
މާލެ އައިސް އޭނާ އުޅެން ފެށީ އުފާވެރި ދިރިއުޅުމެކެވެ. ލޯބިވެރިޔާއާއެކީ އުފާވެރި މުޅި އުމުރު ހޭދަކުރުމުގެ ފޮނި ހުވަފެންތައް ދެކެމުންއައީ އެނޫން އެހެން މީހަކު ބޭނުންނުވާތީއެވެ. ރީތިހާ އެއްޗެއްގެ ފަހަތުން ދުވުމަކީ އެއްއިރެއްގައިވެސް އޭނާ ކުރި ކަމަކަށް ނުވާތީއެވެ. ޝައިބާއާއި އޭނާއާއި ދިމާވީ ގެއިންނެވެ. ދެކެފަރިތަ ގުޅުން ރަހުމަތްތެރިކަމަށް ބަދަލުވެ ދެމީހުން ދެލޯބިވެރިންނަށްވެސް ވީއެވެ. އެހެންނަމަވެސް އެއްގެއެއްގެ ގޭތެރޭގައި ވެސް އޭނާ އެގުޅުން ބާއްވަމުން އައީ އޭނާގެ ގޭގެ މީހުންނަށް ސިއްރުކޮށްގެނެވެ. އެއީ މަންމަމެން ހިތްހަމަނުޖެހިދާނެތީއެވެ. މަންމަމެން އެންމެންނަށް ސިއްރުން އޭނާ ދިޔައީ އޭނާގެ ދިރިއުޅުން ބިނާ ކުރާނެ ގޮތުގެ ހުވަފެނަތައް ދެކެމުންނެވެ. އެހެންނަމަވެސް ވާނީ ތަގުދީރުގައި ލިޔެވިފައި އޮތްކަމެއްތާއެވެ. ލިބޭނީ އެމީހަކަށް މިންވަރު ކުރައްވާފައި އޮތް އެއްޗެއްތާއެވެ.
އާއެކެވެ. ވާނީ ތަގުދީރުގައި ވާން އޮތް ކަމެކެވެ. މިއަދު އެކަން ޝަބްނަމްއަށް މާބޮޑަށްވެސް ގަބޫލު ކުރެވިއްޖެއެވެ. އެކަމަކު ބައެއް މީހުން ރަހުމަތްތެރިންގެ ގޮތުގައި އަނެއް މީހާ ފިރިމީހާގެ ސިފައިގައި އައިސް އޭނާއަށް އެހާ ބޮޑު އޮޅުވާލެމެއް އޮޅުވާލަފާނެކަމަށް ހީކުރާނީވެސް ކާކު ހެއްޔެވެ؟ އެހެންވީމާ ސަބާހު ބޭނުންވީ ޝައިބާއާއި އިންނަން ގޭމީހުން ގަބޫލު ނުވެދާނެތީ އެމީހަކާ އިނދެގެން ހުރެ އޭނާއަށް އެހެންމީހުންނާ ހަމައަށް ދެވޭނެ ކަހަލަ މީހަކާ އިންނަންތާއެވެ. އޭނާއަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އިޝާން އޮޅުވާލީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް އެދެމީހުންގެ ދެމެދުގައި ގުޅުމެއް އޮންނަކަން އޭނާއަށް ސިއްރު ކުރީ ކީއްވެގެން ހެއްޔެވެ؟ އެދެމީހުން އޭނާގެ ދިރިއުޅުމާ އެގޮތަށް ކުޅުނީ ކީއްވެގެން ހެއްޔެވެ؟ ސަބާހު އޭނާއަށް އެހެން ހެދީ ކީއްވެގެން ހެއްޔެވެ؟
"ޝެމީ! ސައިކަލަށް އަރާބަލަ!" މާނިލް އައިސް ޝަބްނަމްއާއި ހަމައަށް ސައިކަލު މަޑުކޮށްލިއެވެ.
" އަހަރެން އެކަނި މިވަގުތު ދޫކޮށްލާ!" ޝަބްނަމް މާނިލްއާއި އެކު ދާކަށް ބޭނުމެއްނުވެއެވެ. އޭނާ ބޭނުންވަނީ މިވަގުތު އެކަނިވެލާށެވެ. އެކަރުނަތައް އެއްވެސް މީހަކަށް ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ.
" ޝެމީ! އެމީހުންގެ ވާހަކަތައް އެއްކޮށް އަހާލިނަމައެއްނު އަދި ވީ ގޮތެއް އެގޭނީ. އަހަރެން ހިއެއް ނުކުރަން ސޮބާމެން އެހާ މަކަރުވެރިކަމަކަށް" ޝަބްނަމް ހުއްޓުމުން މާނިލް ސައިކަލް މަޑުކޮށްލިއެވެ.
"އަހަރެންނަށް އެއްވެސް މީހެއްގެ ހަމްދަރުދީއެއް ބޭނުމެއްނުވޭ! އަހަރެން މިދަނީ ގެއަށް ދާން. ދެން އެކަހަލަ މީހެއް ދައްކާ ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން." ޝަބްނަމް ހުރީ އެންމެން ދެކެ ރުޅިއައިސްފައި ކަހަލައެވެ. މާނިލްއާއިވެސް އޭނާއަށް މުޙާތަބު ކުރެވުނީ ވަރަށް ހަރުކަށިކޮށެވެ.
" ޝެމީ އަހަރެން ގެންގޮސްދީފާނަމޭ. ހިގާ ދާން." ޝަބްނަމްގެ އަތުގައި މާނިލް ހިފައިލިއެވެ.
ސަބާހުގެ ހިޔާލުތައް ވަނީ ދުވަސްތަކެއް ކުރީގައެވެ.
އެއްދުވަހަކު މެންދުރުފަހު އޭނާ ހޮސްޕިޓަލަށް ދިޔައީ ބަލިމީހަކަށް ލޭ ދޭންވެގެންނެވެ. އަބަދުވެސް އެހީތެރިކަން ބޭނުންވާ ބަލިމީހުންނަށް އެހީތެރިވާ އާދައިގެ މަތިންނެވެ. ނަމަވެސް ލޭ ޓެސްޓު ކުރުމަށްފަހު ޑޮކްޓަރުން ބުނީ އަދި އިތުރު ޓެސްޓުތަކެއް ކުރަން ޖެހޭނެކަމުގައެވެ. ސަބާހުގެ ލޭގައި މައްސަލައެއް އުޅޭ ކަމުގައެވެ. ސަބާހުގެ ސުވާލުތަކަށް ޖަވާބުދެވޭނީ ފަހުން ކަމަށް އެމީހުން ބުންޏެވެ. ސަބާހު އެތަނުން ނިކުމެގެން ދިޔައީ ހިތްހަމަނުޖެހި ހުރެގެންނެވެ. އޭނާގެ ލޭގައި މައްސަލައެއް އުޅެންވީ އެއްވެސް ސަބަބެއް އޭނައަކަށް ނުވިސްނެއެވެ. އެވާނީ އެމީހުންނަށް ރަނގަޅަށް ތަޙުލީލު ނުކުރެވެނީ ކަމަށެވެ. އެރޭ ރޭގަނޑު އޭނައަށް ހޮސްޕިޓަލުން ގުޅިއެވެ. ހޮސްޕިޓަލަށް އަންނަން ބުނުމުން އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ވެގެން އުޅެނީ ކިހިނެތްކަން ނޭގޭތީއެވެ. ހޮސްޕިޓަލަށް ދިޔުމުން އެދުނީ ޑޮކްޓަރ އިޝާންއާއި ބައްދަލުކޮށްލާށެވެ. އޭނާ އިޝާންއާއި ބައްދަލުކުރިއެވެ. އެއްވެސް ޖެހިލުމެއް ނެތިއެވެ. އިޝާންއަކީ އޭނާގެ ރަހުމަތްތެރިއެކެވެ. އެދެމީހުންގެ ދެމެދުގައި އެގާތްކަން އުފެދުނީ ދެމީހުން އިނގިރޭސިވިލާތުގައި ކިޔަވަމުންދިޔަ ދުވަސްވަރުއެވެ. އެހެންނަމަވެސް އެއީ ސީއެޗްއެސްސީގައި އޭލެވެލް ހަދަމުން ދިޔައިރުއްސުރެ ދަންނަ ދެކެފަރިތަ ދެމީހުންނެވެ. އޭނާގެ ކުރިމަތީގައި ހުރި އިޝާންގެ މޫނުމަތީގައި ހުރި ކަންބޮޑުވުން ފެނުމުން އޭނާއަށް ދެތިންފަހަރަކު އަހާލެވުނެވެ. އޭނާގެ ސުވާލުތަކަށް ޖަވާބެއް ނުދީ ރިޕޯޓުތައް ކިޔަންމުންދިޔައެވެ.
" ސަބާހު ގަޔަށް މިއިން ދުވަހަކު ލޭއަޅަން ޖެހުނުތަ؟" އިޝާން ގޮނޑި މޭޒާ ކައިރިކޮށްލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.
" މިފަހަކުން ނުޖެހޭ. ކިހިނެތްތަވީ؟ ޝާން އަހަރެން ނުތަޅުވާ ވެގެން އުޅޭ ގޮތެއް ބުނެދީބަލަ؟" ސަބާހުވެސް ހުރީ ކަންބޮޑުވެފައެވެ.
" އެހެންވެއްޖެއްޔާ އެއްވެސް މީހަކާ އެކު އަންސޭފް ސެކްސް؟ " އިޝާންގެ އެސުވާލުން ސަބާހު ކަންބޮޑުވުމުން އިތުރުވިއެވެ.
" ނޫން.ޝާން ދެން ތީ ކޮންކަހަލަ ސުވާލެއްތަ؟ ނެތް އެއްވެސް ތިކަހަލަ ކަމެއް ހިގާފައެއް. ހިގި ނަމަ އަހަރެން ބުނެފައެއްނު އޮންނާނީ.ކިހިނެތްތަ ވީ؟" ސަބާހު ގޮނޑި މޭޒާ ކައިރިކޮށްލިއެވެ.
" ސަބާހު ބުނީމެއްނު ދުވަސްތަކެއް ކުރިން އިންޑިއާގަ އެކްސިޑެންޓެއްވި ވާހަކަ. އެފަހަރު ލޭ އެޅިތަ؟" ސަބާހުގެ އެޖަވާބަކުންވެސް އިޝާންއަށް ހަމަޖެހުމެއް ނުލިބުނު ކަހަލައެވެ. އޭނާ ބޭނުންވާ ޖަވާބު އަދިވެސް އޭނާއަށް ނުލިބޭ ކަހަލައެވެ.
" އާނ. އެޅި. އެކަމަކު އެއީ މީގެ 6 މަންތްސް ކުރިން. އެކަމަކާ މިހާރު ކޮންކަމެއްތަ؟ ސަބާހު ހުރީ ވާނުވާ ނޭގިފައެވެ. އެހެންނަމަވެސް އެސުވާލުތަކުން އޭނާގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދިއްޖެއެވެ. އަނެއްކާ............އެކަމަކު އެހެންވާންވީ ކިހިނެތް ހެއްޔެވެ؟
" ވަރަށް ބޮޑަށް ގުޅުން އެބައޮތް. އޭރު ރަނގަޅަށް ބަލާނުލެވުނު ކަމުން މިއަދު މިހެން މިވީ." އިޝާންގެ މޫނުމަތިން ފެނުނީ ހިތާމައިގެ އަސަރެވެ.
" ކިހިނެތްތަ ވީ؟ ޝާން އަހަރެން ބިރުގަންނަވަން ނޫޅެ ބުނަންވީނު؟ ސަބާހުގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ.
" މިއީ ސަމާސާއެއް ނޫން. އަހަރެން ނޫޅެން ބިރުގަންނުވާކަށް. މިރިޕޯޓުތައް ބުނާ ގޮތުންނަމަ ސޮބާގެ ލޭގައި އެޗް އައި ވީ އެބަހުރި. " އިޝާނެގެ އެޖުމްލަ އޭނާއަށް އަޑުއިވުނީ ހޮނު ގުގުރިއެއްގެ ގޮތުގައެވެ. އޭނާއަށް ހުރީ ޔަގީންނުކުރެވިފައެވެ.
"އެހެން ކިހިނެތްތަ؟ އަހަންނަށް އެއްވެސް ކަމެއްނުވޭ. ހަމަ ފިޓް." ސަބާހުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ތިކަން އެގޭ. އެހާ އަވަހަކަށް އެޗްއައިވީގެ އަސަރެއް ކުރާކަށް ނުފަށާނެ. އެޗްއައިވީގެ އަސަރު ކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެތައް އަހަރެއް ފަހުން ބަލީގެ ނިޝާންތައް ފެންނަ މީހުން. ގިނަފަހަރަށް މި ބަލި ފެތުރެން ދިމާވާ ސަބަބަކީވެސް އެއީ.ސަބާހުއަށް ވެސް މިކަން އެގޭނެ" ސަބާހުއާއި އެއްވަރަށް އިޝާންވެސް ހުރީ ދެރަވެފައެވެ. އެއީ އޭނާގެ ރަހުމަތެރިޔާއެވެ. އެފަދަ ރަހުމަތެރިއެއްގެ ގާތުގައި އެފަދަ ވާހަކައެއް ބުނުމަކީ ކިހާ އުނދަގޫ ކަމެއްކަން އެގޭނީ ހަމަ އެފަދަ ވަގުތެއްގައި އެފަދަ މީހަކަށެވެ.
" އެކަމަކު އަހަރެންނަށް ކިހިނެތް؟ ތިވާނީ ޝާންމެންނަށް އޮޅުނީކަމަށް. އަލުން ޗެކް ކުރޭ" ސަބާހުގެ އަޑުގައިވަނީ އަމުރުވެރި ގޮތެކެވެ. އޭނާއަކަށް އެވާހަކަތަކެއް ގަބޫލެއް ނުކުރެވުނެވެ.
" އަހަރެން ކިތަންމެ ފަހަރަކު ޗެކްކޮށްފިން. އެގެއެއްނު އަހަރެން ކުރާނެކަން. ސޮބާ ބޭނުންވަންނާ އަހަރެން އަމިއްލައަށްވެސް ޓެސްޓު ހަދާފާނަން." އިޝާންވެސް ބޭނުންވަނީ އެއި އެއީ ނުވާ ކަމަކަށް ވާށެވެ.
ސަބާހުގެ އެދުމުގެ މަތިން އިޝާން އަނެއްކާވެސް އެޓެސްޓު ހެއްދިއެވެ. އެހެންނަމަވެސް ނަތީޖާ ބަދަލެއް ނުވިއެވެ. ސަބާހުގެ އެދުމުގެ މަތިން ދުވަސްވީ ރަހުމަތެރިކަމަށްޓަކައި އިޝާން އެވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނެ ސިއްރުކުރިއެވެ. އަދި ހޮސްޕިޓަލުގެ އެކަން އެގުނު މުވައްޒަފަށްވެސް އެކަން ސިއްރުކުރުމަށް އެންގިއެވެ. އެހެންނަމަވެސް ސަބާހުއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ލިބޭނީ ކިހިނެތް ހެއްޔެވެ؟
އަނެއްކޮޅުން އެދުވަސްކޮޅު މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. މަންމަ ބޭނުންވީ މަންމަ ދުނިޔެއާއި ވަކިވުމުގެ ކުރިން އޭނާ މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ފަށާށެވެ. މަންމަގެ އެއެދުން ފުރިހަމަ ކުރުމަށްޓަކައި އޭނާ މީހަކާ އިންނަން އެއްބަސްވީއެވެ. އޭނާގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. ޝައިބާއަށް އިދެވޭކަށްވެސް ނެތެވެ. އެހާކުރު މުއްދަތަކަށް އެކު އުޅެލާފައި އުމުރު ދުވަހުގެ ވަކިވުމުގެ ހިތްދަތިކަން ޝައިބާއަށް ދޭކަށް އޭނާގެ ހިތެއް ނުރުހުނެވެ. ޝައިބާ އޭނާ ދެކެ ލޯބިވާވަރު އެގޭތީއެވެ. އެކަމކުގެ ހައްލަކަށް އޭނާއަށް ފެނުނީ އޭނާދެކެ ލޯބިނުވާނެ ކަހަލަ ކުއްޖަކު ހޯދުމެވެ. އެކަހަލަ އަންހެންކުދިންވެސް އުޅޭ ހެއްޔެވެ؟ އެކަހަލަ އަންހެންކުދިން އުޅޭ ކަމަށް އޭނާއަށް އޭރު ކުރެވުނީ ހީއެކެވެ. ޝަބްނަމް އޭނާއަށް ފެންނަނީ މަގުމަތިންނެވެ. ޝަބްނަމްގެ މޫނުމަތިން ފެންނަނީ ސާބިތު ކަމެކެވެ. އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމެވެ. އޭނާއަށް ޝަބްނަމްގެ މޫނުމަތިން ފެނުނީ އެހެން އަންހެންކުދިން ކިބައިން ނުފެންނަ ކަމެކެވެ. އިޝާން ބުނީ ޝަބްނަމްއަކީ އެހެން ކުދިންނާ ތަފާތު އަންހެންކުއްޖެއް ކަމުގައެވެ. އެއްވެސް ފިރިހެނަކާ އެއްވެސް ގުޅުމެއް ބާއްވަން އޭނާ ބޭނުންނުވާ ކަމަށެވެ. އޭނާ ޝަބްނަމްއަށް ގުޅިއެވެ. ޝަބްނަމްއާއި ވާހަކަދެއްކިއެވެ. ހައްލައިލެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެހެން އެކަމެއް ނުވިއެވެ. ޝަބްނަމް އޭނާއާދި ދިމާއަށް ބުންޏެވެ. "ދުވަހަކުވެސް އަހަރެން އެއްވެސް ފިރިހެނެއް ދެކެ ލޯބިނުވާނަން. ކަލޭވެސް އަހަރެން ދެކެ ވަނީ ލޯތްބެއް ނޫން. ކަލޭވެސް ތިއުޅެނީ އެހެންކަމަކާ" އެއީ ޝަބްނަމްއަށް އޭނާ ގުޅާތާ އެތައް ދުވަހެއް ފަހުން އޭނާއަށް ޝަބްނަމްގެ ފަރާތުން ލިބުނު ޖަވާބެވެ. އެދުވަހު އޭނާއަށް އެގުނު އެއްޗަށް ބިނާކޮށް އޭނާ ޝަބްނަމްއާއި އިންނަން ނިންމިއެވެ. އޭނާއާއި އިންނަން އެތައް ކުދިންނެއް ތިބީ އިންތިޒާރުގައިކަން އޭނާއަށް އެގެއެވެ. އެހެންނަމަވެސް އޭނާއަށް ކޮންމެކޮންމެ މީހަކު އޭނާގެ ގެއަށް އަންބެއް ގޮތުގައި ނުގެންދެވޭނެއެވެ. އެއީ އޭނާގެ އާއިލާގެ އިއްޒަތާ ގުޅިފައިވާ ކަމެކެވެ. އެއްވެސް މީހަކު އޭނާގެ އަނބިމީހާއާއި ދިމާއަށް އިނގިލި ދިއްކޮށްލެވޭކަހަލަ އަންބަކު އޭނާއެއް ބޭނުމެއްނޫނެވެ.
އެކަމަކު ޝަބްނަމް ވީ އޭނާ އުއްމީދު ކުރިކަހަލަ އަންހެންކުއްޖަކަށް ނޫނެވެ. އެއީ އާދަޔާޚިލާފު އަންހެންކުއްޖަކަށެވެ. އެޝަހުސިއްޔަތުގެ ފޮރުވިފައިވާ އަންހެނާ އޭނާއަށް ފެނުނީ ކައިވެނީގެ ފަހުންނެވެ. ކުޑަކޮށްވެސް ލޯތްބެއް ޝައުގުވެރިކަމެއް ނެތި ކައިވެނި ކުރި ނަމަވެސް ޝަބްނަމް އޭނާގެ ހިތަށް ބާރު ފޯރުވާންފެށިއެވެ. ޝަބްނަމްގެ ފުރިހަމަކަމުގެ ސަބަބުން އޭނާއަށް ޝަބްނަމްއާއި ގާތްވެވެން ފެށިއެވެ. ބައެއް ފަހަރު އަމިއްލަ ހާލަތު ހަނދާންނެތި ޝަބްނަމްގެ ދާވަނި އުފަލުން ފުރާލަދޭން އޭނާ ބޭނުންވެއެވެ. ޝަބްނަމް ރަށުގައި ކުޅިކައިރިއަށް ގޮސް ދެއްކި ވާހަކަތަކުން ޝަބްނަމް އޭނާ ހުރިހާ ގޮތަކުންވެސް ފިރިއެއްގެ ގޮތުން ގަބޫލު ކުރާކަން އޭނާއަށް އެގުނެވެ. އޭނާ އަވަހަށް މާލެ އައީ އެހެންވެއެވެ. ޝަބްނަމްއާއި ދުރަށް ދިޔުމަށްޓަކައެވެ. އެހެންނަމަވެސް ޝަބްނަމް މާލެ ދިޔުމުން އޭނާއަށް ޖެހުނީ ޝަބްނަމް ގެއަށް ގެންދާށެވެ.
Posted on 2010-09-04 02:00:07 |
Report this Comment
Posted on 2010-09-04 03:53:23 |
Report this Comment
Posted on 2010-09-04 04:21:27 |
Report this Comment
Posted on 2010-09-04 05:03:27 |
Report this Comment
Posted on 2010-09-04 05:42:59 |
Report this Comment
Posted on 2010-09-04 09:38:55 |
Report this Comment
Posted on 2010-09-04 18:58:52 |
Report this Comment
Posted on 2010-09-04 19:03:26 |
Report this Comment
Posted on 2010-09-04 19:10:31 |
Report this Comment
Posted on 2010-09-05 14:55:04 |
Report this Comment
Posted on 2010-09-06 05:59:11 |
Report this Comment
Posted on 2010-09-06 19:01:58 |
Report this Comment