
ޝަބްނަން ގޮވަން ފެށުމުން ސަބާހު އަވަސްކޮށްލައިގެން ނުކުމެއްޖެއެވެ.
" އަހަރެން އަވަސް ކުރަން ބުނީމަ ތީ ވާވަރަކީ؟ ދެން ނެތް ހަމަޖެހިލައިގެން ކައިލާނެ ވަގުތެއްވެސް؟ އެއްގަޑިއިރު ފާޚާނާގަ ކީއްތަ ކުރީ؟" ޝަބްނަމް ސަބާހު ނުކުތުމާއެކު ސުވާލުކޮށްގަތެވެ. ސަބާހު އެއްވެސް ޖަވާބެއް ނުދެއެވެ. ތުވާލުގަނޑު އެދުމައްޗަށް އެއްލާލާފައި އޭނާ ނުކުމެގެން ހިގައްޖެއެވެ. ޝަބްނަމްއަށް ހުރެވުނީއެވެ. ސަބާހުއަށް ވީ ކިހިނެތް ހެއްޔެވެ؟ ކުރެވުނު ކަންތަކާ ސަބާހު ދެރަވަނީ ހެއްޔެވެ؟ ހިދުކޮޅެއްގެތެރޭ ޝަބްނަމްއަށް ލިބުނު ހިތްހަމަޖެހުން ގެއްލި ހިގައްޖެއެވެ. ޝަބްނަމް ބޭރަށް ނިކުންއިރު ސަބާހު މޭޒުދޮށުގައި އިނެވެ. އޭނާ އިނީ ވިސްނުމެއްގެތެރޭގައެވެ. ސަބާހުގެ މޫނުގެ ކުލަވަރުން އިތުރު ސުވާލެއް ކުރާކަށް ޝަބްނަމްއަކަށް ނުކެރުނެވެ. ދެމީހުން ކެއީ އެއް މޭޒެއްގެދޮށުގައި ތިބެގެންނެވެ. އެހެންނަމަވެސް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ކައިނިމިގެން ސަބާހު ދިޔައީ މިސްކިތަށެވެ. ދެން އަންނާނީ ފަތިސްނަމާދުން ނިމިގެންކަމަށް އޭނާ ބުންޏެވެ. ތަށިތައް ނެގުމަށްފަހު ޝަބްނަމްވަނީ ކޮޓަރިއަށެވެ. އޭނާ އެދަށް ބަލައިލިއެވެ. އިރުކޮޅެއް ކުރިން ހިގި ކަންތައް އޭނާގެ ލޮލަށް ސިފަވިއެވެ. އެކަމަށްޓަކައި ސަބާހު ދެރަވިޔަސް އޭނާ ދެރައެއްނުވެއެވެ. އޭނާ ކުށެއްނުކުރެއެވެ. އެއީ އޭނާގެ ހައްޤެކެވެ. އޭނާ ގަދަކަމަކުން އެޙައްޤު ހޯދައިގަތީކީ ނޫނެވެ. ސަބާހު ދިނީއެވެ. އެކަމާ ސަބާހު ފަހުން ހިތާމަކޮށްފާނެ ކަމަށް އޭނާއަށް ވިސްނާލެވުނުނަމައެވެ. ސަބާހު އެއްވެސް ކަމަކާ ދެރަވާކަށް އޭނާ ބޭނުމެއްނުވެއެވެ. ޝަބްނަމް ގޮސް އެދުގައި އޮށޯތެވެ. ނިދަން އޭނާ ބޭނުންވެއެވެ. އެހެންނަމަވސް ނަމާދުކޮށްގެން ނޫނީ ނިދޭކަށް ނެތެވެ.
ޝަބްނަމްއަށް ހޭލެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ޝަބްނަމް ބާލީސްދަށުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. މަންމައެވެ. މިގަޑީގައި މަންމަ ގުޅަނީ ކޮންކަމަކާ ހެއްޔެވެ؟
" ދަރިފުޅާ! ނިދަނީތަ؟ އެއޮތް 12 ޖަހަނީނު؟" ޝަބްނަމްގެ އަޑު ޖެހުމާއެކު މަންމައަށް ޝަބްނަމް ނިދަނީކަން އެގިއްޖެއެވެ. " ހޫމް. ކިހިނެތްވީ؟ މަންމަ ކިހިނެތް؟" ޝަބްނަމް ދެލޯ ހުޅުވައިލިއެވެ. " ރަނގަޅު.ބައްޕަ ބުނެގެން މިގުޅީ މާން ބޭނުންވަނީ މިހާރު ހުންނަ ގެއިން ދަރިފުޅު ކައިރިއަށް ބަދަލުވާން. އެހެންވެ....ދަރިފުޅު ކައިރީގައި ބަހެއްޓޭތޯ؟އިގެއެއްނު މާންއަކަށް މީހަކު އަބަދު ފަހަތުގަ ނެތި ނުކިޔެވޭކަން" މަންމަ އެހެން ބުނުމުން ޝަބްނަމް ވިސްނައިލިއެވެ. ނިމާން އެގެއަށް އޭނާ ގެންނާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ އެކަމާ ސަބާހުގެ އާއިލާ މީހުން ގަބޫލު ވާނެ ހެއްޔެވެ؟
"ބެހެއްޓިދާނެ. އެކަމަކު ސަބާހުގެ މަންމަމެން ގާތު އަހާލާފަ އެއްޗެކޭ ބުނެވޭނީ." ޝަބްނަމް އެހެން ބުނުމުން ފާތިމާގެ ހިތުގައި ސުވާލު އުފެދުނެވެ. އެމީހުން އެކަމާ ގަބޫލު ވެދާނެ ހެއްޔެވެ؟
" ކޮބާ އަސްމާ؟ މަންމަގެ ސަލާމް ބުނެލައްޗޭ! ދެން ތީ ކޮންކަމެއްތަ؟ ތީ މީހުންއުޅޭ ގޮތްތަ؟ " ފާތިމާ ދެއްކީ ޝަބްނަމް އެހާއިރުވަންދެން ނިދަން އޮތުމުން އެވާހަކައެވެ.
" މަންމާ! ދެން މީ އެވަރު ކަމެއް ނޫނެއްނު. އެހެންނޫނަސް ކުރާނެ އެއްވެސް ކަމެއް އޮންނަނީކީ ނޫން. ދެން ތެދުވެ ކީއްތަ ކުރާނީ؟" ޝަބްނަމް ތެދުވެ އެދުގައި އިށީނެވެ.ފާތިމާއށްވެސް އެކަން އެގެއެވެ. ކުރާނެ މަސައްކަތް ހުންނަނަމަ އޭނާގެ ދަރިފުޅު އެހެން ނިދާކަށް ނޯންނާނެއެވެ.
" ދަރިފުޅު ކީއްވެތަ މިހާރު އޮފީހަށް ނުދަނީ؟ ބައްޕަ ހުރީ ވަރަށް ކަންބޮޑުވެފައި. ދެން ކިހިނެތް މަންމަމެން މާން ކިޔަވަން ފޮނުވާނީވެސް" ފާތިމާމެން އެހާ ހަމަޖެހިގެން ދިރިއުޅެމުން އައީ ޝަބްނަމްގެ އެހީގައެވެ. ނިމާން އޭނާގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވުމަކީ އެމީހުންގެވެސް ޝަބްނަމްގެވެސް ހުވަފެނެކެވެ.
" މަންމާ! އަހަރެން ވަޒީފާއެއް ހޯދާނަން. އެމީހުންނާއެކު ވޯކު ކުރަން އެހާ ހިތްހަމައެއް ނުޖެހޭ. ފުރެޝާރ މާބޮޑުވީ. މިހާރު މިއުޅެނީ އޭ.އެޗު އެސޯސިއޭޓުސްގެ ޖޮބަކަށް އެޕުލައިކޮށްގެން. ހީވަނީ ރޯދަމަސް ނިމުމުހެ ކުރިން ހަމަޖެހޭނެހެން." ޝަބްނަމް ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. ސަބާހުގެ އޮފީސް ހެދުން ނެތުމުން ސަބާހު އޮފީހަށް ދިޔައީކަން އޭނާއަށް އެގުނެވެ.
" އެކޮންތަނެއްތަ އޭ. އެޗުއަކީ؟" ފާތިމާ އެގެން ބޭނުންވިއެވެ. "އެއީ އޮޑިޓް ފާމެއް.ކޮބާ ހުރިހާ ކުދިންތައް؟ ބައްޕަ ކޮބާ؟" ޝަބްނަމް އަލަމާރިން ހެދުމެއް ނެގިއެވެ. " ބައްޕަވެސް ވީ އޮފީހުގަ. ދަރިފުޅު ތިހާ ލަހުން ތެދުވާތީ ސަބާހުގެ މަންމަ ހިތްހަމަނުޖެހިގެން އެއްޗެކޭ ނުބުނޭތަ؟" މަންމަ އެހެން ބުނުމުން ޝަބްނަމްއަށް ހިނިތުންވެލެވުނެވެ. މަންމައަށް ހީވަނީ އެންމެންނަކީ މަންމަ ކަހަލަ މީހުންކަމަށް ހެއްޔެވެ؟
" އޭ މަންމައަށް ނޫނޭ. އެހެންނޫނަސް މިއަދު އެކަނި މިހާ ލަސްމިވީ. ދެން ބޭއްވީ. ފަހުން ގުޅާނަން." ޝަބްނަމް ފޯނު ބޭއްވީ ދޮރުފަތުގައި މީހަކު ޓަކިޖަހަން ފެށުމުންނެވެ. އެތެރެއަށް ވަނީ އަސްމާއެވެ.
" ދަރިފުޅަށް ހޭލެވިއްޖެދޯ؟ ސަބާހު ދަމުން ދިޔައީ ދަރިފުޅު ހުރީ ރޭގަ ނުނިދައޭ. ނިދަން ބާއްވާށޭ ބުނެފައި. އެހެންވެ މަންމަ އައިސްފަ ގޮވާނުލީ." އަސްމާ ގޮސް ސޯފާގައި އިށީނެވެ. ސަބާހު އެހެން އެބުނީ ހަމަ ހަގީގަތުގައިވެސް ސަބާހު އޭނާއާއި މެދު ވިސްނާތީ ހެއްޔެވެ؟ޝަބްނަމްގެ ހިތުގައި އުއްމީދެއް އުފެދެން ފެށިއެވެ.
" މަންމަ ކޮންއިރކު އައީ؟ އަޅުގަނޑުމިދަނީ ފެންވަރަން. މިއަދު ކޯއްޗެއްތަ ހަދަނީ؟" ޝަބްނަމް ފާޚާނާއާއި ދިމާއަށް ހިގައިގަންނަމުން އަސްމާއާއި ދިމާއަށް އެބުރިލިއެވެ.
" 10 ނުޖަހާނެ މަންމަމެން އައިއިރު. ދަރިފުޅު ފެނަވަރައި ނަމާދުކޮށް ހަދައިގެން އާދޭ." އަސްމާ ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ.
ބާހު ގެއަށް އައީ ރޯދަ ވީއްލާ ގަޑިއަށެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. ޝަބްނަމްވެސް ސަބާހުއާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ސަބާހު އެގޮތް ބޭނުންވާނަމަ އޭނާ އެގޮތަށްވެސް ކަންތައްކޮށް ދޭނެއެވެ.
"ޝަބް! އައި އެމް ސޮރީ!" ޝަބްނަމް ނަމާދުކޮށް ނިމެންދެން އެދުގައި އިށީދެލައިގެން ޝަބްނަމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ސަބާހު އެހެން ބުނުމުން ޝަބްނަމްއަށް ލިބުނީ ހައިރާންކަމެކެވެ. ސަބާހު މާފަށް އެދެނީ ކޮންކަމަކާ ހެއްޔެވެ؟
" ކޮންކަމަކަށް؟" ޝަބްނަމް ގޮސް އެދުގައި އިށީނެވެ.
" އެރޭގެ ކަންތަކަށް. އަހަރެން ޝަބް ދެކެ ލޯބިނުވާއިރު އަހަރެން އެހެން ކަންތައްކޮށްގެން ނުވާނު؟" ސަބާހު ޝަބްނަމްއާއި އެމައްޟޫއަށް ވާހަކަ ދައްކަން ފެށުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
" ސަބާހު! އެއީ މާފަށް އެދެން ޖެހޭ ކަމެއް ނޫން. އަހަރެން އެކަމާ ދެރައެއް ނުވޭ. ތިއީ ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ފިރިމީހާ. އަހަރެން އުއްމީދު ކުރަން ސަބާހު އަހަންނަށް އަހަރެންގެ ޙައްޤުތައް ދޭނެކަމަށް. އަހަރެންގެ އެދުމެއް އެބައޮތް ސަބާހު އަހަރެން ދޫކޮށްނުލުން. އަހަރެންގެ މައްސަލައެއް ނެތް ޝައިބާއާއި ސަބާހު ގުޅުމެއް ބޭއްވިޔަސް." ޝަބްނަމް ސަބާހުގެ އަތުގައި ހިފާލިއެވެ. ސަބާހު އެއަތުގައި އަނެއްއަތުން ހިފައިލިއެވެ. ޝަބްނަމް އޭނާ ދެކެ އެހާ ލޯބިވީ ކީއްވެ ހެއްޔެވެ؟
އުއްމީދުތަކުގެ ބައްތިއެއް ލޮލުގައި ދިއްލައިގެން ޝަބްނަމް އޭނާގެ ދިރިއުޅުމާ ކުރިމަތިލިއެވެ. ސަބާހުގެ ލޮލުން ކޮންމެވެސް ދުވަހަކުން އޭނާއަށްޓަކައި ލޯބި ފެންނާނެކަމުގެ ޔަގީންކަމުގައެވެ. ކޮންމެވެސް ދުވަހަކުން އެދުލުން އޭނާދެކެ ލޯބިވާ ވާހަކަ ބުނާނެކަމުގެ އުއްމީދުގައެވެ. އެޖުމްލަ އަޑުއެހުމުގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ސަބާހުގެ ފަރާތުން ފެންނަނީ ހަމަހިމޭންކަމެވެ. ޝަބްނަމްއާއި މެދު ވަކި ގާތްގޮތެއް އޭނާ ބާއްވާކަށް ނޫޅެއެވެ.ޝަބްނަމްއާއި ވީވަރަކުން ދުރުވާން އޭނާ މަސައްކަތް ކުރާކަން ޝަބްނަމްއަށްވެސް އެގެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ހަމައެކަނި ސަބަބަކީ ޝައިބާ ހެއްޔެވެ؟
މަޑުމަޑުން ސަބާހު ބޭރުގައި އުޅުން އާއްމުވެއްޖެއެވެ. ޝަބްނަމްގެ ސުވާލަކަށްވެސް ޖަވާބެއްނުލިބެއެވެ. ޝަބްނަމްގެ ހިތްވަރުވެސް އެލެން ފަށައިފިއެވެ. އޭނާއަށް މިކުރެވެނީ ބޭކާރު މަސައްކަތެއްހެން ހީވާން ފަށައިފިއެވެ. ސަބާހު ދުވަހަކުވެސް އޭނާދެކެ ލޯބި ނުވާނެހެން ހީވާން ފަށައިފިއެވެ. އޭނާގެ ހަމަހިމޭންކަމުން އޭނާގެ ހިތްކުދިކުދި ވަމުންދަނީއެވެ. ސަބާހު އަމިއްލަ ނަފުސަށް އެދެނީ ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟ އޭނާއާއި އެކު އަނބިފިރިކަމުގެ ގުޅުން ބޭއްވުނުކަމުގެ ސަޒާ ހެއްޔެވެ؟ ކޮންމެ ސަބަބަކާ ހެދި ނަމަވެސް އެކަމުން އޭނާއަށް ވަރަށް ވޭންލބެއެވެ. މުޅި ދުވާލުގެ ހަމަޖެހުމާ ރޭގަނޑުގެ ނިދި ގެއްލެމުންދެއެވެ.
"ދަރިފުޅާ! ޝެމީ! މިހާރު ސަބާހުއަށް މިވަނީ ކިހިނެތްތަ؟ ދެކުދިން މައްސަލައެއް ޖެހުނީތަ؟" އަސްމާ އެހެން އަހައިލީ ބަދިގޭގައި މެންދުރަށް ކައްކަން އުޅެމުންނެވެ. ސަބާހުގެ އުޅުމަށް އައިސްފައިވާ ބަދަލު އަސްމާއަށްވެސް ފާހަގަ ކުރެވެއެވެ.
" މަންމާ! އަޅުގަނޑަށް.....ޝައިބާ" ޝަބްނަމްއަށް ދޮރުމަތީގައި ހުރި ޝައިބާ ފެނުނީ ވާހަކަ ފުރިހަމަނުކުރެވިގެން އުޅެނިކޮށެވެ.
"ޝައިބާ ކީއްކުރަންތަ؟" އަސްމާ އަހައިލިއެވެ.
" މިގެއަށް ޖައްސާލީ. މި އަދިވެސް އެއެޕާޓްމެންޓު ހުސްތަ؟" ޝައިބާ އައީ ކޮންމެވެސް އެހެން ސަބަބަކާ ހެދިކަން ޝަބްނަމްއަށް ވިސްނުނެވެ.
" އެއެޕާޓްމެންޓު އަދިވެސް ހުސްކޮށް ހުރީ. އައިސް އިށީދެބަލަ." އަސްމާ ޝައިބާއަށް އިށީންނަން ތަން ދެއްކިއެވެ. ޝަބްނަމް ބަލަހައްޓައިގެން ހުރީއެވެ. ޝައިބާއާއި ސަބާހުގެ ގުޅުން އެގޭނަމަ މަންމަ އެހާ ލޯބިން ޝައިބާއާއި ވާހަކަ ދައްކާނެ ހެއްޔެވެ؟
" ޝެމީއަށް އެގޭތަ ޝައިބާމެން ކުރިން ވަރަށް ގިނައިން މިގެއަށް އަންނާނެ. ސަބާހުމެންނާ ޝައިބާމެންނާ ވަރަށް ރައްޓެހިވާނެ" މަންމަ އެހެން ބުނުމުން ޝަބްނަމް ހިނިތންވެލިއެވެ. އެއީ ކޮންކަހަލަ ކިހާވަރެއްގެ ރައްޓެހިކަމެއްކަން އެގެނީ ޝަބްނަމްއަށެވެ.
ސަބާހު ވަދެގެން އައީ އެވަގުތުއެވެ. ޝައިބާ ފެނުމުން އޭނާއަށް ހުއްޓުން އެރިއެވެ.އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ގޮސް ޝަބްނަމް ކައިރިއަށް ހުއްޓިއްޖެއެވެ.
"ޝައިބާ! ހާދަ ދުވަހެއްކޮށްލާފަ މިގެއަށް ތިއައީ؟" ސަބާހު ޝަބްނަމްގެ ކޮޑުގައި ހިފައިލިއެވެ. ޝަބްނަމް ކޮޅަށް ތެދުވިއެވެ. ސަބާހު ޝަބްނަމް ގަޔާކައިރިކޮށްލިއެވެ.
" ހޫމް.ވަރަށް ގިނަދުވަސްވެއްޖެދޯ؟" ޝައިބާ ޝަބްނަމްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.ޝަބްނަމް ބަލައިލީ ސަބާހުގެ މޫނަށެވެ.
"ޝަބް ހިގާބަލަ ކޮޓަރިއަށް. މަންމާ އަހަރެން އިރުކޮޅަކަށް ޝަބް ގެންދަނީ އިގޭ" ސަބާހު ޝަބްނަމް ގޮވައިގެން ހިގައިގަތެވެ. ޝައިބާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"ކައިވެނީގެ ކުރީކޮޅު އެހެންވެސް ވާނެ. އެހެންނޫނަސް އަހަރެންގެ ސަބާހު ވަރަށް ލޯބިވޭ ޝެމީދެކެ" އެއްވެސް ހަގީގަތެއް ނޭގޭ އަސްމާގެ އެޖުމްލައިން ޝައިބާގެ ހިތަށް ވަރަށް ތަދުވިއެވެ. ރުޅިވެސްއައެވެ.
Posted on 2010-08-28 19:59:43 |
Report this Comment
Posted on 2010-08-28 20:56:39 |
Report this Comment
Posted on 2010-08-28 21:34:20 |
Report this Comment
Posted on 2010-08-28 22:47:15 |
Report this Comment
Posted on 2010-08-29 16:19:44 |
Report this Comment
Posted on 2010-08-29 22:26:36 |
Report this Comment
Posted on 2010-08-30 23:00:38 |
Report this Comment
Posted on 2010-08-30 23:01:58 |
Report this Comment