
"ޓީވީއެމް މިނިވަންކުރޭ!"
މިއީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ދުވަސްވަރު ޓީވީއެމް ކައިރިއަށް އެއްވެ އުފުލަމުން ދިޔަ އެއް އަޑެވެ. ދައުލަތުގެ މީޑިޔާ މިނިވަން ނޫން ކަމަށް ވިދާޅުވެ ދައުލަތުގެ މީޑިޔާ މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީއިން ފާއިތުވެދިޔަ އިދިކޮޅު ހަރަކާތުގެ ދުވަސް ވަރު އެތައް ފަހަރެއްގެ މަތިން ޓީވީއެމް ކައިރިއަށް އެއްވެ އަޑު އުފުލާފައިވެއެވެ. ހުދުމުހްތާރު މައުމޫންގެ ސަރުކާރުގެ ހަންފަތުރާ ވަސީލަތަކަށް ޓީވީއެމް ނުހަދާ ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ އިހްސާސްތައް ގެނެސްދޭ މީޑިޔާގެ ވަސީލަތަކަށް ޓީވީއެމް ނުވަތަ ދައުލަތުގެ މީޑިޔާ ހެދުމަށް އޭރު އެމްޑީޕީއިން ދިޔައީ ގޮވާލަމުންނެވެ.
ވެރިކަން ބަދަލުވެ ޑިމޮކްރަސީގެ ޗެމްޕިއަން ޕާޓީއިން ވެރިކަމާ ހަވާލުވުމަށް ފަހު ދައުލަތުގެ މީޑިޔާ މައުމޫންގެ ހުދުމުހްތާރުވެރިކަމުގައި އޮތް ވަރަށް ވުރެ މިނިވަން ވެގެން ގޮސްފައިވެއެވެ. ނަމަވެސް އެމްޑީޕީއިން ވަކާލާތުކުރަމުން ދިޔަ ފަދަ މިނިންކަމެއް ދައުލަތުގެ މީޑިޔާއަށް ލިބިއްޖެތޯ މިއީ ކުރެވޭނެ ސުވާލެކެވެ. އެމްޑީޕީގެ ނުފޫޒްގަދަ ލީޑަރު ރީކޯ މޫސާ މަނިކު ގެންދަނީ ތަކުރާރުކޮށް އަމިއްލަ މީޑިޔާތަކަށް ބިރުދައްކާ ބަހުގެ ހަމަލާތައް ދެމުންނެވެ. އެމްޑީޕީއިން ވަކާލާތުކުރި ފަދަ މިނިވަން މީޑިޔާތަކަކަށް ފުރުސަތުދޭން ރީކޯ މޫސާ މަނިކު ފަދަ ލީޑަރުން ނޭދެނީ ކީއްވެބާވައެވެ؟ މިނިވަން މީޑިޔާތަކަށް ރީކޯ މޫސާ މަނިކު ބަހުގެ ހަމަލާ ދިނުން ހުއްޓާލަންވެއްޖެއެވެ. އެމްޑީޕީގެ ސިޔާސަތަކީ މީޑިޔާތަކަށް ބިރުދައްކާ މިނިވަން ނުސްވެރިކަމަށް ހުރަސް އެޅުން ކަމުގައި ވަނީ ނަމަ އެމްޑީޕީ އެފެދިގެން އައި އަސާސީ އުސޫލުތަކާ ތައާރުޒްވެއެވެ.
ދައުލަތުގެ މީޑިޔާ ހިންގަން ވާނީ ރައްޔިތުންގެ މަޖިލިސްއިން އެކުލަވާލާ މިނިވަން ބޯރޑަކުން ކަމުގައި އެމްޑީޕީއިން ރައްޔިތުންނަނަށް ވިއްކާ އޭގެ މައްޗަށް ރައްޔިތުންގެ ވޯޓްދިން މެނިފެސްޓޯގައި ކަޅާއި ހުދުން ބަޔާން ކުރެވިފައިވާނެއެވެ. ނަމަވެސް މިއަދު މި ފެންނަނީ ދައުލަތުގެ މީޑިޔާ ރައްޔިތުންގެ މަޖިލިސްއިން އެކުލަވާލާފައިވާ އެމްބީސީ އާ ހަވާލުކުރުމަށް ސަރުކާރުން ދެކޮޅު ހަދާތަނެވެ. ގަބޫލުކުރަމެވެ. އެމްބީސީގެ ބޯރޑް އެކުލަވާލެވިފައި ވަނީ މިނިވަން ގޮތަކަށް ނޫނެވެ. ވަކިކުލައެއް ޖެހިފައިވާ ބަޔަކަށް އެކަނި އެމްބީސީގެ ބޯރޑުން ޖާގަދީފައިވާ ކަމީވެސް ގަބޫލުރަންޖެހޭ ހަގީގަތެކެވެ. ސަރުކާރުން ތާއީދު ކުރެއްވި މަޑުލު ވަހީދުއާއި އިބްރާހީމް ހަލީލް އެމްބީސީގެ ބޯރޑަށް ނުހޮވުނު ކަމީ މިބުނި ބަހުގެ ހެއްކެކެވެ. ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯއާއި އެމްޑީޕީއިން ވަކާލާތުކުރަމުން އައި ފަދައިން މިއަދު މިވަނީ އެމްބީސީއާއި ދައުލަތުގެ މީޑިޔާ ހަވާލުކުރަން ޖެހިފައެވެ.
އެމްބީސީގެ ބޯރޑް މިނިވަނެއްނޫނޭ ބުނެ ދައުލަތުގެ މީޑިޔާ އެމްޑީޕީގެ މުށުތެރެއަށް ލުމަކީ މިނިވަން މީޑިޔާއަށް ހުރަސްއެޅުމެވެ. ރައްޔިތުންގެ މަޖިލިސްގެ ނިންމުމަށް އިހްތިރާމްކޮށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ފަދައިން ދައުލަތުގެ މީޑިޔާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އެމްބީސީއާއި ހަވާލުކުރުމަށް މީޑިޔާގެ މިނިވަންކަމަށް ވަކާލާތުކުރި އެމްޑީޕީގެ ސަރުކާރަށް ގޮވާލަމެވެ.
Posted on 2010-08-30 17:19:32 |
Report this Comment
Posted on 2010-08-31 00:58:08 |
Report this Comment
Posted on 2010-09-01 03:17:38 |
Report this Comment
Posted on 2010-09-01 09:05:51 |
Report this Comment
Posted on 2010-09-02 01:03:07 |
Report this Comment