ލަންދޫއިންފޯ www.landhooinfo.com
ލަންދޫގައިރަޖިސްޓްރީ ކޮށްގެން ނެރޭ ފުރަތަމަ އޮންލައިން ނޫސް
  • ޝާއިޢުކުރި ތާރީޚް: 30 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 170

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ހަމަ ލާޒިމް

ރަމަޟާން މަސްފެށުނު ތަނާހެން އަޅުގަނޑުމެންނަށް އިވިގެންދިޔައީ އަޅުގަނޑުމެންގެ އަވަށްޓެރި މުސްލިމް ޤައުމެއްކަމުގައިވާ ޕާކިސްތާނުގެ ރައްޔިތުން ވިއްސާރައާއި ފެންބޮޑުވުމުގެ ކާރިޘާއެއްގައި ބަރުދާސްތުކުރާ ދަތި ހާލަތެއްގައި އުޅެމުންދާ ޚަބަރެވެ. ކާނެ އެއްޗެއްނެތްތަނުގައި ދިރިހުރުމަށްޓަކައި ބޭނުންވާނެ ފެންފޮދެއްހާ ހިސާބުވެސް ނެތްކަމުގެ ޚަބަރުތަކެވެ. ބޮޑަތި މީހުން މުސްކުޅިންނާއި ޅަދަރިންތައް ސަލާމަތް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަނީއެވެ.

ދިރިތިބުމަށްޓަކައި ދުނިޔޭގެ އިންސާނުންނޭ މިކިޔާ ރަޙުމުހުރި ކުލުނުގެ އަހުލުވެރީންގެ ކިބައިން އެހީތެރިކަމަކަށްއެދި ރޮއި އަދޭސްކޮށް ސަލާމް ޖަހަނީއެވެ. ޚާއްޞަކޮށް އެއް ހަށިގަނޑެއްފަދަ މުސްލިމު އަޚުންނާއި އުޚުތުންގެ ކިބައިން " ރޯދަ ވީއްލާނެ ކަދުރު އޮށަކަށް ނުވަތަ ފެން އަތްގޮށްޓަކަށް " އަތްދިއްކުރަނީއެވެ.

އަޅުގަނޑުމެންފަދަ މުސްލިމް އަހުންނާއި އުޙްތުންތަކެއް ދިރިތިބުމަށްއެދި ރޮއި ސަލާމްޖަހަމުންދާއިރު އެފަރާތްތަކަށް ދީލަތި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކޮށްމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމްކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ޒަމާނުންސުރެ އަޅުގަނޑުމެން ދިޔައީ ކުޅިވަރާއި، ސްޓޭޖްޝޯއާއި ދުނިޔަވީ އުފަލަށްޓަކައި ފައިސާގެ ޢަދަދުތަކުން ބަހަމުންނެވެ. ބޭކާރު ޚަރަދުތަކަށްޓަކައި ދީލަތި އަތްތަކެއް ދިއްކުރަމެންނެވެ. ޚާއްޞަކޮށް ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތަކުގައި ވިޔާނުދާ ކަންކަމަށާއި ﷲ ނުރުއްސަވާ ކަންކަމަށް ޚަރަދުކޮށް، އެފަދަ ކަންކަން ރާވާ ފަރާތްތަކަށްވެސް އެތަކެއް ރުފިޔާ ޚަރަދުކުރަމުންނެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މިދަނީ މާޒީގެ ކަންކަމާއިމެދު ހިތާމަކުރަމުންނެވެ. ޢުމުރުން ބޭކާރުކޮށްލެވުނު ދުވަސްތަކާއި، ބޭކާރުކޮށްލެވުނު ރަމަޟާންމަސްތައް އަނބުރާ ނުގެނެވޭނެކަމުގެ ހިތާމައެވެ. ދީނީގޮތުން ތަނދޮރު އޮޅުންފިލަމުން ދިއުމުގެ ސަބަބުން ދީނަށްޓަކައި ޚާއްޞަކޮށް ރަމަޟާންމަހުގެ ޘަވާބާއި ދަރުމައަށްޓަކައި ހޭދައެއްކޮށް ވެދިޔަތަން އަނބުރާ ހޯދުމުގެ އުންމީދުގައެވެ. މިހެންކަމާއި އެކު، ރަމަޟާންމަހުގެ ދަރުމައިގެ ދޮރުތައް ހުޅުވުމާއިއެކު އަޅުގަނޑުމެންނަށް މިކުރިމަތިވި އިމްތިހާނުގައި، މިރަމަޟާންމަސް އިޙްޔާކޮށް އަޅުގަނޑުމެންގެ ތެރެއިން ކިރިޔާވެސް ތަނަވަސްކަމެއް ލިބިފައިވާ މީހެއްނަމަ އަޅުގަނޑުމެންގެ މުސްލިމް އަޙުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވަމާ ހިންގަވާށެވެ. އަތުގައި ދެރުފިޔާ އޮތް މީހާވެސް އެއިން އެއްރުފިޔާ ﷲގެ މަގުގައި ހޭދަކުރާށެވެ. ﷲ އިރާދަކުރެއްވިއްޔާ އެރުފިޔާ ދިހަގުނައަށް އިތުރުކުރެވި، އަދި ހަތްސަތޭކަ ގުނައަށް އިރުތު ކުރެވި، އަދި ރަމަޟާންމަހުގެ ބަރަކާތާއި ދަރުމައިގައި އެތަށްގުނައަކަށް އިރުތުކުރެއްވޭނެއެވެ. ﷲ ދަރުމަ ދެއްވަނީ ހިސާބެއް ނެތިއެވެ.

މި ބަރަކާތްތެރި ރަމަޟާންމަހުގެ މި މާތްދުވަސްވަރު އަޅުގަނޑުމެންނަށް ލިބިފައިމިވާ ރަނުގެ ފުރުޞަތުގެ ބޭނުންހިފައި އަޅުގަނޑުމެންގެ އަތުގައިވާ އެއްޗެއް އަޅުގަނޑުމެންގެ އަވަށްޓެރި ޕާކިސްތަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފޯރުކޮށްދެވިއްޖެ ކަމަށްވާނަމަ އެކަންތައް ވެގެންދާނީ މުސްލިމު އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމުގެ ޙިއްޞާދާރަކަށެވެ. މިއީ ދިރިހުރުމާއި މަރާއި ދެމެދު ހަނގުރާމަކުރަމުންދާ ބައެއްގެ ފުރާނަ ސަލާމަތްކުރާ ވާހަކައެވެ. ހަށިވިއްކާ އަންހެނާ ސުވަރުގެ ވެއްދެވުނީ ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެންފޮދެއް ދީގެންނެވެ. ވީއިރު ފެންބޮވައިގަނެގެންނާއި ވާތާވެގެން ނޭވާ ހޮޅިއަށް އެޅިފައިވާ އެތައް މިލިއަން މުސްލިމު އަޚުންނާއި އުޚުތުންނަށް ފެނާއި ކާނާ ދީފިނަމަ އަޅުގަނޑުމެންގެ މައްޗަށް އެއިލާހުގެ ރަޙްމަތް ތަނަވަސްކުރެއްވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

މިއަދު އަޅުގަނޑުމެންގެ ކޮންމެރަށެއްގެ އަމިއްލަ ފަސްގަނޑުގައި ތިބެ ޕާކިސްތާނުގައި ހާލުގައި ޖެހިފައި ތިބި މުސްލިމް ރައްޔިތު އަޙުންނާއި އުޙުތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ތަނަވަސް ވެފައެވެ. މިހެންކަމާއި އެކު މިލިބުނު ރަނުގެ ފުރުޞަތުގެ ބެނުންހިފައި ޕާކިސްތާނުގައިވާ އަޅުގަނޑުމެންގެ މުސްލިމް އަޙުންނާއި އުޙްތުންނަށް އެހީތެރިވުމަކީ އަލުގަނޑުމެންގެ މައްޗަށް ލާޒިމްކަމެއްކަމުގައި ދެކެ ރަށުގައި ބެހެއްޓިފައިވާ ޕާކިސްތާން ރައްޔިތުންނަށް އެހީވުމަށް ބަހައްޓާފައިވާ ފޮށްޓަށް ފައިސާގެ އެހީތެރި ކަމުގެ އަތެއް ފޯރުކޮށްދެމާތޯއެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މާދަމާ، ޢަމަލުތައް ހިސާބުކުރެވޭ ދުވަހާއި ބައްދަލުކުރާނެއެވެ. އަޅުގަނޑުމެން ރަމަޟާންމަހުގައާއި އެނޫންމަސްތަކުގައި ކައިބޮއި، ޚަރަދުކޮށް މިހަދާ ތަކެއްޗަކީ އަޅުގަނޑުމެންގެ އާޚިރަތަކަށް އެއިން މަންފާލިބޭނޭ އެއްޗެއް ނޫނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަޖިހަށާއި ކުނިބުންޏަށް ވެގެން އުކާލެވޭ ތަކެއްޗެވެ. އަޅުގަނޑުމެންނަށް އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ދުވަހަކަށް ރައްކާކުރެވޭ ހަމައެކަނި އެތިކޮޅަކީ ﷲ ގެ މަގުގައި ހޭދަކުރި އެއްޗެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުދަލުން ކުޑަ އެތިކޮޅެއްނަމަވެސް، ނަޖިހުގެ ގޮތުގައި ދުއްވާލުމުގެ ބަދަލުގައި މާދަމާއަށްޓަކައި ރައްކާތެރިކުރައްވާށެވެ!

މާތް ﷲ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަމުގައިވީ ޕާކިސްތާނުގެ ރައްޔަތުންނަށް ކެއްތެރިކަމާއި ނަޖާތު ( ރައްކާތެރިކަން ) ދެއްވާށިއެވެ. (އާމީން)

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.