އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 09 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 369
  • މޯބައިލް ލިންކު: m.muraasil.com/2009

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ފޮޓޯފޮތް - އެއްވަނަބައި

ލިޔުނީ: އިބްރާހީމް ޙުސައިންމަނިކު

ޢަލީ އުޅެބޮޑުވި ގެއިން ނިކުންނަން ތައްޔާރުވަނީއެވެ. އޭނާގެ ފަސްކުދިންނާއި ފަނަރަ އަހަރުގެ ބައިވެރިޔާ ދޮންކަމަނަޔާއި ވަކިވެ ދާދިފަހުން އޭނާ ރާނާ ފައްކާކުރި އަމިއްލަ ގެޔަށް ބަދަލުވާން ބަރު ހިތަކައިގެން ދަތުރު ހަދަނީއެވެ.

ދޮންކަމަނަ ދިމާ އެނދުމަތީގައި ބުދެއްހެން ކަޅިޖަހައިނުލާ އައްޔާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ވިލުކުލައިގެ ފަށުވިލިބާސް ގަޔަށް ބާރުކަމުން ހީވަނީ ފަތިތައް ކޮށިދާނެހެންނެވެ. އޭނާގެ ތަނަވަސް މޭމަތި ނޭވާގެ ހަމަޔަށް އުފުލި ތިރިވަމުންދެއެވެ. އޭނާގެ މޫނާއި ލޮލުން ފާޅުވޭވެހުރީ ވޭނީ އަސަރުތަކެވެ.

ޢަލީ ފޫހިގޮތަކަށް ދޮންކަމަނަޔާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮކިމަސްޖެހި ހަށިގަނޑާއި ދަޅަފަނޑުވެފައިވާ މޫނު ފެނުމުން މީ އެއްދުވަސްވަރެއްގައި ޢަލީ ދެލޯނޭދި އެދުނު ލޫޅާފަތި އަންހެން ކުއްޖާކަމަށް ޤަބޫލު ކުރަން ދަތިވިއެވެ. އަންހެނެއްގެ ރީތިކަމަކީ ކިހާ ކުރު ޢުމުރެއްގެ އެއްޗެއް ހެއްޔެވެ. ޒުވާންކަމާއި ދެވަންފުރަޔާއި ދެމެދުގައިވަނީ ކިހާމަދު އަހަރުކޮޅެއް ހެއްޔެވެ.

ދެމަފިރިންގެ އޮމާން ދިރިއުޅުން ގަޑުބަޑުވީ އައްޔަށް ޢާރިފާއާއި ހިތާވެވުމުންނެވެ. ޢާރިފާއަކީ ދެމީހުންނާއި އިނދެ ވަރިވެފައި އިނަސް ޢުމުރުން ވިހިނުފުރޭ ރީތި ކުއްޖެކެވެ. ޢާރިފާގެ ޖާދޫގައި ޖެހުމާއިއެކު ދޮންކަމަނަ މަތިން ޢަލީ ފޫހިވެއްޖެއެވެ. ދޮންކަމަނަ ކައްކާ އެއްޗެހީގެ ރަހަ ނުބައިވެއްޖެއެވެ. އަޅާ ހެދުން ހުތުރުވެއްޖެއެވެ. ގައިން ފިއްލެޔޮ ވަސްދުވަން ފަށައިފިއެވެ. ގޭތެރޭގެ އުފާވެރިކަން ގެއްލި ކޯޅުންތައް ފެށިއްޖެއެވެ.

ޢަލީ ބޮޑުއަށީގެ ފައިލާކޮޅުގައި ހުރި އަލަމާރި ތެރެއިން އާކޯރިއަކާއި ބުޅި ފޮއްޓެއް ނަގާ އޭނާގެ ދަގަނޑުފޮށި ތެރޭގައި ތަރުތީބު ކޮށްލިއެވެ. އޭނާގެ ހުވަނދުމާ ވަސްދުވާ ފިޔާތޮށިކުލައިގެ ބޮކުސާ އެއްކައިރިއަށް ދަމާލުމާއިއެކު ބޮކުސާ ދަށުން ދެމިގަނެގެން ބޮޑުއަށިމައްޗަށް ވެއްޓުނީ ފެހިކުލައިގެ ބަނޑޭރި ގަނޑެއްލީ ފޮޓޯތެކެވެ.

ޢަލީގެ ލޯ ބޮޑުވެގެންދިޔައެވެ. ބިންމައްޗަށް ވެއްޓުނު ޚަތިމެކޭ އެއްފަދައިން އޭނާގެ ފޮޓޯފޮތް ނަގާ މޭގައި ޖައްސާލިއެވެ. އެއީ ދެމަފިރިންގެ ކައިވެނިވީ ދުވަހު މިރަށަށް އައި ސަރުކާރުގެ މަސްވެރިކަމާއިބެހޭ ޓީމެއްގައި ހިމެނުނު ޖަޕާނު މީހަކު ނަގައިދިން އެރޭގެ ކައިވެނީގެ ހަފުލާގެ ފޮޓޯތަކެވެ. ފޮޓޯފޮތް ނުފެނިގެން އެއްދުވަހަކު މުޅި އަލަމާރި ހޭވިއްޖެމެއެވެ. ނަމަވެސް ބޮކުސާ ދަށް ބަލައިލާނެ ހޭވެރިކަމެއްނުވީތީ މިއަދާއި ޖެހެންދެން ފޮތް އޮތީ ގެއްލިފައެވެ.

ފޮޓޯފޮތް ހުޅުވާލުމާއިއެކު ހަނދާންތައް އާވެއާލާން ފަށައިފިއެވެ. ފުރަތަމަ ގަނޑަށް ބަލައިލުމާއިއެކުވެސް ގައިން ހީބިހިނަގައިގަތެވެ. ގަންޖުފަރާހެއް ލައިގެން ގޮޅިބޮޑު މުންޑެއް އަނދެ ބޮލުފޮށާ އޮޅާފައިވާ އޯގާވެރި އެހެނަސް ޢަޒުމުގަދަ ވައްތަރުޖަހާ މޫނެއްގެ ވެރިޔަކީ މީގެ ފަސްއަހަރު ކުރިން ނިޔާވެފައިވާ އޭނާގެ ބަފާކަލޭގެއެވެ. އެފޮޓޯފެނުމާއެކު ޢަލީގެ ލޮލުގައި ފެންހެދުނެވެ. އަރު ބެދުނެވެ.

- ނުނިމޭ -

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.