
ރަސްކަމަކުން ޖުމްހުރިއްޔަތަކަށް ބަދަލުވެ ދިވެހިން މިދެކޭ ދިވެހި ރާއްޖޭގެ ބިންގާ އަޅުއްވައި ދެއްވި މުހައްމަދު އަމީން ނިމިދިޔައީ އެމަނިކުފާން ކުރެއްވި ހިދުމަތުގެ އަގު ވަޒަން ނުކުރެވި ދިވެހިންގެ އަތުން ޝަހީދުވެގެންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ގައުމީ ހިދުމަތްތައްވެސް ބަލައި ނުގަނެވެ އެމަނިކުފާނަށްވެސް ޖެހުނީ މުހައްމަދު އަމީނަށް ޖެހުނު ކަހަލަ ދަތުރެކެވެ. މިއީ ދިވެހިން އެބައިމީހުންގެ ވެރިންނާމެދު އަމަލުކޮށްފައިވާ ގޮތެވެ. ބަލައިނުގަނެވުނު ގައުމީ ހިދުމަތުގެ ތެރެއިން މި ލިޔުމުގައި ކުރު ގޮތަކަށް އަލި އަޅުވާލަން ގަސްތުކުރެވިފައިވަނީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އާއި މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ގައުމީ ހިދުމަތުގެ މައްޗަށެވެ. ގައުމީ ހިދުމަތޭ މި ނަންގަނެވުނީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއާއި ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި އެދެ ބޭފުޅުން ކުރައްވާފައިވާ ހިދުމަތުގެ މައްޗަށެވެ. ބަލައިނުގަނެވުނު ގައުމީ ހިދުމަތެވެ.
ރައީސް މައުމޫން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމުގެ ހާލަތު ވަނީ އެޒަމާނާވެސް ނުބައްދަލު ނިކަމެތި ހާލަތެއްގައެވެ. ރައްޔިތުން އުޅެމުން ދިޔައީ ނިކަމެތި ހާލުގައި ފަންޖިފުޓިތަކުގައި އެދުވަހަކު މަހަށް ގޮސް ލިބޭ އެއްޗެއް ކާލައިގެނެވެ. މަކްތަބްތަކާއި މިސްކިތްތައް ވަނީ ވީރާނާވެފައެވެ. ރަށު އޮފީސްތައް ވެސް އެފަދަ ހާލަތެއްގައެވެ. ރައްޔިތުން ތިބީ ގައުމުގެ ހުންގާނާ ހަވާލުވި އާ ޒައީމް ރައްޔިތުންގެ ހާލަތު ބަދަލުކުރައްވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ރައީސް މައުމޫން ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ދަތުރުކުރައްވާ ވަރަށް ގާތުން ރައްޔިތުންގެ ހާލަތާއި ރަށްރަށުގެ އުމްރާނީ ހާލަތު ވަޒަން ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ގައުމު އާރާސްތުކުރުމުގެ މަސައްކަތާއިގެން އެމަނިކުފާނު ކުރިއަށް ވަޑައިގަތެވެ. މިގޮތުން އަސާސީ ތައުލީމްގެ ޕްރޮގްރާމް ފައްޓަވާ އެ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ހިންގަވާ މި ސަރަހައްދުންވެސް ލިޔަން ކިޔަން ދަންނަ ނިސްބަތް އެންމެ މަތި ގައުމަކަށް މި ރާއްޖެ ހެއްދެވިއެވެ.
ރައީސް މައުމޫން ރަށް ރަށުގައި ރަށު އޮފީސްތައް ޒަމާނީފެންވަރަކަށް ހައްދަވާ ދައުލަތުގެ އިދާރީ އޮނިގަނޑަށް އިންގިލާބީ ބަދަލުތަކެއް ގެންނެވިއެވެ. ވީރާނާ ވެފައިވާ މިސްކިތްތައް އާރާސްތުކުރެއްވިއެވެ. ސިއްހީ ގޮތުން ރައްޔިތުން ހޭލުންތެރިކުރައްވާ ކޮންމެ ރަށެއްގައި ސިއްހީ މަރުކަޒުތައް ބިނާކުރެއްވިއެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވިއެވެ. ތައުލީމީގޮތުން ހޭލުންތެރި އެތައް ދިވެހި ދަރިންނެއް އެމަނިކުފާނުގެ ޒައާމަތުގައި އުފެދިގެންދިޔައެވެ. އިސްކޫލްތައް ބިނާ ކުރައްވާ ތައުލީމީ ގާބިލް ޖީލެއް އުފެއްދެވިއެވެ. މިއަދު މިދެކޭ އިލްމީ ޖީލަކީ އެމަނިކިފާނުގެ ޒައާމަތުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވާފައިވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
ރައީސް މައުމޫން ކުރެއްވީ ހުދުމުހްތާރުވެރިކަމެކޭ ބުނާ ބުނުމުގެ މައްޗަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެމަނިކުފާން ގައުމަށް ކުރައްވާފައިވާ ހިދުމަތްތަކަށް ފަސްއަޅާ ނުފޮރުވޭނެއެވެ. ހަސަދަވެރިކަމުގެ ލޮލަކުން ބަލާ މީހަކަށް ހަގީގަތެއް ނުފެންނާއެވެ.
ރައީސް މައުމޫންގެ ޒަމާންވީ ވެރިކަމަށް ފަހު ގައުމުގެ ޒައާމަތާ ހަވާލުވި ރައީސް ނަޝީދު ކުރައްވަމުންގެންދަވާ ހިދުމަތްތަކުގެ މައްޗަށް އަލި އަޅުވާލާއިރު ހަގީގަތުގެ ދުރުމިން ފެންނަ ބޮޑު މަންޒަރު ކިތަންމެހާވެސް އުފާވެރިއެވެ. ދިވެހި ޒައާމަތާ ހަވާލުވި އެއްވެސް ޒައީމަކު ކުރުމުއްދަތެއްގެ ތެރޭގައި ނުކުރައްވާހާ ގިނަ ގުނަ ބޮޑެތި ހިދުމަތްތަކެއް އެމަނިކުފާނު މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި ކުރައްވައިފިއެވެ. ދިވެހިން ދެކެފައިވާ އެއްވެސް ރިޔާސީ ދައުރެއްގައި މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި މިފަދަ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ހިންގިފައެއްނެތެވެ އުތުރުގެ ހަތަރު ރަށެއްގެ ބިން ހިއްކުން މި ބުނި ބަހުގެ ހެއްކަކަށް ފުދޭނެއެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލާ ވިޔަފާރީގެ ފުރުސަތުއް ފަހި ކުރެއްވުމަށް އެމަނިކުފާން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފް ހައްގެވެ. ކޮންމެ ކަމެއްގެ ވެސް ފެށުން އެންމެ ރަނގަޅު ނުވެދާނެއެވެ. ނަމަވެސް ގަބޫލްކުރަން ޖެހޭ ހަގީގަތަކީ ރައީސް ނަޝީދު ގައުމަށް ގެންނަވަމުންދާ ބަދަލުތަކަކީ އޭގެ އެންމެ ފުރިހަމަ ގޮތުގައި އެ ބަދަލުތައް ގެނެވިއްޖެ ނަމަ ދިވެހި ރާއްޖެ ދިވެހިން ނުދެކޭފަދަ ތަރައްގެ އާ އުސްމިންތަކަކަށް ވާސިލްވެވޭނެ ފަދަ ބަދަލުތަކެއްކަމެވެ.
ރައީސް ނަޝީދުގެ ޒައާމަތުގައި ނިކަމެތިންނާއި މުސްކުޅިންގެ ހާލަތު ރަނގަޅު ކުރެއްވުމަށް ކުރައްވާ މަސަކަތްޕުޅުވެސް ޝުކުރުވެރިކަމާއި އެކު ބަލިގަންނަން ޖެހެއެވެ. 65 އަހަރުން މަތީގެ މީހުންނަށް ދޭ 2000 ރުފިޔާ އާއި މުސްކުޅިންނަށް ހިލޭ ބޭސްރުވާ ކުރެވޭގޮތް ހަމަ ޖެހިގެން ދިޔުމީ މުޖްތަމައުގެ ދުޅަހެޔޮކަމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅެކެވެ.
ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ ގައުމީ ހިދުމަތްތައް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަން ވެއްޖެއެވެ. ޕާޓީތަކުން ޖަހާހާ ބެރަކަށް ނުނަށާ ގައުމީ ވިސްނުމަކުން ވިސްނާ ރައީސުންގެ ހިދުމަތްތައް ބަލައިގަންނަން ވެއްޖެއެވެ. ހަސަދަވެރިކަމުގެ ލޮލަކުން ނުބަލާ ގައުމީ ނަޒަރަކުން ރައީސުންގެ ގައުމީ ހިދުމަތްތަކުގެ މައްޗަށް ބަލަންވެއްޖެއެވެ. އަދި ސަރުކާރު ޒިންމާދާރުކުރުމަކީ ސަރުކާރު ކުޑަ ކަކޫ ޖައްސުވާ ރައްޔިތުންނަށްޓަކައި ސަރުކާރުން ރާވާ މަޝްރޫއުތައް ހުއްޓުވާ ގައުމުގެ ތަރައްގީ ވިޔަ ނުދިނުން ކަމުގައި ވަނީ ނަމަ އެފަދަ އިދިކޮޅު ފަރާތްތަކެއް ގައުމަކަށް ބޭނުމެއް ނޫނެވެ.
Posted on 2010-09-05 17:41:46 |
Report this Comment