އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 12 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 130
  • މޯބައިލް ލިންކު: m.muraasil.com/2085

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޒަކާތް

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން 3 ވަނަ ރުކުނެވެ. މިއީ އިސްލާމީ މުޖުތަމަޢުގައި ފަޤީރުންނާއި މުއްސަނދީންގެ ތަފާތު ކުޑަކުރުމަށް ވާޖިބު ކުރައްވާފައިވާ ވަރަށް މަތިވެރި ދީނީ އަޅުކަމެކެވެ. އެއީ ވާޖިބެއް ކަމާއިމެދު އިންކާރުކޮށް ދެކޮޅުހަދައި އެއީ ފަރުޟެއް ނޫންކަމަށް ބަލައި، ދެކެ، ބުނެ އުޅުމަކީ ދީނުން ބޭރުންވާ ކަމެކެވެ.

ޒަކާތުގެ لغوى މާނަ

ބަހުގެ ގޮތުން ބަލާއިރު ޒަކާތުގެ މާނަ ގިނަވުން، އިތުރުވުން، ބޮޑުވުން، ބަރަކާތް ޙާޞިލުވުން އަދި ޠާހިރުވުން ފަދަ މާނައިގައި ބޭނުންކުރެވެއެވެ.

ޒަކާތުގެ شرعى މާނަ

ޝަރީޢަތުގައި ޒަކާތަކީ، ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދާތަކެއް ވަކި މިންވަރަކަށް އިތުރުވެ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ޚާއްޞަވެގެންވާ ބަޔަކަށްދެވޭ ވާޖިބު ޙައްޤެކެވެ.

ޒަކާތް ޝަރުޢު ކުރެއްވުން

ޒަކާތް ދިނުމަކީ އެކަމަށް ޝަރުޠު ހަމަވާ އެންމެހައި މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއްގެ ގޮތުގައި ލައްވައި ޒަކާތް ފަރުޟު ކުރައްވާފައިވަނީ ހިޖުރައިން 2 ވަނަ އަހަރު ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައެވެ. ޤުރުއާނާއި ސުންނަތުން އަދި ދަންނަ ބޭކަލުންގެ އިޖްމާޢުންވެސް ޒަކާތަކީ ޘާބިތުވެގެންވާ އަޅުކަމެކެވެ.

ކީރިތި ޤުރުއާނުން:

މާތް ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. “وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ” - (البقرة 43) މާނައަކީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ޒަކާތްދޭށެވެ! އަދި ރުކޫޢު ކުރާމީހުންނާއެކު ތިޔަބައިމީހުން ރުކޫޢު ކުރާށެވެ!”
އަދިވެސް މާތް ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. “وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا” – (المزمل 20) މާނައަކީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲ (ފަރުޟު ކުރެއްވި މިންވަރުގެ އިތުރަށް ޞަދަޤާތްދީގެން) ﷲއަށް ހެޔޮވެގެންވާ ދަރަނި ދޭށެވެ.”

ރަސޫލާގެ ޙަދީޘުން:

رسول الله صلى الله عليه وسلم حَدِيث ކުރައްވާފައިވެއެވެ. “بُنِيَ اْلآِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَن لاَّإِلهَ إِلاَّاللَّهُ وَأَنَّ مُحَمَّدًارَّسُولُ اللَّهِ وَإِقَامِ الصَّلاَةِ وَإِيْتـاءِ الزَّكاةِ وَحَجِّ الْبَيْتِ وَصِيَامِ رَمَضَانَ” – (رواه ابن عمر , متفق عليه) މާނައީ: ”އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، ﷲ ފިޔަވައި އެހެން އިލާހަކު ނެތްކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުޅައުމާއި، ޒަކާތްދިނުމާއި، ގެފުޅަށް ޙައްޖުވުމާއި، ރަމަޟާންމަހުގެ ރޯދަހިފުމެވެ.”

ދަންނަ ބޭކަލުންގެ އިޖުމާޢުއިން:

ޒަކާތަކީ މުއްސަދީންގެ މައްޗަށް ފަރުޟުވެފައިވާ ކަމެއްކަމަށް އުންމަތުގެ އިޖުމާޢުން ޘާބިތުވެގެންވެއެވެ. ޒަކާތް ދިނުމަކީ އިސްލާމްދީނުގައި އޮތްކަމެއްނޫން ކަމުގައި ދެކޭމީހާ މުރުތައްދުވާނެއެވެ.
أبوبكر رضي الله عنه ގެ ޚިލާފަތުގައި ޒަކާތް ދިނުމަށް އިންކާރު ކުރި މީހުނާ ހަނގުރާމަ ކުރެވުނެވެ. ޒަކާތަކީ އަމިއްލަ އިޚްތިޔާރުގައި ނުދައްކައިފިނަމަ ގަދަބާރުންވެސް މުދާވެރިންގެ އަތުން ހޯދަންޖެހޭ އެއްޗެއްކަން އެހަނގުރާމައިން އެކަލޭގެފާނު ހާމަކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. “މާތްﷲ ގަންދީ ބުނަމެވެ. ނަމާދާއި ޒަކާތް ވަކިކޮށްފި މީހަކާ އަހަރެން ހަނގުރާމަ ކުރާނަމެވެ.”

ޒަކާތް ބެހިގެންވާ ބައިތައް

ޒަކާތް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ފިޠުރު ޒަކާތާއި މުދަލު ޒަކާތެވެ.

ފިޠުރު ޒަކާތް

ފިޠުރު ޒަކާތަކީ އިންސާނާގެ ހަށިގަނޑާއި ގުޅިފައިވާ ޒަކާތެކެވެ. އެބަހީ، އެބައެއްގެ މައްޗަށް ޚަރަދުކުރެވޭ ބައެއްގެ ފުށުން ނެރުން ވާޖިބު ކުރައްވާފައިވާ ޒަކާތެކެވެ. ފިޠުރު ޒަކާތް ނެރުން ވާޖިބުވުމުގެ ވަގުތަކީ ފިޠުރު ޢީދު ވިލޭރެއަށް އިރުއޮއްސުމެވެ. މަޤުބޫލު ޢުޛުރެއްނެތި ޒަކާތް ނެރުން ފަސްކުރުމަކީ މަކުރޫހު ކަމެކެވެ. ފިޠުރު ޒަކާތް ވާޖިބުވަނީ، އަންނަނިވި ޝަރުޠުތައް ހަމަވެފައިވާ މީހާގެ މައްޗަށެވެ.
1. މުސްލިމަކު ކަމުގައިވުން.
2. ރަމަޟާން މަހުން ބަޔަކާއި ޝައްވާލު މަހުން ބަޔެއް ލިބުން. ފަހު ރޯދަ ދުވަހު އިރުނުއޮއްސެނީސް މަރުވިމީހާއަށާއި، ޢީދުވިލޭރޭ އުފަންވި ކުއްޖަކަށް ފިޠުރު ޒަކާތް ނެރުން ވާޖިބެއް ނުވާނެއެވެ.
3. ތިމާއާއި ތިމާގެ ޚަރަދު ދީ ބެލެއްހެއްޓުން ވާޖިބުވެފައިވާ މީހުން، ޢީދު ދުވަހާއި އީދުވިލޭރޭ ކާނޭތަކެތި ހުރެފައި އެއަށްވުރެ އިތުރަށް އެއްޗެއް ހުރުން.
ތިމާގެ އަމިއްލަ ނަފުސުގެ މަތިން ފިޠުރު ޒަކާތް ނެރުން ވާޖިބުވާ ފަދައިން، ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތިން ފިޠުރު ޒަކާތް ނެރުމަކީ ތިމާގެ މައްޗަށް ވާޖިބު ކަމެކެވެ.
ފިޠުރު ޒަކާތަށް ނެރުން ވާޖިބުވަނީ، އޮއްޓަރުހުރި ގޮވާމުގެ ތެރެއިން އެރަށެއްގައި އެއަހަރު ދުވަހު އާދަވެގެން ކާން ގެންގުޅުނު އެއްޗަކުންނެވެ. މިގޮތުން ނެރެވޭ ތަކެއްޗަކީ ޢައިބު ތަކުން ސަލާމަތްވެފައިވާ ތަކެތި ކަމުގައިވުމީ ލާޒިމު ކަމެކެވެ. ފިޠުރު ޒަކާތުގެ ނެރެވޭނީ ހަނޑޫ، ގޮދަން، ބިންބި އަދި ކުދިބަތްފަދަ ތަކެތި ނުވަތަ އޭގެ އަގަށްވާ ފައިސާއެވެ. ކޮންމެ މީހެއްގެ މައްޗަށްވެސް ނެރުން ވާޖިބު ވެގެންވަނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.5 ނާޅި ނުވަތަ ގާތްގަނޑަކަށް 2.4 ކިލޯގުރާމެވެ.

- ނުނިމޭ -

ލިޔުނީ: އިބްރާހީމް ޙުސައިން

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.