ގެމަނަފުށީލައިވް.ކޮމް

  • ޝާއިޢުކުރި ތާރީޚް: 29 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 25

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މައްސަލަ

ދިވެހިރާއްޖޭގެ ތާރީޚުން ފެންނަންއޮތް ގޮތުގައިޤާނޫނު އަސާސީއަކީ ވެރިކަމުގައި ތިބޭ މީހުން އެމީހުން އެވެރިކަމުގައި ދެމިތިބުމަށް ނުވަތަ ވެރިކަމުގައި ތިބޭ މީހުން އެކަމުން ދުރުކުރަން ހަދާ އެއްޗެއް ކަމުގައިވެސް ހީކުރެވިދާނެއެވެ. މިހާރު އިވެމުންމިދަނީ މިހާރު އޮތް ޤާނުއަސާސީއަށްވެސް އިސްލާހު ގެންނަންބޭނުންވާ ވާހަކައެވެ. އަދި މިހާރު ހުންނެވި ރާއީސުލް ޖުމްހޫރިއްޔާ ވިދާޅުވަމުން އެގެންދަވަނީ އަލުން ރިޔާސީ އިންތިހާބަކަށް ވަޑައިގަންނަވަން ތަައްޔާރަށް ހުންނެވިކަމަށާއި ނަމަވެސް އެކަން ކުރައްވާނީ ދެޝަަރުތެއްގެ މަތިން ކަމުގައިއެވެ. އޭގެ ތެރެއިން އެއްޝަރުތަކީ މިހާރު އޮތް ޤާނޫނުއަސާާސީ އިސްލާހު ކުރުން ކަމުގައިއެވެ.

ހަޤީގައުތަގައި މިހާރު ރާއްޖޭގައި މިއޮތް ޤާނޫނު އަސާސީ އަކީ ވެރިކަމުގެ ފަރާތުން އެއްވެސް ނުފޫޒެއް ނުފޯރުވައި ރާއްޖޭގައި ހެދުނު ހަމައެކަނި ޤާނޫނުއަސާސީއެވެ. ސަތާރަ އަހަރުގެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ޚާއްސަ މަޖުލީހަކުން ހަދާފައިއޮތް ޤާނޫނުއަސާސީ އަކީ ވަކިފަރާތެއްގެ ނުފޫޒުން ހަދާފައިވާ އެއްޗެއްކަމަށް ތުހުމަތު ކޮށްގެން ވާހަކަދެކެވަމުން ދަނިކޮށް މިޒަމާނުގެ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމައްޓަކައި ގިނަޕާޓީތައް އުފައްދައިގެން ސިޔާސީ ވާދަވެރިކަން ގެނެސްގެން މިނިވަން މުއައްސަސާތައް ހުރެގެން ތިންބާރު ވަކިވެގެން ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް އުފައްދަންވެގެން ރާއްޖޭގައި ހެދި ޤާނޫނުއަސާސީއެކެވެ. ބޭރުގެ މާހިރެއްގެ އެހީހޯދާފައިވަނީވެސް ހަމަ ޚާއްސަމަޖިލީހުގެ ފާރާތުންނެވެ. ސަރުކާރަކުން ނޫނެވެ. ޤާނޫނުއަސާސީގައި ހިމަނަންޖެހޭ ބައިތަކާއި ކަނޑައެޅިފައި އޮންނަންވާނޭ އުސޫލު ތަކާއި މިހުރިހާކަމެއްވެސް ނިންމާފައިވަނީ ޚާއްސަ މަޖިލިސްގައި ވަރަށް މިނިވަންކޮށް ބަހުޡްކޮށްގެންނެވެ. ނިޒާމީ ނުކުތާތަކާއި އަޑުގަދަ ކުރުންތަކުގެ އިތުރަށް މަޖިލިސްގެ ބައެއްމެންބަރުން އެބޭފުޅުންގެ މޭޒުކޮޅުމައްޗަށް އަރާވަޑައިގަންނަވާ ހިސާބަށް ޙިޔާލުފާޅުކުރެއްވިގެންނެވެ. އަދި އޭގެ އިތުރަށް ޙާއްސަމަޖްލިސްގެ ރައީސްކަން ކުރެއްވި ބޭފުޅަކާއިމެދު މަޖްލިސް ބައެއްމެންބަރުން ހިއްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ސަބަބުން އެރައީސްގެ އިތުބާުރު ނެތްކަމުގެ ވޯޓް މަޖްލިސްގައި ދެފަހަރެއްގެ މަތިން ނެގުމަށްފަހު އެރައީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި މަޖްލިސްގެ ގިނަމެންބަރުންގެ ރުހުން ލިބިވަޑައިގެންނެވި ރައީސެއްވެސް އައްޔަންކުރެވިގެން އެބޭފުޅެއްގެ ރިޔާސަތުގެ ދަށުގައި މަޖްލިސްބާއްވައިގެންނެވެ. ދަންނަވަން މިއުޅެނީ މިހާރުއޮތް ޤާނޫނުއަސާސީއަކީ ވެރިކަމުގެ ފަރާތުން ބާރުފޯރުވައިގެން ހަދާފައިވާ ޤާނޫނުއަސާސީއެއްނޫނެވެ. އަދި އެޤާނޫނުއަސާސީން ވެރިކަމަށް ލިބިދީފައިވާ ވަކިބާރުތަކެއްވެސް ނޯންނާނެއެވެ. އޭގެ ބަދަލުގައި އެޤާނޫނުއަސާސީން ހުރިހާބާރުތަކެއް ލިބިދީފައިވަނީ ރައްޔިތުންނަށެެވެ. ރައްޔިތުންންގެ މަންދޫބުންނަށެވެ. ރައްޔިތުން ހޮވާ ރައްޔިތުންގެ ވެރިންނަށެވެ.

ތާރީޚުގެ ތެރެއިން ރާއްޖޭގެ ޤާނޫނުއަސާސީގެ ހަޔާތަށް ބާލާލަމާތޯއެވެ. ރާއްޖޭގައި ފުރަތަމަ ޤާނޫނުއަސާސީއެއް ލިޔެވުނީ 1932މ. ވަނައަހަރުގައިއެވެ. އޭރު ޤާނޫނުއަސާސީއެއް ލިޔުމުގެ އެންމެބޮޑު ބޭނުމަކަށް ވެފައިއޮތްކަމަށް ލަފާކުރެވެނީ ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ވިރާސީ ރަސްކަން ބަދަލުކުރުމަށެވެ. ވާރުތަވަމުން އައި ރަސްކަން ބަދަލުކުރުމަށެވެ. އެކަން އެގޮތަށް ކުރުމަށް ބާރުއެޅުއްވީ އަތިރީގެ އާއިލާގެ ބޭފުޅުންނެވެ. އަދި އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ޒުވާން ބޭފުޅުންކޮޅެކެވެ. މިއީ ބޭރުގެ ތައުލީމު ޙާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އޭރުރާއްޖޭގެ ތަޙުތުގައި އިންނެވި އައްސުލްތާން މުޙައްމަދު ސަމްޝުއްދީނަށްފަހު ރާއްޖޭގެ ތަޙުތަށް ވަޑައިގަންނަވަން ހުންނެވި އެރަދުންގެ ދަރިކަލުން ހަސަން އިއްޒުއްދީނަކީ ރާއްޖޭގެ ރަސްކަމުގެ ތަޙުތަށް ވަޑައިގެންނެވުން އެކަށީގެންވާ ބޭފުޅެއްނޫނެވެ. އެބޭފުޅުން އެގޮތަށް ދެކެވަޑައިގެންނެވި ސަބަބާއިމެދު ޙިޔާލު ފާޅުކުރާކަށް މިވަގުތު ނެތީމެވެ. ނަމަވެސް ހަސަން އިއްޒުއްދީން ރަސްކަމުގެ މަގުން އެއްކިބާކޮށްލުމަކީ އޭރު ރާއްޖޭގައި ކިޔަވާވިދާޅުވެގެންތިއްބެވި ގިނަ ބޭފުޅުންގެ މަގްސަދެެވެ. އެހެންކަމުން އިގިރޭސީ ވިލާތުން ސިލޯނަށް ފުނުއްވާފައި ހުންނެވި ގަވަރނަރާ ވާހަކަ ދައްކަވައިގެން ރާއްޖޭގައި އޮންނަން ފެންނަ ޤާނޫނުއަސާސީއެއްގެ ޑުރާފްޓެއްލިޔެ ރާއްޖޭގެ ރަދުންގެ އަރިހަށް ހުށައެޅުއްވިއެވެ. އޭގައި ރާއްޖޭގެ ރަސްކަމާއިބެހޭގޮތުން އޮތް މާއްދާގައިވަނި ރާއްޖޭގައި އޮންނާނީ އިންތިހާބީ ރަސްކަމެއް ކަމުގައިއެވެ. އާދެ! ޝާހީގެ އާއިލާގެ ބޭފުޅުންގެ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކު އިންތިޙާޞް ކުރަންޖެހޭ ގޮތަށެވެ. ކޮންމެއަކަސް އިގިރޭސީ ގަވަރނަރ ފުނުއްވި ޑުރާފްޓެއްވެސް ބައްލަވައިގެން ޤާނޫނުއަސާސީއެއް އެކުލަވާލުމަށް ޙާއްސަމަޖްލީހެއް ކީރިތި މަހާރަދުން މުޙައްމަދު ސަމްޝުއްދީން އުފެއްދެވިއެވެ. މަޖްލީސްގެ ރައީސަކަށް އިސްކުރެއްވީ އެއިރުގެ ބޮޑުވަޒިރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލިެގެފާނެވެ. ނަމަވެސް މަޖްލީހުގެ އެއްވެސް ޖަލްސާއެއްގައި އެކިލެގެފާނު ބައިވެރިވެ ވަޑައިގެންނެވި ކަމަކަށް ނުވެއެވެ. އެކަމުން އިގެނީ އެއިރު ހެދުނު ޤާނޫނުއަސާސީއަކީ އެބޭފުޅުން ބޭނުންވާ ކަހަލަ ޤާނޫނުއަސާސީއަކަށް ނުވާކަމެވެ. އަދި ކޮބައިތޯއެވެ. އެޤާނޫނުއަސާސީ ފާސްވެގެން މަހާރަދުން ތަސްދީގްކުރެއްވުމަށްފަހު އެންމެފުރަތަމަ ހިނގިކަމަކީ އެހާތަނަށް ބޮޑުވަޒީރުކަމުގައި ހުންނެވި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިއުފާދެއްވުމެވެ. އާޤާނޫނުއަސާސީގެ ދަށުން އުފެދުނު ފުރަތަމަ ސަރުކާރުގެ ބޮޑުވަޒީރަކީ ރަންނަބަނޑޭރި ކިލެގެފާނުގެ ދަރިކަލުން މުޙައްމަދު ފަރީދުދީދީއެވެ.

ކޮންމެއަކަސް ފުރަތަމަ ޤާނޫއަސާސީގެ އުމުރަކީ ވަރަށް ކުރު އުމުރެކެވެ. އަހަރެއްވެސް ފުރިހަމަ ނުވަނީސް އެޤާނޫނުއަސާސީ ވީދާލާފިއެވެ. ވަޒީރުންގެ މަޖިލިސްގެ ބޭފުޅުންތަކެއް ރައްޔިތުންގެ އެދުމުގެ މަތިން މޮޓާ ބޯޓުގައި ސިލޯނަށް ފުނުވާލެވިއްޖެއެވެ. އޭގެ ދުވަސްކޮޅެއްފަހުން ސަމްޝުއްދީން ރަދުން ރަސްކަމުން އަޒުލު ކުރެވިއްޖެއެވެ.
ދެން ރާއްޖޭގައި ހިންގަންފެއްޓީ ކުޑަ ޤާނޫނުއަސާސީއޭ ކިޔުނު މަދު މާއްދާތަކެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޤާނޫނުއަސާސީއެކެވެ. ބުނެވޭ ގޮތުގައި އެޤާނޫނުއަސާސީއަކީ އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ހެއްދެވި ޤާނޫނުއަސާސީއެކެވެ.

އެދުވަސްވަރު ރާއްޖޭގެ ރަސްކަމުގެ ތަހުތަށް އައްސުލްތާނު ހަސަން ނޫރައްދީން އިސްކުރެއްވުނެވެ. ދައުލަތް ހިންގަވަން އެއިރު ތިއްބެވީ ދެފަރީދާއި އަމީނެވެ. އާދެ! ހަސަން ފަރީދާއި މުޙައްމަދު ފަރީދާއި އަދި މުޙައްމަދު އަމީނެވެ. މިބޭފުޅުންގެ ޙާއްސަކޮށް ހަސަން ފަރީދުގެ ބާރުފުޅު ގަދަވެގެންގޮސް އެންމެ ފަހުން ހަސަން ނޫރުއްދީން ރަސްކަމުން އިސްތިއުފާ ދެއްވީއެވެ.
ރާއްޖޭގެ ޤާނޫނުއަސާސީއަށް ދެން ގެނެވުނު އިސްލާހު ގެނެވުނީ ހަމަ އެދުވަހުއެވެ. ރާއްޖޭގެ ރަސްކަމަކީ އިންތިޙާބީ ރަސްކަމެކޭ އޮތްތަނުގައި ކުރިއަށް އޮންނަ ޝާހީ އާއިލާގެ ތެރެއިން އިންތިޙާބްކުރާގޮތަށް އޮތްބައި ބަދަލު ކުރުމެވެ. މިއީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖޭގެ ތަޙުތައް އިންތިޙާބް ކުރުމައްޓަކައި ގެނެވުނު ބަދަލެކެވެ. ނަމަވެސް މިބަދަލުގެ ވާހަކަ އިގިރޭސީ ސަރުކާރަށް އަންގާނުލެވި އޮތުމުން އިގިރޭސީ ސަރުކާރުންވަނީ އެކަން ގަބޫލު ނުކޮށްފައިއެވެ.

ރާއްޖޭގައި 1951މ. ވަނަ އަހަރު ވެސް ޤާނޫއަސާސީއެއް އެކުލަވާލާފައިވެއެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުއަސާސީއަށް އެންމެ ބޮޑު ބަދަލެއް ފުރަތަމަ ފަހަރަށް ގެނެވުނީ 1953މ. ގައިއެވެ. އެއީ ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައިސްފައިވާ ރަސްކަން ޖުމްހޫރީ ވެރިކަމަށް ބަދަލުކޮށްލުމައްޓަކައި ގެނެވުނު ބަދަލުންނެވެ. މިބަދަލަކީ އެދުވަސްރުގެ ބައެއްބޭފުޅުން ވިދާޅުވާގޮތުގައި އޭރު ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒުގަދަ ބޭފުޅާ މުޙައްމަދު އަމީން ރާއްޖޭގެ ވެރިކަމަށް އިސްވެވަޑައިގެންނަވަން ބޭނުންފުޅުވިހިނދު އޭނާ އެމަގާމުގައި ހުންނަވަން ބޭނުންފުޅުވާގޮތަށް ރާއްޖޭގެ ވެރިކޮށް ބަދަލުކޮށްލައްވާންވެގެން ގެނެވުނު ބަދަލެކެވެ.

ކޮންމެއަކަސް ފުރަތަމަ ޖުމްހޫރިއްޔަތުގެ ވެރިކަން ހިނގީ 7 މަހާއި 26 ދުވަހުއެވެ. ރައްޔިތުންގެނައި އިންގިލާބަކާއި ގުޅިގެން އަނެއްކާވެސް ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވިއެވެ. އެއީ 1954މ. އަހަރުއެވެ. އަނެއްކާވެސް ޤާނޫނުއަސާސީ ބަދަލުވީއެވެ.

1957މ. ގެތެރޭގައި ޤާނޫނުއަސާސީއަށް އިސްލާހު ގެނެއުމައްޓަކައި އެދުވަސްވަރު އޮންނަ ޙާއްސަމަޖްލިސް އެއްކުރެއްވުނެވެ. އެފަހަރުގެ ބަދަލަކީ ވެރިކަމަށް ބަދަލު ގެންނަންވެގެން ގެނެވުނު ބަދަލެއް ނޫނެވެ. ޒަމާނާއި އެއްގޮތަށް ރާއްޖޭގައިވެސް ކަންތައްތައް ހުންނަން ޖެހޭނެކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވައިގެން ޤާނޫނުއަސާސީއަށް އިސްލާހު ގެނެވުނީއެވެ.
އެފަހަރު ގެނެވުނު އެންމެ މުހިންމު އެއް އިސްލާހަކީ އިންތިޙާބުތަކުގައި ވޯޓްދިނުމުގެ ހައްޤު އަންހެނުންނަށް ލިބިދޭގޮތަށް ޤާނޫނަށް ގެނެވުނު އިސްލާހެވެ. އަދި އަނެއް އިސްލާހަކީ ކުރީގެ ޤާނޫނުއަސާސީ ތަކުގައި ރާއްޖޭގެ ދީނަކީ އިސްލާމްދީނޭ އޮވެފައި ހަމަ އެއާއި ގުޅިގެންއޮންނަ މަޒްހަބަކީ ޝާފިއީ މަޒްހަބޭ ބައި އުނިކުރެވުނެވެ. އަދި މިނޫންވެސް ބައެއް އިސްލާހު ގެނެވުނެވެ.
އޭގެ ފަހުން ދެން ގެނެވުނީ 19678މ. ވަނަ އަހަރުގެތެރޭގައިއެވެ. ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރަންވެގެންނެވެ. އެއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެބާރާއިއެކު ހުންނެވި އިބްރާހިމް ނާސިރު ރާއްޖޭގެ ވެރިކަމަށް އިސްވެވަޑައިގަންނަވަން މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ. ރަސްކަމުގައި ހުންނެވި މުޙައްމަދު ފަރީދު އަމިއްލަފުޅަށް ތަސްދީގު ކުރެއްވި ޤާނޫނުއަސާސީއަކުން އެރަދުންގެ ރަސްކަމުގައި ނިމުމުގެ ސިއްކަ ޖައްސަވާފައި އެރަދުން ގަނޑުވަރުން ނުކުމެވަޑައިގެންނެވުމުންނެވެ.

ދެންވެސް ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ސަރުކާރުން ހުށަހަޅައިގެންނެވެ. 1972މ. އަހަރު ބޮޑުވަޒީރަކު ހުންނަވައިގެން ހިންގާ ސަރުކާރެއް އޮންނަން ވެއްޖެ ކަމަށް ރައީސް ނާސިރަށް ފެނިވަޑައިގަތީމާއި އެހިސާބުންވެސް ޤާނޫނުއަސާސީއަށް އިސްލާހު ގެނެވުނެވެ. އަދި އޭގެފަހުން ބޮޑުވަޒީރުކަމުން އަހްމަދު ޒަކީ ވަކިކޮށްފައިވެސް ޤާނޫނުއަސާސީ ބަދަލު ކުރެވުނެވެ. އެއީ އެދުވަސްވަރު ނުކުންނަ މޫންލައިޓްއޭ ކިޔުނު ދުހު ނޫހެއްގައި އިސްލާހު ގެންނަން ބޭނުންވާ މާއްދާތައް ޝާއިއު ކުރެވެމުންގޮސް ބޭއްވުނު ޙާއްސަ މަޖްލިސްގެ އެންމެ ޖަލްސާއަކުން ފާސްކުރެވުނު ބައެއް މީހުން ކިޔާ ގޮތުގައި "މޫންލައިޓް ޤާނޫނުއަސާސީ"އެވެ.

މިޤާނޫއަސާސީ ވަރަށް ގިނަ ދުވަހު ރާއްޖޭގައި ހިންގަމުން ދިޔައެވެ. 1978މ. ވަނަ އަހަރު ރައީސް މައުމޫނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތަނާއި އޭރުއޮތް ރައްޔިތުންގެ މަޖްލީހަށް އެމަޖްލިސްގެ ދެމެންބަރަކު ހުށަހެޅުއްވި ބިލެއް ފާސްވެގެން 1980މ. ވަނަ އަހަރު މާޗް މަހު ޙާއްސަ މަޖްލިސް އެއްކުރައްވާ ޤާނޫނުއަސާސީ އިސްލާހުކުރެއްވުމުގެ މަސައްކަތް ފެއްޓުނެވެ. މިއީ ވެރިކަމުގެ ފަރާތުން ނޫންގޮތަކަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ރާއްޖޭގައި މަސައްކަތް ކުރެވުުނު ފުރަތަމަ ފަހަރެވެ. މިފަހަރު ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވިއިރު ރައީސް މައުމޫނު ތައްޔާރު ކުރައްވާފައިވާ ޤާނޫނު އަސާސީގެ ޑުރާފްޓެއް ޙާއްސަ މަޖްލީހަށް ފޮނުއްވިއެވެ. މިފަހަރުގެ ޙާއްސަ މަޖްލިސްއަކީ 17 އަހަރުގެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ޙާއްސަ މަޖްލިހެކެވެ. މިމަޖްލީހުން އެކުލަވާލި ނޫ ޤާނޫނު އަސާސީގެ ނަމުގައި މަޝްހޫރުވެފައިވާ ޤާނޫނު 6 އަހަރާއި ދުވަސްކޮޅަކަށް ހިންގުމަށްފަހު އަލުން ޤާނޫނު އަސާސީއެއް އިސްލާހު ގެންނަން ފެނިވަޑައިގަތީވެސް ހަމަ ރައީސް މައުމޫނަށެވެ. އަދި އެކަމައްޓަކައި ޙާއްސަ މަޖްލިސް އެއްކުރައްވައި ހުރިހާ މިނިވަންކަމަކާއެކު ޙީޔާލު ފާޅުކުރުމުގެ ފުރުސަތު ދެއްވިއެވެ. މިހާރު ބަދަލު ގެންނަން މިވާހަކަ ދައްކަނީ މިމަޖްލީހުން ފާސްކުރި ޤާނޫނުއަސާސީއަށެވެ. މިވާހަކަ ދައްކަނީ އެންމެ މީހެކެވެ.

ގެމަނަފުށީލައިވް.ކޮމްއިން ނަގާފައި

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.