• ބަންގާޅީ ވަގުލޭބަރުން އުފެއްދީ، ދަނބިދަރިފުޅަށްޓަކައިކަމަށް ބުނިމީހުންގެ ވެރިކަމުގައި، ވަގުލޭބަރުން އިތުރުވަމުންދާއިރު، ދެންކީކޭ ބުނާނީ.
ދެކުނުއިރުމަތީ އޭޝިޔާއާއި، އިރުމަތީ އޭޝިޔާއާއި، ދުރުއިރުމަތީގެ ޤައުމުތަކަކީ، ލޭބަރުން އުފައްދައި އެކްސްޕޯރޓްކުރުމުގައި، މުޅިދުނިޔެއިންވެސް ފާހަގަކޮއްލެވޭ ސަރަޙައްދެކެވެ. ޚާއްޞަކޮށް ބަންގުލާދޭޝް، އިންޑިޔާ، ލަންކާއެވެ. އަހަރުމެން މިކިޔާ ބަންގާޅީންނެވެ. މިސަރަޙައްދުގެ ޤައުމުތަކުގައި "ލޭބަރުން" އެހާބޮޑަށް އިތުރުވެފައިވަނީ، ފަގީރުކަމާއި ވަޒީފާނެތުމާއި އަމިއްލަފައިމައްޗަށް ތެދުވެވޭނެގޮތްތައް ދަތިވުމާއި، ހަމަނުޖެހުންތަކާއި، ކާރިސާތަކުގެ ސަބަބުން، އަމިއްލަވަޒަނުގައި ތިބެގެން މަސައްކަތެއް ނުވަތަ އާމްދަނީއެއް ލިބޭން ނެތުމުންނެވެ. ބައެއް ގައުމުތަކުގައި، އާބާދީ އިތުރުވުމުގެ ސަބަބުން، ބިމާއި ވަސީލަތްތަކާ އަޅާބަލާއިރު ތޮއްޖެހުން ބޮޑުވުމުންވެސް، ލޭބަރުންގެގޮތުގައި ގިނަބަޔަކު ރަށުން ބޭރަށް ދެއެވެ. މިކަހަލަ ޤައުމުތަކުގެތެރޭގައި ޖަޕާން، ފިލިޕީންސް ހިމެނެއެވެ.
ދިވެހިންނަކީ، އިހުގައި، އަތްފައިހެލޭ، މުރާލި، ހީވާގި، މަސައްކަތް ދަންނަ މަސައްކަތްތެރި ބައެކެވެ. އޮޑިދޯނިފަހަރާއި ގެދޮރުއުފެއްދުމާއި، ތިލޭރުކަމާއި ފޭރާންކުރުމާއި ކަނބުރުވެރިކަމާއި ލިޔެލާޖެހުމުން ފެށިގެން އައިސް، ވިޔާފާރިއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމުގެ ހުރިހާ ޙަރަކާތެއް އަމިއްލައަށް ހިންގައި، އަމިއްލައަތުން ކައްކައި ކާންހަދައި ކުނިކަހައި ތާހިރުކޮށް އުޅުނުބައެކެވެ. ނަމަވެސް މިއަދާހަމައަށް އައިއިރު، ގާތްގަނޑަކަށް 1990 ގެ އަހަރުތަކުން ފެށިގެން، ރާއްޖޭގައި ހިންގިފައިވާ ނުވަތަ ގަސްތުގައި ހިންގާފައިވާ، އަޅުވެތިކުރުމާއި މިނިވަންކަން ނަގާލުމާއި އިޤްތިޞާދު ފަނާކުރުމުގެ ނުބައި ސިޔާސަތެއްގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންވަނީ، ކަންނެތް ބަޔަކަށް ބަދަލުވެފައެވެ. ވަކީން ޚާއްޞަކޮށް، ބިދޭސީ ލޭބަރުންނަށް ބަރޯސާވެގެންނޫނީ، ލޯކަލް އިންވެސްޓްތަކާއި، ގަވަރުމެންޓު ސެކްޓަރ އިންވެސްޓްމަންޓް ތައްވެސް ނުހިންގޭކަހަލަ ވިޔާފާރީގެ ސިޔާސަތެއްވަނީ، ރަސްމީކޮށް އަޅުވައިފައެވެ. މީހުން ބިނާކުރުންވަނީ މަޑުޖައްސައިފައެވެ.
ނަތީޖާއަކަށްވީ، ރާއްޖޭގައި މަސައްކަތެއްދަންނަ ޕްރޮފެޝަނަލް މީހަކުނެތި، އުއްޑުންއޮތް ނާށި ބަންޑުން ޖަހަންވެސްކެރޭ މީހަކުނެތި، ސައުދީ އެރެބިޔާކަހަލަ ކަންނެތް މީހުންގެތަނަކަށް މިޤައުމު ވުމެވެ. މިކަންކަން ތަންފީޒުކުރުމަށްޓަކައި ނުވަތަ ދިވެހި ވައިފެނާ ގުޅުވާލުމަށްޓަކައި ކޮއްފައިވާ އެންމެ ނުބައި އެއްކަމަކީ، އެމްޕުލޮއިމެންޓް އޭޖެންސީ ހުޅުވައިގެން، ވިޔަފާރި ސިސްޓަމަށް، ލޭބަރުން އެތެރެކުރުމުގެ ދޮރުހުޅުވާލުމެވެ. ހަމައެއާއެކު، ޓުއަރިސްޓުންނާއި ލޭބަރުންނާއި ޕްރޮފެޝަނަލް ގިންތީގެ މީހުންނާއި ޓެރަރިސްޓުން މިނައި ވަކިކުރެވޭނެ އެއްވެސް ނިޒާމެއް ހަމަނުޖައްސައި، އެމިގްރޭޝަން ދާއިރާ، ކޮރަޕްޝަނާއި ވިޔަފާރިއަށް ހުޅުވާލުމެވެ. ދެންއޮތީ "ޓޫރިސްޓުންގެނަމުގައި އެތެރެވެގެންއުޅޭ ބިދޭސީ ލޭބަރުން" ނޭ ކިޔައިގެން އަނގަތެޅުމެވެ. މިބަލާވެރިކަން ދުވަހުން ދުވަހަށް އައީ ބޮޑުވަމުންނެވެ. މިހާރުގެ ސަރުކާރަށް ޖެހުނުއިރު ލޭބަރުންގެ އާބާދީ ބޯހިމަނަންވެސް ނޭނގޭ ހިސާބަށްއޮތީ މަތިވެފައެވެ.
މިހާރުގެ ސަރުކާރު ހިންގާމީހުން އިދިކޮޅުގައި ތިބިއިރު، އެމީހުން ގޮވާ އެއްޗަކީ ދަނބިދަރިފުޅަށްޓަކައި، ރާއްޖޭގެ ލޭބަރފޯސް ވިއްކާލާ ވާހަކައެވެ. ދިވެހިލޭބަރުން އިހުމާލުކުރާ ވާހަކައެވެ. މިމީހުންނަށް ސަރުކާރު ހިންގަން ލިބުނީމާ، އެކަމަކު، މިކަންކަމެއް ޙައްލެއް ނުކުރެވުނެވެ. އެއީ، ޤައުމުގެ ވައިފެނާ ގުޅިފައިވާ ސަޤާފަތަކަށް މިކަން ވެފައިވާތީކަމަށް ވެދާނެއެވެ. ނޫނީ، މިބާވަތުގެ ސީރިއަސްކަމެއް ޙައްލުކުރެވޭފަދަ ސިޔާސީ ހުނަރު މިސަރުކާރުގައި ނެތީމާ ކަމަށްވެސް ވެދާނެއެވެ. ހަމަޔަގީނުންވެސް މަސީއާއި، ޓޫރިޒަމް ޖަމްއިއްޔާއިން، ލޭބަރުން މަދުކުރުމާ ދެކޮޅުހަދައެވެ. ހަމައެއާއެކު، ވޯރކްޕާމިޓް ފީ ބޮޑުކުރުމުގެ މައްސަލާގައި، ރައްޔިތުން މަޖިލީހުންއޮތީ ހުރަސްއަޅައިފައެވެ. މިކަހަލަ އެތައް ސަބަބަކާހެދި ވަގުބަންގާޅީންވެސް، ބިދޭސީ ލޭބަރުންވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
މިހާރުގެ ސަރުކާރުން މިމައްސަލާގައި ފުރަތަމަ އެޅި ފިޔަވަޅަކީ، ބިދޭސީ ލޭބަރުން ރަޖިސްޓަރީ ކުރުމުގެ ޕްރޮގްރާމެއް ހިންގުމެވެ. މިކަމެއް ފަށައިގަނެގެން ދިޔައިރު، ރަޖިސްޓަރީވާން ބޭނުން ލޭބަރުންނާއި، ރާއްޖޭން ފުރައިގެން ދާންބޭނުންވާ ލޭބަރުން ކިޔޫހަދާފައި ތިއްބެވެ. ރަޖިސްޓަރީވާން ބޭނުންމިވަނީ، ވަގަށް އެތެރެވެގެންއުޅޭ ބަންގާޅީންނެވެ. އޭގެތެރެއަށް އިތުރުވަނީ، އޭޖެންސީތަކަށް ގެނެސްގެންއުޅޭ ބަންގާޅީންގެތެރެއިން، މަސައްކަތްކުރާ ސައިޓްއޮފީހަށް ވަގަށް ފިލައިގެން އޮޅުވާލައިގެންއުޅޭ ބަންގާޅީންނެވެ. ފުރައިގެންދާން ބޭނުންވަނީ "ރަށަށް ޖައްސާލަން" ބޭނުންވެފައިތިބި ބަންގާޅީންނެވެ. މިމީހުން ބޭނުންވީ، އެމީހުންގެއަތުން ޚަރަދުނުވެ، ސަރުކާރުގެ ޚަރަދުގައި ރަށަށްގޮސްލުމެވެ. މީގެ ގިނަމީހުންނަކީ ވަގުބަންގާޅީން ކަމަށްވާތީވެ، މިމީހުންގެ ޑިޕޮޒިޓެއް ނުހުރެއެވެ. މިހެންވުމުން މިމީހުން ފޮނުވާލުން ސަރުކާރަށް ދަތިވީއިރު، މީގެ ގިނަމީހުންގެއަތުގައި ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، ފޮނުވާންވީ ޤައުމެއްވެސް ނޭނގެއެވެ. ފޮނުވޭނެ މަގެއްވެސް ނުފެނެއެވެ. ސަރުކާރުގެ މިޕްރޮގްރާމުން ހަމައެކަނި ކުރެވުނުކަމަކީ، ވަގުބަންގާޅީން ނުވަތަ ޓުއަރިސްޓުންގެ ނަމުގައި ވަގަށް އެތެރެވެގެންއުޅޭ ލޭބަރުން، ރާއްޖޭގައި ރަޖިސްޓަރީކޮށް ދެވުނީއެވެ. ގިނަ ކުންފުނިތަކަކަށް، އެއްވެސް ފީއެއްނެތި، ލޭބަރުންތަކެއް ލިބޭނެގޮތް ހަދައި ދެވުނީއެވެ. އެހެން އެއްކަމެއްވެސް ނުވިއެވެ. ހަދާނެގޮތެއް އެނގުނުކަމަކަށް ނުވިއެވެ.
މިހިސާބަށް މިކަން ގެންގޮސްފައި ސަރުކާރުން ހުއްޓާލީއެވެ. މިހެންވުމުން، ވަގަށް އެތެރެވާ ބަންގާޅީންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ސަރުކާރަށް، ސިޔާސީގޮތުން ހިންދަމާލެވޭނެފަދަ އަމިއްލަ ބާރެއް ލިބިފައި ނެތުމުގެ ސަބަބުންނާއި އަދި، ދުވަހުން ދުވަހަށް އިދިކޮޅު ފަރާތްތަކުގެ "ޒިއްމާދާރު ކުރުވުމުން" ސަލާމަތްވާން މަސައްކަތް ކުރާން ޖެހުމުގެ ސަބަބުން އެހެންއެއްވެސް ކަމެއް ކުރާނެ އަދި، އެހެން އެއްވެސް ކަމަކާމެދު ފިކުރުކުރާނެ އެއްވެސް ވަގުތެއް ނުލިބެއެވެ. ވީމާ، ޕާކިސްތާނުގެ ޠަލަބާނުންނާއި އަލްޤައިދާ މިދުވަސްވަރު ނާޖާއިޒު ފައިދާ ނަގާ އުސޫލުން، ލޭބަރުންވެސް މިރާއްޖޭގައި މިދުވަސްވަރު، ނާޖާއިޒު ފައިދާ ނަގަނީއެވެ.
މިހާރު އަންދާޒާކުރެވޭ ގޮތުގައި 2007 ވަނަ އަހަރު ނިމުނުހިސާބުގައި މާލޭގައި ވަގުބަންގާޅީން އުޅުނުވަރަށްވުރެ ވިހިގުނަ އިތުރަށް މިހާރު ވަގުބަންގާޅީން މާލޭގައި އެބައުޅެއެވެ. އޭރުވެސް މާލޭގެ ބައެއް ހިިސާބުތަކުގައި، ހެނދުފަތިހާ ވަގުބަންގާޅިން ނުކުމެ (ގާދީގޯނިގަނޑު ހިފައިގެން) މަސައްކަތް ހޯދަން ފާރުބުޑުގައި ފޫހަރައިގެން ތިބޭނެއެވެ. މިހާރު އެސަފުއެތައް ގުނައަކަށް ފެތުރިއްޖެއެވެ. އޭރު، މައްޗަންގޮޅީ ރާވީގެޔާ ހަމަތާނގައި ސީޕީ ކައިރީގައި ތިބޭނީ ވިއްސަކަށް ބަންގާޅީންނެވެ. މިހާރު ހެނދުނު ހައެއްޖަހާ އެހާކަންހާއިރު އެސަރަހައްދަށް ޒިޔާރަތް ކޮއްލަބަލާށެވެ. ޒިކުރާ މިސްކިތުން ފެށިގެންއައިސް މާވެޔޮމަގާ ހަމައަށް، ރާވީގޭ އެހުންނަ މަގުން ބަޔަކާއެކު، ވަގުބަންގާޅީ ސަފު ދެމިފައި އޮންނާނެއެވެ. ދެން، އެވީ މީސްމީހުން އައިސް މިބަންގާޅީންތައް، މަސައްކަތު ގެންދާށެވެ. ރާއްޖެތެރެއަށްވެސް ގެންދެއެވެ. މިކަންކަން ދެކޭ އެއްވެސް ރަސްމީ ފަރާތެއް ނެތެވެ. މިއަދަކު ދަނބިދަރިފުޅުގެ ވާހަކައެއް ނެތެވެ. މިބައިގަނޑާހެދި މިހަރަދަނީ، ޓޫރިޒަމް ހަލާކުވަމުންނެވެ.
މަސައްކަތުގަޑީގައި، މެންދުރުކުރީގައި ނުވަތަ ދުވާލު، ހައްދަވައިގެން ކަމަކާނުލައި، ޕާކުތަކާއި ހުސްތަންތާނގައި ވަގުލޭބަރުން ނޫނިއްޔާ ތިބޭނެ ހެއްޔެވެ. މީހަކު ގެނެސްގެން ގަވައިދުން އައިސްއުޅޭ ލޭބަރަކު ހުކުރުދުވަހާއި ރަސްމީ މުނާސަބާ ދުވަސްދުވަހުނޫނީ، ކުޅުތަޅަން ޕާކުތަކުގައި ތިބޭނީ ކިހިނެއް ހެއްޔެވެ. ހަމައެކަނި، ހެނދުނު ފަތިހާ މައްޗަންގޮޅީ މަޖީދީމަގަށް ލޭބަރ މިނިސްޓަރ ގޮސްލިޔަސް އެއްޗެއް އެނގޭނެއެވެ. އެކަމަކު "ރުހުން" ހޯދުމަކާހެދި ބުއްދި ފަސްވެގެންއުޅޭ މިނިސްޓަރުންނަށްފަހެ، ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ތާއަބަދަށް ޕާކުތަކުގައި އެތިބޭ ބަންގާޅީންގާތު، ސައިޓް އޮފީސް ކޮބައިތޯ، ވޯކްޕާމިޓު ކޮބައިތޯ، ވިސާކޮބައިތޯ، ޕާސްޕޯޓް ކޮބައިތޯ އަހާލާނެމީހަކު ސަރުކާރުގެ ބަންޑާރަ ކަންނޭލުގެތެރެއިން ވާނަމަވެސް މިހާރު މިކަން ޙައްލުވެއްޖައީހެވެ.
މިހެންވިއިރު، ބިދޭސީލޭބަރުން ރާއްޖޭގައި އުޅޭކަށް އެއްވެސް ޤާނޫނެއް ޤަވާޢިދެއް ހަމައެއް އުޞޫލެއް ނެތެވެ. ދިވެހިންނަށްވުރެ ބަންގާޅީން މިޤައުމަށް މާގަދައެވެ. އިންޑިޔާގެ ތަމަޅައިން ލަންކާއަށް ގަދަވިހެން، މިރާއްޖެއަށް ބަންގާޅީން ގަދަވާނެ ދުވަސް ދާދިގާތުގައި އެބައޮތެވެ. ތޫނުހަތިޔާރު ގެންގުޅުމުގެ ޤާނޫނު ފާސްކުރިއިރުވެސް، ބަންގާޅީން މަގުމަތީގައި ތޫނުއެއްޗެތި ހިފައިގެން އުޅޭ ވާހަކަ އައިސްފައެއް ނެތެވެ. ވަޑާމުގެ ސާމާނު ތަކާއި އެކިކަހަލަ ތޫނުއެއްޗެތި ހިފައިގެން މާލޭގެ ހަނި ޕޭމަންޓުތަކުން ބަންގާޅީންތައް ހިނގާބިނގާވެއުޅެނީ، އެއްވެސް އެހެން މީހަކަށް ބެލުމެއްނެތި، ބާރުބާރަށެވެ. އެހަޑި، ދާހެދުންގަނޑާއެކުގައެވެ. ޕާކަކުން، ގެސްޓަކަށް ޖާގައެއް ނުލިބޭއިރު، ދިވެއްސަކަށްވެސް ޖާގައެއް ނުލިބެއެވެ. މަގުތަކުން ދިވެހީން ހިނގާބިނގާވެއުޅުން ހުއްޓާލަން މިއޮތީ ޖެހިފައެވެ. ބަންގާޅީންގެ ދުއްތުރާލާ ހެދިއެވެ. ދަންވަރެއް ފަތިހެއް ނެތެވެ.
އެކަމަކު، ބަންގާޅީންނާބެހޭ އެއްވެސް ޤާނޫނެއް ޤަވާޢިދެއް ހަމައެއް އުޞޫލެއްނެތެވެ. ބަންގާޅީން ނުވަތަ ބިދޭސީ ލޭބަރުންގެ އާބާދީ އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ވަގުބަންގާޅީން އަންނަނީ ގިނަވަމުންނެވެ. އެކަމަކު، ސަރުކާރު ޒިންމާދާރު ކުރުވާ ފަރާތްތަކަށްވެސް މިތަންތަނެއް ނުފެނެއެވެ.