
އެހެންނަމަވެސް ސާހިލް ތޫމާއަކަށް ވާހަކަ ދައްކާކަށް ފުރުސަތެއް ނުދިނެވެ. އޭނާ ބޭނުންވަނީ ތޫމާއަށް ވަގުތު ދޭށެވެ. އެންމެ ފަހު ފުރުސަތެއްގެ ގޮތުގައެވެ. ތޫމާއަށް ނުހުރެވިގެން އެންމެ ފަހުން ސާހިލްގެ މޮބައިލަށް މެސެޖެއްކޮށްލިއެވެ. ތުޑީގައި ބައްދަލުކޮށްލަން ބޭނުން ވާހަކައެވެ. ސާހިލް މެސެޖަށް ޖަވާބުދިނެވެ. ހަވީރު 6 ޖަހާއިރު އިންތިޒާރު ކުރާނެކަމަށެވެ.
އެއި އުޑުމަތި އަލި ފިނި ވައިރޯޅިތައް ޖެހެމުންދާ ދުވަހެކެވެ. ތޫމާ ސައިކަލް މަޑުކޮށްލީ ތުޑިއަށް ދާން އޮންނަ މަގުގެ އެއްފަރާތަށެވެ. ސައިކަލް ބެހެއްޓުމަށްފަހު އޭނާ ފައިބައިފިއެވެ. ބޮޑެތި ބިޔަ ރާޅުތައް ބާރު ސްޕީޑުގައި ނަގަމުންދެއެވެ. އެއީ އިރުއްއޮއްސޭ ފަރާތް ކަމުގައި ނުވިޔަސް އޮއްސެންދާ އިރުގެ ސަބަބުން އުޑުމަތި އެކި ކުލަކުލައިން ޖަރީވެފައިވެއެވެ. އޮމާން ކުދިކުދި އަކިރިތައް އެދަޅަމަތީގައިވެސް ވިދަމުންދެއެވެ. ތޫމާއަށް ސާހިލް ފެނުނެވެ. އޭނާ ހުރީ މޫދާ ކުރިމަތިލައިގެން ކޮޅަށެވެ. މީހެއްގެ ހިލަންވީކަން ނޭގެއެވެ. އޭނާ އެބުރި ތޫމާއާއި ދިމާއަށް ބަލައިލިއެވެ. ތޫމާއަށް ހުއްޓެވުނެވެ. އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ސާހިލްގެ ދޮން މޫނުމަތިން ފެންނަނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ތޫމާ ހިނިތުންވެލިއެވެ. އެހެންނަމަވެސް ސާހިލް އެހިނިތުންވުމަށް ރައްދެއް ނުދިނެވެ. އޭނާ ހީވަނީ ހިނިތުންވެލަންވެސް ނޭގޭ މީހެއް ހެންނެވެ.
"ސާހިލް! ކިހިނެތްތަ؟"ތޫމާ އަހައިލިއެވެ. ސާހިލް ހުރީ ތޫމާގެ މޫނަށް ބަލާށެވެ. މިއީ އަހަރުތަކަކަށޤފަހު ތޫމާގެ ރުހުމުގައި ތޫމާގެ މޫނަށް ބަލައިލުމަށް އޭނާ ލިބުނު ފުރަތަމަ ފުރުސަތެވެ.
"ތޫމާ! ކިހިނެތްވީ؟ ކޮން ވާހަކައެއް ދައްކަން އޮތީ؟" ތޫމާގެ ސުވާލަށް ޖަވާބު ދިނުމަށްވުރެ ސާހިލްއަށް މުހިންމުވީ ތޫމާ އޭނާއާއި ބައްދަލުކޮށްލަން ބޭނުންވި ސަބަބު ދެނެގަންނާށެވެ.
"ސާހިލް! އަހަރެން މުޅިން ވަރުބަލިވެއްޖެ. ސާހިލްއަށާ އަމިއްލަ ނަފުސަށް އޮޅުވާލައިގެން ދެނެއް އަހަރެންނަކަށް ނޫޅެވޭނެ. އަހަރެން ބޭނުން ސާހިލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން. އެހާ ފަސޭހައެއް ނޫން ސާހިލްއަށް ފިލައިގެން އުޅޭކަށް. ސާހިލް ދެރަކުރާކަށް އަހަރެން ބޭނުމެއްނުވޭ. ޕުލީޒް އަހަރެންނާމެދު ނުބައި ގޮތަކަށް ނުވިސްނާތި. އެކަމަކު އަހަރެންމި ސާހިލް ހީކުރާ ވަރުގެ ރަނގަޅު މީހެއްވެސް ނޫން." އިރުއޮއްސިއްޖެއެވެ. އަނދިރިކަން ފެތުރެން ފަށައިފިއެވެ. ސާހިލް ހުރީ ތޫމާގެ މޫނަށް އަރާފައިބާ ކުލަތައް ބަލާށެވެ.
"ތޫމާ! އަހަރެންނަށް އެގޭ ތޫމާއަކީ ގޯސްކުއްޖެއް ނޫންކަން. ތޫމާ ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ތޫމާގެ މާޒީގެ ހުރިހާ ކަމެއް އަހަރެންނަށް އެގޭ. އެއީކީ ތޫމާގެ ކުށެއް ނޫން." ސާހިލް ތޫމާއާއި ކައިރިވެލިއެވެ.
"ނޫން. ސާހިލް ސާހިލްއަކަށް އެއްވެސް އެއްޗެއް ނޭގޭ. ސާހިލް" ތޫމާގެ ލޮލަށް ކަރުނަ ޖަމާވާ ތަން ސާހިލްއަށް ފެނުނެވެ. ސާހިލް ކުރިއަށް ޖެހިލައި ތޫމާގެ މޫނުގައި ހިފައިލިއެވެ. ހަތަރުކަޅި ހަމަކޮށްލިއެވެ.
" ތޫމާ! އެންމެ ރަނގަޅު. ނުރޮއެ އަހަރެންނަށް ކިޔައިދީބަލަ ތި ކިޔައިދޭން އައި ވާހަކަ. އަހަރެން މިހިރީ އަޑުއަހަން." ސާހިލްގެ ހިތް ތޫމާގެ ކަރުނަ ފެނުމުން އުށްކޮޅެއްހެން ވިރިގެން ހިގައްޖެއެވެ.
" އަހަރެން...އަހަރެންނަކީ އެއްވެސް މީހެއް ނޫން. އަހަރެންގެ އަތުގައި ނެތް އެއްވެސް މީހަކަށް ދޭނެ އެއްވެސް އެއްޗެއް. އަހަރެން..." ތޫމާގެ ލޮލުން ކަރުނަތައް އޮހިގެންފިއެވެ. އޭނާގެ ދޮންމޫނު ރަތްވެއްޖެއެވެ. އެމޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ.
"ތޫމާ! " ސާހިލް ތޫމާގެ ކޮޑުގައި ހިފައި ތަޅުވައިގަތެވެ. ތޫމާއަށް ކިޔޭނުކިޔޭ ނޭގޭހެން އޭނާއަށް ހީވިކަހަލައެވެ.
" ސާހިލް އަހަރެންވެސް ބޭނުން ލައިފެއް ފަށަން. އެކަމަކު ސާހިލް...އަހަރެންނަށް ނޭގެ އަހަރެންނަށް އިތުބާރުކޮށްފަ އަހަރެން ކައިރިއަށް އަންނަ މީހެއް ކައިރީ މިހެން ބުނެ އެމީހުން އަހަރެންނާމެދު ދެކޭގޮތް ބަދަލުވެގެންދާކަށް އަހަރެން ނޭދެން. އެހެންވެ ނުބުނެވުނީ ސާހިލް ކައިރީގައިވެސް" ސާހިލް ތޫމާގެ އަތުގައި ހިފެހެއްޓިއެވެ.
" އަހަރެންނަކަށް ނުވިސްނޭ ތޫމާ. ތިވަރަށް ކަންބޮޑުވާންވީ ސަބަބަކީ ކޮބާކަމެއް؟ ތޫމާއަކީ އަހަރެންނަށް އެގިގެން އެއްވެސް ގޯސްކަމެއް ކުރި އަންހެންކުއްޖެއް ނޫން." ސާހިލްގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ.
" ސާހިލް! އެހެންވެއްޖެއްޔާ ކެޔޮގަނޑު ކަޑާލާފައި ހުރި ގަހަކުން ހިފާނެ ބޭނުމެއް އެބައޮތްތަ؟" ތޫމާގެ ސުޥާލުން ސާހިލްއަށް ކުއްލި ސިހުމެއް ލިބުނެވެ. ތޫމާ ބުނަން އުޅޭ އެއްޗެއް އޭނާއަށް ވިސްނުނީ ދެނެވެ. ލިބުނު ސިހުމުގައި ސާހިލްއަށް ތޫމާގެ ގައިން ދޫކޮށްލެވުނެވެ. އެއީ އޭނާ ހީކޮށްގެން ހުރި ކަހަލަ ކަމެއް ނޫނެވެ. އޭނާއަށް ތޫމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ތޫމާއަށްވެސް ހުރެވުނީއެވެ. އޭނާ ކުރާނީ ކީއް ހެއްޔެވެ؟ ކުށްވެރިޔަކީ އޭނާއެވެ. އެއީ ކުށެއް ނޫނެވެ. ފާފައެކެވެ. އެކަމަކު އެއީ އޭނާގެ ފުރާނަ ފަދައިން ލޯބިވި ލޯބިވެރިޔާއާއި އެކުގައެވެ. ފާފައެއްކަން އެގިހުރެވެސް އާމިއުގެ ދައުވަތު ގަބޫލު ކުރެވުނީއެވެ. އޭނާގެ ހުރހާ އެދުމަކަށް އިޖާބަ ދެވުނީއެވެ. އޭނާގެ އޮތީ އެންމެ ބޭނުމެކެވެ. އާމިރުގެ ހިތްހަމަޖެހުމާ އާމިރުގެ އުފަލެވެ.ތެދަށް ބުނާނަމަ އެކަމާ އޭނާ ދެރަވެ ހިތާމަ ކުރީ ފުރަތަމަ ފަހަރުއެވެ. އެއީ އާމިރުއާއި އެކު އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤުސަދުގައި އޭނާ އާމިރުމެން އުޅޭ ގެއަށް ދިޔަ ދުވަހެވެ. އެއީ އެގޭގައި އުޅޭ އެހެން ކުދިންތައް ގޭގައި ނޫޅޭ ގަޑިއެއްގައެވެ. ތެދަށް ބުނާނަމަ އޭނާ އެކަމާ އެއްގޮތަކަށްވެސް އެއްބަހެއްނުވެއެވެ. އޭނާ އާދޭސްކުރިއެވެ. އެހެން ނެހެދުމަށެވެ. އެހެންނަމަވެސް އާމިރު ބުނަމުންދިޔައީ ތޫމާވެސް އޭނާ ފަދައިން އެކަން ބޭނުންވާކަމަށެވެ. އޭނާ އެތަކެއް އަހަރުވަންދެން އެއަކަށްޓަކައި ފަހުރުވެރިވަމުން އައި ގަހަނާ ބޭލިގެން ދިޔައީ ހަމަ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އޭނާގެ ލޮލުން ކަރުނަ އައެވެ. އެހެންނަމަވެސް އޭނާއަށް ހަޅޭލަވާކަށް ނުކެރުނެވެ. އެއީ ކީއްވެގެންކަން އޭނާއަށް އެގެއެވެ. އެއީ އާމިރުގެ އުފަލަށްވީތީއެވެ.
އޭނާ ތައުބާވިއެވެ. އެހެންނަމަވެސް އެކަން ވެގެން ދިޔައީ ތަކުރާރުވެގެން ދިޔަ ފާފައަކަށެވެ.
"އަހަރެންނަށް އެގޭ މީ ސާހިލް ވަރަށް އެކްސްޕެކްޓު ނުކުރާ ކަމެއްކަން. ސާހިލް ކުރިން ބުނެ ނުދެވުނީތީ އަހަންނަށް މާފްކުރޭ. މިވާހަކަ ހުރިހާ ވާހަކައަކަށް ފަހުވެސް އަހަންނަށް ޝެއާ ކުރަން ނުކެރުނީ. އަހަރެން .." ތޫމާ އެބުރުނީ ދާށެވެ.
Posted on 2010-09-06 00:40:52 |
Report this Comment
Posted on 2010-09-06 10:15:25 |
Report this Comment
Posted on 2010-09-08 01:00:19 |
Report this Comment
Posted on 2010-09-14 16:31:51 |
Report this Comment