ނައު

  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 945

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުމުރަށް އެކީ އުޅޭނަން...(4)

އެންމެ ފަހުން ޝިޔު ފުރައިގެން ދިޔައީއެވެ. އަހަރެމެންގެ ދެމެދުގައިވީ ހުރިހާ ގުޅުމެއް ނިމުމަކަށް އައީ އެހާހިސާބުންނެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ޝިޔު އާދޭސް ކުރިއެވެ. އަހަރެންނަށް ވިސްނައި ދެވޭތޯ އެތަކެއް މަސައްކަތެއް ކުރިއެވެ. ޝިޔު އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްދިނުމަށް އެދުނެވެ. ކިތަންމެ ދުރަށްދިޔަސް ޝިޔުގެ ހިތުގައި އަހަރެންނަށްޓަކައިވީ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ. ޝިޔުގެ ހުވަފެންތައް ހަގީގަތަށްވާ ދުވަހު ޝިޔުއާއި އެންމެ ކައިރީގައި ހުންނާނެ ކަމަށް ވަޢުދުވުމަށް އެދުނެވެ.

އެހެންނަމަވެސް އެދުވަހު ޝިޔުގެ އެއްވެސް އާދޭހެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ގަބޫލުކުރީ ޝިޔު އަހަރެންދެކެ ކުޑަކޮށްވެސް ލޯބި ނުވަނީ ކަމުގައެވެ. ޝިޔުއަށް އަހަރެންގެ އުފާތައް މުހިއްމު ނުވީކަމުގައެވެ. އަހަރެން ހީކުރީ ޝިޔު އަހަރެންނާއި ދުރަށްދާން ބޭނުންވީ ކަމުގައެވެ. ޝިޔު ވަރަށް ރުޔެވެ. އެހެންނަމަވެސް އަހަރެން އަނބުރާލާފައި ދިޔައީ ދުވަހަކުވެސް އެނބުރި ނާންނާނެކަމަށް ބުނަމުންނެވެ. އެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުންނެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. ޝިޔުއާއި ނުލާ އެންމެ ދުވަހެއްވެސް ހޭދަކުރުންވީ ބުރަކަމަކަށެވެ. ހީވީ ހަށިގަނޑުގެ އެއްބައި މަދުވި ހެންނެވެ. ހަށިގަނޑުގައި އެއްވެސް ރޫޙެއް ނުހުރެއެވެ. ވަށައިގެންވީ ކޮންމެ މާހައުލަކުން ޝިޔުގެ ހަނދާންތައް އާކޮށްދިނެވެ. ސައިކަލުގައި ހުންނައިރު ފަހަތުގައި ޝިޔު ނުހުންނަ ކަމުގެ ފަޅުކަން އިހްސާސްވިއެވެ. ހަށިގަނޑުގައި ބީހިލާ ކޮންމެ ވައިރޯޅިއެއްގައި ޝިޔުގެ ވަސް އެކުލެވިފައި ވާހެން ހީވިއެވެ. ހޭލާ ހުންނައިރުވެސް ޝިޔުގެ ހުވަފެންތައް ދެކެވުނެވެ. ރޭގަނޑު ނިދީގައިވެސް އެހަނދާންތައް އަހަރެންނަށް އުނދަގޫކުރިއެވެ.

ތިން އަހަރު ދުވަސްވަންދެން ކޮންމެ ހާލެއްގައި އުޅުނު ނަމަވެސް، މުޅިހަޔާތް ޝިޔުއާއި ނުލައި ހޭދަ ނުކުރެވޭނެކަން އިހްސާސްވާންފެށިއެވެ. ނޭނގިނަމަވެސް ޝިޔުއަށްޓަކައި އިންތިޒާރު ކުރެވެންފެށިއެވެ. ޝިޔުއާއި ދުރަށްދެވުމަކީ ކުރެވުނު ކުށެއްކަން މަޑުމަޑުން ގަބޫލު ކުރެވެންފެށިއެވެ. ޝިޔުގެ ހާލު އެނގޭ ހިތްވިއެވެ. ޝިޔުގެ ދުވަސްތައް ހޭދަކުރާގޮތް އެނގެން ބޭނުންވިއެވެ. އަހަރެން ޝިޔުދެކެ ލޯބިވާވަރު ބުނެދޭނެ ބޭނުންވިއެވެ.ޝިޔުއާއި ނުލާ ނޫޅެވޭނެކަން ހާމަކޮށްދޭން ބޭނުންވިއެވެ.އެހެންނަމަވެސް އޭރު ވަރަށް ބޮޑަށް ލަސްވެއްޖެއެވެ.ޝިޔު ހުރީ އަހަރެންގެ ހިތުގެ އުދާސްތައް ހިއްސާ ކުރެވޭ ވަރަށް ވުރެއް މާދުރުގައެވެ.

މިގޮތުގައި ޝިޔުއާއި އެއްވެސް ގުޅުމެއްނެތި ދުވަސްތައް ފާއިތު ވަމުންދިޔަވަރަކަށް ޝިޔު ގެއްލިދާނެކަމުގެ ބިރު އިހްސާސްވާންފެށިއެވެ. އެ ހަޔާތަށް އެހެންމީހަކު އައިސްދާނެކަމަށް ހީކުރެވެންފެށިއެވެ. އެހެންކަމުން ޝިޔުއަށްޓަކައި އިންތިޒާރު ކުރެވޭތީ ޖެހިލުންވާންފެށިއެވެ. ޝިޔުގެ ހަނދާންތަކުން ދުރަށް ދިޔުން ފިޔަވައި އިތުރު ގޮތެއް ނެތްކަމަށް ގަބޫލުކުރެވެން ފެށިއެވެ. އެ ހަނދާންތަކާއި ދުރަށް ދިޔުމަށް އަމިއްލަ ނަފްސަށް މަޖުބޫރުކުރެވެން ފެށިއެވެ.

އެހެންކަމުން 2 އަހަރުފަހުން އޮފީހުގައި ،އަހަރެންނާއި އެއް ސެކްޝަނެއްގައި އުޅުނު އަންހެން ކުއްޖަކާއި ގުޅުނީމެވެ. ގިނަ ދުވަސް ނުކޮށް ކައިވެނި ކުރުމުގެ ގަސްތުގައެވެ. ވަރަށް އަވަހަށް ކައިވެނީގެ ދުވަސްވެސް ކަނޑައެޅީމެވެ. އެހެންނަމަވެސް ކައިވެނީގެ ދުވަސް ކައިރި ވީވަރަކަށް ހިތްނުތަނަވަސް ވާންފެށިއެވެ. ޖެހިލުންވާންފެށިއެވެ. އެހެންމީހަކާއެކު މުޅިދިރިއުޅުން ހޭދަކުރާނެ ގޮތަކާމެދު ބިރު ހީވާންފެށިއެވެ. އެހެންމީހެއްގެ ދިރިއުޅުން ހަލާކުވެދާނެ ކަމަށް ގަބޫލު ކުރެވެން ފެށިއެވެ.އެހެންކަމުން އަހަރެންނަށް މަޖުބޫރުވީ ކުރަން އުޅެވުނު ކައިވެނި ހުއްޓާލުމަށެވެ.

މިގޮތުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އޮފީހުން ޗުއްޓީއެއް ނަގައިގެން ވަރަށް ގިނަދުވަހަށް އަހަރެން މަންމަގެ ރަށަށް، ރ.އަތޮޅު އުނގޫފާރަށް ބަދަލުވީމެވެ. ފުޓުބޯޅަ ކުޅެގެން ފައި ހަލާކުވުމުން ދިވެހި ބޭސްކުރުމަށެވެ. ރަށުގެ ހިތްފަސޭހަ މާހައުލުން ހިތްހަމަޖެހުން ހޯދުމަށެވެ. އާއިލާ މީހުންނާއެކު ދުވަސްތައް ހޭދަ ކުރުމަށެވެ. އެރަށުގެ މޮޅު ދިވެހި ބޭސްވެރިޔެއްގެ ކައިރިން މަހެއްހާދުވަސްވަންދެން ބޭސްކުރުމުން އަހަރެންގެ ފައި ވަރަށް ބޮޑަށް ރަނގަޅުވިއެވެ. އެރަށުގައި އަހަރެން ހޭދަކުރީ އުފާވެރި ދުވަސްތަކެކެވެ. ރައްޓެހިންނާއެކު މަސްބާނަން ގޮސް ފަޅުރަށް ރަށަށް ދަތުރުގޮސް އުޅުނީމެވެ. ޝިޔުގެ ހަނދާންތަކާއި ކޮންމެވެސް ވަރަށް ދުރުވެވި ސިކުނޑިއަށް ލުޔެއް ލިބުނެވެ.އެހެންނަމަވެސް ޝިޔުދެކެ ވީލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެރަށުގައި އުޅުނު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މަޢުރިބު ނަމާދުކޮށް ނިމިގެން އާދައިގެމަތިން އަހަރެން ހިނގައިގަތީ ރަށުގެ ފާލަމާއި ދިމާއަށެވެ. މަގުމަތި އަނދިރިވެފައި މީހުން ފެންނަނީ ވަރަށް މަދުންނެވެ. ކުއްލިއަކަށް އަހަރެންގެ ފިޔަވަޅުތަކައް ހުއްޓުން އެރީ ގޯޅިއަކުން ނިކުތް އަންހެން ކުއްޖަކު ފެނުމުންނެވެ.. އޭނަގެ ހިނގުން ޝިޔުގެ ހިންގުމާއި ވަރަށް ވައްތަރެވެ. އެކަމު ހެދުން އަޅާފައި ހުރިގޮތް ތަފާތެވެ. އާއްމުކޮށް ޝިޔު ލާނީ ޖިންސާއި ކުރު ހެދުމެވެ. ޓީޝާޓުވެސް ބައެއްފަހަރު ލާފައި ހުރެއެވެ. އެ އަންހެންކުއްޖާ ލާފައި ހުރީ އަތްކުރު ޕާކިސްތާނު ހެދުމެކެވެ. ތިރިންލާފައި ހުރީ ފައިކުރިއަށް ވަރަށް ހިމަ ހަރުވާޅެކެވެ. އަރާފައި ހުރީ ތިރި ތިރި ފައިވާނަކަށް ކަން އެނގޭވަރުވެއެވެ. ބޮލުގެ އިސްތަށިގަނޑު އައްސާފައި ހުރީ ހަމަ ޝިޔުގެ އިސްތަށިގަނޑު އާއްމުކޮށް ހުންނަ ގޮތަށެވެ. ހަށިގަނޑުގެ ބައްޓަންވެސް ހުރީ ހަމަ އެގޮތަށެވެ. ހިނގާފައި ދާއިރު ޝިޔުއާއި ހާދަ ވައްތަރެވެ.

އަހަރެންގެ ކުރިމަތިން ހިނގާފައި ގޮސް އެއަންހެން ކުއްޖާ ވަނީ ހޮސްޕިޓަލަށެވެ. އޭނަ ފެނުނު އިރު ހީވަނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފެއް ހެންނެވެ. އެ ކުއްޖާގެ ފަހަތުން ހޮސްޕިޓަލަށް ވަންނަންވެސް ހިތަށް އެރިއެވެ. އަހަރެންގެ ހިތްއެދެން ފެށީ އެކުއްޖާގެ މޫނުދެކިލުމަށެވެ. އެއީ ޝިޔުއަށް ނުވާނެކަން ޔަގީންވެ ހުރެއެވެ. ޝިޔު ހުންނާނީ މާލޭގައޭ އަހަރެންގެ ހިތަށް އެރިއެވެ. ޝިޔު ނުލިބުނު އިރު އެކަހަލަ އެހެން ޝިޔުއެއް ނަމަވިޔަސް އަހަރެން ބޭނުންވިއެވެ. އެ އަންހެން ކުއްޖާގެ ހިޔާލުތަކުގައި ހުރެ އަހަރެންގޮސް ފާލަންމަތީގައި އިށީންނީމެވެ .ހޮސްޕިޓަލަށް ކުރިމަތިވާގޮތަށެވެ. ހޮސްޕިޓަލް ހުންނަނީ ފާލަމާއި ދިމާލު އަތިރިމަތީގައެވެ. މިގޮތުގައި އެތައް އިރެއްވީ އިރުވެސް އެއަންހެން ކުއްޖާއެއް ނުނިކުތެވެ. އެންމެ ފަހުން މާޔޫސްކަމާއެކު އިޝާނަމާދު ބަންގިގޮވުމުން އެތަނުން އަންނަންޖެހުނީއެވެ.

-ނުނިމޭ-

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-06 01:30:16 | Report this Comment
މުސް:

ވަރަށް ރީތި..މިއަށްވުރެ ދިގު ގެނެސްދީފިއްޔާ ވަރަށް އުފާވާނެ..ވަރަށް ޝައުގުވެރި ވާހަކައެއް..ހަމަ އެންމެ މައްސަލައެއް..ގެނެސްދޭ ބައި ތަންކޮޅެއް ކުރީ..އަވަހަށް އަޕްލޯޑު ކޮށްދެއްޗޭ...ކާމިޔާބަށް އެދެން

Posted on 2010-09-06 13:25:22 | Report this Comment
އާދި:

ވ ވ ވ ވ ރީތި މިވާހަކަ

Posted on 2010-09-09 13:18:53 | Report this Comment
ހުސެން:

ނައު ވަރަށް ސަޅި އިނގޭ

Posted on 2010-09-11 12:42:14 | Report this Comment
ނުދައްނަ ކުއްޖާ:

އުނގޫފާރު ހޮސްޕިޓަލަކަށް އުނގޫފާރު ބަނދަރުގައި ހުންނަ ފާލަމެއް ނުފެންނާނެ............. އެކަމަކު ވަރަށް ސަޅި މިވާހަކާގެ އޮއްޓަރުގަނޑު އަވަސް އަޕްލޯޑް!!!!!!!!!!!!!!!!!!!!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.