ކަޅުފޮއި އަނދިރި ރެއެއްގެ މެންދަމުން އަލިވެ އެކެއް ޖެހި ވަގުތެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިބީ ނިދުމުގެ މީރުމުކަން ހޯދުމުގައެވެ. މިކަހަލަ ރެއެއްގައި ޖައުފަރު ހޭލާ އެއުޅެނީ ކޮންމެވެސް ކަހަލަ ފަންޑިތަ އެއް ހެދުމުގައި އަވަދިނެތިއެވެ. ފަންޑިތަ ހެދުމަށް މޮޅު މީހެއްގެ ނަމުގައި ޖަޢުފަރު ވަނީ މަޝްހޫރު ވެފައެވެ. އޭނަ ހަދާ މުޖައްރިބު ފަންޑިތައިގެ ތެރޭގައި ދެމަފިރިން ދުރުކުރުމަށްޓަކައި ހަދާ ވަރިތޮޅި އާއި ދެމީހަކު ގުޅުވުމަށް ހަދާ ސިޙުރާއި މީހުން ގޭގެ ފަޅު ކުރުމަށް ހަދާ ސިޙުރު އަދި ދޯނިފަހަރު ގިނައިން މަސްބޭނުމަށް ހަދާ ފަންޑިތަ ހިމެނެއެވެ. ރޭގަނޑު މިދަންވަރުގައި ނިދި ނަގާލުމަށްފަހު ރަތުރުކު ކުރުނބަލެއްގައި ފިޔޮއްސަކުން އަކަތައް ކުރަހަމުން ތުންތަޅުވަމުން ގެންދިޔައެވެ.
މަސައްކަތް ނިމުނު އިރު ހުރީ ފަތިހު ހަތަރެއް ޖަހާފައެވެ. ދެން ޖައުފަރު ދިޔައީ މިސްކިތަށް ފަތިސް ނަމާދަށެވެ. ނަމާދުކޮށް ނިމިގެން ގެއަށް އައިސް ޖޯލިފަތީގައި އޮށޯތީ ދޯނީގެ ކެޔޮޅު އަންނަން ދެނެވެ. މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ކެޔޮޅު އައުމާއި އެކު ދެމީހުން ދިޔައީ ދޯނި ކައިރިއަށެވެ. އަދި ޖަޢުފަރު ދޯނިވަށައިގެން ތުންތަޅުވަމުން ހިނގަމުން ދިޔައެވެ. އެތައް އިރަކު އެގޮތަށް ކިޔެވުމަށްފަހު އެއްކަލަ ކުރުނބަލުގައި ހުރި ފެން ދޯންޏަށް ޖެހިއެވެ. އަދި ކުރުނބާ ދޯނީގެ ވަކި ތަނެއްގައި ފޮރުވިއެވެ. އެމަސައްކަތް ނިމުމުން ކެޔޮޅު ޖައުފަރަށް ދިން ރުފިޔާ ބޮނޑި ޖީބަށް ލުމަށްފަހު ގެއަށް ދިޔައެވެ.
އާދައިގެ މަތީން ޖަޢުފަރު ނިދާހޭލީ މެންދުރު ބާރަޖަހަން އުޅެނިކޮށެވެ. ޖައުފަރުގެ އަންހެނުން މިއަދު މަޝްހޫރު ވިޔަފާރި ވެރިޔާ ސައިފް ހޯދަން އައި ކަމުގައި ބުންޏެވެ.
" ދެން ޒަޢީމާ ބުނީ ކީކޭ ހެއްޔެވެ؟ " ރޮށިކޮޅެއް އަނގައަށް ލަމުން ޖައުފަރު އެހިއެވެ.
" ނިދާފައި އޮތް ކަމުގައި ބުނީ........ އަދި ހަވީރުން އަންނާނޭ ކަމަށް ބުނެފައި ދިޔައީ .
އެދުވަހުގެ ހަވީރު ސައިފް އަނެއްކާ ވެސް ޖައުފަރު ހޯދަން އައެވެ. އެވަގުތު ޖައުފަރު ގޭގައި އުޅޭތީ ބައްދަލު ވިއެވެ. އަދި ސައިފް ބޭނުންވީ އަތިރިމަތީގައި ހުންނަ ޖޯލިފައްޗަށް ވާހަކަ ދައްކަން ދިއުމަށެވެ. ދެމީހުން ޖޯލިފަތީގައި އިށީނުމާއިއެކު ސައިފު ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ބޭނުންވަނީ މިރަށު " ސީލް" ގޭ ރިފްޤާ މަށާ ހިތާވާނެ ގޮތެއް ހަދަން. އެތައް ދުވަހަކު އޭނަގެ ފަހަތުގައި ދުވެ ވަހަކަ ދައްކައިފިން އެކަމަކު އެއްބަހެއް ނުވި. އެންމެ ފަހުން އޭނާ ބުނީ މަށާ ނީންނާނަމޭ ކިތަންމެ ދުވަހަކު ހުސްހަށި ބަޔަށް ހުއްޓަސް "
" ތީ އެއްވެސް ކަމެއް ނޫން. ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ ބޮލުން އިސްތަށްޓެއް ހޯދައިގެން ގެނެސްދީ " ޖައުފަރު ހިނިތުން ވެލުމާއި އެކު ބުންޏެވެ.
" އިސްތައްޓެއް ހޯދާކަށް އެއްވެސް ކަމެއް ނޫން ." ސައިފް ބުންޏެވެ.
" މިމަސައްކަތަކީ ބޮޑު މަސައްކަތެއް. އުޖޫރަ ވެސް ބޮޑުވާންވާނެ."
" ދިހަހާސް ރުފިޔާ ކާމިޔާބު ވެއްޖިއްޔާ" ސައިފު ހުށަހެޅިއެވެ.
އޭގެ ދެދުވަސް ފަހުން ރިފްޤާގެ ބޮލު އިސްތަށްޓެއް ސައިފު ގެނެސްދިނެވެ. އެދުވަހު ވާހަކައިގެ ތެރޭގައި ސައިފު އަހާލިއެވެ.
" މިކަންތައް ކާމިޔާބު ވާނެތަ؟"
" މިއީ މުޖައްރިބު ކަމެއް. ސައިފުއަށް އެނގޭތަ އަހަރެންގެ އަންހެނުން ޒަޢީމާ ހޯދީވެސް ހަދާލި މިކަހަލަ ފަންޑިތައަކުން. ކުރީން އަހަރެން ފެނުނަސް ރުޅިއަންނާނެ. އެންމެ ފަހުން ޒަޢީމާ އަހަރެންގެ ފަހަތުން ދުވަން ފެށީ. އަދި މައިން ބަފައިންނާ ދެކޮޅަށް މަށާ އިނީ." ޖައުފަރު ފަޚްރުވެރި ކަމާއި އެކު ބުނެލިއެވެ.
ސައިފުއަށް ހަދައިދިން ފަންޑިތަވީ މުޖައްރިބު ފަންޑިތަ އަކަށެވެ. ސައިފުގެ ފަރާތުން ޖައުފަރު ބުނި ޢަދަދަށް ފައިސާ ލިބުނެވެ. އޭގެ ދެތިން މަސް ފަހުން އެއްރެއެއްގެ މެންދަމު ވަގުތު ޖަޢުފަރު ގަބުރުސްތާނަށް ދިޔައެވެ. މިނިކަށި ޙޯދުމަށެވެ. މިފަހަރު ބޭނުންވަނީ ސާޅީސް ދުވަސް ހަމަނުވާ ޤަބުރެއްގެ ކައްޓެވެ. އަނެއްކާވެސް ފަންޑިތައިގެ އާވައްތަރެއް ހެދުމަށެވެ. ޤަބުރު ކޮނުމަށް ޓަކައި މީހާ އޮރިޔާންވިއެވެ. އެއަށްފަހު ޤަބުރު ކޮންނަން ފެށިއެވެ. ކޮންނަމުން ދިޔަ ވަރަކަށް ބިރުން ދާހިއްލަން ފެށިއެވެ. ޖަޢުފަރު އެތައް މަސައްކަތަކުން ބޭނުންވާ ކަށި ހޯދުމަށްފަހު ޤަބުރަށް ފަސް އަޅަމުން ދިޔަ ވަގުތު ދެބުޅާ ކޯޅިގަތެވެ. އެވަގުތު ޖައުފަރު ގަތްބިރުން ދުވެފައި ނިކުތެވެ. ގަމީހާއި މުންޑުގެ މަތީން ހަނދާން ނެތުނީ ގަތްބިރެއްގެ ސަބަބުން ނެވެ. ޤަބުރުސްތާނުން ހުންނަނީ މަގުގެ އެއްފަރާތުގައެވެ. އަނެއް ފަރާތުގައި ހުންނަނީ މިސްކިތެވެ. އެވަގުތަކީ މެންދަމުން އަލިވެ ތިނެއް ޖެހި ވަގުތެވެ. މިސްކިތު މުދިންބެ ދަމުނަމާދަށް އައިވަގުތާ ޖަޢުފަރު ދުވަމުން ނިކުތް ވަގުތުވީ އެއްވަގުތަކަށެވެ. މުދިންބއަށް ޖަޢުފަރު ފެނުމުން ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ.
މުދިންބޭ ފާޑަކަށް ބިރުންހުރެ ތަކުބީރު ކިޔަން ފެށިއެވެ. އަދި ޤަބުރުސްތާނުން ނިކުތީ އިންސާނެއްކަން އެނގުމުން އަހާލިއެވެ.
" ކާކު؟ މިގަޑީގައި ކީއްކުރަނީ؟"
" މިއައީ.... މިއައީ.......ބައްޕަގެ...... މަހާނަ ކައިރިއަށް ފާތިޙާ ކިޔަވާލަން ވެގެން " ޖައުފަރު ހުއްޓަ ހުއްޓާފައި ޖަވާބު ދިނެވެ.
" ދެން އެހެން ވީއިރު ދުނިޔެ ހެއްދެވި ގޮތަށް ތިހުރީ ކީއްވެތަ؟" މުދިންބެ އެހެން ބުނުމުން ޖަޢުފަރު އަމިއްލަ ހާލައި މެދު ވިސްނާލެވުނެވެ. އޭރުވެސް ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. އަދި އެހެދި ދޮގު ފޮރުވުމަށް އިތުރު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މުދިންބެ އަޅާނުލައި މިސްކިތާ ދިމާއަށް ހިނގައި ގަތެވެ.
މިނިކަށި ނަގައިގެން ފަންޑިތަ ހެދީ އިންސާނަކު މެރުމަށެވެ. އެރަށު މީހުންގެ ނަޒަރުގައި ޖައުފަރަކީ މޮޅު މީހެކެވެ. އަދި ރަނގަޅުވެސް މީހެކެވެ. އެއީ ފަސްވަގުތު ނަމާދު ކުރުމާއި ގޭގެއަށް ގޮސް ފާޠިޙާ ކިޔެވުމާއި ބުރުދާ ކިޔުން ކަހަލަ އެތައް ކަމެއް ކުރާތީއެވެ. ޖައުފަރުގެ ފަތިފުއް އެނގެނީ މުދިންބެ ކަހަލަ މަދު މީހަކަށެވެ. ރޭގަނޑު މެންދަމު ޤަބުރުސްތާނަށް ވަދެގެން ދުނިޔެ ހެއްދެވިގޮތަށް ހުރެ ކިޔަވޭނީ ކޮންފާތިޙާއެއް ހެއްޔެވެ؟
އެއްދުވަހެއްގެ މެންދުރު ނަމާދުން ފައިބައިގެން ޖައުފަރު އޭނާގެ ގްރޫޕްގެ މީހުން ގޮވައިގެން ފާޠިޙާ ކިޔެވުމަށް ގެއަކަށް ދިޔައެވެ. ފާޠިޙަ ކިޔަވާ ނިމުނު އިރު އެގޭގައި އޮތީ މީރުވެގެން ވާހާ ތަކެތި ކައްކާފައެވެ. އެރަށު މީހުންގެ އާދަކާދައިގެ މަތީން ފާޠިޙާ ކިޔެވުމަށް ޚާއްޞަ ބަޔަކު ގެންނަން ޖެހެއެވެ. އެމީހުން ފާޠިޙާ ކިޔަވާ ނިމުމުން ފާޑުފާޑުގެ މީރު ކެއުން ދޭނެއެވެ. އަދި އެތައް ބައިވަރު ފައިސާއެއްވެސް އެމީހުންނަށް ދޭނެއެވެ. ޖައުފަރު ކައި ނިމުމުން މެދު ޢުމުރުގެ އަންހެނަކު ޖައުފަރަށް ގޮވާލިއެވެ. އަދި ދުރަށް ގެންގޮސް ވާހަކަ ދައްކަން ފެށިއެވެ.
" ވަރަށް ބޮޑު ކަމަކު ކިޔަން ވެއްޖެ. ރަހީމާ އެދުނެވެ.
" ކޮންކަމެއް؟" ޖަޢުފަރު އަހާލިއެވެ.
" ޖައުފަރަށް ވެސް އެނގޭނެ އަހަރެންގެ ފިރިމީހާ ތިން ކުދީން ލިބުނު ފަހުން މާރީތި ދޮން އަންހެނަކާ ކައިވެނި ކޮށްގެން އެއުޅެނީ. އަހަންނަކަށް އެކަމާހެދި ހަމަނިދިވެސް ނުލިބޭ. އެދެމީހުން ދުރުކޮށް އަހަރެންގެ ފިރިމީހާ އަހަންނަށް ލިބޭނޭގޮތް ހަދައިދީބަލަ. އަހަރެން ޖަޢުފަރަށް ބޮޑު ހަދިޔާއެއް ދޭނަން."
އެހިސާބުން އެދެމީހުންނަކީ ދެރަޙްމަތްތެރީންނަށް ވިއެވެ. އަދި އެރޭ ރޭގަނޑު އަންނާނަމޭ ބުނުމަށްފަހު ޖައުފަރު ހިނގައްޖެއެވެ. ޖަޢުފަރުގެ ފަންޑިތައިގެ ސަބަބުން މުޅި ދިރިއުޅުމަށް ބޮޑެތި ބަދަލު އައެވެ. އަތްމަތި ތަނަވަސްވުމުން ރީތި ބޮޑު ގެއެއް ބިނާކުރިއެވެ. ދުނިޔޭގެ އުފާ ހޯދަމުން ދިޔައިރު ފަހުން ވާނެގޮތަކާ މެދު ކު/ދަކޮށްވެސް ވިސްނައެއް ނުލައެވެ. ކިތައްމެ ފައިސާއެއް ލިބުނަސް ޖަޢުފަރަށް ހަމޖެހުމެއް ނުލިބެއެވެ. ހަމަނިދި ނުނިދާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. ފަންޑިތަ އާއިގެން ކުރިއަށް ދިޔަ ޖައުފަރު ﷲ އާއި މެދު ބިރުވެތި ވާކަށް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ.
ރަހީމާއަށް ހަދައިދިން ފަންޑިތައިގެ ސަބަބުން އޭނާގެ ފިރިމީހާ އަނބުރާ ލިބުނެވެ، އެކަމުގެ އުޖޫރައަކަށް ރަހީމާ ދިނީ ރީތި ބޮޑު ރަންފށަކާ ރަން އަނގޮޓިއެކެވެ. ޖައުފަރު އުފަލުން ވަރެއް ނެތެވެ. އަދި ރަހީމާ އާއި ދެއްކި ވާހަކައެއްގެ ތެރޭގައި ޖަޢުފަރު އަންހެނަކު ބޭނުންވެގެން ހެދި ފަންޑިތައެއްގެ ވާހަކަ ކިޔައި ދިނެވެ.
" ރަހީމާއަށް އެނގޭތަ..... އަހަރެން މިރަށު މަޝްހޫރު ހާފިޒާ ކަމުގޮސްގެން އޭނާ ކައިރިއަށް ދިޔައިން... އެކަމަކު އޭނާ މަށާ ދިމާއަށް ވަރަށް އެއްޗެތި ކިޔާލި..... އަހަރެން އެދުވަހު ހިތަށް ހެރި މިކަން އަހަރެން ބޭނުންވި ގޮތަށް ކޮށްފައި ނޫނީ ހުއްޓައެއް ނުލާނަމޭ.... އޭގެ ދެތީން ދުވަސްފަހުން އަހަރެން އެގެއަށް ދިޔައީ ދެމެޓާ ހިފައިގެން..... އޭނާގެ ހުރި ބަލި ދަރިއަށް އެއްމެޓާ ދީފައި އަނެއްމެޓާ ހާފިޒާ އަށް ދިނިން... އެމެޓާ ކެއުމަށްފަހު ހާފިޒާ އަހަރެންގެ ފަހަތުގައި ދުވަން ފަށައިފި.... ކުރީން އަންނަ ރުޅި ކުއްލިއަކަށް ކެނޑިއްޖެ........ އަދި އޭނާގެ ތަންމައްޗަށް އެކިވައްތަރުގެ މާ އެޅުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް އެއެނދުގައި ބޭއްވި....... "
" ހާފިޒާގެ އެދޮން ރީތި އަންހެން ދަރީ އެއީ ޖައުފަރުގެ ކުއްޖެއްތަ؟ ރަހީމާ އަހާލިއެވެ.
" އާން އެއީ އަހަރެންގެ ކަމެއް." ޖައުފަރު ފާޑަކަށް ހުރެ ބުންޏެވެ.
ޖައުފަރު ފަންޑިތައިގެ ސަބަބުން އެތައް ދިރިއުޅުމެއް ހަލާކުކޮށް ލިއެވެ. އެތައް އަންހެނުންނަކަށް އުނދަގޫ ކުރިއެވެ. ވިހައިގެން އޮތް ނާސިހާގެ ފިރިމީހާ ދަރިފުޅަށް ނަންކިއުމަށް ބުނި ދުވަހު އެގެއަށް ދާނަމޭ ބުނެ ފަތިހުގޮސް އެންމެން ނިދާފައި ތިއްބާ ނާސިހާ ރޭޕް ކުރީވެސް ޖައުފަރެވެ. ފަތިސް ނަމާދަށް ނާސިހާގެ ފިރިމީހާ ދިޔަވަގުތު ޖަޢުފަރު އެކަން ކޮށް ނާސިހާ ހޭނެތޭ ވަރު ކުރިއެވެ. ސާޅިހަށް ނުހިނާ އަންހެނަކަށް އެހާބޮޑު ވެނެއް ދިން އިރު ޖައުފަރުގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ.
ޖައުފަރު ހެދި ފަންދިތައިގެ ސަބަބަން އެތައް ޢާއިލާއެއް ރޫޅުނެވެ. އެތައް އަންހެނުންނެއް ހުވަފަތް ވިއެވެ. އެތައް ކުދީންނެއް ޔަތީމުވިއެވެ. އޭނަގެ އަންހެނުންގެ ކުރީގެ ފިރިމީހާ މަރާލުމަށް ހެދި ސިހުރުގައި ކާމިޔާބުކޮށް ޒަޢީމާ އެނަގެ ދިރިއުޅުމަށް ގެނައެވެ.
އޭގެ ދެތީން އަހަރު ފަހުން ޖައުފަރު ހައްޖަށް ދިޔައެވެ. އެހެންނަމަވެސް ........އާހް ހައްޖުން އެނބުރި އައިފަހުން މިއަދާ ހަމައަށްވެސް ނަމާދު ކުރަމުން އެދަނީ ނުބައިކޮށެވެ. ސިހުރުން މުޅި ދިރިއުޅުމަށް އުފާ ހޯދަމުން ދިޔައިރު އާޚިރުގެ ނަތީޖާ އާއި މެދު ޖައުފަރު ކުޑަކޮށްވެސް ވިސްނާ ނުލައެވެ. ( ނިމުނީ)
Posted on 2011-12-21 17:09:36 |
Report this Comment
Posted on 2011-12-21 23:01:13 |
Report this Comment
Posted on 2011-12-22 03:14:44 |
Report this Comment
Posted on 2011-12-22 13:13:18 |
Report this Comment
Posted on 2011-12-23 15:26:04 |
Report this Comment
Posted on 2011-12-24 12:32:48 |
Report this Comment
Posted on 2012-01-13 21:14:21 |
Report this Comment
Posted on 2012-02-24 21:31:56 |
Report this Comment
Posted on 2012-03-31 23:03:11 |
Report this Comment