ދުނިޔޭގެ ސުޕަ ޕަވަރަކީ އެމެރިކާ ކަމަށް ދުނިޔޭގެ ގިނަބަޔަކު ޤަބޫލުކުރިޔަސް އަޅުގަނޑަށް އެކަމެއް އެއްގޮތަކަށްވެސް ޙަޖަމެއް ނުކުރެވެއެވެ. އެއީ ބައިވަރު ސަބަބުތަކާއި ހެދިއެވެ. ކުރުކޮށް ދަންނަވާކަމަށްވަންޏާ ދެންނެވޭނީ އެބައިމީހުން ބޭނުންވާ އެއްވެސް ހަނގުރާމައަކުން އެބައިމީހުން ބޭނުންވާ ނަތީޖާއެއް މިހާތަނަށް ނެރެވިފައެއް ނެތެވެ. އެމެރިކާއިން ހަނގުރާމައެއް ފަށައިފިނަމަ އެކަމުން އެބައިމީހުންގެ ސިފައިންގެ އެތައް ސަތޭކަބަޔަކު މަރުވެ އެއްވެސް ފައިދާއެއްނެތްގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ޚަރަދު ކުރުމަށްފަހު އެންމެންފަހުން ބަލިޤަބޫލުކުރާޙާލު ނިކަމެތިކަމާއިއެކު އެތަނަކުން ފައިބައިގެން ދެއެވެ. ފައިސާގެ ތަނަވަސްކަމާއިހެދި އެބައިމީހުންނަށް ގޮތްހުސްވުމުން ވަކިހިސާބަކުން މީޑިއާތަކުން އެހަނގުރާމަ ކާމިޔާބު ހަނގުރާމައެއްކަމަށް ގޮވަން ފަށާނެއެވެ. އިންސާނަކު ޤަބޫލުނުކުރިޔަސް މެއެވެ. ޤައުމުގެ މީސްތަކުން އެބައިމީހުންގެ އަތުގައިހިފައި ނިކަމެތި ޙާލުގައި ބާލާތަން ދެލޮލު ކުރިމައްޗަށް ފެނުނަސް މެއެވެ.
ފަހުގެ ތާރީޚަށް ނަޒަރުހިންގާލާއިރު އަފްޣާނިސްތާނަށާއި ޢިރާޤަށް އެމެރިކާއިން އަރައިގަތީ މުޅިދުނިޔެ އެކަމާ އިދިކޮޅު ހަދަހަދާ އޮއްވައެވެ. ދުނިޔޭގެ ހުރިހާ ދީނެއްގެ ކުދިބޮޑު އެންމެންހެން މުޒާހަރާކޮށްކޮށް ތިއްބައެވެ. އަމިއްލައަށް ހަދައިގެން އުޅޭ "މޮޅު ޑިމޮކްރަސީ" ގައި ކޮޅުފައިން ޖަހާފައެވެ. އަދި ނުވިތާކަށް ދުނިޔޭގެ ހުރިހާ ޤާނޫނުތައް މުގުރާފައެވެ. ދުނިޔެއަށް ޞުލްޙަ ގެނެސްދިނުމުގެ ނަމުގައެވެ. އެބައިމީހުން ސިފަކުރާ ވަކިބާވަތެއްގެ ޓެރަރިސްޓުންތަކެއް ނައްތާލުމުގެ ނަމުގައެވެ. ލަޢުނަތް ލެއްވިގެންވާ ޔަހޫދީންނަށް އަޅުކަންކުރަމުންގެންދާ އެމެރިކާ ސަރުކާރަކީ ހަޤީގަތުގައިވެސް މުޅިދުނިޔޭގައިވާ އެންމެ ފިނޑި ޤައުމެވެ. އެންމެ މުނާފިޤު ސަރުކާރެވެ. މިބައިމީހުންނަށްވުރެ ނިކަމެތި، ތާކުންތާކު ނުޖެހޭ އެހެން އެއްވެސް ޤައުމެއް މިދުނިޔޭގެ ތާރީޚުގައި އަދިއަދަށް ދާންދެންވެސް މިނޫނީ ފާޅުވެފައި ނުވެއެވެ. މިކަމުގެ އެންމެ ބޮޑު ދަލީލަކީތޯއެވެ؟ އެއްވެސް ކަމެއް އެމީހުން ބޭނުންވެގެން ހަދާފައިވާ ޕްލޭނާ އެއްގޮތަކަށް ކުރިޔަކަށް ނުގެންދެވެއެވެ. ކުރަންޖެހޭނި ޔަހޫދީން އެންގި ގޮތަކަށެވެ. ޔަހޫދީ ދައުލަތުން އޯޑަރު ދޭ ގޮތަށެވެ. ހަގީގީ އަޅުވެތި ކަމަކީ މިއީ ނޫންތޯއެވެ؟
ކޮންމެއަކަސް ދުނިޔެ ކައްޅަންކުރުމަށް އެބައިމީހުން ރޭވި މަކަރުވެރި ރޭވުމުގައި، ފައިސާގެ ދަޅަ ދައްކައިގެން ކާފަރު ގިނަ ދައުލަތްތަކަކާއި ބައެއްމުސްލިމް ދަޢުލަތްތައް އެބައިމިހުންގެ މަޅީގައި ޖެއްސިއެވެ. ދުނިޔޭގެ މީޑިއާ ބޭނުންކޮށްގެން އަފްޣާނިސްތަނަށާއި ޢިރާޤަށް އަރައިގަތީ އެބައިމީހުންނާއި ބައިވެރިވާ ޤައުމުތަކަށް ބޮޑެތި އިނާމުތައް ދޭނެކަމަށް ދޮގު ވަޢުދު ކޮށްގެންނެވެ. ނަމަވެސް އަފްޣާން ހަނގުރާމައިގައި ބައިވެރިކުރި ޤައުމުތަކުގެ ސިފައިންގެ ގޮތުގައިތިބި އެޤައުމުތަކުގެ ސިފައިންގެ ލޭ ކޮށާލައި އެޤައުމުތަކުގެ ރައްޔިތުންނާއި ޢާއިލާތައް ނިކަމެތި ޙާލުގައި ޖެއްސުންނޫން އެހެން ހަދިޔާއެއް އެމެރިކާއިން ދީފައި ވެތޯއެވެ؟ އެބައިމީހުންނާއި ބައިވެރިވި ބައެއް ޤައުމުތަކުގެ ސިފައިންގެ އެތައްސަތޭކަ ބަޔަކު މަރުވަމުންދިއުމާއި ގުޅިގެން އެޤައުމުތަކުގެ ސަރުކާރުގެ ލަގޮނޑިއަށް ކެތްނުކުރެވިގެން އަފްޣާނިސްތާނުން އެބައިމީހުންގެ ސިފައިން ބޭލިއެވެ. އެމެރިކާ ނޭވާ ހޮޅިއަށް އެޅި މަރަށް ތެޅިތެޅި އޮތްޙާލުގައެވެ.
އެމެރިކާއިން އިރާޤު ހަނގުރާމަ ކާމިޔާބު ވެއްޖެކަމަށްބުނެ މިދިޔަ އޮގަސްޓް 31 ވަނަ ދުވަހު އެވަނީ ހަނގުރާމަ ހުއްޓާލާފައެވެ. އަދި އަންނަ އަހަރު ހުރިހާ ސިފައިން އެޤައުމުން ފައިބާނެ ކަމުގައި އޮބާމާ އެވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް މިއީ މޮޔައަކުވެސް ޤަބޫލުކުރާ ވާހަކައެއް ނޫނެވެ. މިގޮތަށް މިބައިމީހުން އެތައްފަހަރަކު ޢިއުލާން ކޮށްފިއެވެ. ދޭތެރެއަކުން އިވޭނީ "އެމެރިކާ ނުވަތަ ނޭޓޯ ސިފައިންގެ އެތައްބަޔަކު މަރާލައިފި!"، "އެމީހުންގެ ހެލިކޮޕްޓަރެއް ވައްޓައިލައިފި!" މިފަދަ ޚަބަރުތަކެވެ. ކިހާ ކާމިޔާބުތޯއެވެ. 2003 ވަނަ އަހަރު އިރާޤް ހަނގުރާމަ ފެށުވި، އެމެރިކާގެ ތާރިޚު މިހާތަނަށް ދުށް އެންމެ ނާކާމިޔާބު ރައީސް ޖޯޖް ބުސް، އެހަނގުރާމަ ފެށުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ވަނީ އެހަނގުރާމަ ކާމިޔަބުވިކަމަށް ކަރުން ހަންދާވަރަށް ގޮވަލާފައެވެ. ނަމަވެސް ދޭތެރެއަކުން ހަނގުރާމާގެ ކޮމާންޑަރުން ދެފައިތަޅަތަޅާފައި "ކާމިޔާބެއް ނުވެއޭ!، ގެއްލުމޭ، ގެއްލުމޭ" ކިޔައިގެން އަޑުގައި ނެތްތަނަށް ރޮއި ހޭރޭ މަންޒަރު ފެނެއެވެ. ކިހާ ކާމިޔާބު ތޯއެވެ؟ އަނެއްކާ 2007 ވަނަ އަހަރުވެސް އެއްކަލަ ބުސް ހަނގުރާމަ ކަމިޔާބު ވެއްޖެއޭ ބުނެފިއެވެ. މިއީ ދެން ކިހާ ބޮޑު އަޖާބެއް ތޯއެވެ. ހަމަ ދޭތެރެއަކުން ކާމިޔާބޭ ގޮވައި ގަންނާތީ ސުވާލު ނުއުފެދި ހުންނާނެ ހެއްޔެވެ؟ ބުސް މިހެން ގޮވައިގަންނައިރަށް މިބައިމީހުންނަށް ވިކި ހުސްވެފައިތިބޭ މީޑިއާތަކުން އެއްކޮޅުން "ކާމިޔާބު ވެއްޖެއޭ ބުސް ބުނެފިއޭ" "މުޖާހިދުންގެ ހަމަލާއަކުން އެމެރިކާ ސިފައިންގެ އެތައް ބަޔަކު މަރުވެއްޖެއޭ ބުނެ ވީޑިއޯއާއި ފޮޓޯ ދައްކާނެއެވެ. މީހަކު ގާތަށް ހިންޏެއް ފަހެ ނާންނާނެހެއްޔެވެ. އަނެއްކާ 31 އޮގަސްޓް ދުވަހުގެ ދަންވަރު ނުނިދައި އިނދެގެން އޮބާމާ ޓީވީއަށް އަރައި ހަނގުރާމަ ކާމިޔާބު ވެއްޖެ ކަމަށްބުނެ ބުހުތާނު ފަތުރައިފިއެވެ!
ދެން އިރާޤު ހަނގުރާމާގައި މިބައިމީހުންނަށް ލިބުނު ކާމިޔާބީ އެނގިލައްވާތޯއެވެ! މިބައިމީހުން ފައްކާކޮށްފައިވާ ސިފައިން އެތިބެނީ ހަމަލާއެއް އައިސް މަރުވެ ދާނެތީ ގަންނާ ކުރައްވާ ބިރުން ފިތްކަނޑައިގެން ގޮއްސައެވެ. މަރަށް ބިރުން އަމިއްލަ ބޮލަށް ބަޑި ޖަހައިގެން، އެހެންޏާ ދަންޖެހިގެން މަރުވަނީއެވެ. މިބައިމީހުންގެ މޮޅު ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ރޮކެޓްތައް އަނބުރާލާފައި އައިސް ވެއްޓެނީ އެމީހުންގެ ބޮލަށެވެ. ނުވަތަ އެހެންވެސް އަމާޒަކަށެވެ. ދެން ބުނަނީ މަގުން ކައްސާލީއެވެ. ގަންނާ ކުރައްވާ ބިރުން އަތް ތުރުތުރު އަޅާ ވާހަކައެއް ނުދައްކާނެއެވެ. އަނިއްލަ މީހުންގެ ގަޔަށް ބޮންއަޅާފައި ކޮންމެވެސް "ފްރެންޑްލީ ފަޔާ" އެކޭކިޔައިގެން މޮޅު ހާސަރުތަކެއް ދަމާނެއެވެ.
މިބައިމީހުންނަށް ކުރެވުނުހާވެސް ކަމަކީ އިރާޤްގެ ކުށެއްނެތް ޢާންމު ރައްޔިތުންނާއި ކުޑަކުދިން މެރުމެވެ. 7 އަހަރު ވަންދެން އެބައިމީހުން ކުރި ހަނގުރާމައިގައި އިރާޤް ޢާންމު ރައްޔިތުންގެ 95775 - 104481 ދެމެދުގެ ޢަދަދަކަށް މީހުން މަރާފައިވެއެވެ. އަދި އެމެރިކާ ސިފައިންގެ 4734 މީހުން މަރުވެފައި ވެއެވެ. ކާމިޔާބު ހަނގުރާމައެއް ނޫންތޯއެވެ؟ ދުނިޔެއަށް އެބައިމީހުން ގެނެސްދިން "އޮބިނޯންނަ ޞުލްޙަ" ބަލައިލަން ކިހާ ރީތިވެފައި ހިތްގައިމު ނޫންތޯއެވެ؟
Posted on 2010-09-04 15:43:04 |
Report this Comment