
ފަތިހުގެ ފިނިކަން އިޙްސާސް ކުރަމުން ހާނިމް ދެލޯ ހުޅުވާލިއެވެ. ކުޑަކޮށް ހީކަރުވާކަހަލައެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. ބޭރުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަށް އެއްވެސް ހިފެހެއްޓުމެއް ނެތި ކޮޓަރިތެރެއަށް ޖެހެން ފެށިއެވެ. ހާނިމްގެ ހޭވިފައިވާ އިސްތަށިގަޑާއި ކުޅެމުން ދިޔައެވެ. ހާނިމްގެ ހިތް މިއަދު ނުތަނަވަސް ވެފައިވަނީ މާބޮޑަކަށެވެ. ހިތް ކުރިޔަށް ވުރެން ބިރުގަންނަން ފެށިއެވެ. މިއަދު ކޮންމެވެސް ބޮޑުކަމެއް ދިމާވާން އުޅެނީ އޭ ހިތް ބުނާކަހަލައެވެ. ކުޑަދޮރުން ބޭރުގެ އުފާވެރި ރީތި މަންޒަރުތަށް ބަލަން ހުރުމަށްފަހު އެނބުރި އައިސް އެނދުގައި އިށީނެވެ. އަދި މަޢުސޫމު ގޮތަށް ނިދާފައިވާ ކުޑަދަރިފުޅަށް ބަލާލިއެވެ... ކުއްލިޔަކަށް މީހަކު ދޮރުގައި ޖަހާލިއެވެ. ހާނިމް ސިއްސައިގެން ދިޔައެވެ.
" ދޮރުތަޅުލީ ކާކު؟" ހާނިމްގެ ހިތަށް އެރިއެވެ.
" ކާކު؟" ހާނިމް އަހާލިއެވެ.
" އަހަރެން. ދޮރުހުޅުވަބަލަ." ލަތީފުގެ އަޑު އިވިގެން ދިޔައެވެ. ހާނިމްގެ ހިތް ތެޅިގަތެވެ. ދެލޯ ބޮޑު ވިއެވެ. ކުއްލިޔަކަށް ހާނިމްގެ އުފާވެރި ދުނިޔެ ގެއްލިގެން ދިޔަކަހަލައެވެ.
" ހާނިމް ދޮރުހުޅުވަބަލަ." ލަތީފު ދެވަނަ ފަހަރަށް ގޮވާލިއެވެ. ހާނިމް މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ހުޅުވާލުމާއިއެކީގައި ލަތީފު އެތެރެއަށް ދެމިގަތެވެ. ހާނިމް ބިރުން ފަހަތަށް ޖެހިލިއެވެ.
" ކިހިނެއްވީ؟" ޝައްކުން ފުރިފައިވާ ރާގެއްގައި ހާނިމް އަހާލިއެވެ.
" ކަމެއްވީކީއެއްނޫން. ހިނގާބަލަ ބޭރަށް ގޮސްލަން." ލަތީފު ހީލަމުން ބުނެލިއެވެ.
" ކޮންތާކަށް؟" ޝައްކުންފުރިފައިވާ ރާގެއްގައި އަހާލިއެވެ.
" ބޭރަށް. ދުނިޔޭގެ ތާޒާވައިލިބޭ ތަނަކަށް. ތަރިތަކުގެ ރީތި ވިދުމުން އުފާހާސިލް ކޮށްލަން. ފަތިހުގެ ރީތި މަންޒަރުތަކުން ހިތްހަމަ ޖެހުން ހޯދަން." ޝާއިރީ ގޮތަކަށް ލަތީފު ބުނެލިއެވެ. ހާނިމްގެ ހިތް އަދިވެސް ޝައްކެވެ. ކުއްލިޔަކަށް ލަތީފު ބަދަލުވެދާނެކަމަކަށް ހާނިމް ގަބޫލެއްނުކުރެއެވެ. އެންމެ ބޮޑަށް ހާނިމް އަކީ ދުނިޔެއިން މޮޔަވެފައިވާ މީހެކޭ ކީ ލަތީފު އެވެ.
" ކިހިނެއްވީ؟ " ހީލަމުން ލަތީފު އަހާލިވެ. ހާނިމް ޝައްކުން ފުރިފައިވާ ނަޒަރަކުން ބަލަމުން ދިޔައެވެ. ދެލޯ ބޮޑުކޮށް ގެންނެވެ. ލަތީފު ހާނިމް އާއި ގާތް ވެލިއެވެ.
" ދެންވެސް ލަސްނުކޮށް ހިނގާބަލަ. ކުޑަމީހާ ހޭލީމައަކާއެއް ނުދެވޭނެއެއްނު." ވަރަށް ލޯތްބާއި އޯގާތެރިކަމާއި އެކީގައި ލަތީފު ބުނެލިއެވެ." ދޭ އަވަހަށް ހެދުން ބަދަލު ކޮށްލައިގެން އަންނަ ދޭ." ލަތީފު ބުންޏެވެ. ހާނިމް މަޑުމަޑުން ބިރުން ހުރެ ގޮސް ފާޙާނާ އަށް ވަނެވެ. ކުރިމަތިން ފެންނަން ހުރި ލޯގަނޑުން މޫނަށް ބަލައިލިއެވެ. ހާނިމް ސިއްސައިގެން ދިޔައެވެ. ލޯގަނޑުގައި އަތް ކާތާލިއެވެ.
" އަހަރެން. އަހަރެންތަ؟" ގަބޫލުނުކުރެވިގެން އަހާލެވުނެވެ. ދެލޮލުން ފެންއަންނަން ފެށިއެވެ. އަމިއްލަ ސިފަ ނުދެކޭތާވެސް އެތަށް ދުވަހެކެވެ. ހޭބިފައިވާ އިސްތަށިގަނޑުގައި ގޮތް ޖެހިފައިވާނީ ފުނާއަޅަން އުދަގޫ ވާވަރަށެވެ. ... އާދައިގެ ގޮތަކަށް ރީތިވެލިއެވެ. އަދި ޖެހިލުންވެ ހުރެ މަޑުމަޑުން ހާނިމް ފާޚާނާ އިން ބޭރަށް ނިކުތެވެ.
" އާން. ތިހެން ހުންނަންވީ މީހެކޭ ތިއީ." ލަތީފު ބުނެލިއެވެ. ލަތީފު ހާނިމްގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ.
ގޭތެރެގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ހާނިމް ވަށައިގެން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާ އަށް ހީވާކަހަލައެވެ. ދެން އެނބުރި ދުވަހަކުވެސް އެގެއަކަށް ނާދެވޭނެއެވެ. ފަހުގެ ވަދާއީ ސަލާމް ކޮށްލަމުން މުޅިގޭތެރެއަށް ނަޒަރު ހިންގައިލިއެވެ.
ޝަމްލާ އަށް ލޯހުޅުވުނީ ކުޑަކުޑަ ޝިޔާނާ ރޯއަޑަށެވެ. ޝަމްލާ އެނދުންތެދުވެ ދެލޯ ފުހެލިއެވެ. އަދި ކޮޓަރިތެރެއަށް ބަލާލިއެވެ. ޝީރީން އަރާމު ނިންޖަކުން ނިދާލައިފައި އޮތެވެ. ޝަމްލާ އެނދުން ތެދުވެ ގަޑިޔަށް ބަލައިލިއެވެ. ގަނޑިން 5.30 ވާން އުލެނީއެވެ.
" ކުޑަމީހާ ހާދަވަރަކަށް ރޯއަޑު އެބައިވެއޭ. ކިހިނެއްވީބާ!" ޝަމްލާ ހިތަށް އެރިއެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ހާނިމްގެ ކޮޓަރިތެރެއަށް ވަނެވެ. ކުޑަދަރިފުޅު އެނދުގައި އޮވެގެން ރޮމުން ދިޔައެވެ. ޝަމްލާ ގޮސް ކުޑަމީހާ ނެގިއެވެ.
" މާމަގެ ދަރިފުޅު ރޮނީކީއްވެގެން؟ " ޝަމްލާ ކުޑަމީހާ ނަގައި ލޯބިކޮށްލިއެވެ.
" ހާނިމް. ހާނިމް. " ޝަމްލާ ދެފަހަރަކަށް ހާނިމް އަށް ގޮވާލިއެވެ. ޝަމްލާ ކުޑަދަރިފުޅު ގޮވައި ގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. " ހާނިމް. " ޝަމްލާ ފާޚާނާގެ ދޮރު ހުޅުވާލައިފައި ބަލާލިއެވެ.
" މިވަގުތު ކުޑަމީހާ އެކަނި ބާއްވައިފައި އެދިޔައީ ކޮންތާކަށް؟" ޝަމްލާ ގެ ހިތަށް އެރިއެވެ. ކުޑަމީހާ ހަމަޔަކަށް އެޅުވުމަށްފަހު ޝަމްލާ ހާނިމް ހޯދުމަށް މަސައްކަތް ކުރިއެވެ. ފޯނުން އެތަށް މިތަނަށް ގުޅަން ފެށިއެވެ.
" ހަލޯ. ސާނިޔާ." ޝަމްލާ ފޯނުން ނަމްބަރަކަށް ގުޅުމަށްފަހު އަހާލިއެވެ.
" އާން . ކިހިނެއްވީ މަންމާ؟ " ފޯނުން އަޑުއައެވެ.
" ހާނިމް ތިގެއަށް ދިޔަތަ؟" ޝަމްލާ އަހާލިއެވެ.
" ހާނިމް. ނާދޭ. ކިހިނެއްވީ މަންމާ؟" ސާނިޔާ އަހާލިއެވެ.
" ހާނިމް ގޭގައި ނެތީމަ....... މަންމަ ފަހުން އަދި ގުޅައިލާނަން." ޝަމްލާ ފޯނު ބޭއްވިއެވެ.
" ހާނިމް އެދިޔައީ ކޮންތާކަށްބާ!" ޝަމްލާގެ ހިތް ބިރުގަންނަން ފެށިއެވެ. " އަނެއްކާ ލަތީފު އެމަންޖެ ގޮވައިގެން ދިޔައީކީ ނޫންބާ!" ޝަމްލާ ހިތަށް އަރަމުން ދިޔައެވެ... ކަންބޮޑުވެގެން ދެކޮޅަށް ހިނގަމުން ދިޔައެވެ. ހާނިމާއި ދޭތެރެގައި ވިސްނަމުން ނެވެ.
ކުޑަދަރިފުޅާއި ދޭތެރޭގައި ވިސްނަމުން ނެވެ. ކަމެއް ދިމާވެއްޖެއްޔާ އެއާއިލާ އަށް ލިބިދާނެ ދެރައަކާއި މެދުގައެވެ. ޝަމްލާ ވިސްނުމާއި ފިކުރު ތަކެއްގެއޮއިވަރުގައި ބެހިގެންދަނިކޮށް ލަތީފު ގެއަށް އައިސްވަނެވެ. ލަތީފުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ
އަސަރުތަކެވެ. ކަންބޮޑުވުމާއި ހާސްކަމެވެ. ހިތާއި ދެކޮޅަށް ކަމެއް ނިންމައިފައި އައިކަމުގެ އަސަރުތަށް ފެންނަމުން ދިޔައެވެ. ޝަމްލާ ފެނުމުން ލަތީފު އިސްޖަހާލިއެވެ. އޭނަގެ މަންމަ އާއި ހަތަރު ކަޅިހަމަކުރަން ނުކެރުނީ ކަންނޭގެއެވެ.
" ލަތީފު." ޝަމްލާ ހަމަހިމޭން އަޑަކުން ލަތީފު އަށް ގޮވާލިއެވެ.
" މަންމާ. އަހަރެންނާ ސުވާލުނުކުރާތި. ދޭނެޖަވާބެއް ނެތް." ލަތީފު ކުރިޔަށް ހިނގައިގަތެވެ. ޝަމްލާ ދެލޯމަރާލިއެވެ.
" އެންމެފަހުން ލަތީފު ބޭނުން ކަންތަށް ވެސް ކުރީދޯ." ހިތިގޮތަކަށް ޝަމްލާ ބުނެލިއެވެ. ލަތީފު އެތެރެއަށް ވަދެގެން ދިޔައެވެ.
ގޭތެރޭގެ ހަމަޖެހުން ގެއްލިގެން ހިގައްޖެއެވެ. މުޅިގެހެން ހިތާމައިގެ ސާލު އޮޅައިލިއެވެ. ހިތްދަތިކަމުގެ ގިސްލުމަކުން ގިސްލަމުން ދިޔައެވެ. އެކަނިވެރިކަމުގެ އިޙްސާސް ތަށް ކުރުވަމުން ނެވެ. ޝަމްލާގެ ވިސްނުމަކަށް އެއްވެސް ކަމެއްނައެވެ. ކުޑަކުޑަ ޝިޔާނާ އާއި
ދޭތެރޭގައި ޝަމްލާ ވިސްނަމުން ދިޔައެވެ.... ލަތީފުގެ ހާލަކީވެސް ހަމައެއީއެވެ. ހާނިމް އެމީހުންގެ ދިރިއުޅުމުން ދުރަށް ގެންދިޔައީ ކުޑަމީހާ އަށް ރަނގަޅަކަށެވެ. އެކަމަކު ނޭގިނަމަ ވެސް ލަތީފުއަށް އެކުރެވުނީ ކުށެކެވެ. އެކަމުގެ އިޙްސާސް ކުޑަކޮށްނަމަވެސް ކުރަމުންދިޔައެވެ..... ޝީރީންގެ އޯގާތެރިކަމާއި ކުލުނު ލަތީފުއަށާއި ކުޑަދަރިފުޅަށް ލިބެމުން ދިޔައެވެ. މިމަންޒަރުތަށް ފެނުމުން ޝަމްލާގެ ހިތް ކަމަކަށް
އެދެންފެށިއެވެ. ލަތީފުގެ ހަޔާތަށް ޝީރީންގެންނަން ނިންމައިފިއެވެ.
" އޭރުން ކުޑަދަރިފުޅަށް މަންމަ އަކުވެސް ލިބުނީ." ޝަމްލާގެ ހިތަށް އެރިއެވެ. " އެކަމަކު. އޭރުން ޝީރީން ވާނީ ޝިޔާނާގެ ދޮންމަންމަ އަކަށް....." ޝަމްލާ އަށް ވިސްނާލަން މަޖުބޫރުވިއެވެ. " އެހެން ކިހިނެއްވާނީ. ހުރިހާ ދޮންމަންމަ އިންނެއް އެގޮތެއް
ނުވާނެ. ޝީރީން އަކީވެސް ނުލާހިކު ރަނގަޅު ކުއްޖެއް. އޯގާތެރި އުޅުންހުރި ރަނަގޅު ސިފަތަކެއް ލިބިގެންވާ ރަނގަޅު ކުއްޖެއް." ޝަމްލާގެ ހިތަށް އެރިއެވެ. " އަހަރެން ލަތީފު އާއި ވާހަކަ ދައްކާނަން. އަހަރެންގެ ނިންމުމަކަށް ލަތީފު ދެކޮޅެއް ނުހަދާނެ. އެހެން ނޫނަސް ލަތީފު ވެސް ބޭނުންވާނީ ޝިޔާނާ އަށް ރަނގަޅު ގޮތެއްނު. " ޝަމްލާ އަށް ބުނެލެވުނެވެ.
މެންދުރުގެ ކެއުމަށްފަހު ޝީރީން ޝިޔާނާ ގޮވައިގެ ކޮޓަރިޔަށް ދިޔައެވެ. ލަތީފު ނޫސް ހިފައިގެން އައިސް ސިޓިން ރޫމުގައި އިށީނެވެ. ޝަމްލާ ވެސް ބަދިގެ ތާހިރު ކޮށްލައިފައި ސިޓިން ރޫމަށް އައެވެ.
" ދަރިފުޅާ އަދިވެސް އެމީހުން ޓީވީއަށް ވީކިހިނެއްތޯ ބަލައިލާކަށް ނާދޭ. އަޅެ އެމީހުންނަށް ގުޅާލައިފައި އަވަސްކޮށްލަ ދޭން ބުނެބަލަ." ޝަމްލާ ގޮނޑީގައި އިށީނަމުން ބުންޏެވެ.
" އާން. މިއަދު ހެނދުނުވެސް ގުޅިމޭ." ލަތީފު ބުންޏެވެ.
" ދަރިފުޅާ މަންމަ ވާހައެއް އަހާލަންތަ؟" ޝަމްލާ އަހާލިއެވެ.
" އާން. ކޮންވާހަކައެއް؟" ނޫސް ލައްޕާ ލަމުން ލަތީފު އަހާލިއެވެ.
" މިހާރު ލަތީފު ބޭނުންވާ ކަމެއްވިއްޔާ ކޮންނިންމައިފީމެއްނު. މަންމަގެ އެދުމަށް ކަމެއް ކޮށްލަން ވީއެއްނު ." ޝަމްލާ އަހާލިއެވެ.
" ކަމެކޭ؟" ޙައިރާން ވެފައި އަހާލިއެވެ.
" އާން. ހާނިމް އާއި ދަރިފުޅު ވަކިވީވެސް މަންމަގެ އެދުމާއި ދެކޮޅަށް. ހާނިމް ގެންގޮސް ގުރައިދޫ އަށްވެސް ލީ މަންމަ އާއި ދެކޮޅަށް. ދެން މަންމަގެ އެދުމަށް ޝީރީން އާއި ދަރިފުޅު ގުޅެންވީއެއްނު." ޝަމްލާ ބުންޏެވެ.
" ޝީރީން އާއިއޭ!" ޙައިރާން ވެފައި އަހާލިއެވެ.
" އާން. ކިހިނެއްވީ؟" ޝަމްލާ އަހާލިއެވެ.
" އެކަމަކު މަންމާ." ލަތީފު ބުނަން އުޅުނެވެ.
" އެކަމަކު މިކަމަކު ކިޔާނެ ކަމެއް ނެތް. އެކުޑަކުޑަ ޝިޔާނާ އަށް މަންމަ އަކު ބޭނުން ވޭ. އަހަރެން ނަކީ އަބަދަކު މިތަނުގައި އިންނާނެ މީހެއްނޫން. މާދަމާ ނޫން ކަމެއްނޭގެ އަހަރެން ލޯމަރާލާނީ. އެކުޑަދަރިފުޅު ލަތީފުއަށް އެކަނި ބެލިދާނެތަ؟ ނުބެލޭނެ. ލަތީފު
ވިސްނަންވީކީ އަމިލަ ނަފުސަކަށް ނޫނޭ ދަރިފުޅާ. މިހާރު ވިސްނަންވާނީ އެކުޑަދަރިފުޅާ މެދުގައި. ހަރުދަނާ ބައްޕައަކަށް ވެބަލަ. އެއީ ދަރިފުޅުގެ މުސްތަޤުބަލަކީ." ޝަމްލާ ލަތީފުއަށް ވިސްނާދިނެވެ. އެތަށްއިރަކު ޝަމްލާ ލަތީފު އާއި ވާހަކަ ދައްކަން އިނުމަށްފަހު ތެދުވެގެން ކޮޓަރިޔަށް ދިޔައެވެ. ލަތީފުއަށް ވިސްނަން މަޖުބޫރު ކޮށްފައެވެ.