
" ޝާން. ސާއީ އެދަނީ ޕްލަސަރއެއްގައި އެހެން ފިރިހެނަކާއިއެކު. އެކަމަކު ޝާން ބުނާނެ އެއީ ނަމްބަރ ވަންއޭ." ޝިޔާން ގުޅާލާފައި ބުންޏެވެ.
" އެވާނީ ރައްޓެއްސަކަށް. އަޅާނުލާ." އަހަރެން ބުނީމެވެ.
" ކިހިނެއްތަ އަޅާނުލާ ހުންނާނީ؟ ސާއީ އެއިނީ އޭނަގައިގައި ބައްދާލައިގެނޭ. އެއީ ރައްޓެހިން ތިބޭގޮތެއްނޫން. އަހަރެންގެވެސް ތިބޭ އަންހެން ރައްޓެހިކުދިން. އެކަމަކު ސައިކަލްގައި ދާއިރު އެކުދިންވެސް އެހެނެއް ނުތިބޭ. ސާއީ ހާދަ ރަނގަޅޭދޯ ރައްޓެހިންނަށްވެސް." ޝިޔާން ބުނެލިއެވެ.
އަހަރެން އިތުރަށް ވާހަކަ ނުދައްކާ ފޯން ބޭއްވީމެވެ. ސާއީ ހާދަހާ ވާ މޮޅެވެ. އަހަރެން ވަގުތުން ސާއީއަށް އެސް.އެމް.އެސް ކުރީމެވެ. ގުޅައިގެން އަހަންނަށް ރީތިކޮށް ވާހަކަ ނުދެއްކޭނެތީއެވެ. ސާއީ ބުނީ އަވަހަށް ތަނަކަށް ދާންވެގެން ރައްޓެއްސަކާއި އެކު ދިޔައީކަމަށެވެ. ރައްޓެހިންނާއި ވާހަކަ ނުދައްކާށޭ ނުބުނާކަމަށެވެ. އެކަމަކު ދެން އެކަހަލަ ކަމެއް ނުވާނެ ކަމަށެވެ. އަބަދުވެސް ވަނީ އެހެންނެވެ. ދެން އެފަދަ ކަމެއް ނުވާނެއެވެ. ސާއީގެ ޢާއްމު ބަހަކީ އެއީއެވެ.
އަހަރެންގެ ހިތަށް އެރިއެވެ. ދެން މިވަރަކުން ނުވާނެއެވެ. ސާއީގެ ޙަޤީޤަތް އަހަރެން ހޯދަން ވެއްޖެއެވެ. ނޫނީ އަހަރެންގެ ދިރިއުޅުން ހަލާކުވެދާނެއެވެ. އަހަރެން ސާއީދެކެ ނިހާޔަތަށް ލޯބިވެއެވެ. އަހަރެން ލޯބިވާ މީހެއްގެ ޙަޤީޤަތް ހޯދުމަކީ އަހަރެންގެ ޒިންމާއެކެވެ. ދުރުން މީހަކު އައިސް އަހަންނަށް އެކަމެއް ނުކޮށްދޭނެއެވެ. އަނެއްކޮޅުން ކިތަންމެ ތެދުވެރި އަންހެން ކުއްޖަކަސް އެއްވެސް ފިރިހެނަކަށް މާޒީގެ ހުރިހާ ޙަޤީޤަތެއް ކިޔައެއް ނުދޭނެއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެއްވެސް މީހަކަށް ނުދައްކާ ކަޅު ސަފްޙާއެއް އޮންނާނެއެވެ. އެކަން އަހަރެން ދަންނަމެވެ.
އަހަރެން ސާއީގެ ސިމްގައިވާ ނަމްބަރތަކަށް އެސް.އެމް.އެސްކުރަން ފެށީމެވެ. ހުރިހާ އެންމެންނަށްވެސް އަހަރެން ހުށަހަޅާލަނީ އެންމެ ސުވާލެކެވެ. ސާއީ ދަންނަންހެއްޔެވެ؟ ހަތަރު ނަންބަރަކުން ދަންނަކަމަށް ބުނެލިއެވެ. ހުރިހާ އެންމެވެސް ބުނަނީ ހަމަ އެކައްޗެކެވެ. ސާއީ އަކީ ރަނގަޅު ކުއްޖެއް ނޫންކަމެވެ. ދެމީހުން އެއްވެސް މަޢުލޫމާތެއް ނުދޭނެކަމަށް ބުންޏެވެ. ދެންވެސް އަހަރެން ސިމްގައިވާ ނަމްބަރުތައް ބަލަމުން ދިޔައީމެވެ. ސާއީ ބައެއް ނަމްބަރުތައް ސޭވްކޮށްފައިވަނީ ވަރަށް މޮޅަށެވެ. އެއްވެސް ނަމެއް ޖަހާފައެއް ނެތެވެ. އެ ނަމްބަރުތައް ހުރީ ސިމްބަލްސްޖަހާ ސޭވްކޮށްފައެވެ. އެފަދަ ތިން ނަންބަރު އޮތެވެ. އަހަރެން އެނަންބަރުތަކަށްވެސް އެސް.އެމް.އެސްކުރީމެވެ. ކުއްލިއަކަށް އޭގެއިން އެއް ނަމްބަރުން އަހަންނަށް ގުޅިއެވެ.
" ކީއްކުރަންތަ ސާއީގެ މަޢުލޫމާތު ތިހޯދަނީ؟" އެކޮޅުން ވާހަކަ ދެއްކި މީހާ އަނހާލިއެވެ.
" އެއީ މިހާރު އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ. އެހެންވެގެން. އަނެއްކޮޅުން އަހަރެން ބޭނުން އަހަރެން ރައްޓެހިވެގެން މިއުޅެނީ ކިހާވަރެއްގެ އަންހެން ކުއްޖެއްތޯ ބަލާލަން. މިޒަމާނަކީ ރަނގަޅު މީހުން މަދު ޒަމާނެއް." އަހަރެން ބުނީމެވެ.
" އެހެން ވިއްޔާ ތިހިރީ ގޯސް މީހަކާއި ޖެހިފައި. އަހަރެން އޭނާ ވަރަށް ރަނގަޅަށް ދަންނަން." އޭނާ އެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ.
" ކީއްވެ ތިހެން ތިބުނީ؟" އަހަރެން އަނހާލީމެވެ.
" މިކިޔައިދެނީ. އަހަންނަށް ކިޔަނީ މުޝާހިދު. އަހަންނަކީ ގއ.ވިލިނގިލީ ކުއްޖެއް. އެއީ އަހަރެންގެ ބައްޕަގެ ދޮން ދަރިއެއް. ތަންކޮޅެއް ކުރިން އޭނާ ޗުއްޓީއެއްގައި މިރަށަށް އައި. އަހަންނަށް ފުރަތަމަ ފެނުމުންވެސް އިނގުނު ވަރަށް ފަސޭހައިން އޭނައަށް ބޭނުންގޮތެއް ހަދާލެވޭނެކަން. އެކަންވީވެސް ހަމަ އެހެން. އަހަރެން ސާއީއާއިއެކު ބަރާބަރު ހަމަސްދުވަހުގައި އަނބިފިރިކަމުގެ ގުޅުން ބޭއްވިން! އަހަރެންގެ ދަރިއަކަށް އޭނަ ބަލިވެނީނީވެސް ކިރިޔާ! އަދި ބުނަންތަ! ދުނިޔޭގެ ކޮންމެ ތާކު އޭނަ ހުއްޓަސް، އެތަނަކަށް އަހަރެން ގޮސްފިއްޔާ އޭނާ އަހަންނަށް ބުނިކަމެއް ކޮށްދޭނެ މީހަކާއި އިނދެގެން ހުއްޓަސް. އަހަރެން ސާއީއަށް ދިން ލޯބި އެހެން އެއްވެސް ފިރިހެނަކަށް ނުދެވޭނެ." މުޝާހިދު ކިޔައިދިނެވެ.
" ހަމަ ތެދެއްތަ؟" އަހަރެން ވަރަށް ދެރަވިއެވެ.
" އަހަރެން ޚަތިމަށް އަތްލާ ހުވާވެސްކޮށްދާނަން. އަޑެއްނާހަންތަ؟ އައްޑޫ ބަޑިންނޭ ކިޔާއަޑެއް. އެއީ ހަމަ ފައްކާ ބަޑިއެއް. އޭނަ ވަރަށް މޮޅުވާނެ އެކަމަށް. އެހާ މަކަރުވެރިވެސް ވާނެ. އަވަހަށް އޭނަގެ ކިބައިން ސަލާމަތްވޭ. އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް އަހަރެން ނޭދެން. ސާއީމެން ކަހަލަ އަންހެން ކުދިން ނުވާނެ ރަނގަޅެށް. ކިތަންމެ ރަނގަޅު މީހަކާއި ޖެހުނަސް އެވާނީ އެއަށް." މުޝާހިދު ކިޔައިދެމުން ދިޔައިރު އަހަރެން ހިތާއިހިތުން ރޮމުން ގެންދިޔައީމެވެ.
" ތިވާހަކަ ކިޔައިދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން ވަރަށް ބަލައިގެން އުޅޭނީ." އަހަރެން ފޯން ބޭއްވިއިރު ހުރީ ވަރަށް ދެރަވެ ރުޅިވެސް އައިސްފައެވެ.
އެދުވަހު އޮފީހަށް އައިއިރުވެސް އަހަރެން ހުރީ ވަރަށް ރުޅިއައިސްފައެވެ. އަހަރެން އެހާ ލޯބިވާ މީހަކާއި ބެހޭގޮތުން އެއްވެސް މީހަކު ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ އަހަރެން އެހާ ރުހޭ ކަމެއް ނޫނެވެ. އަނެއްކޮޅުން ސާއީވެސް އަހަންނަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ނުޖެހޭނެއެވެ. އެފަދަ އެއްވެސް ކަމެއް އަހަންނެއް ނުކުރަމެވެ. އަނެއްކޮޅުން ސާއީއަށް އަހަރެންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ދުވަހަކުވެސް ނުފެންނާނެއެވެ.
" ދަންތަ ކުލާހަށް ގެންދަން؟" ސާއީ އަށް ގުޅާލުމަށްފަހު އަހަރެން ބުނީމެވެ.
" އޯކޭ. ނަޔަސް. ހިނގާލާފަދާނީ މިރޭ." ސާއީ ބުނެލިއެވެ.
" އެހެން ވިއްޔާ ނިމޭ ގަޑިއަށް ބަލާދާނަން." އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.
އަހަންނަށް އިނގުނު އެއްވެސް ކަމެއް ސާއީއަށް އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން އެވާހަކަ ދައްކާނީ ސާއީއާއި ދިމާކޮށްފައެވެ. އެހެންވެ އަހަރެން ނިންމީ ސާއީ ކުލާސް ނިމޭގަޑީގައި ދިމާކުރުމަށެވެ. ފޯން ވާހަކަ ދެއްކުމަށްވުރެ، ކުރިމަތީގައި ހުރެ ވާހަކަ ދެއްކުމުން ޙަޤީޤަތް ހާމަ ވާލެއް ބޮޑު ވާނެއެވެ. ކުރިމަތީގައި ދޮގު ހަދާކަށް ސާއީއަކަށް ނުކެރޭނެކަން ނޭނގެއެވެ. އެއީ އަހަރެން ވިސްނާގޮތެވެ.
ސާއީގެ ކުލާސް ނިމޭނީ ރޭގަނޑު ނުވައެއް ޖަހާއިރުގައެވެ. ނުވައެއް ޖެހިއިރަށް އަހަރެން ސާއީއަށް ގުޅީމެވެ. ގުޅިތަނާހެން ސާއީ ފޯން ބިޒީކޮށްލިއެވެ. ދެން އިރުކޮޅަކުން ފޯން ނިވާލިއެވެ. ކުޑައިރުކޮޅެއް ފަހުން ސާއީ ފޯން ހުޅުވިއެވެ. އަހަރެން ސަތޭކަ ވަރަކަށް ފަހަރު ސާއީއަށް ގުޅީމެވެ. ސާއީ ފޯނަށް ޖަވާބެއް ނުދިނެވެ. އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. އެހެންވެ، އެމީހުން ދެއްކި ވާހަކަތަކަކީ ފަހަރުގައި ޙަޤީޤަތަކަށް ވެދާނެކަމަށް އަހަންނަށް ޤަބޫލުކުރެވެންފެށިއެވެ. ވާނީވެސް އެހެންކަން ނޭނގެއެވެ. ސާއީ އުޅެނީ ބުނާގޮތުން ވިއްޔާ އަހަރެންދެކެ ލޯބިވެގެންނެވެ. ވީއިރު، އަހަރެންގެ ފޯންކޯލަށް ޖަވާބު ނުދެވެންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނޭނގެއެވެ. ނޫނިއްޔާ ދެން މިވަނީ ކީއްހެއްޔެވެ؟ އަހަރެން ގާތަށް ރުޅިއައި ވަރުން އިތުރަށް ސާއީއަށް ފޯނެއް ނުކުރަމެވެ.
އެއްގަޑިއިރު ފަހެވެ. ސާއީ އަހަންނަށް ގުޅަން ފެށިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ހަމަ ޤަޞްދުގައި ނުނެގީއެވެ. އަހަރެން ގުޅުމުން ސާއީ ފޯނުނުނަގާނަމަ، ސާއީ ގުޅުމުން ވަކި އަހަރެން ފޯން ނަގަންޖެހޭހެއްޔެވެ؟ ސާއީވެސް އަހަންނަށް ކޮންމެވެސް ވަރެއްގެ ޤަދަރެއް ކުރަން ޖެހޭނެކަން ނޭނގެއެވެ. ސާއީ ވަރަށް ގިނައިން ގުޅިއެވެ. ގާތްގަޑަކަށް ފަންސާހަކަށް ފަހަރު ސާއީ ގުޅާފައި ހުއްޓެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ފޯން ނަގާ ތަންކޮޅެއް ދުރުގައި ބާއްވައިގެން ބަލާލަ ބަލާލަ ހުރީއެވެ. ސާއީއަށް އެއްޗެއް ވިސްނޭތޯއެވެ. އަހަރެން ބޭނުންވާ ގަޑީގައި ސާއީއަށް ނުގުޅިފައި، ސާއީ ބޭނުންވާ ގަޑީގައި އަހަންނަށް ނުގުޅުމުންވެސް ވާގޮތް ބަލާލަން ވާނެ ނޫންހެއްޔެވެ؟
އިރުކޮޅެއް ފަހެވެ. ސާއި އަހަންނަށް އެސް.އެމް.އެސް ކުރަން ފެށިއެވެ. ފުރަތަމަ އެސް.އެމް.އެސްގައި ވަނީ ދުވަހަކުވެސް ކަމެއް ކޮށްދެންޏާ ފޯން ނެގުމަށެވެ. އެވަރުންވެސް އަހަރެން ފޯނެއް ނުނަގަމެވެ. ދެން އައި އެސް.އެމް.އެސްގައި ވަނީ ފޯން ނުނަގާނަމަ، ސާއީ އަމިއްލަ އަށް މަރުވާނެ ވާހަކަ އެވެ. ދެން އައީ އިންޒާރުގެ އެސް.އެމް.އެސް އެކެވެ. އެ އެސް.އެމް.އެސްގައި ސާއީ ލިޔެފައި ވަނީ، ފޯން ނުނަގާނަމަ އަމިއްލަ ގައިގައި ކަޓަރު އަޅާނެ ވާހަކައެވެ. އެހާވެސް އަހަރެން ދެކެ ލޯބިވާ ވާހަކައެވެ. އަހަންނާއި ނުލާ މިދުނިޔޭގައި ނޫޅެވޭނެ ވާހަކައެވެ. ހިތަށް އެރިއެވެ. ސާއީ އަހަރެން ދެކެ މިވާ ލޯބި ވަޒަން ކޮށްލަން މިރޭ ޖެހޭނެއެވެ. މިކަހަލަ ދެވަނަ ފުރުޞަތެއް ދެން ނުލިބޭނެކަން ނޭނގެއެވެ.
ކުޑައިރުކޮޅެއް ފަހެވެ. އަހަންނަށް ސާއީ އެމް.އެމް.އެސްއެއް ފޮނުވިއެވެ. އެމް.އެމް.އެސްގައި ވަނީ ސާއީގެ އަތުގައި ކަޓަރު އަޅާފައިވާ މަންޒަރެވެ. ލޭތައްވެސް އޮހެރޭ މަންޒަރު ފެންނަން ހުއްޓެވެ. އެހިސާބުން އަހަރެން ސާއީއަށް ގުޅީމެވެ.
" ކީއްކުރަންތަ ތިހެން ތިހެދީ؟" އަހަރެން ނުރުހުމުގެ ރާގަށް ބުނީމެވެ.
ނުނިމޭ
Posted on 2010-09-03 20:45:42 |
Posted on 2010-09-03 20:49:44 |
Report this Comment
Posted on 2010-09-03 23:46:51 |
Report this Comment
Posted on 2010-09-05 11:41:44 |
Report this Comment