
އިންޑިޔާއަށް މިހާރު ކުރިމަތިވެފައިވާ ގެއްލުން ބޮޑު ތޫފާން ލައިލާ ގެ ނަން ކިޔުމުން ބައެއްމީހުން، ހާއްސަކޮށް ސަރުކާރާ އިދިކޮޅު ހިޔާލުގެ މީހުންގެ ބޮލަށް ވިސްނެނީ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ މަތިންނެވެ. އެއީ އެމީހުންނަށް ތޫފާނެއް ފަދަ ރައީސް ނަޝީދުގެ އަނބިކަނބަލުންގެ ނަމުން މި ސައިކްލޯނަށް ނަން ފޮނުވާފައިވަނީ ދިވެހިރާއްޖެއިން ކަމަށް ހީކޮށެވެ. ނުވަތަ ސިޔާސީގޮތުން އުފަވެރި އިހުސާސަކަ އެކީގައެވެ. އެމްޑީޕީގެ އެކްޓިވިސްޓަކު އޮންލައިނުން ދިމާވެގެންވެސް މި ސުވާލުކުރިއެވެ. އޭނަ ތުހުމަތު ކުރާގޮތުގައި ގެއްލުންބޮޑު ތޫފާނަކަށް ރައީސް ނަޝީދުގެ އަނބިކަނބަލުންގެ ނަމުން ނަންދީގެން އުޅެނީ ކުރީ ސަރުކާރުގެ ބާރުއޮތް ދުވަސްވަރު މިޓިއޮރޮލޮޖީއިން އެނަން ތޫފާންތަކަށް ނަންކިއުމަށް ހަދާފައިވާ ކޮމެޓީއަށް ފޮނުވާފައިވާތީއެވެ. އެހެންކަމުން އޮޅުންބޮޅުންވެފައިވާ އަދި ތަފާތު އެކި މައުލޫތަކަށް، ސިޔާސީ ވެގެންދާނެ މި ސުވާލުގެ ޖަވާބު ނުލިބިގެން އުޅެނީ ހަމައެކަނި ދިވެހިންނެއްނޫނެވެ. އިންޑިޔާ މީހުންވެސް މި ސުވާލުކުރެއެވެ. ތޫފާން ކެޓްރީގަ ދުވަސްވަރުވެސް ބައެއް ދިވެހި އޮންލައިން ނޫސްތަކުގައި 'ތޫފާން ނަސްރީނާ' އަށް ބަދަލުކޮށްގެން މުހާތަބްކޮށްފައިވެއެވެ. އެއީ އޭރުގެ ރައީސް މައުމޫނުގެ އަނބިކަނބަލުންނެވެ. މިފަހަރު މިހާރުގެ ރައީސް ނަޝީދުގެ އަނބިކަނބަލުންނެވެ.
އިންޑިޔާގެ އަންދަރު ޕްރަދޭސްއަށް އިއްޔެއައި މި ގެއްލުން ބޮޑު ތޫފާނަށް، އިންޑިޔާގެ އެތައް ބަޔަކަށް ކިޔަމުންދާނަމެއް ބޭނުންކުރަނީ ކީއްވެހެއްޔެވެ؟ މިސުވާލު އިންޑިޔާގެ މަޝްހޫރު ޓީވީ ޗެނަލެއްކަމަށްވާ އެންޑީޓީވީއަށް ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. އަނެއްބަޔަކު ޝަކުވާ ކުރަނީ ބައެއް ހިންދީ ލަވަތަކުގައި ބޭނުންކުރަމުންދާ ފަށުއި އިބާރާތެއް މިފަދަ ތޫފާނަކަށް ބޭނުންކުރަނީ ކީއްވެހެއްވެ؟.
ތޫފާންތަކަށް ނަން ދޭން ފެށުނީ އެ ތޫފާނެއް ފާހަގަ ކުރަން ފަސޭހައަކަށެވެ. އަދި އެ ތޫފާނަކަށް އެއްބަޔަކު އެއް ނަމަކުން މުހާތަބްކޮށް، ހަބަރާއި މައުލޫމާތު އާއްމުންނަށް ފޯރުވައިދިނުމުގެ ފަސޭހައަކަށެވެ. ތޫފާން ތަކަށް ނަން ކިޔަނީ ވޯލްޑް މިޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަންގެ ހާއްސަ އުސޫލެއްގެ ދަށުންނެވެ.
އެންމެ ފުރަތަމަ ތޫފާން ތަކަށް ނަން ކިޔަން ފެށުނީ 2004 ވަނަ އަހަރު ބޭއޮފް ބެންގާލްގައި އުފެދެން ފެށި ތޫން ތަކަށެވެ.
މި ސަރަހައްދުގެ ތޫފާންތަކަށް ނަންކިއުމަށް އިންޑިއާގެ މީޓިއޮރޮލިޖިކަލް ޑިޕާޓްމަންޓަށް 8 ގައުމަކުން ނަން ފޮނުވާފައިވެއެވެ. އެއީ ދިވެހިރާއްޖެއާއި، އިންޑިޔާ، ބަންގްލަދޭޝް، ޕާކިސްތާން، މިޔަންމަރ، ތައިލެންޑް ، އޮމާން އަދި ސްރީލަންކާއިންނެވެ. 64 ނަމެއް 'ޔުނިކް' ނަންތަކެއްގެ ގޮތުގައި ތޫފަންތަކަށް ނަންކިޔަން ލިސްޓުކޮށްފައިވައިރު މީގެ ތެރެއިން 22 ނަމެއް މިހާތަނަށް ތޫފާންތަކަށްވަނީ ބޭނުންކޮށްފައެވެ.
މިހާރު އިންޑިޔާއަށް ކުރިމަތިވެފައިވާ ތޫފާންއަށް ނަންކިޔާފައިވަނީ އަވައްޓެރި، އަދި ހަތުރުވެރި-ވާދަވެރި ޕާކިސްތާނުން ފޮނުވާފައިވާ ނަން 'ލައިލާ' ގެ ނަމުންނެވެ. އެމީހުން ބުނާގޮތުން އޭގެ އަރަބި މާނައަކީ 'ކަޅު އަނދިރި ރޭގަނޑެ'ވެ.
މި ސަރަހައްދަށް ދެންއަންނަ ތޫފާނަކަށް ކިޔަން ހަމަޖައްސާފައިވާ ނަމަކީ 'ބަނޑު' އެވެ. އެއީ ސްރީލަންކާއިން ފޮނުވާފައިވާ ނަމެކެވެ.
Posted on 2010-05-20 23:09:25 |
Report this Comment
Posted on 2010-05-21 14:50:47 |
Report this Comment
Posted on 2010-05-21 17:50:39 |
Report this Comment
Posted on 2010-05-21 18:24:48 |
Report this Comment
Posted on 2010-06-18 16:02:37 |
Report this Comment