާއިރު އަނެއްބައިމީހުންގެ ފަޤީރުކަމާއި ބަލިހާލުގެ ސަބަބުން އެތަކެތިން މަޚުރޫމުވަފައި ތިބިކަން ހަނދާންނައްތާލީތޯއެވެ؟ ތިބާއަށް ފުރިހަމަ ޞިއްޙަތެއް ލިބިފައިވާއިރު ބަލިވެފައިވާ މީހުންގެ މަތިން ހަނދާން ކުރިންތޯއެވެ؟ ތިބާއަށް ލިބިފައިވާ ގުނަވަންތަކުގެތެރެއިން ތިބާގެ ދެލޯ ، ދެކަންފަތުގެ އިވުން ނުވަތަ ވާހަކަ ދެއްކުމުގެ ނިޢުމަތް ދުނިޔޭގައިވާ އެންމެ ބޮޑުފަރުބަދައިގެ ބަރުދަނާ އެއްވަރަށް ރަން ދީފި ނަމަ ވިއްކަލާނަންތޯއެވެ؟ މީގެން އެންމެ ނިޢުމަތެއްވެސް ދޫކޮށްލަން ބޭނުން ނުވާނެކަން ކަށަވަރެވެ. އެކަން އެގޮތަށް ކޮއްފިމީހާވެސް ފަހުން އެކަން ދެކޭނެއެވެ. ހުރިހާ މުދަލެއް ޚަރަދު ކުރިޔަސް މިވަރުގެ ފުރިހަމަ ދެވަނަ ގުނަވަނެއް ނުލިބޭނެ އެވެ. ކޮންމެ މީހަކަށްވެސް މިނިޢުމަތްތަކުގެ މުހިންމުކަމާއި ބޮޑުކަން އިހުސާސް ކުރެވޭނީ ލިބިލިބި ހުރެފައި ގެއްލުމުންނެވެ.

އަޅުގަނޑުގެ އެކުވެރިއަކު ކިޔާދިން ވާހަކައެއް ލިޔެލާނަމެވެ. އަޅުގަނޑުގެ އެކުވެރިއެއްގެ ރަޙުމަތްތެރިއަކަށް ދިމާވި ވަރަށް ހިތާމަވެރި ހާދިޘާއެކެވެ. އެއީ ހަމަ ރަނގަޅަށް ހިނގާ ބިނގާވެ އުޅުނު މީހެކެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު އޭނާއަށް ރަނގަޅަކަށް ނުހިނގުނެވެ. ފައިބިނދި ނުވަތަ ހުޅުން ނެއްޓުނީކީ ނޫނެވެ. އޭނާގެ ފަޔަށް ބެލުމުން އެއްވެސް އައިބެއް ފެންނާކަށްނެތެވެ. ނަމަވެސް އޭނާ އަށް ހިނގެނީ ކޮރެއް ޖަހަމުންނެވެ. މިވީ ގޮތެއް ބެލުމަށް އޭނާ އަވަހަށް ޑޮކްޓަރަށް ގެންދެވިއްޖެއެވެ. ވަރަށް ގިނަ ގޮތް ގޮތުންބަލާ ތަހުޤީގު ކުރެވިއްޖެއެވެ. އެންމެފަހުން މިވާ ގޮތް އެނގުނެވެ. ޑޮކްޓަރު ކިޔައިދިން ގޮތުގައި، އިންސާނަކު ހިނގުމަށްޓަކައި ބިންމަތިން ފައިތިލަ އުފުއްލާލީއްސުރެ ބިންމަތީ އެފައިތިލަ ބޭންދުމާއި ދެމެދު ހަށިގަނޑުގެ އެތެރެއިން އެތައް ބައިވަރު ހަރަކާތެއް ހިނގައެވެ. އެތައް ނާރެއް މިކަމުގައި ބައިވެރިވެއެވެ. މީނާއަށްވެސް ފައި ރީއްޗަށް ހިއްލައިލެވެއެވެ. ނަމަވެސް ފައި ގެންގޮސް ބޭންދުމުގެ ކުރިން ފައި ބޭންދުމަށް އެހީވާ ނާރެއްގެ މަސައްކަތް ހުއްޓިފައިވާތީ އޭނާގެ ހިނގުން ކޮރަކަށް ބަދަލުވަނީއެވެ. އަހަރުމެންގެ ހަށިގަނޑުގެ ނާޒުކުކަން ނުވިސްނޭހެއްޔެވެ؟ ކިރިޔާ ކުޑަކުޑަ މައްސަލައެއް ދިމާވި ނަމަވެސް މުޅި ހަށިގަނޑު އައިބުވެއެވެ. ވިސްނާ ފިކުރު ކުރާ މީހަކަށް މިކަމުން އިބުރަތް ލިބޭނެއެވެ.

އަހަރުމެންނަށް ރަނގަޅު ސިއްޙަތަކާއި އަރާމު ނިދިލިބި، މީރު ކާއެއްޗެހި ލިބި، ސާފުފެނާއި މިހެން ގޮސް ދުނިޔޭގައި އާދައިގެ ދިރިއުޅުމެއް އުޅޭވަރަށް ވަޞީލަތްތައް ތަނަވަސްވުމުންވެސް ދުވަހަކު ހިތް ހަމަޖެހުމަކާ ހަމައަށް ނާދެވެއެވެ. އަބަދުވެސް ނުލިބި ހުރި އެއްޗިހީގެ ވާހަކައިން ޝަކުވާކުރަނީ އެވެ. ލިބިފައި ހުރި މިންވަރަށް ޝުކުރުވެރިވެވޭ ތަނެއް ނާދެއެވެ. އިންސާނުންނަށް ސިކުނޑި ދެއްވީ ވިސްނުމަށެވެ. ވީމާ އަބަދުވެސް ތިމާއަށް ލިބިފައިވާ ނިއުމަތްތައް އެހެންމީހުންނަށް ލިބިފައިވޭތޯއާއި ތިބާ އަށްވުރެ ނިޢުމަތް މަދުމީހުންގެ ހަލަތާ ތިމާގެ ހާލަތު އަޅުވާ ވިސްނާ ފިކުރު ކުރަންވާނެއެވެ.

... (ނުނިމޭ) ...


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-07 21:02:32 | Report this Comment
ފާތިމާ:

މާޝާﷲ ވަރަށް ރަގަނޅު ލިޔުމެއް

Posted on 2009-12-08 10:18:41 | Report this Comment
އައްދު:

ވަރަށް މޮޅު ލިޔުމެއް.ވަރަށް ބައިވަރު ޢިބްރަތްތަކެއް ލިބިއްޖެ .ޝުކުރިއްޔާ.މާތްﷲ ތިޔަ ލިޔުނަތެރިޔާގެ ލިޔުންތެރިކަން ކުރި އަރުވާފާނދޭވެ. އަދި ހުރިހާ މުސްލިމް ރައްޔިތުންނަކީވެސް މިންވަރށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވަވާފާނދޭވެ.މިލިޔުމުގެ 2 ވަނަ ބަޔަށް އިންތިޒާރު ކުރާ ވާހަކަ ދަންނަވަން.

Posted on 2010-05-15 21:50:53 | Report this Comment
ޙަސަން:

ވަރަށް ފުރިހަމަމ ނަމަވެސް ތަރުޖަމާއަކަށް ވީތީ އެކަންހާމަކޮށްލުން ރަނގަޅުވާނެކަމަށްފެނޭ. ﷲ ތިބާ ހެޔޮ ޖަޒާ ދެއްވާށީ!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009