ސަމޮއާއާއި އެމެރިކަންސަމޮއާއަށް މިދިޔަ ބުދަދުވަހު އެރި ސްނާމީގެ 20 އުސް ރާޅުތަކުން އިނގިރޭސިރައްޔިތެއްކަމަށްވާ ޢުމުރުން 22 އަހަރުގެ ޓޮމްގޮގޯލާ ސަލާމަތްވީ އޭނާއަށް ލިފައިވާ ރާޅާއެޅުމުގެ ހުނަރުގެ ބޭނުންވެސް ކޮށްގެންކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ. ޑެއިލީމެއިލް ބުނާގޮތުގައި ސްނާމީގެ ރާޅުތައް އެމެރިކަންސަމޮއާއަށް އަރައިގެން އައިވަގުތު ހާލަތުހުރި ގޮތް ޓޮމްގެ ބައްޕައާއި އެހާދިސާއިން ސަލާމަތްވި ބައެއްމީހުން ވަނީ އެނޫހަށް ކިޔައިދީފައެވެ.
ޓޮމްއާ ހަވާލާދީ އޭނާގެ ބައްޕަ ބުނެފައިވާގޮތުގައި ސްނާމީގެ ރާޅުތައް އައިވަގުތު ޓޮމްގެ އިތުރުން އެހެން ބައެއް ރާޅާއެޅުންތެރިން ތިބީ ބޯޓްޓްރިޕެއްގައި ގޮސް މޫދުގައެވެ. ރާޅުއައި ވަގުތު އެހެންމީހުން މަސައްކަތްކުރީ ރާޅާ ދެކޮޅަށް ފަތަންކަމަށްވިޔަސް ޓޮމްއާއި އޭނާގެ އަންހެނުން ރާޅުގައި ޖެއްސިކަމަށާއި އަދި އެގޮތުން އޭނާ އެމީހުން ދަތުރުކުރި އުޅަނދާހަމައަށް ދިޔަކަމަށް އޭނާގެ ބައްޕަ ޢުމުރުން 59 އަހަރުގެ ސްޓީވް ގޮގޯލާ ބުނެއެވެ. އެވަގުތު މޫދުގައި ތިބި ގިނަމީހުން ރާޅުތަކާއި އެކު ޖަންގަލިތެރެއަށް އޮޔާގޮސް މަރުވެފައެވެ.
”އަހަންނަކަށް ނޭނގޭ އެމީހުން ސަލާމަތްވީގޮތެއް ބުނެދޭންވެސް އެއީ ވަރަށް އާދަޔާޚިލާފުކަމެއް“ ސްޓީވް ބުނެފައިވެއެވެ.
ނިދާފައި އޮއްވާ ހޭލެވުނު ވަގުތު އާނާއާއި ކްރިސްޓޮފަރ ގްރިފިޓްސް ބުނިގޮތުގައި އެމީހުން ސަލާމަތްވީ ގަހެއްގައި އަތްޖެހުމާއި އެކު ހިފެހެއްޓިގެންނެވެ. އަދި ފެނުންމައްޗަށް މަދު ސެންޓިމީޓރުކޮޅަކަށް އެމީހުންގެ ބޯހިކިފައި ތިބިއިރު އަވައްޓެރިން މަރުވެގެންދިޔަ މަންޒަރު އެމީހުންނަށް ވަނީ ފެނިފައެވެ. އެކައުންޓެއްޓެއްގެ ވަޒީފާގައި އުޅޭ ޢުމުރުން 29 އަހަރުގެ އާނާ ބުނާ ގޮތުގައި ރާޅުތައް އަރައިގެން އައި ވަގުތު އިވުނު ބިރުވެރި އަޑު އޭނާގެ ސިކުނޑީގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ.
އިނގިރޭސިވިލާތުގެ ހާޓްފޯޑުން ސަމޮއާއަށް ހިޖުރަޖކުރިތާ ކުޑަދުވަސްކޮޅެއްވެފައިވާ ރރަޗެލް ޕޫލޭ ބުނިގޮތުގައި އޭނާ ސަލާމަތްވީ އޭނާގެ ބައިވެރިއާއެކު ކާރަށް އެރުމުންނެވެ. ކާރަށް އެރިނަމަވެސް ކުޑައިރުކޮޅެއްގެ ތެރެއަށް ފެންއެޅެން ފެށުމުން އެއިން ނުކުމެގެން ސަލާމަތްވާން މަސައްކަތްކުރިގޮތް އޭނާ ކިޔައިދީފައިވެއެވެ.
ސަމޮއާއާއި އެމެރިކަންސަމޮއާގެ ކަނޑުގެ ސަރަހައްދަށް ރިކްޓަރމިންގަނޑުން 8.3ގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު އުފެދުނު ސްނާމީގައި އެދެތަނަށް 20 ފޫޓްގެ އުސް އަށްރާޅުއެރުމުގެ ސަބަބުން 180 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު ގެއްލުނުމީހުންނާއި ޒަޚަމްވިމީހުންގެ އިތުރުން ގެދޮރުގެއްލުނުމީހުންގެ އަދަދު އެތައްހާހަކަށް އަރައެވެ.