• ޝާއިޢުކުރި ތާރީޚް:
  • މިލިޔުން ކިޔާފައިވާ އަދަދު:

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޝުދޫ * * * * * (18)

" ހެޔޮ ދުވަހަކު ނުދަތަސް. ދެން ރަނގަޅީވެސް ނޭގުނިއްޔާ.... އެކަމަކު ތި ޝިފާވެސް އޮންނާނީ ތަ............." އެ ފިރިހެން ކުއްޖާ އެހެން ބުނުމުން އަހަންނަށް ވީ ގޮތްވެސް ނޭނގުނެވެ.

އެކުއްޖާ އެހެން ބުނުމުން ޝިފާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަހަރެންވެސް އެއްޗެކޭ ނުބުނަމެވެ. އަހަންނަކަށް ނުވެސް ބުނެވޭނެތާއެވެ. ބުނެވޭ އެއްޗަކުން އަހަރެންގެ ގަޔަށް ބޮލަށްވެސް އެބަޔަކު އަރާފާނެތާއެވެ. މިހާރުގެ ކަންތައްތައް ހުންނަނީ އެހެންނެވެ. އެހެންވެ، ނުބެހޭކަމެއްކަމަށް ހަދާފައި އަހަރެން އިނީ މަޑުންނެވެ. ޝިފާވެސް ވަރަށް މަޑުން ސައިކަލްގެ ފަހަތުގައި އިނެވެ.

މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޓްރެފިކް ލައިޓް ޖެހުނެވެ. އަހަރެން މަޑުމަޑުން ސައިކަލް ދުއްވާލީމެވެ. އެކަމު، ހިތުގައިވަނީ އެ ފިރިހެން ކުއްޖާ ޝިފާއާއި ދިމާލަށް ބުނި ޖުމްލައެވެ. ވެސްޓް ޕާރކާއި ހަމައަށް ދެވެންދެން އަހަރެން ހުރީ ބުދެއްހެން ހަމަހިމޭނުންނެވެ.

" މިއޮތް ހުރިހާ އިރު ކީއްވެތަ އަނގައިން ނުބެނި ތިއިނީ؟" ވެސްޓް ޕާރކް ތެރެއަށް ވަންނަމުން ޝިފާ އަނހާލިއެވެ.
" ސައިކަލް ދުއްވާއިރު، ވާހަކަ ދައްކާކަށް ނުވާނެ. އޭރުން އެކްސިޑެންޓްވާނެ." އަހަރެން މަޑުމަޑުން ބުނީމެވެ.
" ދިރިއުޅުމުގައި ގިނައިން ދިމާވާނީ އެކްސިޑެންޓް. އެކަމު، ބޯހުރިއްޔާ އެކަމުން ސަލާމަތްވާން އިންސާނާޔަށް އިނގޭނެދޯ." ޝިފާ މަޑުމަޑުން ބުނެލިއެވެ.
" ރަނގަޅަށް ތިބުނީ؟" މަޑުމަޑުން އަހަރެން ބުނީމެވެ.

އަހަންނާއި ޝިފާ އައިސް އިމާން އިން މޭޒުގައި ޖައްސާލީމެވެ. އޭރުވެސް އިމާން އިނީ ފޯންގައެވެ. އަހަރެން ދިޔައިރުވެސް ފޯނުގައެވެ. އައިރުވެސް ފޯނުގައެވެ. އިމާން ކުޅަދާނައެވެ. ވާހަކަ ދައްކާ ދައްކާ، އޭނަ އަނގަ ވާޅުނުވާކަންވެސް ނަޞީބެކެވެ.

" ޝިފާ ކޯއްޗެއްތަ ކާނީ؟" ޝިފާ ގޮނޑީގައި ހަމަޖެހިލުމުން އަހަރެން ބުނީމެވެ.
" ޢާޒިމް ބޭނުން އެއްޗެއް ބުނޭ." ޝިފާ މަޑުމަޑުން ބުނެލިއެވެ.
" ހޭއި. ހަވު ޝިފާ؟" އިމާން ފޯން ބާއްވަމުން ބުނެލިއެވެ.
" ދެން އޯ.ކޭ." ޝިފާ އިނީ ވަރަށް މަޑުންނެވެ. ހީވަނީ ކުރިން ދިމާވި ކަމަކުން ހިތް ނުތަނަވަސްވީހެނެވެ.
" ދެން ހަމަ އަހަރެން ބޭނުން އެއްޗެއް ގެންނަންވީތަ؟" އަހަރެން ދެވަނަ ފަހަރަށް އަނހާލީމެވެ.
" ނޫނޭ. މިރޭ ނެތް ކާހިތެއް. މޫޑް އޮފް ވެއްޖެ." ޝިފާގެ މޫނުމަތިންވެސް އެކަން އަހަންނަށް ފާޅުވިއެވެ.
" އޯ. ތިހެން ނުހަދާ. އޭރުން ޢާޒިމޯ. އޭނަ ކިހާ ދެރަވާނެ ޝިފާ ތިހެން ހެދީމަ." އިމާން ހެމުން ބުނެލިއެވެ.
" އަހަންނަށް ގެނޭ ފްރެޝް އޮރެންޖް ޖޫސްތައްޓެއް. ދެން ކްލަބް ސޭންޑްވިޗެއް. އެވަރުން އޯކޭވާނެ." ތަންކޮޅެއް ދުރަށް ބަލާލަމުން ޝިފާ ބުނެލިއެވެ.

ޝިފާ އެހެން ބުނުމުން އަހަރެން ވޭޓަރަށް ހަނާ އަޅާލީމެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވޭޓަރ އަހަރެމެންގެ ކައިރިއަށް އައެވެ. އައުމުން އަހަރެން ޝިފާގެ އޯޑަރު ދިނީމެވެ. އޭރުވެސް ޝިފާ އިނީ ވަރަށް މަޑުންނެވެ. ހީވަނީ ލަދުން އިން ހެނެވެ. އަހަރެން ފުންކޮށް ޝިފާއާއި ދިމާލަށް ބަލާލީމެވެ. ޝިފާ އިނީ މަޑުމޮޅިވެފައެވެ. ހީވަނީ ސިއްރުތަކެއް ފަޅާއަރަން އުޅޭތީ، އެކަމާއި ބިރުން އުޅޭހެންނެވެ. އަހަރެން ވިސްނަނީ އެކަމާ މެދުގައެއް ނޫނެވެ. ރީތި އަންހެން ކުދިންގެ މިހާރު ދެން ހަމަ އަގެއްވެސް ނެތީހެއްޔެވެ؟

" ޢާޒިމް. ހާދަ ފުންކޮށް ތިވިސްނަނީ؟ ޝުދޫ ގުޅީތަ އަނެއްކާ؟" އަހަރެން މަޑުން އިނުމުން އިމާންއަށް ކަމަކު ނުދިޔައެވެ.
" ނޫނޭ. އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރާއި ދޭތެރޭ މިވިސްނަނީ؟" އަހަރެން ބުނީމެވެ.
" ތިކަމާއި ނުވިސްނާނެ މީހަކު ނުހުންނާނެ. އެކަމަކު، މައްސަލައަކީ މާޒީއަކީ އިޢާދަ ވާނެ އެއްޗެއްނޫންދޯ." ޝިފާ މަޑުމަޑުން އެހެން ބުނުމުން އަހަންނަށް ނެގުނީ އެހެން މާނައެކެވެ.
" ތީ ހަމަ ތެދެއް. އެކަމަކު، ދިރިއުޅުމުގައި ފިޔަވަޅު އަޅާއިރު، އަނދަވަޅެއްގެ މަތީގައި ފިޔަވަޅު އެޅޭކަން އިނގެނީ ކިތައް އިންސާނުންނައްބާ؟" އަހަރެން ބުނީމެވެ.
" އޭ ހާސްނުވޭ. ނަތިސް އިސް އޭސް އިޓް ސީޒް. ތިހުރިހާ ކަމަކާއި ވިސްނައިގެން ބޯ ހަލާކުވާނީ. ލައިފް އިސް ފަން." އިމާން އަކީ ދުވަހަކުވެސް ސީރިއަސް ވާނެ މީހެއް ނޫނެވެ.
" ދެން ތިވާހަކަ ނުދައްކާ ހިނގާ އަހަރެން ގެއަށް ލާން. މިހާރު މާލަސްވެއްޖެ. އިރުކޮޅަކުން މަންމަ ގުޅާނެ." ފެންފޮދެއް ބޯލަމުން ޝިފާ ބުނެލިއެވެ.
" އާނ. ހިނގާ ދާން. މަންމަޔަށް ލަސްވެގެން ގުޅަން ފަށައިފިއްޔާ އަހަރެން ހިތްހަމައެއް ނުޖެހޭނެ." ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.
" އޭ. ޝިފާ ލާފަ އަންނައްޗޭ. އެބައޮތް ބޮޑު ވާހަކައެއް." އިމާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

އަހަރެން މަޑުމަޑުން ޝިފާ ގޮވައިގެން ވެސްޓް ޕާކުން ނުކުތީމެވެ. އަހަރެން އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނޫނެވެ. ޝިފާގެ އަގު އަހަރެންގެ ކުރިމަތީގައި ކުޑަކޮށް ވެއްޓިއްޖެއެވެ. އެއޮތް ހުރިހާ މީހުން ތިއްބައި، ފިރިހެން ކުއްޖަކަށް އެފަދަ އެއްޗެއް އަންހެން ކުއްޖަކާއި ދިމާލަށް ބުނަން ކެރޭނީ، ކޮންމެވެސް ކަމެއް ހިނގާފައި އޮތުމުންހެން ހީވެއެވެ. ނޫނީ އެތަނުގައި ތިބި އެހެން އަންހެން ކުއްޖަކާއި ދިމާލަށް ނަމަވެސް، އެހެން ބުނަން ވީ ނޫން ހެއްޔެވެ؟

ސައިކަލަށް އަރާ ސްޓާޓްކޮށްލިއިރުވެސް އަހަންނަށް ހަމަ ވިސްނެނީއެވެ. ދެން މިރޭ އަހަރެން ގެޔަށް ދިއުމުން، ގޭތެރެއިން ބަނޑިން ފަހަތަށް ލައިގެން ދުއްވުން ނޫންކަމެއް ނެތޭ ކިޔާ ކޮއްކޮމެން ދިމާކޮށްފިއްޔާ ހަތަރެސްކަން ހަމަވީއެވެ. ވީއިރު، ޝިފާއާއި ދޭތެރޭ ކުޑަކޮށް ވިސްނަން އެބަޖެހެއެވެ. ނޫނީ، އެހެން އަޑެއް އިވިދާނެއެވެ. އޭރުން މަގޭ ދިރިއުޅުމަށް އެކަމުގެ އަސަރުކުރުން އެކަށީގެންވެއެވެ. މިކަން ޝުދޫއަށް އިނގެއްޖެއްޔާ ޝުދޫ ބުނާނީ ކީކޭ ހެއްޔެވެ؟ މޮޔަވެގެން އަންހެނުން ފަހަތުން ދުވާ މީހެކޭ ނުބުނާނެ ބާވައެވެ.

ސައިކަލްގައި އައިސް ޝިފާގެ ގެއަށް އައިއިރުވެސް ޝިފާވެސް އިނީ މަޑުމަޑުންނެވެ. ހީވަނީ އަހަރެމެން ދެމީހުންނަކީ ދެ ބީރައްޓެހިން ހެންނެވެ. ވީ ކުޑަ އިރުކޮޅުގެ ތެރޭގައި ޝިފާއާއި އަހަންނާއި ދޭތެރޭގައި ވަރުގަދަ ފާރެއް ލެވުނު ކަހަލައެވެ.

" ގުޑް ނައިޓް." ސައިކަލުން ފައިބަމުން ޝިފާ ބުނެލީ ހަމަ އެކަނި އެހެންނެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ސައިކަލުގައި ނައްޓާލީމެވެ. އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނޫނެވެ. ދެއްކޭނީވެސް ދެން ކޮން ވާހަކައެއް ހެއްޔެވެ؟ ޝުދޫ ނެތްތަނެއްގައި އަހަރެންގެ އެންމެ ބޭނުންވަނީ ޝިފާއެވެ. އެކަމު، ޝިފާގެ ގައިގައި އެ ފެންވަރު އެބަހުރި ހެއްޔެވެ؟ ޝިފާ މީ ކާކު ހެއްޔެވެ؟ ޙަޤީޤަތުގައިވެސް އިމާން ބުނި ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ މިކަން ބަލަން އެބަޖެހެއެވެ. ޙަޤީޤަތް ނުބަލާ މީހަކަށް ތުހުމަތު ކުރާކަށް ނުވާނެއެވެ. އެއީވެވޭ ބޭ އިންސާފެކެވެ. ބަހެއް ބުނުމުގެ ކުރިން، ވިސްނަން ޖެހެނީ އެހެންވެއެވެ. ކަމެއް ކުރުމުގެ ކުރިން ދުރާލާ ވިސްނަން ޖެހެނީވެސް އެހެން ވެގެނެވެ.

އަހަރެން ވެސްޓް ޕާރކަށް ދިޔައިރު، އިމާން އިނީ ހަމަ އެމޭޒުގައެވެ. ފޫހިކަމެއްނެތި އެހާ ގިނައިރު، އިމާން އިނުމުން އަހަރެން ހައިރާންވެސް ވިއެވެ. އެވެސް ބައެއް މީހުން ދިރިއުޅުން ހުންނަ ގޮތް ތާއެވެ.

" މިރޭ ޝިފާ ވަރަށް ލޯބިދޯ." އިމާން ވާހަކަ ފެށިއެވެ.
" ލޯބި. އެކަމަކު ހިތަށް އަރަނީ ބޭރުފުށުގެ ލޯތްބާއި ފުރިހަމަކަން އެތެރޭގަ ނުހުންނަނީ ކީއްވެގެން ބާވައޭ؟" އަހަރެން ސީދާ މައުޟޫއަށް ދިޔައީމެވެ.
" ތީ ދެރަކަމަކީ. ބޭރުފުށުން ރީތި ގިނަ އެއްޗެތީގެ އެތެރެފުށް މިދުނިޔެމަތީގައި އެހާ ރީއްޗެއް ނުވާނެ." އިމާން ބުނީ ތެދެކެވެ.
" ދެން ނޭނގެ. އަހަރެން ބޯގޮވަނީ." އަހަރެން ބޮލުގައި އަތް އަޅާލަމުން ބުނީމެވެ.
" އެހާ އަވަހަށް ބޯގޮވައިގެން ކަމަކު ނުދާނެ. ކޮބާތަ ޝުދޫ. އޭނައަށް ގުޅާލަބަލަ." އިމާން ޝުދޫގެ މަތިން ހަނދާން ކޮށްދިނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.

އިމާން އެހެން ބުނުމުން، އަހަރެން ޖީބުން ފޯން ނަގާ ބަލާލީމެވެ. ސައިކަލްގެ މަތީގައި ހުއްޓާ ޝުދޫ ގުޅާފަ ހުއްޓެވެ. ދެފަހަރަށެވެ. ނަޞީބަކުން، މިފަހަރު މެސެޖުކޮށްފައެއް ނެތެވެ. އަހަރެން ޝުދޫގެ ނަމްބަރަށް ޑައިލްކޮށްލީމެވެ. ރިންގްވާން ފެށިއެވެ.

" ކީއްކުރަންތަ ތިވަރަށް ތިގުޅަނީ؟ މޮޔަވަނީތަ؟" އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.
" ނޫނޭ. ޢާޒިމް މޮޔަކޮށްލަންވެގެން މިގުޅަނީ. ތީ ތިބުނާ މާބޮޑަށް ލޯބިވާ މީހާ. ތީތަ ލޯބިވާ މީހުން ވާހަކަ ދައްކާގޮތް. ކުރިންވެސް ބުނީމެއްނެ މިދޭތެރޭ ޖެނެރޭޝަން ގެޕްގެ ތަފާތު އެބަހުއްޓޭ. އެކަން އިޞްލާޙްކޮށްބަލަ. ނޫނީ މިޒަމާނުގަ އެއްވެސް އަންހެން ކުއްޖަކާއެކު ނޫޅެވޭނެ." ޝުދޫވެސް ބުނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ.
" މިގަޑީ ކުޑަކޮށް ބިޒީ. ބޭރުގަ މިއުޅެނީ. އަހަރެން ޝުދޫއަށް ގުޅަންތަ ނިދަން އަރާފަ؟" އަހަރެން ބޭނުމީ ވަރަށް ހަމަޖެހިގެން ވާހަކަ ދައްކާށެވެ.
" ލޯބިވާ މީހުން ގުޅީމަ އޮވޭތަ ވާހަކަ ނުދެއްކޭ ވަގުތެއްވެސް؟"ޝުދޫ އަކީ ގޮތް ދޫކުރަން ދަންނަ ކުއްޖެއް ނޫނެވެ.
" އަހަރެން ޝުދޫ ދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ވާނަން. އެކަމު، އަހަންނަކީވެސް އިންސާނަކަށްވީމަ ބައެއް ގަޑީގަ ބިޒީވާނެކަން ޝުދޫވެސް ދަންނަން ޖެހޭނެދޯ. ތީ އަންޑަރސްޓޭޑިންގ ކުއްޖެއްނުދޯ. ދެން އިހަށް ފޯން ބާއްވަނީ؟" ޝުދޫއަށް ވާހަކަ ދައްކާނެ ފުރުޞަތު ނުދީ އަހަރެން ފޯން ކަނޑާލީމެވެ.

ގެއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު ހުރިހާ މީހުންހެން ތިބީ ނިދާފައެވެ. އަހަރެންވެސް ގޮސް އެނދުގައި ނިދަން ޖައްސާލީމެވެ. ހިތަށް އަރަނީ އަހަރެންގެ ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތާއި މެދުގައެވެ. ލޯބި ހާޞިލުނުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ޝުދޫ އަދިވެސް މިނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޝުދޫ ބަހުގައި ހިފަހައްޓަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ކުރިން މާކުރިން ބުނެވުނު ބަހެއްގައި ޝުދޫ މިއަދާއި ހަމައަށް ހިފަހައްޓަން ޖެހޭ ބާވައެވެ؟ އިންސާނެއް ވިއްޔާ ކަމެއްގައި ޙުދޫދެއް އޮންނާނެއެވެ. ނުވަތަ އޮންނަން ޖެހޭނެއެވެ. ތާއަބަދު ގޮތް ދޫނުކޮށް އުޅެގެން ވަކި ޝުދޫއަށް ވާނީ ކޮން ފައިދާއެއްހެޔެވެ؟ ބުނާތީ އަޑު އަހަމެވެ. ނަޞީބު އަތުގައި ހިފުމުން، ފުރަގަސް ދޭމީހަކަށް ދުވަހަކުވެސް ނަޞީބެއް ނުލިބޭނެއެވެ. ޝުދޫވެސް އެހަދަނީ އެހެންހެން އަހަންނަށް ހީވެއެވެ.

ޝުދޫއަށް ގުޅާނަމޭ، ބުނި ހަނދާންވެގެން އަހަރެން ޝުދޫ އަށް ގުޅާލީމެވެ. ފުރަތަމަ ދެތިން ފަހަރު ނެޓްވޯރކް ބިޒީކަމުން ގުޅޭގޮތެއް ނުވިއެވެ. ތިން ވަނަ ފަހަރުން ޝުދޫގެ ފޯން ރިންގްވާން ފެށިއެވެ. ނަމަވެސް، ކުޑައިރުކޮޅެއް ނުވަނީސް ޝުދޫ ފޯން ބިޒީ ކޮށްލިއެވެ. ދެން ގުޅިއިރު، ޝުދޫގެ ފޯން އިނީ ކޯލް ވެއިޓިންގައެވެ. އަހަރެން ވީ ދެރައިން ދެވަނަ ފަހަރަށް ނުގުޅަމެވެ. ހިތަށް އެރިއެވެ. ދަންވަރުގަޑީގައި ޝުދޫ ވާހަކަ ދައްކަނީ ކާކާއި ހެއްޔެވެ؟ ޝުދޫ އުޅެނީ މީހަކާއި ރައްޓެހިވެގެން ބާވައެވެ؟ އެހެން އަހަރެން ޝުދޫއަށް ދިގުވެގެންވާ މެސެޖެއް ކުރީމެވެ. އެމެސެޖުގައި މިވީހާ ތަނަށް ޝުދޫ ހާޞިލުކުރަން ކުރި ހުރިހާ މަސައްކަތެއް އަހަރެން ބަޔާންކުރީމެވެ. އެހެން މީހުންނަށް ގުޅައިގެން ކޯލްވެއިޓިންގައި ހުރެ، އަހަރެން ދެރަ ނުކުރުމަށް ބުނީމެވެ.

" ޢާޒިމް. ޙަޤީޤަތް ނުބަލާ ފާޑުފާޑުގެ އެސް.އެމް.އެސް ނުކުރާތި. އަހަރެން ކޯލްވެއިޓިންގަ ހުރީ ކޮންމެހެން ހުންނަން ޖެހިގެން. އެއީ މަޖުބޫރު ކޯލެއް. ނޫންނަމަ، ޢާޒިމްއާއި ވާހަކަ ދެއްކީމުސް. ހިތަށް އަންނަހާ އެއްޗެއް ދެންވެސް ލިޔެ އަޅާނުލާތި. ފަހުން މަންޒަރު ހަޑިވެދާނެ." ހެނދުނު ހޭލިއިރު ޝުދޫ އަހަންނަށް ކުރި މެސެޖުގައި ވަނީ އެހެންނެވެ.

=ނުނިމޭ=

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-03-17 18:47:59 | Report this Comment
ސިނާ:

މި ބައި ވެސް ވވވވވ ރީތި ދެން ޕްލީޒް އަނެއްބައި އަވަހަށް ގެނެސްދީބަލަ ޕްލީޒް ޕްލީޒް ޕް...............................................................ލީ..........................................ޒް.

Posted on 2011-03-17 21:12:16 | Report this Comment
ޔާނާ:

ވވވ ރީތި.އަނެއްބައި ކިހާ ތާކު ގެނެސްދެވޭނެތަ؟ވަރަށް ކިޔާހިތުންނޭ މިއިންނަނީ.ތަންކޮޅެއް އަވަހަށް ގެނެސްދީބަލަ. ޕުލީޒް

Posted on 2011-03-17 23:45:16 | Report this Comment
ޝާ:

މި ވާހަކަ މަތިން ދެން ހަދާން ނައްތާލަން ވީ ކަންނޭނގެ...އެހާވެސް ލަހުން އަޕްލޯޑްވަނީ....
އަމާޒް: ޝުކުރިއްޔާ!

Posted on 2011-03-17 23:51:27 | Report this Comment
shifu:

އަމާޒް ދެން މިވާހަކަ ކުންމެ ވީކް ގަ ގެނެސްދޭވީނުން ޕްލީޒް...ވ ވ ވ ސަޅި..

Posted on 2011-03-18 06:58:15 | Report this Comment
މަރީ..:

ދެން ހާދަ ލަހަކުންނޭ ތި ގެނެސްދެނީ... އެކަމަކުވެސް ވަރަށް ރީތި އަމާޒުގެ ވާހަކަތައް އިނގޭ.... އުއްމީދު ކުރަނީ ދެން ހުރި ބައިތައް ތަންކޮޅެއް އަވަހަށް ކިޔާލަން ލިބޭނެ ކަމަށް... މި ވާހަކަ ވަރަށް ކިޔާލިތްވޭ...

Posted on 2011-03-19 03:57:28 | Report this Comment
ނާފިއު، ޖަންބު މާފޮޅޭގެ:

އަޅޭ ވަރަށް ރީތި އިނގޭ..ކޮން އިރަކުން ޝުދޫ އާ މީޓް ކުރުވާނީ...

Posted on 2011-03-19 13:30:37 | Report this Comment
ޝިއު:

ހާދަ ދުވަހެއް ކޮށް ލާފަ .... ވަރަށް ސަޅި އިގޭ މިބައި

Posted on 2011-03-19 16:55:25 | Report this Comment
ނާ:

މި ވާހަކަ ވަރަށް ރީތި، އަވަހަށް އަޕްޑޭޓްކޮށްދީފިއްޔާ ވަރަށް އުފާވާނެ އިނގޭ!!! ބައި ބައި، ޓޭކް ކެއާ........

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.