
ހަވަނަ ބައި:
ހިއްލައިލައިގެން ގޮސް ބޭރު އުނދޯލީގައި އާސިމާ ބޭއްވުމަށްފަހު ޒާހިދު ފެންފޮދެއް ގެންސް އަސިމާގެ މޫނަށް ވިއްސައިލިއެވެ. އަދި މަޑުމަޑުން އާސިމާގެ ކޯތާފަތްމަތީ ޖަހައިލިއެވެ. "އާސިމާ... އޭތް.. ލޯހުލުވާލަބަލަ..."
ދެތިންފަހަރަކު މޫނަށް ފެންފޮދެއް ވިއްސައިލުމާއެކު އާސިމާގެ ލޯ މަޑުމަޑުން ހުޅުވާލިއެވެ. ގިސްލާ ރޮމުންނެވެ. އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އޭނާގެ ހިތުގައިވާ ވާހަކަތައް ކިޔައިދެމުން ދިޔަކަހަލައެވެ. ހަޔާތުގައި ލިބުނު ހަމައެކަނި އުފާކަމަށް އޭނާ ދެކުނު ލޯބިވާ ދަރިފުޅު ގެއްލިގެން ދިޔައީ ކަމަސް އޭނާގެ ހިތް ބުނަމުންދިޔައެވެ. ވިސްނާނުލައި އެޅުނު ޅަ އެއްޗެއްގެ ސަބަބުން މަންމަގެ މައްޗަށް އޮތް އިތުބާރުގެ ފާރު ބިމާ ހަމަވީއެވެ.
އަދިވެސް އާސިމާއަށް އެއްވެސް އެއްޗެކޭ ބުނެވޭގޮތެއް ނުވިއެވެ. އަޑުގައި އެއްވެސް ވަރެއް ނެތެވެ. ވާހަކަ ދައްކާނެހާ ހިތްވަރުވެސް އޭނާގެ ނެތެވެ. ހީވަނީ މީހާ މުޅިން ބަލިވީ ހެންނެވެ. ތެދެކެވެ. ދަރިޔަކު މަޔަކާ ވަކިވެގެން ދިއުމަކީ ދުނިޔޭގައި އެމަޔަކަސް ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. މިއަދު އާސިމާގެ ހިތް އެވަނީ އަބަދައްޓަކައި ބަލިވެފައެވެ. ހަޔާތުގެ މިވީހައި ދުވަހު އުފަލުން ލޯބިދީގެން ބަލައި ބޮޑުކުރި ދަރިފުޅު، އަމިއްލަ މީހާއަށް ކުރެވުނު ކަމެއްގެ ސަބަބުން ހަޔާތާ އަލްވަދާއު ކީއެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކަށް މަޑުޖެހުމެއް ނާދެއެވެ. އެއްޗެކޭ ބުނެވޭތޯ އާސިމާ މަސައްކަތް ކުރިއެވެ. "ޒާހިދު... އަހަރެން... އަހަރެންގެ ދަރިފުޅު... ޔޫސުފް..." ޒާހިދުގެ ކޮޑުގައި ބޯއަޅައިލަމުން އާސިމާ ވާހަކަދެއްކިއެވެ. ކުރެވުނީ ކުށެއްކަން އާސިމާއަށް އެނގެއެވެ. ހިތާމަ ކުރެވެނީ ހަމައެކަނި ޔޫސުފް ވަކިވެގެން ދިޔައިމައެއް ނޫނެވެ. އޭނާ އަށްކުރެވުނު ކުށެއްގެ ސަބަބުން އެދަރިފުޅު ވަކިވެގެން ދިޔުމުންނެވެ. އެހެންނަމަވެސް ދެން މިއަދު އެދަރިފުޅު ހޯދަން ކުރާނެ ހަމައެއްވެސް ކަމެއް އާސިމާއަކަށް ނޭނގުނެވެ. ރޮމުން ގިސްލަމުން އާސިމާ އާދެސްކުރަމުން ދިޔައީ އެދަރިފުޅު އަނބުރައި ގެނެސްދިނުމަށެވެ. މިދުނިޔޭގައި އެނޫން އެއްވެސް އެއްޗަކަށް އޭނާ ނޭދޭކަމަށް ތަކުރާރުކޮށް ބުނަމުންގެންދިޔައެވެ. އެހެން ނަމަވެސް....
ޒާހިދުގެ ހަޔާތަށް އައި ބަނަކަންވެސް ވަކިން ކުޑައެއް ނޫނެވެ. އެންމެ ހިދުކޮޅަކަސްވެސް ޔޫސުފް އޭނާގެ ހަޔާތާ ވަކިވެގެން ދިއުމަކަށް ޒާހިދުއެއްވެސް ނޭދެއެވެ. އެހެން ނަމަވެސް މިއަދު އިނގިލިދިއްކޮށްލާނީ ކާކާ ދިމާއަށް ހެއްޔެވެ؟ ލޯބިވާ އަނބިމިހާއާ ދިމާއަށް ބާއެވެ؟ ނުވަތަ އަމިއްލަ ނަފްސަށްވުރެ ލޯބިވާ އޭނާގެ އަމިއްލަ ދަރިއެއްކަމަށް ދެކުނު ޔޫސުފްއާ ދިމާއަށް ބާއެވެ؟
ޔޫސުފް ވަކިވެގެން ދިއުމުން ލިބުނު ހިތާމައިގެ ހިތްދަތި ވޭންތަކުގައި ޒާހިދުގެ ދުވަސްތައްވެސް އެގޮތް މިގޮތަށް ފާއިތުވަމުންދިޔައެވެ. އާސިމާގެ އެއޮތް ރީތި ހަށިގަނޑު މުޅިން ނިކަމެތިވެ މީހާ އަނަރޫފަ ވަނީއެވެ. ދުވަހަކސްވުރެ ދުވަހެއް އޭނާގެ ހާލު ގޯސްވަމުން ދާކަހަލައެވެ. ޔޫސުފްއާ ވަކިވިފަހުން މިހާރު 2 އަހރުވަނީއެވެ. އަދިވެސް އޭނާގެ ހަނދާންތަކުގައި އާސިމާގެ ރެއާދުވާލުގެ ގިނަވަގުތުތައް ހޭދަކުރެއެވެ.
"ދަރިފުޅާ... ކޮންތާކަށްތަ ތިޔަ ދިޔައީ... މަންމަ މުޅިން އެކަނި ވެއްޖެ.. މިހާރު މިދުނިޔޭގައި އިނުމުގެ އެއްވެސް ބޭނުމެއް ނެތް... ދަރިފުޅު.." ޔޫސުފްގެ ކޮޓަރީ މޭޒުމަތިގައި ބަހައްޓާފައި ހުރި ފޮޓޯފްރޭމުގައިވާ ޔޫސުފްގެ ފޮޓޯއަކަށް ބަލަންހުރެ އާސިމާ ރޮމުން ގެންދިޔައެވެ. "މަންމައަށް ކުރެވުނު ކުށަށް މަންމައަށް މާފްކުރޭ ދަރިފުޅާ...! މަންމަ ކިހިންތެ މިދުނިޔޭ.. މިދުނިޔޭ ދަރިފުޅާ ނުލައި.." ހިތާހިތުން އޭނާ ދައްކަމުން ގެންދިޔަ ވާހަކަތައް އިތުރަށް ކުރިއަކަށް ނުގެނދެވުނެވެ. އަރުތެރެ ބެދޭގޮތްވީއެވެ. ލަގޮނޑިއަށް ބާރުވެ މޭ ފިތޭގޮތްވިއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އޭނާގެ ކޮތާފަތްމަތީގައި ނުހިކި ހުއްޓެވެ. އެމަންޒަރުތައް ބަލަން ކޮޓަރީ ދޮރުކައިރީގައި މަޑުކޮށްލައިގެން ޒާހިދު ހުއްޓެވެ. އެތެރެއަށް ވާންނާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ފެންނަ ކޮންމެ އެއްޗަކުން ޔޫސުފްގެ ފަނޑުވަމުންދާ ހަނދާންތައް އާވެއާވެހުއްޓެވެ. ފޭދިފައިވާ ކަރުނަފޮދު ފުހެލަމުން ޒާހިދު ބޭރަށް ނުކުތެވެ. އެވަގުތު ކޮޓަރީގެ ތެރެއިން ބާރުއަޑެއް އިވިގެން ޒާހިދު ކޮތަރިއާ ދިމާއަށް ދުއްވައިގަތެވެ. ކަމަކުދާކަށް ނެތެވެ. އާސިމާއޮތީ ބިންމައްޗަށް ވެއްޓިފައެވެ. ވީ ކިހިނެތްކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާގެ ބޮލުން ލޭ އޮހޮރެމުން ދާކަމެވެ.
މާލަސްތަކެއް ނުވެ ރަށު ސިއްޙީމަރުކަޒަށް އާސިމާ ގެންދެވުނެވެ. އަދި ޑޮކްޓަރުން އާސިމާ ބައްލަވައި ވީ ކިހިނެތްކަން އޮޅުންފިލުވައި ދިނެވެ. "ޑޮކްޓަރު ކިހިނެތްތޯ.. ކިހިނެތްތޯވީ...." ޑޮކްޓަރާ ވާހަކަ ދައްކަމުންދިޔައިރު ޒާހިދުގެ ދެއަތް ތުރުތުރު އަޅަމުންދިޔައެވެ. އޭނާގެ ހަޔާތުގައި ހުރި ހަމައެކަނި ދިރުންވެސް ނެތިގެން ހިނގައިދާނެތީ ބިރުގަންނަނީއެވެ. އެވަގުތު ނަރުހަކު އައިސް ޒާހިދުގެ ކޮނޑުގައި އަތްޖައްސާލައި ހިތްވަރު ގަދަކުރުމަށް ބުންޏެވެ. އަދި ހާލަތު މަގޯސްނޫންކަމާއި އެހެން ނަމަވެސް ވީހާވެސް އަވަހަކަށް މާލެދިއުމަށް ލަފާދިނެވެ. ނަސީބު ކަންދިމާކުރިގޮތުން އެދުވަހު އެރަށުގައި މާލެފުރާ ލޯންޗެއްވެސް އޮތެވެ. އާސިމާގެ ހާލުހުރިގޮތުން އެމެޖެންސީކޮށް ފުރައިގެން މާލެދިޔައެވެ. ރަށުން ނަރުސްކުއްޖަކާވެސް އެކީގައެވެ.
މިއަދަކީ ޔޫސުފްގެ އަންހެނުން ރީޝާ ވިހާނެކަމަށް ޑޮކްޓަރު ބުނެފައިވާ ދުވަހެވެ. އެހެންކަމުން ޔޫސުފް އޭނާގެ އަންހެނުން އެޑިމިޓްކުރުމައްޓަކައި އަޖީއެމް ހޮސްޕިޓަލަށް ގޮވައިގެން ދިޔައެވެ. އަންހެނުންގެ ވާރޑުގެ ބެޑް ނަންބަރު 32ގައި ރީޝާ އޮށޯވެލައިގެން އޮތްއިރު ޔުސުފް އިނީ ކައިރީގައި ހުރި ގޮނޑިއެއްގައި އިޝީދެލައިގެންނެވެ. ޔުސުފްގެ މޫނުމަތިން އޭނާ އިންތިހާއަށް އުފާކުރާކަމާއި ހިތްހަމަޖެހިފައިވާކަން ވަރަށް ރަނގަޅަށް ފެންނަން ހުއްޓެވެ. ރީޝާގެ ބަނޑުގައިވާ ދަރިފުޅު އުރާލެވޭނެ ވަގުތަކަށް ޔޫސުފް އިނީ ކެތްމަދުވެފައެވެ. އިރުއިރުކޮޅާ ރީޝާގެ މޫނަށް ބަލައިލައެވެ. އަދި ހިނިތުން ވުމާއެކު ސަމާސާކޮށްލައެވެ. "ބަލައްޗޭ... މި ދަރިފުޅު ލޯބިވާނީ އަހަރެން ދެކެ" ލާނެތް ފާޑަކަށް ހީނލަމުން ރީޝާގެ އަތުގައި ހިފައިލިއެވެ. އަދި އަނެއްއަތުން ރީޝާގެ މުނުގައި ފިރުމާލިއެވެ. "ތެންކިއު ރީޝް" އެވަގުތު ރީޝާގެ ލޮލުން ކަރުނަ ފޭދިގެން ދިޔައެވެ. އުފަލުންނެވެ. ދުވަހަކުވެސް ޔުސުފްގެ މޫނުމަތީ އެހާ އުފަވެރިކަމެއް ނުފެނެއެވެ.
"ކޯތްޗެއްތަ ޓީވީން އަންނަނީ..؟" ޔޫސުފް އެތަނުގައި ބަހައްޓާފައި ހުރި ޓީވީ އަޅުވާލިއެވެ. އޭރުވެސް ހެނދުނުއްސުރެ ފެށިގެން ގޮވަމުން އައި އިއުލާނެއް ޓީވީގެ ތިރިއަށް އަރާފައި ހުއްޓެވެ. "ރީޝް.. އަދިވެސް އަހަންނަށް ހީވަނީ އެމީހުންނަށް އޭ-ޕޮޒިޓިވް ލޭ ނުލިބޭހެން. މިހާރު ކޮން އިރެއް އެ އިއުލާނު ގޮވާތާ" ކޮންމެވެސް ވަރަކަށް ހާސްވެގެން އިންފާޑަކަށް އިނދެ ޔޫސުފް ވާހަކަދެއްކިއެވެ. "ތި އިންނަނީނު... ދޭބަލަ ގޮސް ދީފަ އަދެބަލަ. އަދި އަހަރެން ވިހާކަށް ނުވެޔޭ.. ނުވެސް ރިއްސައެއްނެ.." ޔޫސުފްގެ އަތުގައި ބާރަށް ހިފައިލުމަށްފަހު ރީޝާ ޔޫސުފްގެ މޫނަށް ބަލައިލިއެވެ. އަދި ދާށޭ ބުނެ ހިތްވަރުދިނުމުގެ ގޮތުން ހިނިތުންވުމާއެކު ބޯޖަހައިލިއެވެ. ކުޑައިރުކޮޅަކު މަޑުކޮސްލުމަށްފަހު ޔޫސުފް ތެދުވިއެވެ. "އަހަރެން އަންނަންދެން ނުވިހައި މަޑުކޮށްލައްޗޭ... ވަރަށް އަވަސްވާނެ!.."
Posted on 2010-09-06 00:49:32 |
Report this Comment
Posted on 2010-09-06 06:04:22 |
Report this Comment
Posted on 2010-09-06 10:14:42 |
Report this Comment
Posted on 2010-09-06 12:19:34 |
Report this Comment
Posted on 2010-09-06 20:42:50 |
Report this Comment
Posted on 2010-09-06 21:37:07 |
Report this Comment
Posted on 2010-09-07 10:25:29 |
Report this Comment
Posted on 2010-09-11 18:14:04 |
Report this Comment