
ޝާމް ރަސްގެފާނަކީ ވަރަށް ހިތްހެޔޮ އޯގާތެރި ރަސްކަލެކެވެ. ސަހަރުގެ ހުރިހާ ރައްޔިތުންނާ ގުޅޭ ރަސްކަލެކެވެ. އެރަސްގެފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންގެ ހިތްހަމަ ޖައްސައި ދިނުމަށެވެ. އެހެންވެ ގިނަ ކަންތައް ރަސްގެފާނު ނިންމަވަނީ ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަކަށް ނޫނެވެ.
އެގޮތުން އެއްދުވަހަކު ރަސްގެފާނުގެ ދަރުބާރަށް މީހަކު މައްސަލަ ހިފައިގެން އައެވެ. އޭނާގެ މައްސަލައަކަށްވީ އޭނާ ދިރިއުޅޭ ހިސާބުގެ ގަސްގަހުގެ ފަތް އެގޭ ކައިރިއަށް އަންނާތީ އެފަތްތައް ނާންނާނެ ގޮތެއް ހަދައި ދިނުމެވެ. އެމީހާ ވާހަކަ ދެއްކުމުން ރަސްގެފާނު ވިދާޅުވިއެވެ. ތިކަންތައް ތިންދުވަސް ތެރޭގައި ޙައްލުކޮށްދޭނަމެވެ.
ރަސްގެފާނުގެ މުވައްޒަފުންނަށް އެންގެވީ އެމީހާ ދިރިއުޅޭ ހިސާބުގައި ހުރި ހުރިހާ ގަސްތަކެއް ކެނޑުމަށެވެ. އެމުވައްޒަފުން ގަސްތައް ކަނޑަން ފެށުމާއި އެކު މުސްކުޅިމީހަކު ދަރުބާރަށް ގޮސް ރަސްގެފާނަށް ދެންނެވިއެވެ.
" ސާހިބާއެވެ! އެހާ ދުވަސްވެފައި ހުރި ހިޔާދޭ ގަސްތައް ކެނޑުމުން ކިހާ ހޫނުގަދަ ވާނެތޯއެވެ. އަދި ތިމާވެއްޓަށްވެސް ގަސްތައް ކެނޑުމުން ގެއްލުން ވާނެއެވެ. އޭގެ ބަދަލުގައި އެމީހާގެ ގޭގައި ވަށާފާރެއް ރާނާއި ދެއްވިނަމަ މާ ރަނގަޅުވާނެއެވެ. " އެމީހާގެ ވާހަކަ އަޑުއިވުމުން ރަސްގެފާނު މުވައްޒަފުންނަށް އެންގެވީ ގަސްތައް ކެނޑުން ހުއްޓާލުމަށެވެ.
އެހެން ދުވަހަކު ރަސްގެފާނު ބޭނުންފުޅުވީ ފައިމަގުގައި ހިނގާލުމަށެވެ. އެދުވަހަކީ އެސަހަރުގެ ޚާއްސަ ދުވަހެއް ކަމުން ސަޤާފީ ހެދުމުގައި ހިނގާލުމަށް ނިކުތެވެ. މަގުތަކުގައި ގިނައިރު ހިނގާލުމުން ރަސްގެފާނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ފަޔަށް ތަދުވެ ފައިގައި ރިއްސަންފެށިއެވެ. އެދުވަހު ދަރުބާރަށް ރަސްގެފާނު ވަޑައިގަތުމުން އަރިހުގައި ތިއްބެވި ގިނަބަޔަކު އެދުނީ ފަޔަށް ތަދުވާތީ އެކަމަށްޙައްލެއް ހދައިދިނުމަށެވެ. ރަސްގެފާނު މުވައްޒަފުންނަށް އެންގެވީ މުޅި ސަހަރުގައި ކާޕެޓް އެޅުމަށެވެ.
ރަސްގެފާނުގެ އަރިހުގައި ހުންނެވި ދުވަސްވީ ވަޒީރަކު ދެންނެވިއެވެ. ހުރިހާ މަގުތަކުގައި ކާޕެޓް އެޅޭނީ ކިހިނެއްތޯއެވެ. އޭގެ ބަދަލުގައި ހިނގާލަށް ނިކުންނައިރު ފަޔަށް ފަސޭހަ ބޫޓެއް ނުވަތަ ފައިވާނެއް ހޯއްދެވުން ކިހިނެއް ވާނެތޯއެވެ. އެވަގުތު ރަސްގެފާނު ހިތަށް އެރިއެވެ. އެންމެންނަށް ރަނގަޅުގޮތް ހޯދައި ދިނުމަށް ކިތަންމެ މަސައްކަތް ކުރިއަސް އެކަމެއް ނުވާނެއެވެ. ގިނަ ކަންތައް މިހާރު މިނިންމެނީ އިދިކޮޅަށެވެ. އެދުވަހަށްފަހު ރަސްގެފާނު ނިންމެވީ ކުއްލިއަކަށް ކަންކަން ނިންމުމުގެ ބަދަލުގައި މަޝްވަރާކޮށްގެން ރަނގަޅުގޮތް ހޯދުމަށެވެ.
ޢިބްރަތް: އެންމެން ރުއްސަން އުޅޭނަމަ ގިނަފަހަރަށް ހެދޭނީ ގޯހެވެ.
Posted on 2012-01-29 21:02:43 |
Report this Comment
Posted on 2012-01-31 19:56:41 |
Report this Comment
Posted on 2012-02-26 10:53:04 |
Report this Comment
Posted on 2012-04-04 00:32:04 |
Report this Comment