ޢައިޝާން

  • ޝާއިޢުކުރި ތާރީޚް: 27 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1790

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ވަކިވީ ކަލާގެ ސަބަބުން....

ރަށުގެ ފަޅުތެރެއަށް ލޯންޗު ވަނުމާއެކު ކެތްތެރިކަން ކުޑަވެފައި ތިބި ދަތުރުވެރިންތައް ބަނދަރުމައްޗަށް ކަޅި ހިންގަން ފަށައިފިއެވެ.ދަންނަ މީހަކު ހުރިތޯއެވެ. ތޫމާވެސް ބަލައިލިއެވެ. އެހެންނަމަވެސް އޭނާއަކަށް އެއްވެސް ދަންނަ މީހަކު ނުފެނުނެވެ. ބަނދަރަށް ލޯންޗު މަޑުކޮށްލުމާއެކު ހުރިހާ އެންމެން ފައިބަން ފަށައިފިއެވެ. ތޫމާވެސް އަތްދަބަސް ހިފައިގެން ފައިބައިފިއެވެ. ބަނދަރުމަތީ ފައިޖައްސާލެވުނު ތަނާ މަންމަ ޒުލޭޙާ އޭނާ ކައިރިއަށް އަތުވެއްޖެއެވެ.. "ދަރިފުޅާ!ތޫމާ!" ތޫމާގެ މަންމަ ތޫމާގެ އަތުގައި ހިފައިލިއެވެ. އަހަރެއްހައި ދުވަސް ފަހުން މަންމަ ފެނުމުން ތޫމާގެ ހިތް އުފަލުން ފޮޅުނެވެ. ދެން ދުވަހަކުވެސް ދަރިފުޅު އޭނާއާއި ދުރަށް އެހާ ގިނަ ދުވަހަށް ދާން ނުޖެހޭނެ ކަމުގެ ހިތްހަމަޖެހުން ޒުލޭޙާއަށް ލިބިފައިވެއެވެ.
" މަންމާ! " ތޫމާ މަންމައަށް ގޮވައިލިއެވެ. މަންމަގެ ގައިގައި ބައްދައިލިއެވެ.
" ދޮންތާ! ކިހިނެތްތަ؟" ކައިރީގައި ހުރި ތޫމާގެ ކޮއްކޮ ޖިނާން ދޮންތަގެ ޙާލު އަހައިލިއެވެ. " ރަނގަޅު! ކޮބާތަ ބައްޕަ؟"" ތޫމާ ބައްޕަ ފެންނަން ނެތުމުން އަހައިލިއެވެ. " ބައްޕަ މިހިރީ." ތޫމާ ބަލައިލިއިރު ތޫމާގެ ބައްޕައާއި ހަގަށް ތިބޭ ދެފިރިހެންކޮއްކޮ ކުރިމަތިގައި ތިއްބެވެ. "ހިގާ އަވަހަށް ފޮށި ހޯދަން." ބައްޕަގެ އެދުމަށް ތޫމާ އަވަސްވެގަތީ ފޮށި ހޯދާށެވެ.

ތޫމާމެން ފޮށިތައް ހޯދައިގެން ހިގައިގަތީ ޓެކްސީއާއި ދިމާއަށެވެ. ތޫމާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ފިތުރޯނު ގަސްދޮށުގައި ހުރި ސައިކަލެއް މަތީގައި އިން މީހެކެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނި އެދިމާއަށްކަން އޭނާއަށް އެގުނެވެ. އޭނާ މަޑުމަޑުން ގޮސް ކާރަށް އަރާ އިށީނެވެ. އެކާރަށް މަންމަގެ އިތުރުން އެރީ އޭނާގެ ކޮއްކޮ ޒިހާންއާއި ޒިދާންއެވެ. ބައްޕައާއި ޖިނާން ސައިކަލްގައި ދާނެކަމަށް ބުންޏެވެ. ތޫމާގެ ފޯނަށް ފޯނު އަންނަމުންދެއެވެ. ތޫމާ ހުރީ އެކަން އެގިހުރެ ނޭގޭ ކަމަށް ހަދައިގެންނެވެ. އޭނާ މަންމަގެ ސުވާލުތަކަށް ޖަވާބު ދެމުން މަންމަގެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. ޒުލޭހާ ތޫމާއަށް ގޭގެ ވާހަކަތައް ކިޔައިދެމުންދިޔައެވެ. ޒިހާންއާއި ޒިދާންގެ އެންމެ ފަހުގެ ނަތީޖާތަކުގެ ވާހަކައެވެ.
"ދޮންތައަށް ފޯނެއްނު؟" ޒިދާންއަށް ފޯނު އަންނަ ތަން ފެނުމުން އަންގައިދިނެވެ. "އެއީ ތެދެއް؟" މަންމަވެސް ބުނެލިއެވެ. " އެއަޅާނުލާ!" ތޫމާ ފޯނަށް ޖަވާބު ދޭ ހިޔާލެއް ނުކުރިއެވެ.

ޓެކްސީ ގޮސް ގޭދޮރުމައްޗަށް މަޑުކޮށްލުމުން ތޫމާ ފޭބިއެވެ. ޒިދާންއާއި ޒިހާން ސާމާނުތައް އެތެރެއަށް ވައްދައިލިއެވެ. ތޫމާވެސް ހިގައިގަތީ ވަންނާށެވެ. ތޫމާގެ ލޮލުގައި އަޅައިގަތީ ގޯޅިކަންމަތީގައި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އެއްކަލަ ޒުވާނާއަށެވެ. އަތްދިގު މަޑުފިޔާތޮށި ކުލައިގެ ގަމީހަކާ ކަޅުކުލައިގެ ފަޓުލޫނަކާ ގަދަ ފިޔާތޮށި ކުލައިގެ ޓައީގައި ހުރި ޒުވާނާގެ ބައިމަތިފުޅާ ހަށިގަނޑާ އެހެދުން ވަރަށް ގުޅެޔޭ ކޮންމެ މީހަކުވެސް ހިތަށް އަރާނެއެވެ. ތޫމާ އަވަސްއަވަހަށް އެތެރެއަށް ހިގައިގަތެވެ.

ބިއްލޫރި މޭޒުމަތީގައި އޮތް ފޯނު ރިންގުވަމުންދިޔައެވެ.ރިންގުގެ އަޑުނީވޭ ގޮތަށް އޮތް ނަމަވެސް ފޯނު އަންނަމުން ދިޔަކަން ސޯފާގައި އޮތް ސާހިލްއަށް އެގެއެވެ.އެހެންނަމަވެސް އޭނާ އޮތީ ވަރަށް ކަންނެތްވެފައެވެ.
"ސާހިލް! ކާން އަންނަންވީނު؟" ސާހިލްގެ މަންމަ ސާޖިދާ އައިސް ސާހިލް ކައިރީ އިށީނެވެ. ސާހިލް ލޯހުޅުވާފައި މަންމައާއި ދިމާއަށް ބަލައިލިއެވެ. ކިތަންމެ ކާހިތް ނެތިފައި އޮތަސް މަންމަ އެހާ ލޯބިން ބުނުމުން ކާހިތެއްނެތޭ ބުނާކަށް ސާހިލްއަކަށް ނުކެރުނެވެ. އޭނާ ތެދުވެ ސޯފާގައި އިށީނެވެ.
"މި އޮތް އަންނަނީ ދަރިފުޅަށް ފޯނު!" ސާޖިދާ ފޯނަށް ބަލައިލަމުން ބުނެލިއެވެ. ސާހިލް އަޅާވެސް ނުލާ ތެދުވެގެން ހިގައިގަތެވެ. ފަހަތުން ސާޖިދާ ފޯނު ހިފައިގެން ގޮސް ކާތަނަށް ވަދެއްޖެއވެ. އޭރު އޭނާގެ ދޮށީ ދަރިފުޅު ޝަހުދުގެ ދެމަފިރިންވެސް ކާން ތިއްބެވ
"ސާހިލް ރީޝާ ގުޅަނީނު. ކީއްވެތަ ފޯނު ނުނަގައި ތިހުންނަނީ" ސާޖިދާ ސާހިލްގެ ކުރިމަތީގައި ފޯނު ބޭއްވިއވެ. ސާހިލް ފޯނަށް ބަލައިލަމުން ތައްޓަށް ބަތް އަޅަންފެށިއެވެ.
" ސާހިލް ދެން ފޯނު ނަގާބަލަ. މިހާރު ރީޝާ އެންމެންނަށް އެބަގުޅާ." ޝަހުދު އޭނާގެ ފޯނަށް ބަލައިލަމުން ބުނެލިއެވެ.އަދި ސާހިލް ޖަވާބެއް ނުދިނުމުން ފޯނު ނެގިއެވެ.
"ސާހިލް އެއް ނެތް ގެއަކު. އަދިވެސް އޮފީހުގަވީ." ރީޝާ ސާހިލް ކޮބައިތޯ އަހައިލުމާއެކު ޝަހުދު ޖަވާބު ދިނެވެ. މާކުރިއްސުރެ އޭނާ ޖަވާބު ދިނުމަށް ތައްޔާރަށް ހުރި ކަހަލައެވެ. ބޭބެގެ ޖަވާބު އަދު އިވުމުން ސާހިލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
" ހޫމް. ބުނާނަމޭ. މައިޝަލް ބަލިވެ އުޅެ ވާހަކަ.ކިހިނެތްވީ މައިޝަލްއަށް؟" ޝަހުދު އަހައިލިއެވެ.
"މާބޮޑުކަމެއްނުވޭ. ވެއްޓުނީ. ބޯފަޅައިގެން ދިޔައީ" ރީޝާ ވިހަ ހިނިތުންވުމަކާ އެކު އެހެން ބުނެލިއެވެ. ކުރިމަތީގައި ކުޅެން އިން މައިޝަލްގެ މޫނަށް ބަލައިލަމުންނެވެ. ސާހިލްގެ ފަރާތުން ޖަވާބެއް އެންމެ ފަސޭހައިން ލިބޭނީ އެގޮތުންކަން ރީޝާއަށް އެގެއެވެ. އެހެންކަމުން އޭނާ ދޮގެއް ހަދައިލީއެވެ.
"އަހަރެން ބުނާނަން." ޝަހުދު ފޯނު ބޭއްވިއެވެ. އަދި ސާހިލްއަށް ކިޔައިދިނެވެ.
"އަދިވެސް ހުރޭ ފޯނަށް ޖަވާބު ނުދީ. މަމިދަނީ ގުޅަން." ސާޖިދާ ވަރަށް ހާސްވެ ރުޅިއައިސްފައި ސާހިލްއާއި ދިމާއަށް އެހެން ބުނެފައި ތެދުވެގެން ހިގައްޖެއެވެ.


ޒުލޭހާ ހުރީ ތޫމާ އަންނަން ވާއިރަށް ފަރާޓާއާއި ބިރިޔާނީ ތައްޔާރުކޮށްފައެވެ. އެއީ ތޫމާއަށް އެންމެ މީރު ކެއުމެވެ. ގޭއެންމެން ތިބީ ތޫމާއާއި އެކު ކާށެވެ.
"ތޫމާ! މިހާރު ވަޒީފާ ހަމަޖެހިއްޖެތަ؟" ބައްޕަ އަހައިލިއެވެ. "އަދި ނުޖެހޭ! ހަމަޖެހޭނެ ވަރަށް އަވަހަށް." ތޫމާ އެހެން ބުނުމުން ޒުލޭހާގެ ދެމަފިރިންގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އެހިނިތުންވުމުގައި ވަނީ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެވެ. އެމީހުންގެ ހުރި ހަމައެކަނި އަންހެންދަރިފުޅު މީހަކަށް ހަދައިދެވިއްޖެކަމުގެ ހިތްހަމަޖެހުމެވެ.

"ސާހިލް! ކިހިނެތްވެފަތަ ފޯނަށް ޖަވާބު ނުދީ ތިހުންނަނީ.އެގެއެއްނު އޭނަ ހަމަ ގުޅާނެކަން." ޝަހުދު އަހައިލިއެވެ. ފަނިތަށިން ކޯވަރެއް ބޮއިލަމުންނެވެ.
"އަހަރެން ހަމަ ވާހަކަ ދައްކާ ހިތްނުވަނީ. މިއަދުވެސް އެއްކަލަ ވައްތަރަށް އަހަރެން އޮފީހުގަ ހުއްޓާ ގުޅަން ފެށީ. ބިޒީއޭ ބުނީމަވެސް." ސާހިލް ބުނެދިނެވެ.
" ހާދަ ކުޑަކޮށް ތިކައިލީ؟" ޒާރާ ސާހިލް ތެދުވެގެން ދާން ފެށުމުން އަހައިލިއެވެ.
"އާނ. ވަރަށް ފޫހި ދުވަހެއް މިއީ." ސާހިލް ނުކުމެގެން ދިޔުމުން ޒާރާ ބަލައިލީ ޝަހުދުގެ މޫނަށެވެ.
"އެހެނެއްނޫނޭ ވެގެން އެއުޅެނީ. މިއަދު އަހަރެނަނަށް ހީވަނީ އެހެން ކަމެއްހެން ވެގެން އެއުޅެނީ!" ޝަހުދުގެ ސިކުޑި ބުނަނީ އެހެންނެވެ. "ކިހިނެތްވެގެން އުޅެނީ؟" ޒާރާ އަހައިލިއެވެ. "ނޭގެ. އަހަރެންނަކަށް. އޭނަ އެގެއެއްނު ޝެއާއެއް ނުކުރާނެކަން. އެކަމަކު ޔަގީން މިހާރު ސާހިލް ވަރަށް ކަމަކާ ވިސްނާކަން." ޝަހުދު ޒާރާގެ އަގައަށް ރޮށިކޮޅެއް ލަވައިދިނެވެ.

ހަވީރު ތޫމާ ނުކުތީ އޭނާގެ ދެބެންދެދަރި ނީނާއާއި އެކު ނީނާގެ ދަރިފުޅު ގޮވައިގެން ހިގާލާށެވެ. އެމީހުންގެ މިސްރާބު ހުރީ ރަށުގެ ދެކުނު ފަރާތު އަތިރިމައްޗާއި ދިމާއަށެވެ. އެއީ އިރުއޮއްސޭ ފަރާތްކަމުން ރަށުގެ ގިނަ ބަޔަކު މިގަޑީގައި އެދިމާއަށް ނުކުމެއެވެ.
"ތޫމާ! ދެން ކޮބާތަ މިހާރު ބިޓެއްވެސް ނުގެންގުޅެންތަ؟" ނީނާ އޭނާގެ ދަރިފުޅު ދޫކޮށްލީ އަތިރިމައްޗަށް ނުކުމެވުމުންނެވެ. 2އަހަރަށްދާ މީކާއިލް ދޮންވެލިގަނޑުމަތީ އޭނާގެ ކުދި ފިޔަވަޅުތައް އަޅަން ފެށިއެވެ. ތޫމާ ހުރީ ވިސްނާށެވެ.ނީނާއަށް ދޭނެ ޖަވާބަކާ މެދުގައެވެ.
"ހޫމް. ނެތް ތިކަހަލަ ކަމެއް. އެންމެންނަކީ ނީނާ ކަހަލަ ނަސީބުވެރިންނެއް ނޫނެއްނު." އެއީ ތެދެކެވެ. މީހެއްގެ އަންބަކަށް ވެވުމަކީ ނަސީބަކަށް ވާނަމަ އެނަސީބު ނީނާއަށް ލިބިފައިވެއެވެ. ތޫމާ އެހެން ބުނެފައި ހިތި ގޮތަކަށް ހިނިތުންވެލިއެވެ.
" ދެން ތޫމާ! އެ ދެން ނަސީބުވެރިކަމަކުން ނޫނެއްނު. ތޫމާވެސް ކިހާ ނަސީބުގަދަ؟ މިހާރު ތިހިރީ މާސްޓާސް ނިންމާފަ އައިސް. މާދަމާ ވަޒީފާ ހަމަޖެހޭނެ. އަމިއްލަ ފައިމައްޗަށް ތެދުވެވުމަކީ ކޮންމެ ކޮންމެ އަންހެންކުއްޖަކަށް ކުރެވޭ ކަމެއް ނޫނެއްނު" ނީނާ ތޫމާއަށް އޭނާއަކީ ތޫމާ ނަސީބުވެރިއެއްކަން ހަނދާންކޮށްދިނެވެ. އޭނާގެ ސުވާލުގެ ސަބަބުން ތޫމާއަށް އަސަރުކޮށްފިކަން އޭނާއަށް އެގުމުންނެވެ. ތޫމާ މޫދާ ދިމާއަށް ބަލައިލިއެވެ. އޮއްސެންދާ އިރުގެ ރަން ތެވެލިތައް މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު އެމަންޒަރު ވަރަށް ހިތްގައިމެވެ. ދިޔަވަރު ހިކިފައިވުމުން އާނުގަނޑުމައްޗަށް ނުކުމެ އުޅޭ ކުދިންތައްވެސް ބައިވަރެވެ. ތޫމާގެ ލޮލުގައި އަޅައިގަތީ ކެމެރާއެއް ކަރުގައި އަޅާލައިގެން ފޮޓޯ ނަގަމުން ދިޔަ ފިރިހެންކުއްޖެކެވެ. ޒުވާން އަންހެންކުދި ބަޔަކާ ސަކަރާތް ޖަހަމުން ފޮޓޯ ނަގަމުން ދިޔައިރު އެހެން އެއްވެސް ކަމެއް މަތިން އޭނާ ހަނދާން ހުރި ހެނެއް ހިއެއްނުވެއެވެ.ތޫމާ އަތުގައި އޮތް ދަބަސް ހުޅުވާލާފައި ކެމެރާ ނެގިއެވެ. ތޫމާގެ ލޮލުގައި ވަނީ އަޖައިބެއް ކަހަލަ ކުލަވަރެކެވެ. ނީނާއަށް އެމަންޒަރު ފެނުމުން ބަލައިލެވުނީ ތޫމާގެ މޫނަށެވެ.
"ތޫމާ! މިތަނުން ދާންވީނު؟" ތޫމާ ކެމެރާ ނަގައި އޮންކޮށްލަން އުޅެނިކޮށް ނީނާ ބުނެލިއެވެ.
" ކީއްކުރަންތަ މިތަނުން ދާންވީ؟ އަހަރެންނަށްވެސް ފޮޓޯ ނެގޭނެއްނު؟" ތޫމާ ކެމެރާ ކަރުގައި އަޅައިލަމުން ޖިންސުގެ ފައިކުރި އޮޅާލިއެވެ. އޭނާ ބޭނުންވަނީ އެކަން އެފިރިހެންކުއްޖާއަށް އަންގާ ދޭށެވެ
"ތޫމާ! މިތަނުން ދާންވީނު؟" ތޫމާ ކެމެރާ ނަގައި އޮންކޮށްލަން އުޅެނިކޮށް ނީނާ ބުނެލިއެވެ.
" ކީއްކުރަންތަ މިތަނުން ދާންވީ؟ އަހަރެންނަށްވެސް ފޮޓޯ ނެގޭނެއްނު؟" ތޫމާ ކެމެރާ ކަރުގައި އަޅައިލަމުން ޖިންސުގެ ފައިކުރި އޮޅާލިއެވެ. އޭނާ ބޭނުންވަނީ އެކަން އެފިރިހެންކުއްޖާއަށް އަންގާ ދޭށެވެ.
ތޫމާގެ ފިޔަވަޅުތައް ހުރީ އެދިމާއަށެވެ. އެމީހުންގެ ކައިރިންލާފައި ގޮސް އޭނާ އެމީހުންނަށްވުރެ ކުރިއަށް ނުކުމެއްޖެއެވެ. އަދި އިރުގެ ތަސްވީރުތައް ކެމެރާގައި ގައިދު ކުރަން ފަށައިފިއެވެ.ފިރިހެންކުއްޖާއަށް ތޫމާ ފެނުމުން ހުއްޓުން އެރިއެވެ. އޭނާގެ ނަޒަރު އިރުކޮޅަކަށް ތޫމާގެ ހަރަކާތްތަކަށް ހުއްޓުނެވެ.
"ތޫމާ!" އޭނާ އައިސް ތޫމާ ކައިރިއަށް ހުއްޓި ގޮވާލިއެވެ. ތޫމާ އަޑު އިވުނުކަމަށްވެސް ނުހަދާ ފޮޓޯ ނަގަމުންދިޔައެވެ. އެހެން ހުރެފައި ކުއްލިއަކަށް އޭނާ އެބުރުނެވެ.
"އާމިރު!ކިހިނެތްވީ؟" އާމިރުގެ ހައިރާންކަން ފެންނަން ހުރި މޫނަށް އޭނާ ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ.
"ތޫމާ! ކޮންއިރަކު ރަށަށް އައީ؟ ހާދަ ހިކިއްޖޭ" ތޫމާގެ ހިމަތޮޅި ރީތި ހަށިގަނޑަށް ބަލައިލަމުން އާމިރު ބުނެލިއެވެ. "އަހަރެން އައި ދުވަހެއް ބަލަނީ ކީއްކުރަންތަ؟" ތޫމާގެ އަޑުގައި ވަނީ ނުރުހުމެވެ.
" ކަމެއް ކުރާކަށް ނޫނޭ! ހަމަ އަހާލީ. ކިހިނެތްތަ ހާލު؟" ތޫމާގެ ޖަވާބުން ތޫމާގެ ނުރުހުން އާމިރުއަށްވެސް އިހުސާސް ކުރވުނެވެ.
" އަހަރެންގެ ހާލު ރަނގަޅު. އާމިރު ކިހިނެތް؟" ތޫމާވެސް އާމިރުގެ ހާލު އަހައިލިއެވެ. ކިތަންމެ ނުރުހުންވެފައި ހުރި ނަމަވެސް އާމިރުގެ ހާލު އެގެން އޭނާ ބޭނުންވެއެވެ.
"އަހަރެން ރަނގަޅު. ކާކުގެ ކެމެރާއެއް؟" ތޫމާގެ އަތުގައި އޮތް ކެމެރާއަށް ބަލައިލަމުން އާމިރު ބުނެލިއެވެ.
" މިއީ އަހަރެންގެ ކެމެރާއެއް. ދެން ދާންވީނުދޯ އާމިރުގެ ބިޓުންތައް އެތިބީ އާމިރު ނައިސްގެން" ތޫމާ ދުރުގައި ބަލަހައްޓައިގެން ތިބި ކުދިންތަކަށް ބަލައިލަމުން އާމިރު ގާތު އެތަނުން ދާން ބުންޏެވެ. އާމިރު ތޫމާގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ދެން ހިގައިގަތެވެ.ކިތަންމެ މަޑު ކުރަން ހިތްއެދުނު ކަމުގައި ވިޔަސް މިއަދު އެހުއްދައެއް އޭނާއަކަށް ނެތެވެ.ތޫމާ އިރާ ދިމާއަށް އެބުރުނެވެ.އޭނާ ބަލައިލިއެވެ. އެއިރުވެސް އޭނާއަށް އަލްވަދާއު ކިޔާފައި ދަނީއެވެ. މާދަމާވެސް އަންނާނެއެވެ. ހަމަ އާމިރު ގޮތަށެވެ. އާމިރުވެސް އޭނާގެ ދިރިއުޅުމަށް އައެވެ. ހިތުގައި އުއްމީދުގެ ބައްތިއެއް ރޯކޮށްދިނެވެ. އެހަޔާތަށް ދުވަސްކޮޅަކަށް އަލިކޮށްދިނުމަށްފަހު ދިޔައީއެވެ. އެއިރުވެސް އުދަރެހާ ނިވާވެ ގެއްލުނު ގޮތަށެވެ. ހަމައެގޮތަށް ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވެސް އޭނާ އާމިރުއާއި ކުރިމަތިލާން ޖެހޭނެކަން އޭނާއަށް އެގެއެވެ. އާމިރުއާއި ދިމާނުވޭތޯ އޭނާ ދުއާއެއްވެސް ނުކުރެއެވެ.މަސައްކަތެއްވެސް ނުކުރެއެވެ. އަބަދު ފިލައިގެނެއް އޭނާއަކަށް ނޫޅެވޭނެއެވެ. އޭނާގެ ދުއާއަކީ އާމިރުގެ ސަބަބުން ދިރިހުރުމުގެ ހިތްވަރު އޭނާގެ ކިބައިން ގެއްލިގެން ނުދިޔުމެވެ. އެލޮލުން ކަރުނަ އޮހޮރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެލޮލުން މިހާރުވެސް ކަރުނަ ހިލިއްޖެއެވެ.މާޒީ ހަނދާންވުމުންނެވެ.

ސާހިލް ފޯނު ނަގައި ރީޝާއަށް ގުޅައިލިއެވެ. ކިތަންމެ ގުޅަން ބޭނުން ބޭނުންނުވިޔަސް އޭނާ ގުޅަން ޖެހެއެވެ.ވާހަކަ ދައްކަންވެސް ޖެހެއެވެ. އެއީ އޭނާގެ ދަރިފުޅުގެ މަންމަކަމަށްވާތިއެވެ.
" ގުޅިއްޖެދޯ؟ ކިތައް ފަހަރު އަހަންނަށް ގުޅިއްޖެ." ސާހިލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ރީޝާ ފަށައިފިއެވެ. "ހޫމް. މައިޝަލްއަށް ކިހިނެތްވީ؟" ސާހިލް ރީޝާގެ ވާހަކަތައް އަޑުއަހާކަށް ބޭނުމެއްނުވިއެވެ.
" އަދި މަރެއްނުވޭ." ރީޝާ އޭނާގެ އުގުގައި އޮތް މައިޝަލްގެ ބޮލުގައި ފިރުމައިލިއެވެ.
"އަހަރެން އެހީ ވީކިހިނެތްތޯ؟" ސާހިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ބޯފަޅައިގެން ދިޔައީ.މިހާރު އޯކޭ. އަހަރެން ބުނީ އަހަރެންނަށް ލާރިކޮޅެއް ފޮނުވައިދޭންވީނު.؟" ރީޝާ އެދުނެވެ. "ކީއްކުރަން؟" ސާހިލް ސަބަބު އަހައިލިއެވެ. އަބަދުވެސް އާދައިގެ މަތިންނެވެ.
"އެއީ ހެދުމެއް ގަންނަން ވެގެން. އަހަންނަކަށް ނޫން. މައިޝަލްއަށް." ރީޝާ ސާހިލްއަށް ބުނެދނެވެ.ސުވާލު ކުރުމުގެ ކުރިންނެވެ. ސާހިލް އެހެން ހީކޮށްފާނެތީއެވެ.
"އަހަރެން ނާހަމެއްނު.މައިޝަލް ޑޮކްޓަރަށް ދެއްކިންތަ؟" ސާހިލް ބޭނުންވީ މައިޝަލްއަށް ގެއްލުމެއްނުވާކަން ޔަގީންކޮށްލާށެވެ.
"އާނ. ދެއްކީމޭ. ދެން އަހަރެންމީ އެހާ ފަރުވާ ކުޑަ މީހެއް ނޫނޭ. އެހެންނޫނަސް އެއީ މިހާރު ސާހިލްގެ ނިޝާނަކީ އަހަރެމެންގެ ގުޅުމުގެވެސް." ރީޝާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. މާޒީގެ އެއުފާވެރި ދުވަސްތައް ހަނދާންވުމުންނެވެ. އަޑުއަހަން ހުރި ސާހިލްއަށް އެއީ އާ ޖުމްލަތަކެއް ނޫނެވެ.
ރީޝާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. މާޒީގެ އެއުފާވެރި ދުވަސްތައް ހަނދާންވުމުންނެވެ.އަޑުއަހަން ހުރި ސާހިލްއަށް އެއީ އާޖުމްލަތަކެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެވާހަކަތަކުން އޭނާއަށް އެއްވެސް އަސަރެއް ކުރާނެ ފުރުސަތެއް އޭނާ ނުދެއެވެ. "ދެން އޯކޭ ފަހުން ގުޅާނަން." ރީޝާއަށް ވާހަކަ ދައްކަން އިތުރު ފުރުސަތެއް ނުދީ ސާހިލް ފޯނު ބޭއްވިއެވެ.
ރަށު ސުކޫލުގެ ޕުރިންސިޕަލް ބަދަލުވެއްޖެކަން އެންމެންނަށްވެސް އެގެއެވެ. އެހެންނަމަވެސް އާޕުރިންސިޕަލަކީ ކާކުކަމެއް ގިނަ މީހުންނަކަށް ނޭގެއެވެ. މިއަދަކީ ސުކޫލުގެ މުވައްޒަފުންނާ އާޕުރިންސިޕަލް ބައްދަލު ކުރާ ދުވަހެވެ." ތޫމާއަށް އެގޭތަ އާޕުރިންސިޕަލަކީ ކާކުކަން؟" ތޫމާ އާއި ޖެހިގެން އިން ގޮޑީގައި އިން ސައިމާ އަހައިލިއެވެ. " ނޭގެ ކާކުތަ؟" ތޫމާ އަހައިލިއެވެ. އެވަގުތު ވަދެގެން އަންނަ މީހާކު ފެނުމުން ސައިމާ އެދިމާއަށް އިޝާރާތްކޮށްލިއެވެ. ތޫމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ ވަރަށް ރީތި ކަސްރަތީ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. އުމުރުން 30 އަށްވުރެ މައްޗެއް ނުވާނެއެވެ. އޭނާގެ ފަހަތުން އަންނަ ސުކުލުގެ އިސްވެރިން ފެނުމުން އެއީ ސުކޫލުގެ އާޕުރިންސިޕަލްކަން ދެނެގަންނާކަށް ތޫމާއަށް މާއުދަގުލެއް ނުވިއެވެ.
"ސާހިލް. ސާހިލް ސަލީމް." ސައިމާ ބުނެދިނެވެ. ތޫމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.ސާހިލް އެމީހުންނާ މުޙާތަބުކޮށް މާގިނަ ވާހަކައެއް ނުދައްކައެވެ. އޭނާ ބުނީ އެންމެންވެސް ގުޅިގެން މަސައްކަތް ކުރަން ވާނެ ކަމަށެވެ. އޭނާ ކައިރީ އެއްވެސް އެއްޗެކޭ ބުނަން ފަސްޖެހިގެން ނުވާނެ ކަމަށެވެ. ތޫމާވެސް ސާހިލްގެ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެހިއެވެ. އެންމެ ފަހުން ސާހިލް އެދުނީ އަލަށް ވަންނަ މުދައްރިސުން އޭނާގެ ކެބިންއަށް އައުމަށެވެ. ތޫމާވެސް އޭނާ ނުކުތުމުން އެހެން މީހުންނާއެކު ސާހިލްގެ ކެބިންއާއި ދިމާއަށް ހިގައިގެންފިއެވެ.

ސުކޫލުން ނުކުމެގެން ތޫމާ ހިގައިގަތީ ގެއަށް ދާށެވެ. ހަވީރު ވަގުތު ކަމުން މަގުތައް ވަރަށް ހަލަބޮލިއެވެ. އެކަނިމާއެކަނި އޭނާ ހިގަމުންދިޔައެވެ. ނޫކުލައިގެ ކުރުތާއަކާ ކަޅު ނޫކުލައިގެ ޖިންސެއްގައި ހުރި ތޫމާގެ ދޮން ހަށިގަނޑަށް ދަހިވެތި ނަޒަރުތައް ހުއްޓެމުންދާކަން އޭނާއަށް އެގެއެވެ. ނުފެންނަތާ ދުވަސްވެފަ ފެންނަ ދަންނަ މީހުން ހާލު ކިހިނެތްތޯ އައީ ކޮންއިރަކުންތޯ އަހަމުންދިޔައެވެ. " ތޫމާ!ކޮންއިރަކު އައީ؟" ތޫމާއަށް ހުއްޓެވުނީ ފިހާރައަކުން ނުކުތް އަންހެނަކު އެހެން އަހައިލުމުންނެވެ. "އަހަ.. ވަދީ ދައްތަ؟ ދެތިން ދުވަސްވެއްޖެ އައިތާ؟ ކިހިނެތްތަ؟" ވަދީފާއަށް ޖަވާބު ދިން ވަގުތު އެދިމާއަށް އައި ސައިކަލު ފެނުމުން ތޫމާއަށް ހުއްޓުންއެރިއެވެ. ބަލަހައްޓައިގެން ހުރެވުނެވެ. އާމިރުއަށްވެސް ތޫމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
" އަހަރެން ރަނގަޅު. އަޑުއެހިން ތޫމާއަށް ވަޒީފާ ލިބުނު ވާހަކަ. ދެން ކޮންއިރަކުތަ ސައިދެނީ؟" ތޫމާގެ މޫނަށް ފުން ނަޒަރަކުން ބަލައިލަމުން ވަދީފާ އަހައިލިއެވެ. ތޫމާއަށް ބަލައިލެވުނީ އާމިރުގެ މޫނަށެވެ. އާމިރުއަށް އިސްޖަހައިލެވުނެވެ. ވަދީފާގެ ޖުމްލަ އޭނާއަށްވެސް އަޑުއިވުނެވެ.
"ނޭގެ އަދި. ދެން ކޮންމެވެސް ދުވަހަކުން. ދެން ދަނީ މިހާރު މަންމަ ހުންނާނެ ލަސްވެފަ." ތޫމާ އެހެން ބުނެފައި ހިގައިގަތެވެ. ވަދީފާވެސް ދިޔައީއެވެ. ތޫމާ އާމިރުއާއި ދިމާއަށް ނުބަލާ އަނެއް ފަރާތަށް މޫނު އަބުރާލިއެވެ. އާމިރު ތޫމާއަށް ގޮވާވެސްލިއެވެ. އެހެންނަމަވެސް ތޫމާ އަޑުވެސް އިވުނުކަމަށް ނުހެދިއެވެ. ފަހަތުން ދާން އާމިރު ބޭނުންވިއެވެ. އެހެންނަމަވެސް އެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
ތޫމާ ހިގަމުންދިޔައެވެ. އާމިރު ފެނުމުން އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ހިތުގައި އުތުރިއަރައިގަތީ އަޖއިބެއްކަހަލަ ތޫފާނެކެވެ. އޭނާ ބާރު ބާރަށް ހިގަމުންދެއެވެ. ހިތަށް ވަންނަމުން ދިޔަ ހިޔާލުތަކުން ސަލާމަތްވާން އޭނާ ބޭނުންވެއެވެ. ލޮލަށް ޖަމާވަމުންދާ ކަރުނަތައް އޮހޭކަށް އޭނާ ބޭނުމެއްނުވެއެވެ. އެހަނދާންތައް އާކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. މާދުރަކަށް ހިގާކަށް ނުޖެހުނެވެ. ގެއަށް ދެވިއްޖެއެވެ. ގެއަށް ވަންއިރު މަންމައާއި ކޮއްކޮމެން ފުޓުބޯޅަ މެޗެއް ބަލަން ސިޓިން ރޫމުގައި ތިއްބެވެ. ތޫމާ އަވަސްއަވަހަށް އަމިއްލަ ނަފުސު ކޮންޓުރޯލް ކުރިއެވެ. މަންމަމެންނަށް އޭނާގެ ހާލު ދައްކާކަށް އޭނާ ބޭނުމެއްނުވެއެވެ.
ފެންވަރައިގެން ނުކުތްއިރު ރީޝާ 10 ފަހަރު ގުޅައިފައި އޮތުމުން ސާހިލް ރީޝާއަށް ގުޅައިލިއެވެ.
" ކިހިނެތްވީ؟ ތިހާ ވަރަށް ތިގުޅަނީ؟" ސާހިލް އެދުގައި އިށީނެވެ. ރީޝާ ދެއްކީ މައިޝަލްގެ ވާހަކައެވެ. މައިޝަލް ބައްޕަ ކައިރިއަށް ދާން އުޅޭ ވާހަކައެވެ.
" އަހަރެން ދެވޭތޯ އެބަ ބަލަން. އެކަމަކު އަދި މަހެއްވެސް ނުވެއެއްނު އަހަރެން މާލެ ގޮސްފަ އައި ފަހުން. އެހެންނޫނަސް އަދި ކިރިޔާ މިސެމެސްޓާރަ ކިޔެވުން މާދަމާ ފެށޭނެ. އަހަރެން ކިހިނެތް ދާނީ؟" ސާހިލް ބުނީވެސް ތެދެކެވެ. އޭނާ ވަޒީފާ ދޫކޮށްލާފައި އަބަދު ގޮސް މައިޝަލް ކައިރީގައި ހުރެވޭނެ ހެއްޔެވެ؟
" ތިއެއް ނޭގެ އަހަރެންނަކަށް. މިހާރުވެސް ސާހިލްގެ ބިޓަކު އަންނަން ބުނާއިރަށް ދުވެފަ އަންނާނެ. އަހަރެންނާއި އަހަރެންގެ ދަރިފުޅު އެއީ ދެން ސާހިލަކަށް އެއްވެސް މީހެއް ނޫން ވިއްޔާ" ރީޝާ އެހެން ބުނުމުން ސާހިލްގެ ގާތަށް ވަރަށް ރުޅިއައެވެ.
" ރީޝާ ތިއީ އަހަރެން އަބަދު ދައްކާ ވާހަކަ. ރީޝާއަށް ނުވިސްނެނީ ކީއްވެތަ؟ މިއީ އަހަރެން ދިރިއުޅުމަށް ކުރާ މަސައްކަތޭ. އަހަރެންނަށް އާމްދަނީ ލިބޭ ވަސީލަތޭ. ރީޝާގެ ތި ޝަކުވާތައް އަޑުއަހާކަށް އަހަރެންނަކަށް ނެތް ވަގުތެއް. ބޭއްވީ." ސާހިލް ފޯނު ކަޑައިލިއެވެ. ރީޝާގެ ވާހަކަތައް އަޑުއަހާކަށް އޭނާ ބޭނުމެއްނުވެއެވެ. ސާހިލް އެދުގައި ހަމަޖެހިލައިގެން އޮށޯތެވެ. ދިރިއުޅުމާ ދޭތެރޭ ވިސްނާލުމަށެވެ. މިހާރު އެއަޑު އަހަން ފޫހިވި ނަމަވެސް އެއަޑު އެއީ އެއް އިރެއްގައި އޭނާގެ ކަންފަތް އެންމެ އަހަން ބޭނުންވި އަޑަށްވިއެވެ. އެސޫރަ އެއީ އެންމެ ދެކެން ބޭނުންވި ސޫރައެވެ. އެއީ އޭނާ މާލޭގައި ވަޒީފާ އަދާ ކުރި ދުވަސްވަރުއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-27 14:32:23 | Report this Comment
ހާޓް:

އަޢިޝް! ވާހަކައިގެ މައި ހާދިސާ ސަޅި. އެކަމަކު ތަކުރާރު ވަރަށް އެބަހުރި. އަދި ބަހުގެ ކުށްތައް ވަރަށް ގިނަ. މިކަންކަން ރަނގަޅުކޮށްގެން ލިޔެވޭތޯ ބަލާ. އޭރުން ލިޔުމުގެ ފެންވަރާއި ތިމާގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުވާނީ....
އަޢިޝް: ތިކަމާ އަޅުގަނޑު އެއްބަސްވަން.ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ ފާޅު ކުރެއްވި ހިޔާލަށް

Posted on 2010-08-27 23:42:37 | Report this Comment
ލަޔާ:

އައްސޭޜި ވާހަކަ ވަރަށް ކިޔާ ހިތުން ހރީ ، އެކަމަކު އަޕްލޯޑް ނުކުރާތީ ވަރަށް ދެރަވެފަ ހުރީ ، އެކަމު މިހާރު އެހެންނަމެއްގަ ނަމަވެސް ގެނެސް ދޭތީ ތޭންކްސް ވަރަށް ބޮޑަށް

Posted on 2010-08-28 12:38:40 | Report this Comment
ޒައިހާ:

އެހއންނަމެށްގަ ގެނެސް ގިެްސް ކުރީބައިތަށް ނުގެންނަ ނަމަ ދޯ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.