
ސްޓޫޑެންޓް ލޯން ނުވަތަ ސްޓަޑީ ލޯނަކީ ދުނިޔޭގެ ހުރިހާ ޤަޥްމެއްގައި ސަރުކާރުންނާއި ބައެއް އަމިއްލަ ވިޔަފާރިވެރިންނާއި އަދި ބޭންކްތަކުން ދެމުންދާ ޚިދުމަތެކެވެ. ނަމަވެސް، ގިނަ ޤަޥްމުތަކުގައި މިފަދަ ލޯންތަކުން އިންޓްރެސްޓްގެ ގޮތުގައި ނެގެނީ ރަމްޒީ މިންވަރެކެވެ. ވަރަށް ކުޑަމިންވަރެކެވެ. މިސާލަކަށް، މެލޭޝިޔާގައި ސަރުކާރުން ދޫކުރާ ސްޓަޑީ ލޯންތަކުން އިންޓަރެސްޓްގެ ގޮތުގައި ނެގެނީ %1 އެވެ. މިއަށް ސާރވިސް ޗާރޖްވެސް ކިޔެއެވެ. ރާއްޖޭގެ ސަރުކާރުން އޮގަސްޓް 2010 ގައި އިޢުލާން މިކުރި ލޯން ސްކީމްގައި %5 ސާރވިސް ޗާރޖްގެ ގޮތުގައި ނެގޭނެކަމަށް ލޯންގެ އުޞޫލުގައި ބަޔާން ކުރެވިފާވެއެވެ.
އިސްލާމީ ޝަރީޢަތުގެ ގޮތްޕެއްކަމުގައިވާ ފިޤުޙު މުޢާމަލާތުގައި ރިބާ ބެހިގެންވަނީ މައިގަނޑު 2 ބަޔަކަށެވެ. އެއީ ރިބާ އަލް- ދުޔޫން އާއި ރިބާ އަލް- ބުޔޫޢުއެވެ. ރިބާ އަލް- ދުޔޫންއަކީ ދަރަނީގެ ބާވަތްތަކުން އުފެދޭ ރިބާއެވެ. އަދި ރިބާ އަލް � ބުޔޫޢު އަކީ ބައެއް ބާވަތުގެ ތަކެތި ގަނެވިއްކުމުގައި އެކުލެވޭ ރިބާއެވެ. މި ބާވަތުގެ ރިބާ ދެގޮތަކަށް އުފެދެއެވެ. އެއީ (1) އެއްބާވަތެއްގެ ތަކެތި ބަދަލުކުރުމުގައި ވިންވަރު ތަފާތުކުރުމާއި (2) ފަސްކުރުމެވެ. މިގޮތުން ފުރަތަމަ ދަންނަވާލެވުނު ރިބާގެ ވައްތަރަށް ރިބާ އަލް- ފަޟްލްއޭ ކިޔެއެވެ. އަދި ދެވަނަަށް ދަންނަވާލެވުނު ވައްތަރަށް ރިބާ އަން- ނާސިޔާއޭ ކިޔެއެވެ.
މަތީގައި ބަޔާންވެގެންވި ސާރވިސް ޗާރޖް ފެތެނީ ރިބާ އަލް � ދުޔޫންގެ ތެރެއަށެވެ. އެއީ ދަރަނީިގެ ރިބާއެވެ. ދަރަނީގެ ރިބާ އެކުލެވޭ ގޮތަކީ ދަރަންޏެއް ދޫކުރާއިރު ދަރަނީގެ ޖުމްލަ އަދަދަށް ވުރެ އިތުރަށް އަދާކުރުމަށް ޝަރުތުކޮށް ދަރަނި ދިނުމެވެ. ނޭޝަނަލް ލޯން ސްކީމެ ޤަވަޢިދުގެ ބައިތަކަށް ނަޒަރުހިންގާލި އިރު %5 އިތުރަށް އަދާކުރުމަށް ޤަވަޢިދުގައި ޝަރުތުކުރެވިފާވެއެވެ. ވީމާ، މި %5 ރިބާގެ ތަޢުރީފްގެ ތެރެއަށް ވަރަށް ފުރިހަމައަށް ފެތެއެވެ.
ނަމަވެސް، އަޅުގަނޑާއި ދެބަސްވެދާނެ ބަޔަކުވެސް ތިބެދާނެއެވެ. އެބޭފުޅުން ވިދާޅުވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ މިފަދަ ލޯންތައް އިންތިޒާމްކުރުމުގައި ކޮންމެވެސް މިންވަރެއްގެ ޚަރަދުތަކެއް އިދާރީގޮތުން ހިނގާނެތީ ސާރވިސް ޗާރޖްގެ ގޮތުގައި ކޮންމެވެސް މިންވަރެއް ނެގުމަކީ މައްސަލައެއް ނޫނެވެ. ރަނގަޅެވެ. ސާރވިސް ޗާރޖުގެ ގޮތުގައި މިންވަރެއް ނެގިދާނެއެވެ. ނަމަވެސް، 10 މިނިއަން ރުފިޔާގެ ދަރަނި ދޫކުރަން ފައިސާ ލިބުނުއިރު ދިވެހި ދައުލަތަށް މި ލޯންތަކުގެ ސާރވިސް ޗާރޖްގެ ގޮތުގައި ހިނގާ ކުޑަމިންވަރު ނުލިބެނީތޯއެވެ؟ އާދޭހެވެ! އިސްލާމްދީނުގައި ލޯނަކީ ވަރަށް މަތިވެރި ކަމެކެވެ. ނަމަވެސް، އެއީ ރިބާ އެކުނުލެވޭ ލޯނެވެ. މިފަދަ ލޯންނަށް ކިޔެނީ ޤަރުދު އަލް ހަސަންއެވެ. އެއީ ލޯންގެ ޕްރިންސިޕަލް އަދަދަށް އެއްވެސް މިންވަރެއް އިތުރުކުރުމަކާ ނުލާ ދޫކުރެވޭ ލޯނެވެ. މިފަދަ ލޯނަކީ ޞަދަޤާތަންވުރެވެސް މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެކެވެ.
ފާހަގަ ކޮށްލުން މުހިއްމު އަނެއް ކަމަކީ ސާރވިސް ޗާރޖްގެ ގޮތުގައި ޕްރިންސިޕްލްގެ އިންސައްތައެއް ނެގުމެވެ. ސާރވިސް ޗާރޖަކީ ފިކްސްޑް ޚަރަދެކެވެ. ދަރަނީގެ ޕްރިންސިޕަލް ބޮޑުވިޔަސް ސާރވިސް ޗާރޖް ބޮޑެއްނުވާނެއެވެ. 1000 ރުފިޔާގެ ލޯނެއްގެ އިދާރީ މަސައްކަތާއި 100000 ރުފިޔާގެ ލޯންގެ އިދާރީ މަސައްކަތުގެ ޚަރަދު ވާނީ އެއްވަރެވެ. ވީއިރު، ޕްރިންސިޕަލްގެ އިންސައްތައެއް ނެގުމަކީ ޢަދުލުވެރި ގޮތެއްނޫނެވެ. މިހެންވުމުގެ ސަބަބުން 20000 ރުފިޔާގެ ލޯން ނަގާފަރާތުން 1000 ރުފިޔާ ސާރވިސް ޗާރޖްގެ ގޮތުގައި ދައްކާއިރު 100000 ރުފިޔާ ނަގާފަރާތުން 5000 ރުފިޔާ ސާރވިސް ޗާރޖްގެ ގޮތުގައި ދައްކަން ޖެހެއެވެ.
އަބުދު ﷲ އިބުނު ހަންޒަލާ ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނާގައިވެއެވެ؛ " އެންމެ ދިރުހަމެއްގެ މިންވަރަށް ރިބާ، އެނގިހުރެ ބޭނުންކޮއްފި މީހާގެ ފާފަ، 36 ފަހަރު ޒިނޭކުރުމާއި އެއްފަދައެވެ.]
ސްކީމްގެ އެހެނިހެން މައްސަލަތައް
މި ސްކީމްގެ ޤަވައިދުގެ ތަފާތު ބައިތަކަށް ބަލާލުމުން ވަރަށް ހަމަނުޖެހޭ އެތަކެއް ކަމެއް ފާހަގަކުރެވެއެވެ. ރިބާ އަކީ އެންމެ ބޮޑުކަންތަކެވެ. އެކަމުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލެ ވިއްޖެކަމުގައި ދެކެމެވެ. ސްކީިމްގެ ޤަވަޢިދުގެ ބައެއް މާއްދާތަކުގެ ސަބަބުން މި ލޯން ސްކީމްގެ މަންފާ ލިބިގެންދާނީ މިކަމަށް އެންމެ ބޮަޑަށް ބޭނުންވެފައިވާ ފަރާތްތަކަށް ކަމާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ ލޯންގެ ގޮތުގައި ލިބޭ ފައިސާއިން ޚަރަދުކުރެވެނީ ހަމައެކަނި ޓިއުޝަން ފީއަށެވެ. މީގެ މާނައަކީ މި ލޯން އަށް އެޕްލައިވެސް ކުރާނީ ކޮންމެވެސް ވަރަކަށް ފައިސާ ހުރިފަރާތްތަކުންނެވެ. އެއީ މަތީ ތަޢުލީމް ޙާޞިލްކުރުމުގައި ޓިއުޝަން ފީއާއި އެއްވަރުގެ ނުވަތަ އެޔަންވުރެ ބޮޑު ޚަރަދެއް ހިނގަނީ ތައުލީމް ޙާޞިލްކުރާތަނެއްގައި ދަރިވަރުގެ ދިރިއުޅުމުގެ ޚަރަދަށެވެ. އެއްވެސް ވަރަކަށް ފައިސާ ލިބިފައިނުވާ އާޢިލާތަކުގައި ތިބި ޤާބިލް، ރަނގަޅުނަތީޖާ ހޯދާފައިވާ ކުދިންނަށް މި ސްކީމްގެ ސަބަބުން އެއްވެސް އުފާވެރިކަމެއް ނެތެވެ. ސަބަބަކީ އިންޓަރެސްޓް ދައްކަންޖެހުމާއި ކިޔެވުމުގެ ޚަރަދުގެ %50 ނުވަތަ އެޔަންވުރެ އިތުރު އަދަދެއް ހިނގާ ދިރުއުޅުމުގެ ޚަރަދު ލޯން ސްކީމުން ކަވަރ ނުކޮށްދޭތީއެވެ.
މި ސްކީމުން ފައިދާ ލިބިގެންދާނީ މެދުފަންތިއާއި މަތީފަންތީގެ އާޢިލާތަށެވެ. ނިކަމެތި އާޢިލާތަކުގައި ކިތަންމެ ޤާބިލް، ހުނަރުވެރި ކުދިން ތިބިނަމަވެސް އެކުދިންނަށް މި ފަދަ ސްކީމްތަކުގެ ބޭނުމެއް ނުހިފޭނެއެވެ. އިސްވެ ދެންނެވުނު ސަބަބުގެ އިތުރުން، ގެރެންޓާއެއް ސޮއިކުރަން ޖެހުމަކީވެސް ނިކަމެތި އާޢިލާތަށް މި ސްކީމުން އެކަހެރިކުރުވުމުގެ ސަބަބެކެވެ. ނިކަމެތި އާޢިލާތަކުގައި މިފަދަ ގެރެންޓީއެއް ދަވޭނެ ފަރާތެއް ނުތިބޭނެއެވެ.
ތަޢުލީމީ ރަނގަޅުނަތީޖާ ހޯދާފައިވާ ދަރިވަރުންގެ ކިބައިގައިވާ އިންޓެލެކްޗުއަލް ކެޕިޓަލަކީ ކޯލޭޓަރަލްއަކަށް ނުފުދެނީތޯއެވެ؟ އެކުދިންގެ ތަޢުލީމީ ސަނަދުތަކުން ރަމްޒުކޮށްދޭ އިޤުތިޞާދީ ބާރު ނުވަތަ އާމްދަނީ ހޯދުމުގެ ބާރު، ހުނަރުވެރިކަން ދައްކުވައިދިނުމުގެ ބާރަކީ ގެރެންޓާރ އަކަންވުރެ ވަކިން ދައްއެއްޗަކީތޯއެވެ؟
ދަންނަވަންތޯއެވެ؟ ދައުލަތަކުން ވިޔަސް އަދި އަމިއްލަ ފަރުދަކުވިޔަސް ތަޢުލީމަށް ކުރާހޭދަޔަކީ ލޯންގް ޓާރމް އިންވެސްޓްމެންޓެކެވެ. މިފަދަ އިންވެސްޓްމެންޓެއް ކުރާފަރާތުން އެކަށީގެންވާ ރިސްކެއް ނަގަންޖެހެއެވެ. ރިސްކު ނުނަގާ ލޯންގެ ބަދަލު ކޮންމެ ގޮތަކުންވެސް ލިބޭނޭފަދަ ޤަވައިދެއް ހަދައިގެން، ގެރެންޓީކުރުމަކީ ތައުލީމަށް ކުރާހޭދަޔަކާއި އެކަށީގެންވާ ކަމެއްނޫނެވެ. ސަބަބަކީ ތަޢުލީމަށް ކުރާހޭދަޔަކީ ފަހުން ތަފާތު ގޮތްގޮތުން ޤަޥްމަށް އޭގެ ބަދަލުލިބޭނެ އިންވެސްޓްމެންޓެކެވެ. ވަރަށް ރިޓާރން މަތި އިންވެސްޓްމެންޓެކެވެ. ރާއްޖޭަގައި މީގެކުރީގައި ސަރުކާރުންވެސް އަދި އަމިއްލަފަރުދުންވެސް މިބާވަތުގެ ލޯންދޫކުރީ މިއުޞޫލަކުންނޫނެވެ. %105 ލޯން އުޞޫލަކުންނޫނެވެ. ބޮޑުބައެއް ހިލޭއެހީގެ ގޮތުގައެވެ. މިފަދަ އުޞޫލަކުން މިކަން ކޮއްގެންމެނުވީ ޤަޥްމުގެ ނިކަމެތި އާޢިލާތަކުގެ ޒުވާނުން އުފެއްދުންތެރި، ޤަޥްމަށް ބޭނުންތެރި ބަޔަކަށް ނުހެދޭނެއެވެ.
މިފަދަ ސްކީމްތަކުގެ އިޤުތިޞާދީ ނޭދެވޭ އަސަރު ޤަޥްމަށް ކުރަނީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. އެއީ ޤަޥްމަށް ލިބޭ އާމްދަނީ މަދުބައެއްގެ މެދުގައި ބެހިގެންދިއުމަށް މި ފަދަ ސްކީމްތަކުންވެސް ހިތްވަރުލިބޭތީއެވެ.
ދައުލަތުން ކުރިޔަށް ގެންދަވާ މިފަދަ ސްކީމްތަކުގެ އަމާޒަކަށް ވާންޖެހޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ ޤަޥްމުގައި ތިބި ނިކަމެތި، ނަމަވެސް ޤާބިލް ޒުވާނުންނަށް ފުރުސަތު ހޯދާދިނުމެވެ. މި މަޤުޞަދު ހާޞިލްނުވާފަދަ ގޮތަކަށް ސްކީމްތައް ފަރުމާކުރުމަކީ ޒިންމާދާރު ސަރުކާރަކުން، އިސްލާމީ އިޤުތިޞާދުގެ މަޤުޞަދެއްކަމުގައިވާ ޑިސްޓްރިބިއުޓިވް ޖަސްޓިސްއާއި ހިލާފަށް ކުރާނެފަދަ ކަމެއްނޫނެވެ. ޢަދުލުވެރި ދަޢުލަތަކުން ކުރާ ފިސްކަލް ޚަރަދުކުރެވެންޖެހޭނީ ވަރަށް ހަމަހަމައުޞޫލަކުންނެވެ. އޭގެ މަންފާ މުޅިޤަޥްމުގެ ރައްޔިތުންނަށް ލިބޭނޭފަދަ ގޮތަކަށެވެ. ވަކިބަޔަކު އެކަހެރިވެގެން ނުދާނޭފަދަ ގޮތަކަށެވެ. ވަކިން ޙާއްޞަކޮށް އެހީތެރިކަމަށް ބޭނުންވެފައިވާ ނިކަމެތިންވެސް އިކޮނޮމިކަލީ އެކްޓިވް ފަރުދުންތަކަކަށް ހެދުމަކީ އިސްލާމީ ދައުލަތެއްގެ ވަރަށް ބޯޑު ޒިންމާއެކެވެ.
ހަޤީޤަތުގައި މިލޯން ސްކީމްގެ ޤަވަޢިދުތަކުގެ ހަމަތަކުން ކިރާލާއިރު، މި ސްކީމާއި އާންމުކޮށް ޒަމާނީ ބޭންކުތަކުން ކުރަމުން މިދާ ރިބާގެ މުޢާމަލާތްތަކާއި މި ސްކީމާއި އެއްވެސް ތަފާތެއްނެތެވެ. ދައުލަތަކުން، ހިންގާ މިފަދަ ސްކީމްތައް މިހެން ފަރުމާކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނުނެވެ. ބޭންކުތަކުން ދޫކުރާ ލޯންތަކާއި މިލޯނުގެ ތަފާތަކީ އިންޓަރެސްޓް (ސާރވިސް ޗާރޖް) ކުޑަވެމެވެ. ނަމަވެސް، މީގެ ސަބްސްޓެންސް ހަމަހަމައެވެ. ކުޑަޔަސް ބޮޑަސް ހަމަ ރިބާއެވެ. ކުޑަ ރާފޮދެއް ބޯލެވުނަސް ހަރާމް ޢަމަލް ކުރެވުނީއެވެ. ގިނައިން ރާފޮދު ބޯލިޔަސް ހަމައެފަދައެވެ. ރިބާވެސް ހަމައެފަދައެވެ. %5 ވިޔަސް ނުވަތަ %12 ވިޔަސް، ކޮމްޕައުންޑިންގ ނުވަތަ ސިމްޕްލް އިންޓަރެސްޓް ވިޔަސް ހަމަވާނީ ރިބާއަށެވެ.
ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ދަރަނި އަދާކުރުމުގައި ދަތިވެގެން، އަދާކުރުން ލަސްވެއްޖެ ހާލަތުގައި ލަސްވިމަހަކުން %10 ގެ ފައިންއެއް އަތުލުމެވެ. މީވެސް އިސްލާމްދީން ހިތްވަރުދޭ ގޮތެއްނޫނެވެ. އިސްލާމްދީން ހިތްވަރުދެނީ ދަރަނިވެރިޔާއަށް ވަގުތު ދިނުމަށެވެ. އިސްލާމްދީނުގައި ދަރަނި ވެރިންނަކީ ފަޤީރުންނާއި އެއްފަދަ ބައެކެވެ. ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ދަރަނިވެރިން ހިމެނިގެންވުމަކީވެސް މިކަން އެނގޭކަމެކެވެ. މިފަދަ ބައެއްގެ އަތުން އިތުރަށް ދަތިކުރުމަށް ފައިން އަތުލުމަކީ ވަރަށް ރަހުމްކުޑަ ގޮތެކެވެ. ކީރިތި ޤުރުޢާނުގަޔާއި ހަދީޘްގައި ދަރަނިވެރިޔާއަށް ވަގުތު ދިނުމަށް ބާރުއަޅުއްވާފާވެއެވެ. އަދި ދަރަނި މަޢާފްކުރުމަކީ އެންމެ ހެޔޮގޮތްކަމުގައި ބަޔާންވެގެން ވެއެވެ. ސޫރަތުލް ބަޤަރާގެ 280 ވަނައާޔަތުގެ މާނާގައި ވެއެވެ؛ " އަދި ދަރަނިވެރިޔާއަށް ދަތިދުވަސް ތަކެއް މެދުވެރިވެއްޖެނަމަ (ފައިސާ ނުލިބުން), އޭނާގެ އަތްމަތި ފަސޭހަވަންދެން ވަގުތުދިނުން ހެޔޮވެގެން ވެއެވެ. އަދި ޞަދަޤާތުގެގޮތުގައި ދަރަނި އެއްކޮން މައާފްކުރުމެވެ. މިގޮތް ތިޔަބައިމީހުންނަށް އެނގިގެންވާނަމަ ހެޔޮކަންބޮޑެވެ."
އަނެއްކަމަކީ ޚިދުމަތްކުރަންޖެހުމެވެ. މި ލޯނު ސްކީމަކީ ހިލޭދެވޭ އެހީއެއް ނޫނެވެ. ލޯންދިނުމަށްފަހު، އިތުރު ޝަރުތުތަކުން ފައިދާ ހޯދުންހުއްދަވެގެން ނުވެއެވެ. މި ގޮތަށް މިކަންވާންޖެހޭނަމަ، ބޭންކުތަކުގައި މުވައްޟަފުން ތިބޭކަށް ނުޖެހެއެވެ. ލޯންނަގާފައިވާ ކަސްޓަމާރއިންތައް ބޭންކަށް ޚިދުމަތް ކުރަންތިބޭނެއެވެ. ބޭންކުގެ ކައުންޓަރުގައި އޭރުންތިބޭނީ ބޭންކުގެ ދަރަނިވެރިންނެވެ. ބޭންކުގެ ޚަރަދުވެސް ވަރަށް ކުޑަވާނެއެވެ. ރަސޫލާގެ ހަދީޘްފުޅެއްގައި ވެއެވެ. " ދަރަނި ލިބޭފަރާތުން އޭނާގެ ސަވާރީގައި ދަތުރެއް ދިންކަމުގައިވިވަސް އެދަތުރު ނުކުރާށެވެ. އަދި ފަރީއްކޮޅެއް އެރުވިކަމުގައި ވިޔަސް އެފަރީކޮޅު ނުކާށެވެ." މީގެ މާނައަކީ ދަރަނީގެ ބަދަލު އެއްވެސް ގޮތަކުން ހޯދުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް، މި ސްކީމްގައި ދަރަނީގެ ބަދަލު ހޯދުމާއި އިތުރަށް އިންޓަރެސްޓް ނެގުމާއި އަދި ޚިދުމަތްވެސް ކުރަންޖެހެއެވެ. މީ ވަރަށް ހެއްވާގޮތެކެވެ. ދަރަނީގެ ޕްރިންސިޕަލް %100 އާއި އިންޓަރެސްޓް %5 އަތުލުމަށްފަހު، އަދި އެވަރުންވެސް ނުފުދިގެން ޚިދުމަތްކުރުމަށްވެސް ޝަރުތުކޮށްފައެވެ.
ވިސްނާލުން މުހިއްމު އަނެއްކަމަކީ ޤަޥްމަށް ޚިދުމަތްކުރުން ކަމުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރުމެވެ. ދިވެހިރާއްޖޭގައި މަސައްކަތްނުކުރިނަމަވެސް ޚިދުމަތް ކުރެވެނީ ހަމަ ދިވެހި ޤަވްމަށެވެ. ބޭރުގައި މަސައްކަތްކޮށްގެން ހޯދާ ފައިސާ ޑޮލަރުގެ ސިފައިގާ ރާއްޖެވަންނާނެއެވެ. އަދި ހޯދާކާމިޔާބު ތަކަކީ ރާއްޖެއަށް ލިބޭ ރީތިނަންތަކެކެވެ. މިގޮތުން މިހާރުވެސް ބޭރުގެ ބައެއް ޔުނިވާރސިޓީތަކުގައި އުޅުއްވާ ދިވެހި ޕްރޮފެސަރުން ވަރަށް ފަޚުރުވެރި ކާމިޔާބުތައް ހޯއްދަވަމުން އެބަގެންދަވައެވެ. އިންޑިޔާއާއި ޗައިނާގެ އިޤުތިޞާދު ވަރުގަދަ ވުމުގެ ވަރަށް މުހިއްމު ސަބަބަކީ އެޤަޥްމުގެ ވަރަށްގިނަ ރައްޔިތުން ދުނިޔޭގެ އެތައްމިތަނުގައި މަސައްކަތްކޮށް ޤަޥްމަށް އެތެރެކުރާ ލައްކަގިނަ ބޭރުފައިސާވެއެވެ. އެހެންކަމުން، ޚިދުމަތްކުރުމަކީ ހަމައެކަނި ރާއްޖޭގައި މަސައްކަތްކުރުންކަމުގައި ވުމަކީ އެހާ ހަމަޖެހޭގޮތެއްނޫނެވެ.
ދިވެހިންނަކީ ޤަޥްމުދެކެ ލޯބިވާ ބައެކެވެ. އަމިއްލަ ޚަރަދުގައި ކިޔަވާގެންވެސް ރާއްޖެއަށް ދާކަމީ މިކަމުގެ ދަލީލެކެވެ. އަދި ސަރުކާރުގެ އެހީގާ ކިޔަވާކުދިންވެސް، ވަރަށް މަދުންނޫނީ ދަނީ ރާއްޖެއަށެވެ. ރަނގަޅު ފުރުސަތުތައް ލިބިގެން ރާއްޖޭންބޭރުގަައި މަސައްކަތްކުރުމަކީ މައްސަލައެއް ކުމުގައި އަޅުގަނޑަކަށް ނުވިސްނެއެވެ. ސަބަބަކީ އޭގެން ރާއްޖެއަށް ފައިދާވާތީއެވެ.
Posted on 2010-08-30 18:42:22 |
Report this Comment