ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 213

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރައީސް ނަޝީދުވެސް ދާނެ

އަޑަށް ކިތަންމެބާރެއް ލައްވާފައި ޤާނޫނާއި ފަނޑިޔާރުގެތައް ސިޔާސީ ހަތިޔާރެއްގެގޮތުގައި ބައެއް ސިޔާސީ ފަރާތްތަކުން ބޭނުން ކުރައްވާކަމަށް ރައީސް ވިދާޅުވިޔަސް ރާއްޖޭގައި މިއަދު އެނޫންގޮތެއް ނެތެވެ. ރާއްޖެ ބަދަލުވަމުން މިއަންނަ އައުމުގައި ހަމަޔާއި އިންސާފު ހޯދުމަށް ޤާނޫނާއި ޝަރީޢަތްނޫން އެހެން މަސްދަރެއް ނެތެވެ. ޤާނޫނަކީ މައްސަލައެއް ކޯޓަށް ހުށަހެޅުމަށް އެކަނި އޮންނަ އެއްޗެއްކަމަށް ރައީސް ތުހުމަތުކުރައްވަނީ ކީއްވެގެންކަން އޮޅޭވަރެއް ނުވެއެވެ. ރައްޔިތުންގެ މީހަކީ ހަމައެކަނި ރައީސް ނަޝީދު އެކަނިކަމުގައި ވެވަޑައިގަތުމަށް ކޮންމެ ވާހަކަފުޅެއް ރައްޔިތުންނާ ގުޅުވާލެއްވިޔަސް ޙަޤީޤަތަކީ ކޮބައިކަން އެކަކަށްވެސް ނުއޮޅެއެވެ.

ރަމަޟާންމަހުގެ 17 ވަނަ ދުވަހު ދެއްވި ރޭޑިޔޯ ޚިޠާބުގެ ސިޔާސީބައި އަމާޒުކުރައްވާފައިވަނީ ކޮންބަޔަކަށް ކީއްވެގެންކަން ނިކަން ސާފެވެ. ސީދާ ރައްޔިތުންނާގުޅިގެން ނުވަތަ މީހަކަށް ސީދާގޮތުގައި ލިބޭ އެއްޗެއް ނުލިބޭކަމަށް ދެކެވިގެން ނުވަތަ ޙައްޤަކަށް އަރައިގަނެވެނީކަމަށް ދެކެވިގެން، އެއްވެސް ސިޔާސީ ފަރާތަކުން ކޯޓަށް ނުދާކަމަށް ދައްކަވަން އުޅުއްވުމުގެ ބޭނުންފުޅަކީ ކޮބައިކަންވެސް އެބައެނގެއެވެ. ރައީސް ވިދާޅުވާގޮތުން ކޮންމެ ކަމަކާވެސް މިއޮންނަނީ ކޯޓަށް ދާންޖެހިފައެވެ. ވަރަށް ބޮޑުތެދުފުޅެކެވެ. ރާއްޖޭގައި މިހާރު ކޮންމެކަމަކާވެސް ދާންމިޖެހެނީ ކޯޓަށެވެ. ޤާނޫނުގެ ދެފޮޅުވަތްދޭތެރެއިން މާނަ ނަންގަވައިގެން ރައީސާއި ސަރުކާރުން ހިތުހުރިކަމެއް ކުރައްވާއިރު ކޯޓަށް ދިޔުންނޫން އޮތީ ކޮންގޮތެއް ހެއްޔެވެ.

ސިޔާސީ ކަންކަމާއިގުޅިގެން ކޯޓަށް އެކިފަރާތްތަކުން ކޯޓަށްދާތީ ކަންބޮޑުވެވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވާއިރު އެއީ ޙަޤީޤީ ކަންބޮޑުވުމެއްކަމާމެދު ޝައްކެވެ. ޤާނޫނަކީ ނުވަތަ ފަނޑިޔާރުގެއަކީ ސިޔާސީ ޙަރަކާތް ހިންގުމަށް ބޭނުންކުރެވޭނޭ ހަތިޔާރެއްގޮތުގައި ހައްދަވަނީ ނުވަތަ އެކަމަށް ޖާގަދެއްވަނީ ޚުދު ރައީސް ނަޝީދެވެ. ހިތްޕުޅަށް އަރާވަޑައިގަންނަވާހާގޮތަކަށް ޤާނޫނުތައް މާނަކުރައްވަމުން، އެއްކަމެއްގައި ދެފަހަރު ދެގޮތަށް ޢަމަލުކުރައްވަމުން ވަޑައިގަންނަވާއިރު ފަނޑިޔާރުގޭތަކުގެ ދޮރުގައި ޓަކިނުޖަހާ ތިބެވޭނީ ކިހިނެއްހެއްޔެވެ.

ތެދުފުޅެކެވެ. ފަނޑިޔާރުގޭގެ ނުވަތަ ޤާނޫނުތަކުގެ ދައުރަކީ ސިޔާސީ ލީޑަރުން، އެބޭފުޅުންގެ ސިޔާސީ ޙަޔާތް ކާމިޔާބު ކުރެއްވުމަށްޓަކައި ހަތިޔާރެއްގެގޮތުގައި ބޭނުންކުރުމެއް ނޫނެވެ. ޤާނޫނުތަކުގެ ބޭނުމަކީ އެއަށް ތަބާވުމެވެ. ކޯޓުތަކުގެ ބޭނުމަކީ އެތަންތަނުން އިއްވާ ޙުކުމް ބަލައިގަތުމެވެ. ކޯޓުތަކުން އިއްވާ ޙުކުމަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނަށް އިތުބާރު ކުރެވޭ ޙުކުމްތަކެއް ކުރާ ކޯޓުތަކަކަށް ކޯޓުތައް ހެދުމެވެ.

ރައީސް ނަޝީދު ދައުލަތުގެ ވެރިޔާގެގޮތުގައި ހުންނަވައިގެން މިހާތަނަށް ކުރެއްވި އެއްވެސްކަމަކުން ކޯޓުތަކަކީ ރައްޔިތުން އިތުބާރުކުރާ އިންޞާފު ހޯދާދެވޭ ތަންތަންކަމަށް ހެއްދެވުމަށް ކުރެއްވީ ކޮންކަމެއްތޯއެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ރައީސް ޢައްޔަނުކުރައްވާފައި އިންނެވި މެންބަރަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީގޮތުން އެއްވެސް ތަޖުރިބާއެއް ޢިލްމެއް ލިބިވަޑައިގެން އިންނެވި ބޭކަނބަލެއްތޯއެވެ. ކޯޓުތަކާއި ފަނޑިޔާރުންގެ މައްޗަށް ހުތުރުވެގެންވާ ތުހުމަތުތައް ކުރައްވާ ޢާއްމުތަންތާ ފަނޑިޔާރުންނާއި ކޯޓުތަކުގެ ޙުރުމަތް ކެނޑޭޒާތުގެ ކިހާވާހަކަފުޅެއް ދެއްކެވިތޯއެވެ. ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޯޓު އަމުރަށް ކޯޓަށް ޙާޟިރު ނުކުރައްވާ ހިފެހެއްޓެވީ ކިތައް ފަހަރުތޯއެވެ. ކޯޓުއަމުރަށް ޢަމަލުނުކުރައްވާ ޕޮލިސް ކޮމިޝަނަރއާއިމެދު އެއްވެސް ފިޔަވަޅެއް އެޅުއްވިތޯއެވެ. ފުލުހުން ފޮނުއްވައިގެން ޖުޑިޝަލް ސާރވިސް ކޮމިޝަން ޙިޞާރުކޮށް، އެކޮމިޝަނުގެ މަސައްކަތަށް ހުރަސްއަޅުއްވައި ނުހައްދަވަނީތޯއެވެ. ކޯޓުތަކުގެ ބާރުކަނޑުވާލައި ރައްޔިތުންގެ އިތުބާރު ނަގާލުމަށްޓަކައި އަމިއްލަފުޅު ޕާޓީގެ ޖަލްސާއެއްގައި ރައްޔިތުންގެ ކޯޓު (މަގުމަތީކޯޓު) އުފައްދާނެކަމަށް އެޕާޓީގެ އިސްވެރިން ގޮވާލިގޮވާލުމަށް ހިތްވަރުދެއްވައި އަތްނުޖައްސަވަނީތޯއެވެ. މަގުމަތީކޯޓު އުފައްދާ ޣައިރުޤާނޫނީގޮތެއްގައި ޤާނޫނުއަސާސީގެބާރު ކަނޑުވާލުމުގެގޮތުން ޒާތްޒާތުގެ ޙުކުމްތައް ކުރަމުންދިޔަ އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕް ލީޑަރއާއި ޗެއަރޕަރސަންފަދަ މީހުންނާ ދެކޮޅަށް ޤާނޫނުއަސާސީ ނަގަހައްޓާ ދެމެހެއްޓުމުގެގޮތުން އެއްވެސް ފިޔަވަޅެއް އެޅުއްވިތޯއެވެ. ޤާނޫނުއަސާސީގައި ބުނާގޮތަށް ސްޕްރީމްކޯޓު އުފެދެންދެން އިންތިޤާލީ ސްޕްރީމްކޯޓު ދެމިއޮތުމަށް ފުރުޞަތު ދެއްވިތޯއެވެ. މިހިރަ ކަންކަމަށް އެކަނި ވިސްނާލިޔަސް، ޤާނޫނުގެ ޙުކުމް މިރާއްޖޭގައި ރައީސް ނަޝީދު ހިންގަވާފައި ނެތްކަން ސާބިތުވެއެވެ. މިވަރުގެ ގޮތެއްނެތްގޮތެއްގައި ކަންކަން ކުރައްވަމުން ކޯޓުތަކުގެ އިތުބާރު އުފައްދާ ވާހަކަޔާއި ޤާނޫނުގެ ޙުކުމް ހިންގާވާހަކަ ރައީސް ނަޝީދު ދެއްކެވުމަކީ ހުތުރުކަމެކެވެ.

އެއްބަހެވެ. އެންމެންވެސް ޤާނޫނާއި ކޯޓުތަކުގެ ބޭނުން ހިފަމުން ދާންވާނީ ހެޔޮގޮތުގައެވެ. ދެރަކަމަކީ ރައީސް ނަޝީދުގެ ހެޔޮގޮތަކީ އެހެން އެންމެންނަށް ހެޔޮގޮތަށް ނުވާކަމެވެ. ޤާނޫނާއި ޝަރީޢަތަކީ، ސިޔާސީގޮތުން އެކެއް އަނެކަކަށް ލަގާއެއް ދިނުމަށްޓަކައި، ދައްޗެއް ކުރުމަށްޓަކައި، އޮޅުވާލުމަށްޓަކައި، މަގުން ކައްސާލުމަށްޓަކައި ބޭނުންކުރާ އެއްޗެއްނޫނޭ ވިދާޅުވާން ރައީސް ނަޝީދަކީ އެންމެ އެކަށީގެންވާ ބޭފުޅާއެއްނޫނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވީ މަދު ދުވަސްކޮޅުގައި ރައީސް ނަޝީދު ޤާނޫނާއި ޝަރީޢަތް ބޭނުންކުރެއްވޭތޯ ބައްލަވާފައިވަނީ، ސިޔާސީގޮތުން ވާދަވެރިންނަށް ލަގާއެއްދެއްވައި، ދައްޗެއް ކުރެއްވޭތޯއެވެ. ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށްޓަކައެވެ. ކަންކަން މަގުން ކައްސާލުމަށްޓަކައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ.

ސަރުކާރުން ޤާނޫނު ބޭނުންކުރަމުން ގެންދާނީ އެބޭނުންވާ މިންވަރަށް، އެބޭނުންވާ ދަރަޖައަށްކަމުގައި ވިދާޅުވުމުން ފުދެއެވެ. ރައީސް ނަޝީދަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ އޮތުމުން ފުދޭނެއެވެ. އެމްބީސީގެ ޤާނޫނެއް، ލާމަރުކަޒީ ޤާނޫނެއް، މާލިއްޔަތުގެ ޤާނޫނެއް، ސިވިލް ސާރވިސްގެ ޤާނޫނެއް ރައީސް ނަޝީދަކަށް ބޭނުންފުޅެއް ނުވާނެއެވެ. ރައީސް ނަޝީދު ޤާނޫނު ބޭނުންކުރައްވަމުން ގެންދަވާނީ އެބޭނުންވާ މިންވަރަށް، އެބޭނުންވާ ދަރަޖައަކަށެވެ.

ސިޔާސީ ވާދަވެރިން ޤާނޫނާއި ކޯޓުތައް މެދުވެރިކޮށް ޤާނޫނުގެ އިމުގެތެރެއަށް ރައީސް ނަޝީދު ގެންނަވަން މަސައްކަތް ކުރައްވަފާނެތީ ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ސިޔާސީ ވާދަވެރިން އެއުޅުއްވަނީ ދެރައެއް، ގެއްލުމެއް ދެއްވުމަކަށް ނޫނެވެ. ދިވެހި ދައުލަތް ޤާނޫނުގެ ޙުކުމްގެތެރެއަށް ވެއްދުމަށެވެ. ރައީސް ނަޝީދަކަށް އެކަމެއް އެގޮތަކަށް ނުކުރެއްވުނެއް ނޫންތޯއެވެ. މުޅި ޝަރުޢީ ނިޒާމު ހަވަރަށް ދެއްވުންނޫންކަމެއް ނުވިނުންތޯއެވެ. ޤައުމީ ދިފާއީބާރުގެ މައްޗަށް ރައްޔިތުންގެ ހިތުގައިއޮތް އިތުބާރާއި ޔަޤީންކަންވެސް މިހާރު ކަނޑުއްވާ ލައްވަނީއެވެ. ޝަރުޢީ ހުކުމަކާއިނުލާ ޤާނޫނީ އިމުން ބޭރުގައި ބޭނުންހާކަމެއް ކުރުމަށް މަގުދައްކަވަނީއެވެ. ޝަރުޢީ ހުކުމަށް ދިފާއީ ބާރުތަކުން ބޯނުލެބުމަށް ފަރިތަކޮށްދެއްވަނީއެވެ. ސިޔާސީ ވާދަވެރިންނަކީ ދައުލަތުގެ ހަތުރުން ނޫންކަން އެންމެންނަށްމެ އެނގެން އެބަޖެހެއެވެ. ޤާނޫނުގެ ޙުކުމަކީ ޗާޓުން ބޭރުގައި ހިންގޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދައުލަތް އޮންނާނެކަމެވެ. ރައީސް ނަޝީދުވެސް ދާނެކަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-06 20:45:29 | Report this Comment
މަރުހަބު:

ކޮންމެ ބަޔަކަށްވެސް ފަޑިޔާރުގެއަށް ދާން މަޖުބޫރުވަނީ ސަރުކާރުން ކަންތައްތައް ކުރާގޮތުން.. ގާނޫނުން ކަމެއްކުރަން ލާޒިމް ވިޔަސް އެކަމެއް ވިޔަ ނުދޭން ނޫނީ ލަސްކުރުމަށް ސަރުކާރުން ބޭނުން ކުރަނީ ފަޑިޔާރުގެ.. ސިވިލް ސަރވިސް މުސާރަވެސް އަދި ޓީ.ވީ އާއި އަޑުގެ މައްސަލަވެސް މިހެން ކޮންމެ ކަމެއްގަވެސް ސަރުކާރުން ކަންތައް ކުރާގޮތަކީ ރައްޔިތުންނަށް ނޭންގޭ ކަމެއްނޫން.. ރައްޔިތުންނާ ޖެހޭ ފަހަރު މިބުނީ ކައުންސިލް އިންތިހާބުގަ ސަރުކާރަށް އެކަން ރަގަޅަށް ފެނިގެންދާނެ..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.