
" މަންމަ އެގުޅީ. މިހާރު ގެއަށް އަންނާށޯ. ދެން ދަނީ. އޮފީހުން ދިމާވާނެއްނުދޯ." އަހަރެން އަވަސް އަވަށް ސައިކަލް ސްޓާޓްކޮށްލަމުން ބުނީމެވެ.
" އަޅެ. ދަނީތަ ހަމަ؟" ރޫޔާ ބުނެލިއެވެ.
" ނީވޭތަ އަޑެއް. އަހަރެން ބުނެފީމެއްނު މިދަނިއްޔޭ. ދެންމެ މަންމަ އެގުޅީ. އަހަރެން ގެއަށް ވަނުމުން ނޫނީ މަންމަ ނުވެސްނިދާނެ. މައިންބަފައިންނަށް ކަމޭހިތުމަކީ ފިރިހެން ދަރިއެއްގެ އެންމެ ބޮޑު ވާޖިބު. އެކަން ފުރިހަމަޔަށް ކުރެވޭތޯ އަހަރެން އަބަދުވެސް ބަލަން." އަހަރެން ސައިކަލް ދުއްވާލަމުން ބުނީމެވެ.
ސައިކަލު ދުއްވަމުން ދިޔައިރު، އަހަރެންގެ ހިތުގައި ދައުރުވަނީ ހުސް ސުވާލުތަކެކެވެ. ރޫޔާ މީ ކޮންކަހަލަ ސިޔާސަތެއްގެ އަންހެން ކުއްޖެއްބާވައެވެ؟ ރޫޔާ އަހަރެން މިއޮތް ދަންވަރު އެގެއަށް ވަންދަން މަސައްކަތްކުރަންވީ ކީއްވެގެން ބާވައެވެ؟ ރޫޔާ ބޭނުންވަނީ ކޮން ކަމެއްހެއްޔެވެ؟ ދަންވަރުގަޑީގައި އެކަހެރި ގެއެއްގައި ދެޖިންސްގެ ދެމީހުންނަށް ރަނގަޅުކަމެއް ކުރެވިދާނެބާވައެވެ؟ ރޫޔާ ލައިގެން ހުރި ހެނދުމުން ރޫޔާގެ ފެންވަރު އަހަންނަށް ދޭހަވެއެވެ. ސީހޯސް މަތީގައި ކޮފީބޯން އިން އިރުވެސް، ގިނަ ފިރިހެނުންގެ ކަޅިތައް ހުރީ ސީދާ ރޫޔާގެ ކަރުވަޅަށެވެ. ދެން ވާނީވެސް އެހެންތާއެވެ. އެންމެހާ ކަރުބޮޑު ހެނދުމެއް ލައިގެން އެފަދަ ރީތި އަންހެން ކުއްޖަކު އެހެން އިނުމުން ބަލަން ނީންނަމީހަކަށްވެސް ބެލޭނެއެވެ. ފިރިހެނުންގެވެސް ހުންނަނީ ޙިއްޞުތަކާއި އިޙްޞާޞްތަކެވެ. އަހަރެމެންގެ މާތް ދީނުގައި އަންހެނުންގެ އައުރަ ނިވާކުރަން އަންގަވާފައިވަނީ ވަރަށް މާތް މަތިވެރި މަޤްޞަދެއްގައެވެ. އެކަން ރޫޔާއަށް ނޭނގެނީ ކީއްވެގެން ބާވައެވެ؟ ހަމަގައިމުވެސް، އެއީ މިހާރު ބޮޑު އަންހެނެކެވެ. ތުންފަތުގައި ރީތި ފިޔާތޮށި ކުލައެއްޖައްސާފައި، ވީހާ މޮޅަށް ބުމަހަދާ، މޫނު ފޭޝަލްހެދިޔަސް އަދި ނުވާނެއެވެ. ބޭރުފުށުން އެންމެ މޮޅު، ސެންޓްގެ ވަސް ހަށީގަނޑުގައި ހުއްޓަސް، އިންސާނާ ރީތިވީކީއެއްނޫނެވެ. ރިވެތި އަޚްލާޤާއި ސުލޫކު ކޮބައިހެއްޔެވެ؟ މިހާރު ބޮޑެތިވާ ގިނަ ކުދިންނަށް މިކަން އެނގޭބާވައެވެ؟
ތެދެކެވެ. އަހަރެން ހައްދައެއް ނުލެވޭނެއެވެ. ރީތި އަންހެނެއްގެ މަޅީގައި އަހަރެން ބައްދައެއް ނުލެވޭނެއެވެ. ޝަޢީތާނީ ވަސްވާސްތަކަށް އަހަރެންގެ ނަފްސް ހައްލައެއް ނުލާނަމެވެ. މިނޫން ދުވަހެއް އެބައޮތެވެ. އެދުވަހަށް އަހަރެން ބިރުވެތިވަމެވެ. މިދުނިޔޭގެ ވަގުތީ އުފަލަށް ވުރެ، ދެން އަންނަ ދުނިޔޭގެ ދާޢީމީ އުފާ އަހަރެން ބޭނުމެވެ. އަހަރެންގެ ޢަމަލްތައް ހުންނާނީ އެހެންނެވެ. އަހަރެންގެ ޢަޤީދާއާއި ކުޅެލުމަކީ އެހާ ފަސޭހަކަމަށް ނުވާނެއެވެ.
އަނެއްކޮޅުވެސް އެބައޮތެވެ. ކޮންމެ ކަހަލަ އަންހެން ކުއްޖަކަށް ވިޔަސް އަހަރެންގެ އަމާޒަކީ ނީނާއެވެ. އަހަރެންގެ ހިތްވަނީ ނީނާއެއަށް ދެވިފައެވެ. އެކަން ދެން ބަދަލެއް ނުވާނެއެވެ. ރޫޔާއާއި ނީނާއާއި ހާސްބައި ތަފާތެވެ. ނީނާއަކީ ކޮންމެ ކަހަލަ އަންހެން ކުއްޖަކަށްވިޔަސް، އަހަރެން ކެތްކުރާނަމެވެ. ނީނާގެ ޖަވާބަކަށް އިންތިޒާރުކުރާނަމެވެ. ނީނާ ފެނުނު ދުވަހުން ފެށިގެން އަހަރެން ދެކޭ ހުވަފެނަކީ އެއީއެވެ.
އަހަންނަށް ގެއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ގޭގެ ދޮރުހުރީ ތަޅުލާފައެވެ. އެހެންވެ، ތަޅުދަނޑިން ގޭގެ ދޮރުގެ ތަޅު ހުޅުވާލުމަށްފަހު، އެތެއަށް ވަނީމެވެ. މަންމައާއި ބައްޕަ ވަނީ ނިދަންވަދެއެވެ. އަހަރެންގެ ކޮއްކޮ އަދުހަމް އިނީ ކިޔަވާށެވެ. އެނޫންކަމެއް އޭނާއަކަށް ނޯންނާނެއެވެ. އެކަމާއި އަހަރެން ވަރަށް އުފާކުރަމެވެ.
" މަންމަ ސުވާލުކުރި ބޭބެ ނައިސްގެން؟" ކިޔަން ހުރި ފޮތް ލައްޕާލުމަށްފަހު، އަހަންނަށް ބަލާލަމުން އަދުހަމް ބުނެލިއެވެ.
" މަންމަގުޅި އަހަންނަށް. އެހެންވެ މިއައީ. ދެން ދަނީ ނިދަން. ކޮއްކޮވެސް ތަންކޮޅެއް އަވަހަށް ނިދާތި. ތިހެން ކިޔަވާއިރު، ރަނގަޅަށް ނިދިވެސް ބޭނުންވާނެއެއްނު." އަހަރެން ގޮސް އަދުހަމުގެ ކޮނޑުގައި ޖަހާލަމުން ބުނީމެވެ.
" އޯ.ކޭ." އަވަސް އަވަހަށް އަދުހަމު ބުނެލިއެވެ.
އަހަރެން ގޮސް އެނދުގައި ޖައްސާލީމެވެ. ހިތުގައި ވަނީ ރޫޔާ ދެއްކި ވާހަކަ ތަކެވެ. ރޫޔާ އަކީ 'އެކަހަލަ' ކުއްޖެއް ހެއްޔެވެ؟ ބަލާބެލުމަށް އެހެން ހީއެއްވެސް ނުވެއެވެ. މޫނުމަތިން ނުލަފާކަމުގެ އަސަރެއްވެސް އަހަންނަކަށް ފާހަގައެއް ނުވެއެވެ. އެކަމަކު، މީހުން ބުނަނީ ތެދެކެވެ. މީހުން ހުންނަ ގޮތަކުން ނޭނގޭނެއެވެ. އަހަރެންގެ ނަޞީބުވެސް ދެރައެއްނޫނެވެ. މިރޭ އެގެއަށްވަދެވުނުނަމަ، އަހަންނަށް ދެރަގޮތެއްވާނެއެވެ. އެހެންނުވިކަމަށްޓަކައި އަހަރެން އިންތިހާޔަށް ޝުކުރުވެސް ކުރަމެވެ. ކޮންމެ އަންހެނެއްގެ ދަޢުވަތަށް ހެއްލުމުން، ދިރިއުޅުން ބަރުބާދުވެދާނެއެވެ. އަހަރެންގެ ދިރިއުޅުމުގައި އެކުލަ ޖައްސާކަށް ނެތީމެވެ. މިހާރު އަހަރެން ބޭނުންވަނީ އެންމެ ކުލައެއް ޖައްސާށެވެ. އެކަން، ވާނެހެންވެސް ބައެއްފަހަރު ހީވެއެވެ.
" އައްސަލާމް ޢަލައިކުމް. ޖަވާބު ދޭންތ ތިގުޅީ؟" ނީނާ އަހަންނަށް ގުޅުމުން އަހަރެން އަނހާލީމެވެ.
" ނޫނޭ. ފަތިސްނަމާދަށް އިޖާބަ ދިނުމަށް ބުނަންވެގެން މިގުޅީ. މިހާރު ބަންގި ގޮވަސް ފަސްމިނިޓަށް ވަނީ." ނީނާ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިއެވެ.
" ވަރަށް އުފާވެއްޖެ. އަހަރެން އަބަދުވެސް ބޭނުންވަނީ، ދީންވެރި، ތެދުވެރި، ވަފާތެރި އަންހެން ކުއްޖެއް. އެސިފަތައް ނީނާގެ ގައިގައި ހުރުމުން އަހަރެން ވަރަށް އުފާވޭ. އިތުރަށް އަހަރެން ނުތަޅުވާ އަހަންނަށް އާނއެކޭ ބުނަންވީނު." މޯޅިއަކަށް ދެމިލަމުން އަހަރެން ބުނީމެވެ.
" ނޫނޭ. އަދި ވަގުތު ނުޖެހޭ. ކޮންމެކަމަށްވެސް ވަގުތެއް އޮންނާނެ. ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. ދެންވެސް އަވަހަށް ތެދުވެގެން ނަމާދަށް ދޭ. މާދަމާ ދެން އިތުރަށް ވާހަކަ ދައްކާނީ. ދެން ފޯން ބާއްވަނީ." ނީނާ ފޯން ބޭއްވީ އެހެން ބުނެފައެވެ.
އަހަރެން ހިތް އުފަލުން ފުރުނު ކަހަލައެވެ. ނީނާގެ ރަނގަޅުކަން ފެނިފައެވެ. ކުރިން ދިމާވި އެއްވެސް އަންހެން ކުއްޖަކު، އަހަންނަށް އެގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ގިނަ ކުދިން އުޅެނީ ކޮންމެވެސް އެހެން ކަމެއް ނުވެގެނެވެ. ދުނިޔޭގެ ކަންތައްތަކާއި ހޭބޯ ނާރައިގެންނެވެ. ތެދެކެވެ. ދުނިޔޭގެ ދިރިއުޅުންވެސް އޮންނަންޖެހޭނެއެވެ. އެކަމަކު، އާޚިރަށްވެސް ދޫކޮށްލައިގެން ނުވާނެއެވެ. ދެކޮޅަށް ހަމަކޮށް ބަރާބަރަށް މަސައްކަތް ކުރެވެންޖެހޭނެއެވެ. އަހަރެން ދެކޭގޮތުގައި ފުރިހަމަ އިންސާނެއްގެ ދިރިއުޅުން ހުންނަން ޖެހޭނީ އެހެންނެވެ.
އަހަރެން ނަމާދަށްދާން ނުކުތްއިރު، އަދުހަމްވެސް އިނީ ތައްޔާރު ވެގެންނެވެ. އެހެންވެ، އަހަރެން ނަމާދަށް ދިޔައީ އަދުހަމް ގޮވައިގެންނެވެ.
" ނަމާދުކޮށް ނިންމާލީމަ މިލިބީ ހިތްހަމަޖެހުން ބުނަންވެސްނޭނގޭދޯ." ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީގައި އަދުހަމް ބުނެލިއެވެ.
" ތީ ހަމަ ތެދެއް. ދެދުނިޔޭގެ ބާއްޖަވެރިންކަން ލިބޭނީ މާތް ﷲ އެންގެވިގޮތަށް އުޅެ، ފަރުޟް ފަސް ނަމާދު ވަގުތުގައި އަދާކޮށް، ޞާލިޙް ހެޔޮ ޢަމަލު ކޮށްގެން. އަހަރެން ވަރަށް އުފާވޭ ކޮއްކޮ ދީނީ ކަންތައްތަކަށް އިސްކަންދޭތީ. ތިގޮތުގަ މަރުދުވަހާއި ޖެހެންދެން ހުންނައްޗޭ." އަހަރެންގެ ހެޔޮދުޢާ އަބަދުވެސް ވަނީ އަދުހަމް އާއި އެކުގައެވެ.
" އިރާދަކުރެއްވިއްޔާ ކޮއްކޮ އަބަދުވެސް ހުންނާނީ މިހެން. ބޭބެ. ކޮބާތަ މިޝަން ކަންތައްތައް؟ ރަނގަޅަށްތަ ދަނީ؟" ކުޑަކޮށް ހީނލަމުން އަދުހަމް އަނހާލިއެވެ.
" އެކަން ދަނީ ވަރަށް ރަނގަޅަށް. ހީވަނީ ގިނަ ދުވަހެއްނުވެ، ރަނގަޅު ޖަވާބެއް ލިބޭނެހެން." އަހަރެން ބުނީމެވެ.
" ދެން ކޮއްކޮ ގާތުގަ ނުބުނާންތަ އެކުއްޖާގެ ނަމެއްވެސް؟" އަދުހަމް ސުވާލުކޮށްލިއެވެ.
" ފަހުން ބުނާނަން." އަހަރެން ކުރު ޖަވާބަކުން ނިންމާލީމެވެ.
އޮފީހަށް ދާން ސައިކަލަށް އެރި ތަނާހެން ރޫޔާ ގުޅިއެވެ.
" އާދެބަލަ އަހަރެންވެސް ގޮވައިގެން އޮފީހަށް ދާން." ރޫޔާ ފުރަތަމަވެސް ބުނީ އެހެންނެވެ.
=ނުނިމޭ=
Posted on 2010-09-05 05:17:39 |
Report this Comment
Posted on 2010-09-05 15:49:00 |
Report this Comment