
އާމިރު ފޯނުނަގައި ބަލައިލިއެވެ. ގުޅަނީ ޝަހާއެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއެވެ. އާމިރުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއީވެސް އޭނާއަށް ކުރެވުނު ކުށެކެވެ. ތޫމާ ހަނދާންނައްތާލުމަށްޓަކައި ޝަހާއާއި އެކު އުޅެން ފެށީ އޭނާއެވެ. އެއްކޮށް އުޅޭނަމޭ ބުނެ އޭނާ ވައުދެއް ނުކުރެއެވެ. އެހެންނަމަވެސް އެއްކޮށް އުޅެން ބޭނުންވާކަމުގެ ޔަގީންކަން އޭނާ ދިނެވެ. ޝަހާވެސް އޭނާއަށް ލޯބިދެއެވެ. އެހެންނަމަވެސް އޭނާއަށް ޝަހާއަށް ލޯބި ދެވޭނެކަމުގެ ޔަގީންކަމެއް އޭރަކުވެސް މިހާރަކުވެސް ނެތެވެ. ކުރިން ޝަހާދެކެ ލޯބިވެވިދާނެއޭ އޭނާއަށް ހީވިއެވެ. އެކަމަކު އޭނާއަށް ލޯތްބެއް ނުވެވުނެވެ. މިހާރު ތޫމާ ފެނުމުން އެކަން އިތުރަށް އިހުސާސްވެއްޖެއެވެ. އޭނާއަކަށް ތޫމާ ފިޔަވައި އެހެން މީހެއްދެކެ ލޯތްބެއް ނުވެވޭނެއެވެ. ދެން އެހެންވީއިރު އޭނާ ތޫމާ ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟
ހެނދުނު އެސެމްބުލީއަށް ނިކުތް ވަގުތު ސާހިލް ފެނުމުން ތޫމާއަށް އިސްޖަހައިލެވުނެވެ. ސާހިލް ތޫމާއާއި ދިމާއަށް ނުވެސްބަލައެވެ. އެދުވަހު ސާހިލް އެއްގޮތަކަށްވެސް ތޫމާއާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ދަނީ ދުރަށެވެ. އެގޮތަށް ދުވަސް ހޭދަވެގެން ދިޔައީއެވެ.
ޝަހާއާއި އާމިރު ހިގަމުން ދިޔައީ ދޮންވެލިގޮނޑު ދޮށުގައި ރާޅުތަކާ ސަމާސާ ކުރަމުންނެވެ. އެމީހުންނާއެކު އާމިރުގެ ކޮއްކޮ އީމާންވެސް ހިގަމުންދިޔައެވެ.
"ތޫމާ! އެބައުޅޭދޯ ރަށުގައި" އެއްވެސް އެއްޗެކޭ ނުބުނެ ހުރި އީމާން ކުއްލިއަކަށް އެހެން ބުނުމުން އާމިރުއަށް ސިހުމެއް ލިބުނެވެ. ޝަހާގެ ކުރިމަތީގައި އީމާން ތޫމާގެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ.
"ހޫމް. އެބައުޅޭ. ކިހިނެތްވީ؟" އާމިރު އެތާ އޮތް ގަލެއް މަތީ އިށީނެވެ. ތޫމާގެ ނަން އަޑުއިވުމުން ޝަހާ ހުރީ ކަނުލާ އަޑުއަހާށެވެ. އެހެންނަމަވެސް އޭނާ ހުރީ އެވާހަކައަށް ސަމާލުކަން ނުދޭކަމަށް ދައްކައިގެންނެވެ.
" ކުރީ ދުވަހު ސުކޫލުން ދުށިން. ވަރަށް ރީތިދޯ މިހާރު." އީމާން އެހެން ބުނުމުން އާމިރު އޭނާއާއި ދިމާއަށް ކަޅިއަޅައިލަމުން ދެން އިތުރަށް އެވާހަކަ ނުދެއްކުމަށް އިޝާރާތްކޮށްލިއެވެ.
"ރީތިތަ؟ އަހަރެންނަކަށް ނުފެނޭ." އާމިރު ހެދީ ދޮގެކެވެ.
"ކޮން ތޫމާއެއްތަ؟" ޝަހާއަށް އަހައިލެވުނެވެ.
" އެއީ ފުރެންޑެއްގެ ވާހަކަ" އީމާން އިތުރަށް ބުނެދޭކަށް ގަސްދެއް ނުކުރިއެވެ. މަސްލަހަތަށްޓަކައެވެ.
"ސާހިލް! އަހަރެންނަކަށް ނޭގެ ތިކަމާ ބުނާނެ އެއްޗެއް. ތޫމާ ކައިވެނި ކުރަން ބޭނުންނުވާ ސަބަބެއް އަހަރެންނަކަށް ނޭގެ. ތޫމާއަކީ ވަރަށް ރަނގަޅު ކުއްޖެއް." ޝަހުދުއަކަށް ހަގީގަތުގައިވެސް ތޫމާ ސާހިލްއާއި އިންނަން ބޭނުންނުވާ ސަބަބެއް ނޭގެއެވެ. އެދެމީހުން ތިބީ ރޯޔަލް ރެސްޓޯރެންޓުގެ ޑެކްމަތީގައެވެ. މޫދުން އަންނަ ފިނިވައިރޯޅިތައް އެމާހައުލުގެ އުފާވެރިކަން އިތުރުކޮށްދެއެވެ. ރޭގަނޑު ގަޑީގައި އެތަނަކީ ލޯބިވެރިންނަށް ރަނގަޅު މަންޒިލެކެވެ.
" ބޭބެ ކައިރީ ކީކޭތަ ތޫމާ ބުނީ؟ އަހަރެންގެ ދަރިޔަކު ހުރުން ތޫމާއަށް މައްސަލައެއްތަ؟ އެހެންނޫނީ ތޫމާ ބިރުގަންނަނީތަ އަހަރެންނާ އިންނަން އޭނަގެ ޕޭރެންޓުސް ގަބޫލު ނުވެދާނެތީ؟" ސާހިލް ޝަހުދު ކައިރީ އަހައިލިއެވެ. ޝަހުދުއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނާ ތޫމާއާއި ވާހަކަދައްކަން ވަރަށް މަސައްކަތްކޮށްފިއެވެ. އެހެންނަމަވެސް ތޫމާ އެމައްޟޫއަށް ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. އޭނާ ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ.
" އަހަރެން ތޫމާއާއި ވާހަކަ ދައްކާލަންތަ؟" ޝަހުދު އަހައިލިއެވެ. ސާހިލް ބޯހޫރުވައިލިއެވެ. އޭނާ ތޫމާއާއި ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ.
"ދެން ތޫމާ ދޫކޮށްލާނީ. ބުނެއުޅެއެއްނު. އިފް ޔޫ ލަވް ސަމްތިން ސެޓް އިޓް ފުރީއޭ. އިފް އިޓް ކަމްސް ބެކްސް އިޓް އިޒް ޔުއާސް. އިފް ނޮޓް އިޓް ނެވާރ މީންޓު ބީ ޔުއާރސް. އަހަރެންވެސް ބަލާނީ ތޫމާ އެނބުރި އާދޭތޯ؟" ސާހިލް ކޮފީތަށި މޭޒުމަތީ ބެހެއްޓިއެވެ.
އާމިރުމެން ގޮސް ރެސްޓޯރެންޓަށް ވަނީވެސް ސާހިލްމެން އެގޮތަށް އެތާ ތިއްބައެވެ. އާމިރު ފެނުމުން ސާހިލްގެ ލޭކެކިގަތެވެ. ތޫމާގެ ލޮލުން އޮހޮރުވާލި ކަރުނަ އާއި ތޫމާގެ ޝަކުވާތައް ހަނދާންވުމުންނެވެ. އެވޭނާ ހިތްދަތިކަން ހަނދާންވުމުންނެވެ.
" އީމާން ކީއްކުރަންތަ އެތާ ތޫމާގެ ވާހަކަ ފެށީކީ؟" އާމިރު ކޮފީއަކަށް އޯޑަރުދީފައި އީމާންއާއި ކުރިމަތިލިއެވެ.
" އަހަރެންނަށް ހަމަ ނުހުރެވުނީ އެވާހަކަ ނުދައްކާ. އަސްލުވެސް މިހާރު އާމިރު ހިތަކަށް ނާރާތަ އެހެން ނެހެދުނު ނަމައޭ"
"އަހަރެން ގޮތެއް ހެދިންތަ؟ އަހަރެންނަށް އަބަދަކު ޝަކުވާއެއް އަޑެއް ނޭހޭނެއްނު. އަހަރެމެން ތިބީ އެއްވެސް އުފަލެއް ނެތް ގުޅުމެއްގަ. އެގޮތަށްވުރެ ވަކިވުން އަހަރެންނަށް ރަނގަޅުވީ. އަހަރެން ތޫމާ ކައިރީ ކިހާވަރަކަށް ބުނިން ޝަކުވާ ނުކުރާށޭ. ފޫހިވާނެޔޭ އަހަރެން." އާމިރު އެހެން ބުނި އަޑު ޝަހުދުއަށްވެސް އިވުނެވެ. އޭނާއަށް ސާހިލްގެ މޫނަށް ބަލައިލެވުނެވެ. ސާހިލްވެސް ހުރީ އެވާހަކަތައް ކަނުލާ އަޑުއަހާށެވެ. އާމިރު ދައްކަމުންދިޔަ ވާހަކައިގައި އޭނާ ތޫމާ ކުށްވެރިކުރިޔަސް ހިތުގެ އަޑިން އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
" އަހަރެން ގަބޫލު ކުރާނީ ކިހިނެތް؟ އާމިރު އަމިއްލައަށް ފޫހިވެގަތީ. ޝަކުވާ ކުރަން ފުރުސްތު ދިނީމަ ޝަކުވާ ކުރީ." އީމާން އާމިރުއާއި އެއްބަހެއް ނުވިއެވެ. އާމިރުއާއި ތޫމާގެ ގުޅުން ފެށުނީއްސުރެ ނިމެންދެން އެންމެ ކައިރިން އެގުޅުމުގެ އެކި މަރުހަލާތައް ދުށީ އޭނާއެވެ. ތޫމާގެ ލޯތްބާއި އާމިރުއާއި ތޫމާގެ ގުޅުމަށްޓަކައި ތޫމާ ކުރި މަސައްކަތް ފެނުނީވެސް އޭނާއަށެވެ.
"އީމާން! ދެން އީމާން ތިހެން ނުބުނެބަލަ. ވެދާނެ އަހަރެންނަށް ކުށްކުރެވުނީ ކަމަށް. އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން ތޫމާއާއި ނުލައި އަހަރެންނަށް އުޅެން އުނދަގޫވެދާނެއެކޭ. އަހަރެންނަށް އަދިވެސް ތޫމާ ހަނދާންނައްތައެއްނުލެވޭ" އާމިރު ބޮލުގައި އަތް ކާއްތާލިއެވެ. ޝަހުދުއާއި ސާހިލް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. ސާހިލްއާއި ތޫމާގެ ދެމެދަށް ވެރިވެފައިވަނީ އަޖައިވެއް ކަހަލަ ދުރުކަމެކެވެ. ހަމަހިމޭންކަމެކެވެ. ދެމީހުންވެސް ވާހަކަ ބޭނުންވެއެވެ. ތޫމާއަށް ވިސްނެމުން ދިޔައީ ސާހިލްއާއި ދޭތެރޭގައެވެ. ސާހިލްގެ ހަމްދަރުދީއާއި ލޯބިން އޭނާގެ ދިރިއުޅުން އުޖާލާކޮށްދިން ދުވސްތަކެވެ. ސާހިލް އޭނާއަށް ވަގުތު ދިނެވެ. ހިތްވަރު ދިނެވެ. އެހީތެރިވެދިނެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތިއެވެ. އެހެންކަމަށްވާނީވެސް ކިހިނެތް ހެއްޔެވެ؟ އޭނާ ބޭނުންވީ ތޫމާއެވެ. އެކަމަކުވެސް ތޫމާއަށް ގަބޫލު ކުރެވެއެވެ. އޭނާއަކަށް ސާހިލްފަދަ މީހަކު ހަޔާތުގެ ބައިވެރިޔަކަށް ނުލިބޭނެއެވެ. އެހެންކަމަށްވުމާއެކުވެސް އޭނާ ސާހިލްއާއި އިންނަން އެއްބަސް ނުވި ސަބަބު އެގެނީ އޭނާއަށެވެ. އޭނާ އެސަބަބު ސާހިލްއަށް ބުނެދޭނެއެވެ. ސާހިލްއަށް ވިސްނޭނެކަން ތޫމާއަށް ގަބޫލު ކުރެވެއެވެ. މައްސަލައަކީ އޭނާއާއި މެދު ދެކޭގޮތް އޭރުން ބަދަލުވެދާނެތީއެވެ. ސާހިލްގެ ނަޒަރުގައި އަގު ވެއްޓޭކަށް އޭނާ ބޭނުމެއްނުވެއެވެ.