ނައު

  • ޝާއިޢުކުރި ތާރީޚް: 04 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1012

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުމުރަށް އެކީ އުޅޭނަން...(3)

އެއްރައެއްގެ ރޭގަނޑެވެ. އަނެއްކާވެސް ޝިޔު ފެނުނެވެ. އޮފީހުގައި އޮތް މީޓިންގް އެއް ނިންމާލާފައި އަހަރެން ގެއަށް ދިޔަ މަގުމަތީގައެވެ. ވަރަށް ބޯކޮށް ވާރޭވެސް ވެހެއެވެ.

އަހަރެން ހުރީ މަޖީދީ، މަގުން ޗާންދަނީ މަގަށް ނުކުންނަ އިރު ހުންނަ ޓްރެފިކްލައިޓްގައި ޖެހިފައެވެ. އަހަރެން ހުރީ ހަމަ މުޅިން ތެމިފައެވެ. ކުއްލިއަކަށް ޝިޔު ފެނުނީ ޗާންދަނީ މަގުގައި ހުންނަ "ރަންއިލޮށި " ރެސްޓޯރެންޓްގެ ދޮރުމަތީގައި ހުއްޓައެވެ. ޝިޔުގެ އަތުގައި ފޮތްތަކެއް ހުއްޓެވެ.ޝިޔު ހުރީ ވާރެއިން ސަލާމަތްވާން އެތަނަށް ވަދެ ހިޔާވެގެންނެވެ.އެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެކެވެ. އިރު އިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލައެވެ. އޭރު ގަޑިން 10 ޖެހުމާއި ދާދިގާތް ވެއްޖެއެވެ. އެއީ ޔުނީފޯމްގައި ނޫންގޮތަކަށް ޝިޔު ފެނުނު ފުރަތަމަ ފަހަރެވެ. ޝިޔުހުރީ ގަޔަށް ވަރަށް ހެޔޮވަރަށް ހުރި ރަތްކުލައިގެ ކުރުތާއެއް ލައިގެންނެވެ. ކުރުތާގެ އަތް ހުރީ އަތުގެ އުޅަނބޮށި ނިވާވާވަރަށެވެ. ތިރިން ލާފައި ހުރީ "އައިސް ބުލޫ'ކުލައިގެ ޖިންސެކެވެ. ޖިންސުގެ ފައިކުރި ހުރީ ކުޑަކޮށް އޮޅާލާފައެވެ. އިސްތަށިގަނޑު ހުރީ ރީތިގޮތަކަށް ގޮށެއްޖަހާލާފައެވެ. ނީއްކުރިމަތިން ތެމިފައި ހުރި ކުރު އިސްތަށިތައް މޫނުމައްޗަށް ވެރިފައި ހުއްޓެވެ. ފެންނަ ފެނުމަށް އެއްވެސް މޭކަޕެއް ކޮށްފައި ހުރިހެނެއް ހީއެއް ނުވެއެވެ. ވާތްފަރާތު ކަންފަތާއި ދިމާލަށް ކުޑަ ކުޑަ ރަތްކުލައިގެ ދައްޗެއް ޖަހާފައި ހުއްޓެވެ. އަރާފައި ހުރީ ކަޅުކުލައިގެ ވަރަށް ތިރި ފައިވާނަކަށެވެ. އެހެންކަމުން ޝިޔުގެ ފައިތިލަ ވަރަށް ރީއްޗަށް ހާމައަށް ފެންނަން ހުއްޓެވެ.

ހަމައެވަގުތު ވާރޭ ކުއްލިއަކަށް ތުނިކޮށްލުމާއެކު ޝިޔު ހިނގައިގަތެވެ. އެވަގުތު ޝިޔުގެ ފައިވާނުގެ ވަދު ކަނޑައިގެން ދިޔަތަން އަހަރެން ދުށީމެވެ. ޝިޔު ހިނގައިގަތީ ޓްރެފިކާއި ވީދިމާލަށް މަޖީދީ މަގަށެވެ. ޓްރެފިކްގެ ލައިޓް ފެހިވީ އެވަގުތުގައެވެ. އަހަރެންގެ ސައިކަލުގެ މިސްރާބު ހުރީ ޝިޔުއާ އިދިކޮޅަށް ކަމުން އަހަރެންނަށް މަޖުބުރުވީ މަގުގެ އަނެއްކޮޅަށް ދާށެވެ. އޭރުވެސް ކަނިކަނިކޮށް ވާރޭވެހެއެވެ. އަހަރެން ބޭނުންވީ ފުރުސަތުގެ ބޭނުން ހިފައިގެން ޝިޔުއަށް އެހީވާށެވެ. ވަގުތުން ޝިޔުއާއި ދިމާވާގޮތަށް އަނެއްކޮޅުން މަޖީދީމަގަށް ނިކުތީމެވެ. މިފަހަރު ޝިޔުއަށްވެސް އަހަރެން ފެނުނެވެ. އެރު ޝިޔު ހުރީ ހުސްފައިގައެވެ. ސައިކަލު ކައިރިކޮށްފައި،އަރަން ބުނާއިރަށް އެއްވެސް ދެކޮޅު ހެދުމެއްނެތި އަހަރެންގެ ފަހަތުގައި އިށީންނެވެ. ސައިކަލު ދުއްވާލަމުން އަހަރެން ޝިޔުއާއި ދިމާއަށް އެނބުރުމުން، ދާންވީތަން ޝިޔު ބުންޏެވެ.

އަހަރެން އެކިވާހަކަ ދެއްކީމެވެ. އެހެންމަވެސް ޝިޔު ހުރީ ވަރަށް މަޑުންނެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. ޝިޔު އިށީންދެގެން ހުރީ އަހަރެންގެ ގައިގައި ނުޖެހޭވަރަށް ދުރުގައެވެ. ޝިޔުގެ އަތުގައި ފޮތްތައް ހުރުމުން އަހަރެން ދުއްވީ ފުދޭވަރަކަށް ބާރަށެވެ. އަވަހަށް ގެއަށް ގެންގޮސްދިނުމުގެ ގަސްތުގައެވެ. އެހެންނަމަވެސް ޝިޔު ތެމިފައި ހުރުމާއެކު، ކައްސަމުން އައިސް އެއްކޮށް އަހަރެންގެ ގައިގައި ޖެހުނެވެ.އެވަގުތު އަހަރެންނަށް ކުރެވުނީ ވަރަށް އެހެންކަހަލަ އިހްސާސްއެކެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔަކަހަލައެވެ. ދުރަށްޖެހެން ޝިޔު މަސައްކަތް ކުރިއެވެ. އެހެނަސް އެވަގުތު އަނެއްކާވެސް ވިއްސާރަ ބޯކޮށްލުމުން އަހަރެންނަށް މަޖުބޫރުވީ އިހުނަށްވުރެއްވެސް ބާރަށް ދުއްވާށެވެ. އެހެންކަމުން ޝިޔުގެ އެއްއަތުން އަހަރެންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އެއީ އަބަދުވެސް އަހަރެން ބޭނުވާ ގޮތެވެ.ހިތްއެދެނީ ޝިޔު އަބަދުވެސް އަހަރެންނާއި އެހާ ކައިރީގައި ހުރުމަށެވެ.

އެރޭގެފަހުން އަހަރެންނާ ޝިޔުގެ ގުޅުން މަޑުން ބަދަލުވަމުން ގޮސް އަހަރެމެން ދެމީހުންގެ ދެމެދުގައި ވަރަށް ގާތްގުޅުމެއް އުފެދުނެވެ. ގިނަވަގުތުތައް އެކީގައި ހޭދަ ކުރީމެވެ. ދިރިއުޅުމުގެ ވާހަކަތައް އެކަކު އަނެކާއި ހިއްސާ ކުރީމެވެ. އަހަރެންނަށް ޝިޔު ފެނުނުފަހުން ކަންތައްވީ ހުރިހާގޮތެއް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަތައް އަޑުއިވުމުން ހައިރާންވެފައި ޝިޔު ހުއްޓެވެ. އެހެންނަމަވެސް އަހަރެންގެ އިހްސާސްތަކަށް ޝިޔު އިޙްތިރާމް ކުރިއެވެ. އެކަކުވެސް ލޯބި ހުށަހެޅުމެއްނެތި، ލޯބީގެ ގުޅުމެއް ދެމީހުންގެ މެދުގައި އުފެދުނެވެ. އަހަރެމެން ދެމީހުން އުޅުނީ ވަރަށް ލޯބިންނެވެ. ޝިޔު އަހަރެންނަށް ވަރަށް އަޅާލައެވެ. އަހަރެންގެ ކުދި ކުދި އުފާތަކަށް ސަމާލުކަންދެއެވެ. އަބަދުވެސް ޝިޔުގެ ވަރަށް ބަސްމަދުވާނެއެވެ. އެހެންނަމަވެސް ޝިޔުގެ އަމަލުތައް ޝިޔު އަހަރެންދެކެ ލޯބިވާވަރު އިހްސާސްކޮށްދިނެވެ. ޝިޔު ދެރަވާ ކަހަލަ ކަންތައް އަހަރެން ކުރިޔަސް ޝިޔު އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ.ޝިޔުގެ އެއްވެސް ކުށެއްނެތި ބައެއްފަހަރު އަހަރެން ޝިޔު ދެކެ ހިންހަމަ ނުޖެހިފައި ހުންނަމެވެ. މައްސަލަޔަކީ އަހަރެން ދިމާވާން ބޭނުންވާއިރު ޝިޔުއަށް ވަގުތު ނުވުމެވެ. އަހަރެން ފޯނުން ވާހަކަ ދައްކަން ބޭނުންވާއިރު ޝިޔު ބިޒީވުމެވެ.ކިޔެވުމުގައި ޝިޔު އުޅެނީ ވަރަށް ބުރަކޮށެވެ.ސްކޫލުގެ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާނެއެވެ. އެކަމާވެސް ބައެއްފަހަރު އަހަރެން ހިތްހަމަ ނުޖެހިފައި ހުންނަމެވެ. އެހެންނަމަވެސް ޝިޔުއަށް ވީވަރަކަން އަހަރެންނަށް ވަގުތު ދޭނެއެވެ. އަހަރެން ހިތްހަމަ ނުޖެހިފައި ހުންނަނަމަވެސް ވަރަށް ދެރަވާނެއެވެ.އެހެންނަމަވެސް ޝިޔު އަބަދުވެސް އެންމެ އިސްކަންދޭނީ ކިޔެވުމަށެވެ.

މިގޮތުގައި 7 މަސް ފާއިތުވެއްޖެއެވެ. އަހަރެމެން ދެމީހުންގެ މެދުގައި ކުދި ކުދި މައްސަލަތައް ޖެހުނުކަމުގައިވިޔަސް ޝިޔު އެކަންތައް މާބޮޑު ކަމަކަށް ނަހަދާތީ، ހިތްހަމަނުޖެހުން ވަރަށް އަވަހަށް އޮބިގެން ދެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ރުޅިއަންނަނީ ޝިޔުގެ ކުށެއްނެތިކަން އަހަރެންނަށް ވިސްނައިދެއެވެ. ގިނަމައްސަލަޖެހެނީ އަހަރެންނަށް ޝިޔުދެކެ މާބޮޑަށް ލޯބި ވެވޭތީއެވެ. އަބަދުވެސް ޝަކުވާ ކުރެވެނީ ޝިޔު ނުފެނި ގިނައިރު ވާތީއެވެ.

އެހެންނަމަވެސް ހުރިހާކަމެއް ބަދަލުވީ ޝިޔު ސްކޫލު ނިމުމުންނެވެ. އޭ.ލެވެލް ގެ ނަތީޖާ ލިބުމާއެކު އޮސްޓްރޭލިއަށް ކިޔަވަން ދިޔުމަށް ޝިޔުއަށް 3 އަހަރު ދުވަހުގެ ސްކޯލަރ ޝިޕެއް ލިބުމުންނެވެ. އޭރު އަހަރެންގެ އުމުރުން 24 އަހަރެވެ. ޝިޔުއަށް 19 އަހަރެވެ. އެހެންކަމުން އަހަރެން ބޭނުންވީ ދުވަސްކޮޅެއް ފަހުން ކައިވެނި ކުރާށެވެ. ސްކޯލަރ ޝިޕް ލިބުމުގެ ކުރިން ޝިޔުގެ ހިޔާލު އެގޮތައް ހުއްޓަސް، ފަހުން ޝިޔު ބޭނުންވީ އޮސްޓްރޭލިޔާއަށް ދާށެވެ. އަހަރެންގެ ހިތްހަމަޖައްސައިދޭން ކައިވެންޏަށްފަހު ފުރަންވެސް ޝިޔު ހުރީ ތައްޔާރަށެވެ. އެހެންނަމަވެސް ޝިޔުގެ ނިންމުމަކަށް އަހަރެންނަކަށް އެއްބަހެއް ނުވެވުނެވެ. އަހަރެން ބޭނުންވީ ޝިޔު އެފުރުސަތު ދޫކޮށްލާށެވެ. އެހެންމަވެސް ޝިޔުގެ ނިންމުން ބަދަލެއް ނުވިއެވެ.
ޝިޔު އަކީ އަބަދުވެސް އަހަރެންގެ މީހެއްކަމަށް އެތައްފަހަރަކު ޝިޔު ޔަގީންކޮށްދިނެވެ.3 އަހަރު ދުވަސްވަންދެން ޝިޔުއަށް އިންތިޒާރު ކޮށްދިނުމަށް އެދި އެތައް އާދޭހެއް ކުރިއެވެ. އެހެންނަމަވެސް އެހާ ގިނަދުވަހަށް ޝިޔުއާއި ދުރުގަ ހުންނަން އަހަރެންނަކަށް ގަބޫލެއް ނުވެވުނެވެ. އެގޮތެއް ބޭނުމެއް ނުވިއެވެ.

-ނުނިމޭ-

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-05 00:09:21 | Report this Comment
ވާހަކަ ކިޔާމީހާ:

އަޅެ ވަރަށް ސަޅި..އަވަހަށް އަޕްލޯޑް ކޮށްދެއްޗޭ..ވަރަށް އިންޓްރެސްޓިން. ޕުލީޒް

Posted on 2010-09-05 12:55:13 | Report this Comment
ސުޙާ:

ވވވވވވވވވވވވވވވވވވވވވވ ރީތި މިވާހަކަ އެކަމަކު އަވަހަށް އަޕްލޯޑް ކޮށް ދެއްޗޭ

Posted on 2010-09-05 22:32:42 | Report this Comment
ސހ:

ސަޅި

Posted on 2010-09-09 12:54:23 | Report this Comment
ހުސެން:

ނައު ހަމަ މޮޅީ ސިފަކުރުން ވަރަށް ސަޅި

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.