Muraasil

ހޯދާ

ގައުމުގެ ލާމަސީލް އަންހެނާ - އޮނަރަބަލް އަލްފާޟިލާ ނާސިރާ

-އަންހެނުންގެ ދުވަހުގެ ހާއްސަ-

އެއީ މީގެ އެތައް އަހަރެއްކުރިއެވެ. ވެލާނާގެ މަޝްހޫރު އަނބުގަސް ހުރި ޒަމާނެވެ. ރޭގަނޑު ދަންވަރު ވަގަށް އަނބު ބިންނަ މީހުން އެކަން ކުރަމުންދެއެވެ. އެހެން ހުރަސްކުރާ ސްކޫލްކުދިން ފޮތާއި ދަބަސް ފަދަ ތަކެތި އެއްލައިގެންވިޔަސް އަނބެއް ލިބޭތޯ ބަލައެވެ. ނަމަވެސް މި އެންމެންނާ ތަފާތު ކެތްތެރި އަންހެނަކު ވެލާނާގެ ފާރު ބޭރުގައި މަޑުކޮށްލައިގެން ހުރެއެވެ. އަބަދުވެސް ބަލަނީ ބިންމަތީގައި އަނބެއް ޖެހޭނެ އިރަކަށެވެ. ގަހުގެ ތަނޑުންވަކިވެ، އެއްމެނަށް 'ހުއްދަ' ވާ މަގުމައްޗަށް އަނބެއް ވެއްޓޭނެ އިރަކަށެވެ. ގަދަވަޔާއި ވިއްސާރަ ވެހޭނަމަ އެއީ އޭނަގެ ނަސީބެވެ. ބޯވާރޭ ތެރޭގައި އަނބެއް ވެއްޓޭނެކަމުގެ އިންތިޒާރުގައި ހުންނައިރު އެހެން މީހުންނަށް ތަކުލީފަކަށްވެ، އަނބު ހޮވަން ނައިސް، ގޭގައި ދެފައިދަމާފަ ނިދާ ރެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގަން އުނދަގޫވާ ދަރަޖައިގަވެސް މިބުނާ އަންހެންމީހާ ފަރިތަކަމާއެކު ގޭގެއަށް ކުނި އުކާލަދީ، މާރުކޭޓުން މަސްގެނެސްދީ ހަދައެވެ. އާމްދަނީ ހޯދުމުގެ މާތް މަގުސަދުގައެވެ. އެއީ ފަހުގެ ތާރީހުގައި ދިވެހިރާއްޖެ ދުށް އެންމެ މުރާލި، ކެތްތެރި އަންހެނާއެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އަހަރެންނަށް އެންމެ ފާހަގަކޮށްލަން ބޭނުންވާ ޝަހުސިއްޔަތެވެ. އެންމެންގެ އެކުވެރި، ދެކެފަރިތަ ނާސިރާއެވެ.

ނާސިރާ އަހަރުމެންގެ ތެރެއަށް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް މަޝްހޫރުވެފައިވަނީ މޮޔަ ނާސިރާގެ ނަމުންނެވެ. އަހަރެން ކުޑައިރުވެސް ނާސިރާ ދައްކާފައި އެއީ މޮޔަނާސިރާއޭ ބުނެއެވެ. ނާސިރާކޮށްދޭ ހިދުމަތް ހަނދާން ނައްތާލާފައެވެ.

އަހަރެން ހިތަށް އަރައެވެ. 'މޮޔަ' އޭ މިބުނަނީ ކޮން މާނައެއްގައި ބާވައެވެ. ނާސިރާގެ އަމަލުތަކުން މޮޔަ މީހެއްގެ އަސަރެއް ނުފެނެއެވެ، އޭނާ ކުރާ މަސައްކަތަކީ އެންމެ ހޭ ޖެހޭ އަންހެނަކުވެސް ކުރެވޭ ފަދަ މަސައްކަތެކެވެ. އެކި މީހުން މޮޅުވެ ކުރިއަރާނީ އެކި ރޮނގުންނެވެ. އަހަރެން ފުޓްބޯޅަ ކުޅޭތާ މިހާރު ވިހިއަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ދުވަހަކުވެސް މޮޅެއްނުވެއެވެ. މިހާރުވެސް ކުޅެން ގޮސްފިނަމަ ޓީމަށް ނަގަނީ އެންމެ ފަހުންނެވެ. އަހަންނަށް ވުރެ ނިކަމެތި، އަހަރެންނާ އެކީ ހުސްފައިގައި ކުޅުނު ކުދިން މިހާރު ކުޅެނީ ގައުމީ ޓީމަށެވެ. އެހެންކަމުން ހުނަރާއި، އެމީހާ ގެ މަސައްކަތުގެ ރޮނގަކީ ތިމާގެ ބޭނުންވާ، ކުރިއަރާ ދާނެ ފަދަ ރޮނގަކަށް ހަދަން ޖެހެއެވެ. ނާސިރާ ފަދައިންނެވެ.

މޮޔަ އޭ ބުނާއިރު އެބުނާ ހޭޖެހޭ މީހެއްކޮބައިހެއްޔެވެ؟. ކޮންމެ އިންސާނެއްގެވެސް އުނިސިފައެއް ހުރެއެވެ. އެ ސިފައަށް މޮޔަ ކިޔާނަމަ ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަން ކުރީވެސް ހުސް މޮޔައިންނެވެ. އަހަރެންގެ ހަޔާތުގައި ފެނުނީ ދެ ރައީސުންނެވެ. އެދެ ފަރާތުގެ އުނި އެތައް ސިފައެއް މިހާރުވެސް ކިޔައެވެ. އެ ސިފަތަކަކީ މޮޔައިންގެ ސިފައެކޭ ބުނާ ނަމަ ރާއްޖޭގެ ރައީސުންނަކީ މޮޔައިންނެވެ. އަދި އެމީހުން ހޮވި އަހަރުމެން ރައްޔިތުންގެ މޮޔަކަން މާބޮޑެވެ. އުނިސިފައަކަށް މޮޔަ އޭ މީހުން މިކިޔަނީ ނާސިރާއަށް ނިސްބަތްކޮށް މީހުން މޮޔައޭ ބުނާތީއެވެ. އޭނަ މޮޔަ އަކަށް ވަނީ ހަޑި މަސައްކަތްކުރާތީއެވެ. އަތްވާއި ވާރޭގައި ގަދަ އަޅާ މަސައްކަތް ކުރާތީއެވެ. ފެންނުވަރާ، ގެއެއް ދޮރެއްނެތި އުޅޭތީއެވެ. މިއީ ހައްތާވެސް އޭނަގެ މޮޔަކަން މީހުން ތަސައްވަރުކުރާ ގޮތެވެ. ނާސިރާގެ އެ ހިތްވަރުގަދަ މަސައްކަތަކީ މޮޔައެކޭ ބުނެވޭނެ އެއްވެސް ސިފައެއްނޫނެވެ. އެއީ އޭނަގެ މުރާލިކަމެވެ. ސަލާން ޖަހާ މީހުންގެ ސަފުތަކުގައި މާލޭގެ ގެދޮރު ހުރި މީހުންނާއި ސިއްހަތު ސަލާމަތުން ތިބި މީހުން ފެންނައިރު، އަހަރެންނަށް ދުވަހަކުވެސް ނާސިރާ މިފަދަ ތަނަކުން ފެނިފައިނުވެއެވެ. ކަންނެތްކަން މަތީ މަސައްކަތެއްނުކޮށް، މައިންބަފައިން އަތުން ކައިގެން މިހާރު އުޅޭ ޒުވާނުންގެ މޮޔަކަން މާބޮޑެވެ. ނާސިރާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ
އޭނައަށް ކޮންމެވެސް ގޮތަކުން ކުރިމަތިވި މުސީބާތެއްގެ ސަބަބުން ހިޔާރުކުރި ގޮތަކަށްވެސް ވެދާނެއެވެ. އިންސާނުންނަށް ދިމާވަނީ އެކި ހާލަތްތަކެވެ، ބައެއްމީހުންނަކީ އެ ހާލަތުން އަރައިގަތުމަށް މަސައްކަތްނުކޮށް، އެހެން ކަންތައްތަކުންނާއި ދިރިއުޅުމުގެ ބާކީ ހުރި ކަންތަކަށް ސަމާލުކަންދީގެން އުޅޭ މީހުންނެވެ. މިހާރުވެސް ޒުވާނުންގެ ތެރޭގައި ފެން ނުވަރާ ބޮލާއި ތުނބުޅި ދިގުވާނެ ގޮތަކަށް ދޫކޮށްލައިގެން އުޅޭ މީހުންނާއި، 'ގޮތިކް' ހެދިގެން ގަބުރުތަކެއްހެން އުޅޭ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ހަމަގައިމުވެސް ނާސިރާއަކީ އެކަހެރި އަންހެނެކެވެ. މިބުނާ ބައިގަނޑަކީ ކޮފިތަކާއި އަދި އެނޫންވެސް މުޖުތަމައުގެ މީހުންގެ ތެރެއަށް މަސްހުނިވެ އުޅޭ މީހުންނެވެ. އެމީހުންގެ ފަރާތުން ލައްކަ އުނދަގޫ ވެއެވެ. ނާސިރާގެ ފަރާތުން އެ އުނދަގުލެއްނުވެއެވެ.

މީހުން މަލާމަތް ކުރަނީ އޭނަ ގެންގުޅޭ ފޮތި ކޮތަޅުގެ ވާހަކައިންނެވެ. ނާސިރާ ބޭނުންނަމަ އެންމެ މިޒަމާނުގެ 'ގޫޗީ' ދަބަހެއް ގަނެވިދާނެއެވެ. މީހުންނަށް ދެއްކެން އެކި ކުލައަރާ ބޮޑެތި އަތްދަބަސް ކޮނޑުގައި އަޅުވައިގެން އުޅެވިދާނެއެވެ. މިހެން ބުނާ މީހުންގެ ހާލަތު ބަލައިފިނަމަ ގިނަފަހަރަށް މިފަދަ ބްރޭންޑަޑް ދަބަހެއް ގެނެގެން އުޅޭނީ ކޮންމެވެސް ރައްޓެއްސެއްގެ އަތުން ލާރި ހޯދައިގެންނެވެ. ނުވަތަ މުސާރައިން ކަނޑާގޮތަށް ފައިސާ ނަގައިގެންނާއި، އުފަންދުވަހުގެ ހަދިޔާއަކަށް ދަބަހެއް ބޭނުމޭ ކިޔައިގެން ފޭސްބުކްގަ އިސްތިހާރުކޮށް، ހަދިޔާ ހޯދާގެންނެވެ. ބެންކުން ލުއި ލޯނު ނަގައިގެން ސްރީލަންކާއަށް ގޮސް 'އޮޑެލް' ހެދިގެން ވިޔަފާރި ކުރާ އަންހެނުންނަކީ ހަގީގަތުގައިވެސް ހަމަ މޮޔައިންނެވެ.

މީހުން ބުނެއެވެ. އޭނައަކީ މޮޔައެއްކަން އެނގޭ އެންމެ ބޮޑު ސިފައަކީ މޮޔަ ނާސިރާއޭ ބުނާއިރަށް ފަހަތުން ދުއްވައިގަންނާތީއެވެ. އަދި އެގަޑީގައި ހަޑިބަހުރުވައިން ޒުވާބު ކުރާތީއެވެ. އަހަރެން އަހާލަން ބޭނުމެވެ. އެ ބުނާ ހަމަ ޖެހޭ މީހަކާ ދިމާއަށް، ތިމާ ނުރުހޭ ނަމަކުން ގޮވައިފިނަމަ ވާނެގޮތެވެ. ނާސިރާ ތިރީހަކަށް އަހަރު އެބަ ކެތްކުރޭ ނޫންހެއްޔެވެ. މިހާރުގެ މީހަކާ ދިމާއަށް ދެފަހަރަކު ބުނާއިރަށް ގަޔަށްބޮލަށް އަރައިގަންނާނެއެވެ. ގުރޫޕެއް ފޮނުވައިގެން މަރާމާރީވެސް ހިންގާނެއެވެ. އެހެން ވީމާ ތި މީހުންގެ މޮޔަކަށް ނާސިރާއަށްވުރެ ބޮޑެވެ.

ކޮންމެ ގޮތަކަށް ބެލިޔަސް އެފަދަ ހީވާގި އަންހެނަކު މި ފަހުގެ ތާރީހެއްގައި ދިވެހިން ދެކެފައިނުވާނެއެވެ. ކެތްތެރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ. މަސައްކަތްތެރިކަމުގައި މާމުއި ކުޅަނދުރެއްފަދައެވެ. އެންމެން ސިޔާސީ ފިކުރުތަކުން ގެނބި ހަލާކުވަމުންދާއިރު އެކަމުން ސަލާމަތްވެގެން ހުރި މަޝްހޫރު އަންހެނެކެވެ. ތަހުޒީބުގެ އޮއިވަރުގައި ނުޖެހި އެއް އުސޫލަކެއްގައި ހުރި ސަގާފީ ބޭކަނބަލެކެވެ. މިކަންތައް އަގު ކުރެވޭނީ ސާފު ހިތަކައިގެން ނާސިރާއަށް ބަލާލީމައެވެ. މިފަދަ ދުވަހެއްގައި ލާމަސީލް އަންހެންދަރިޔާގެ އެވޯޑް ނާސިރާއަށް ނުދީ އެހެން ފަރާތަކަށް ދީފިނަމަ ދިވެހި ހީވާގި އަންހެނުންނަށްވެސް ހުތުރެކެވެ. ސަރުކާރުން އެކަން ފާހަގަނުކޮށްފިނަމަ މިހާތަނަށް ވެރިކަން ކުރި ވެރިންގެ ފަސްބައިގައި ޖެހޭނެ ލައްގަނޑެކެވެ. ތިމާމެން ފާހަގަ ކުރަން ޖެހޭ ފަރާތްތައް ދޫކޮށްލިކަމުގެ ބަދުނާމުގެ ލައްގަނޑެވެ. ހަމަ ގައިމުވެސް އަހަރެން ނާސިރާއަށް ސެލިއުޓް ކުރަމެވެ. ތިޔަ ފަރާތުގެ ނަމުގެ ކުރިއަށް ހަމައެކަނި އިތުރުކުރުން ހައްގުވާނީ އޮނަރަބަލް އަލްފާޟިލާ ނާސިރާއެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-07 20:02:01 | Report this Comment
ޒާމި:

މިއީ ވަރަށް ބޮޑު ތެދެއް! އަހަރެން ތާއީދު! ވީ ސެލިޔުޓް ޔޫ ނާސިރާ!!

Posted on 2010-03-07 20:11:40 | Report this Comment
ޚަދީ:

ތަފާތު ލިޔުމެއް..ސުރުޙީއާއި ނާސިރާގެ ފޮޓޯއާއެކީ ފެނުނީމަ ހިތަށްއެރީ އަނެއްކާ މިއުޅެނީ ނާސިރާއާ ދިމާއަށް ކީކޭ ކިޔަންބާއޭ...ހީކުރި ގޮތަކަށް ނޫން ލިޔުން އޮތީ..ވަރަށް ރަނގަޅު ވާހަކަ އެބަހުރި.

Posted on 2010-03-07 20:38:02 | Report this Comment
ައުފޭ:

މި ލިޔުން ވަރަށް ސަޅި.

Posted on 2010-03-07 21:21:03 | Report this Comment
ސޮލާހު:

ލުއި ލޯނު ބެންކުން ނަގައިގެން ލަންކާއަށް ދިވެހި އަންހެނުން ދޭތަ؟ އެހެންވިއްޔާ އެއީ ހަމަ މޮޔައިން.، ހެހެހެ

Posted on 2010-03-07 23:16:17 | Report this Comment
ސައި:

މިވަރުގެ މޮޅު ލިޔުމެއް އަދި އުމުރުގަވެސް ނުކިޔަން... ވަރަށް ވެސް ތެދު ވާހަކަ ތަކެއް. 'ގޮތިކް' ހެދިގެން ގަބުރުތަކެއްހެން އުޅޭ މީހުންވެސް " އެތަން ކިޔާފަ ހަމަ ހިނި ގަނޑު ފަޅާއިގެން ދިޔައީ! ހިހިހިހި!

Posted on 2010-03-07 23:22:50 | Report this Comment
ކިޔަމީހާ:

ނާސިރާ މޮޔައީ ނަމާދެއް ނުކޮށް އެހެން މުލި އުމުރު ދުއްވާލީތީ...
ހުސައިން: ތެދެއް ތިބުނީ.މާތް ﷲ ދިގު އުމުރެއް ދެއްވީމަވެސް ނަމާދުނުކޮށް އުމުރު ދުއްވާލާކަމީ އޭނަގެ މޮޔަކަން ހާމަވާ ކަމެއް.ނަމަވެސް މި ދެންނެވި ފަދަ މޮޔައިން މުލި ރާއްޖޭގަވެސް....

Posted on 2010-03-08 00:19:19 | Report this Comment
ޝެނީ:

ވަރަށް ސަޅި ލިއުމެއް ނާސިރާ ފެން ނުވަރާތީ ދޯ މޮޔަ އެކޭ ކިޔަނީ؟؟

Posted on 2010-03-08 08:28:22 | Report this Comment
ފާތުން:

ހަމަ އޮބި..އަސްލު ތެދު ވާހަކަ ކުޑައިރު ނާސިރާ ދެކެ ވަރަށް ބިރު ގަނޭ އެކަމް މިޙާރު ބިރެއް ނުގަނޭ އެއަށް ވުރެން މާބޮޑަށް ބިރުގަނޭ އި އުޅޭ 'ޕާޓޭ' އަންހެނުން ދެކެވެސް.........ނާސިރާ އަކީ މީހުންނަށް ލޯނުދޭ މީހެއްކަން އިނގޭތަ؟ އަދި އޭނަ އަކީ މާލޭ ގެދޮރު ހުރި މީހެއް..ބޭނުންނަމަ މަސައްކަތް ނުކޮށްވެސް އުޅެވޭނެ...އަސްލު ނާސިރާ ހާދަ މުރާލިއޭ......މޮޅު ލިޔުމެއް

Posted on 2010-03-08 08:46:01 | Report this Comment
ހުސެން:

ކަޅުސޮރު ތީކީ މުސްލިމެއްނޫނެވެ. އަބަދު އިލްމުވެރިންނަށް ފުރައްސާރަކުރުން.
އައިޝް: އެއްވެސް މީހަކަށް އޭނާގެ އަޚަކާ ދިމާއަށް މުސްލިމެއް ނޫނޭ..ކާފަރެކޭ ބުނުމުގެ ހައްޤެއް ނެތް...އެއީ އެއްވެސް މީހަކަށް މީހެއްގެ އަޤީދާ ނޭގޭނެ.އިލްމުވެރިންނަށް ފާޑު ކިޔޭ ގޮތަށް ކަންތައް އެމީހުން ކުރާނަމަ ފާޑު ކިޔޭނެ އެއީކީ އެފާޑުކީ މީހަކީ ކާފަރެއް ކަމުގައި ނިންމޭނެ ހެއްކެއް ނޫން.އިސްލާމްދީނުގައި މީހުން މުރުތައްދުވުން ސާބިތވާ ގޮތް ކިޔައިލުން ރަނގަޅު ކަމަށް ފެނޭ.
އަބްދުﷲ ޝަފީގު އަލީ: ރަލުގެ މުޒާހަރާ އާއި، މަސްތުވާ ތަކެތީގެ ބޮޑު މީހާ އާދަން ނަސީރު ދޫކޮށްލި ހާދިސާ ވަރުން އަޅުވާލާ ނަމަ ބައެއް ދީނީ އިލްމުވެރިންގެ ސާބިތުކަމާ ދޭތެރޭ ސުވާލު އުފެދޭ. އަހަރުމެން ބިރު ގަންނަން ޖެހޭނީ ގާޒީން ދެކެއެއްނޫން، ހެއްދެވި ފަރާތް ދެކެ

Posted on 2010-03-08 13:01:55 | Report this Comment
ސާން:

ވަރަށް ސަޅި ލިޔުމެއް، އަސްލުވެސް ލިޔުމުގައި އޮތީ ހަމަ ހަޤީޤަތް، ނާސިރާއަށް ސެލިއުޓް ނެގުން ހަމަހައްޤު

Posted on 2010-03-08 13:16:04 | Report this Comment
ސިއްކަ:

ބަލަ ކަޅުސޮރާއެ.އަދާލަތު ޕާޓީއާއި ސަލަފް ޖަމިއްޔާއިން ދުވަހަކުވެސް ރާ ހުއްދަކަމަށް އެއްވެސް ތަނެއްގައި ވާހަކަ ދެއްކި ހެއްޔެވެ.ނުވަތަ އެގޮތަށް ބަޔާނެއްވެސް ނެރުނު ހެއްޔެވެ.

Posted on 2010-03-08 17:18:51 | Report this Comment
ސޮފްޓް:

ވަރަށް ތަފާތު ވަރަށް ރީތި ލިޔުމެއް..

Posted on 2010-03-08 17:27:18 | Report this Comment
ކާކު:

ވަރަށް ހިއްގައިމު ލިއުމެއް

Posted on 2010-03-08 17:49:45 | Report this Comment
އަލީ:

އެއްވެސް މަސައްކަތެއް ނުކޮށް މަގުމަތީގައ މިއުޅޭ އަންހެން ފިރިހެން އެންމެސް އިބުރަތެއް ލިބިގަންނަން ރަގަޅު ލިޔުމެއް.

Posted on 2010-03-08 18:07:25 | Report this Comment
maldivesresortworkers:

very good article three salutes to Madam Naasira

Posted on 2010-03-08 18:33:35 | Report this Comment
މާލިމީ:

ޑީ އާރުޕީން ހޮވާ ލާމަސީލު މީކީނޫންބާ!!
އަބްދުﷲ ޝަފީގު އަލީ: ޑީއާރުޕީއަށްވެސް މި ގޮވާލަނީ މިފަދަ ބޭކަނބަލުންނަށް އެވޯޑު ދިނުމަށް

Posted on 2010-03-08 18:47:10 | Report this Comment
ކިއުއެސް:

ގިނަފަހަރު އެވޯޑް ދިނުމާއި ލަގަބު ދިނުންވެސް ގުޅިފައި މިވަނީ އެދޭބައެއް ރުހޭ ބަޔަކަށެވެ. ކަމެއް ނުކޮށް ކަންދެއްކުމަށް އުޅޭ މީހުނަށެވެ. މިހާރުވެސް ބަލާށެވެ. ގިނަ އަންހެނުން ލެއްވީޔާ ލެއްވިހާ ކޯހެއް ހަދައިގެންވެސް އަތުންފައި ކަމެއް ކުރާކަށް ނުކެރޭނެއެވެ. އުޅެވޭނީ ނޯކިރީންނާއި ބާންދީން ލައިގެންނެވެ. ހަޑިވެއްޖެ މަސައްކަތެއް ކުރާކަށް ނުކެރޭނެއެވެ. މަގުމަތިން ނާސިރާ ފެނިގެން މަލާމާތް ކުރަމުން ހީހަދާއިރު ޝަފީޤުގެ ލިއުމުގައި ވާފަދައިން ކޮނޑުގައި އަޅުވާފައި އޮންނަ ދަބަސްވެސް ގަނެފައި އޮންނާނީ ކޮންމެވެސް މީހަކަށް ދަރައިގެންނެވެ. ތިމާގައިގާ އުޅޭހާ ފެންވަރު ނެތަސް އަބަދުވެސް ޒަމާނީ ފެޝަންތަކުގެ ފަހަތުން ނުނެއްޓިގެން ދުވަން ޖެހެއެވެ.
އަބްދުﷲ ޝަފީގު އަލީ: ކިއުއެސްގެ ލިއުމެއް ނުވެސް ފެނޭ...ސަޅި ލިއުމެއް ފެންނާނެކަމަށް އުއްމީދުކުރަން، ސިޔާސީ ނުވެ ލިޔަންވީ ގައުމުގައި، މުޖުތަމައުގައި ހުންނަ ތަފާތު ކަންތައްތަކަށް، އަހަރެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ގޮތުން ހަމަޖެހޭ ލިއުމެއް ނުލިޔެވޭނެ، އެއީ އެންމެން މިތިބި ސިޔާސީ މޮޔަބަލި ޖެހި، ގަޔަށް އަތްލާ ހިސާބުގަ
ކިއުއެސް: އިރާދަ ކުރެއްވިއްޔާ މާލަސްތަކެއް ނުވެ އަނެއްކާވެސް ކިއުއެސްގެ ލިއުންތައް ފެންނަން ފަށާނެއެވެ.

Posted on 2010-03-08 19:08:43 | Report this Comment
ސަޅި:

ވަރަށް ސަޅި! ޓޭންކް ޔޫ!

Posted on 2010-03-08 20:50:12 | Report this Comment
ބޯއި:

ވަރަށް ފުރިހަމަ ލިޔުމެއް.. މިކަހަލަ ލިޔުން ވަރަށް ނުފެނޭ... ކީޕް އިޓް އަޕް!!!

Posted on 2010-03-08 22:37:15 | Report this Comment
ސާފު ދިވެހި ރާއްޖެ:

އޭނަ ތަންކޮޅެއް ސާފުތާހިރުކޮށް، އިސްލާމް ދީނަށް ލޯބިކޮށް އުޅޭނަމަ ހަމަ ގައިމުވެސް މީހުން އޭނާ އަށް ޤަދަރުކުރާނެއެވެ، ޑރޕ އެއް ނޫން ކޮނމެ ޕީ އެއްގެ އެވޯރޑް ވެސް އޭރުން ލިބެން ހައްޤު އޭނައަށް.....އެކަމުވެސް ކީއްކުރާނީ އިންސާނީ ފިތުރަތު މިވެސް، ކޮންމެސް ސަބަބެއް އޮންނާނެ އޭނަ އެގޮތަށް އުޅެން ބޭނުންވިވެސް، ވަރަށް ރަނގަޅު ލިޔުމަކަށް ވާނެ ކަން ނޭނގެ، އޭނަގެ ލައިފް ކުރުގޮތަކަށް ދިރާސާ ކޮށްލުމަށް ފަހު މުރާސިލް ގަ ލިޔަން....

Posted on 2010-03-08 22:44:36 | Report this Comment
ކާކުކަން އެނގޭނެ:

އޭ ސަފީގު، އުފާވެރި އުފަން ދުވަހަށް މަރުހަބާ...މައުލޫއާ ނުގުޅޭ ދޯ...ހެހހެ
ނޭންގޭ ކާކު ކަމެއް: ހަޕީ ބާތު ޑޭ ސަފީޤް..
އަބްދުﷲ ޝަފީގު އަލީ: ޝުކުރިއްޔާ....ހެހހެ
އީ: ލަވްޔޫ ސަޢްޕޭ

Posted on 2010-03-09 05:43:34 | Report this Comment
ނޮންނި:

ފަހުނޮ ލިބޭނެ އޭނަޔަށް

Posted on 2010-03-09 08:52:32 | Report this Comment
ކަރުކެހި އަދުރޭ:

މީގެއަހަރުތަކެއް ކުރިން ނާސިރާ ޓީވީ އިސްތިހާރެއް ކުޅުނީމަ އޭރުގެ ފިލްމި ސުޕްސްޓާރުކަމަށް އަމިއްލަޔަށް ދައުވާ ކުރައްވާ މިހާރު ސިޔާސީ މާހިރު އެދުވަސްވަރުގެ ނުކުތް އުދަރެސް މަޖައްލާޔަށް އިންޓަވިއު ދެމުން ވިދާޅުވީ ނާސިރާގެ ސަބަބުން މުޅިފިލްމީ އިންޑަސްޓްރީވެސް ހަޑިވެ އަގުވެއްޓިއްޖެކަމަށެވެ. މިއަދު ގައުމުގެ އިސްސަފުގައި އެތިބީ އެ ސްޕަސްޓާރުންނެވެ. ދެން ކިހިނެއްތޯ ގައުމުގައި ނާސިރާމެންފަދަ އަންހެން ކަބަލުންނަށް ގައުމުގައި ހިންދެމިލެވޭނީ؟

Posted on 2010-03-09 09:14:58 | Report this Comment
އިބޫ:

ވަރަށް ސަޅި މި ލިޔުން.ވަރަށް ކިޔާ ހިތުން އިނދެ މި ނިންމާލީ

Posted on 2010-03-09 09:15:00 | Report this Comment
ފުތު:

އަޅުގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނަ ދިރި އުޅެނީ މާލެ ގައެވެ. އެހެން ކަމުން ޝަފީގު އަދި މާލެގައި ދިރި އުލޭ ހެޔޮވިސްނޭ ބަޔަކު އޭނައާ ބައްދަލުކޮށް ސާފުތާހިރު ވުމަށާއި އަދި ދީނުގެ ކަންތައްތައް އުގަންނައިދީ އެކަން ކުރުމަށް ނަސޭޙަތް ތެރި ވުމަކީ ކިފާޔަތުގެ ފަރުޟެއްކަން ކަށަވަރެވެ. ކޮންމެވެސްބަޔަކު މިކަން ކުރާނެ ކަމަށް އުއްމީދު ކުރަން.
އަބްދުﷲ ޝަފީގު އަލީ: އިރާދަކުރެއްވިއްޔާ މާލެ ދެވުނުހާ އެންމެ އަވަހަކަށް މިކަންތައް ކުރާނަން...މިވަގުތު މިއުޅެނީ ރާއްޖެއާ ތަންކޮޅެއް ދުރުގައި،.. ފުތު ގެ އެހީވެސް ބޭނުންވާނެ
ފުތު: އިރާދަ ކުރެއްވިއްޔާ ހުރިހައި ގޮތަކުން އެހީ ތެރިކަން ދޭނަން.

Posted on 2010-03-09 10:28:45 | Report this Comment
މުއްލާ:

ޝަފީޤުގެ ބާރތްޑޭތަ! ވަރަށް ސަޅި އިނގޭލިޔުން.

Posted on 2010-03-09 12:04:06 | Report this Comment
ސާގީ:

ނުވެސް އިނގޭ އުފަން ދުވަސް ދިޔައިރު.. އުފާވެރި އުފަން ދުވަހަކަށް ވި ކަމުގައި އުއްމީދު ކުރަން!!
އަބްދުﷲ ޝަފީގު އަލީ: ސާގީ...ތެންކްސް

Posted on 2010-03-09 14:08:58 | Report this Comment
މެނޭޖަރ:

ކަލޭ ނާސިރާ އާއި އިންނަން ވީނުން
އެކްޓިން މެނޭޖަރ: މަށަށް އިނގޭ ކޮންމެވެސް މީހަކު ހަމަ ޔަގީނުންވެސް މިހެން ބުނާނެކަން. އެއީ ދިވެހިންގެ ވައްތަރު. މީހެއްގެ ރަނގަޅު ވާހަކައެއް ދައްކާފިއްޔާ އެ ޖެލެސްވީ.. ހަމަ ހިތުތެރޭގައި އަނގުރު އަލިފާން އަނދާނެ ހަމަ...
ދަސަމް: ތެދުވާހަކައެއް! މެނޭޖަރަށް އެވާހަކަ ޤަބޫލުކުރަން އުނދަގޫވީ

Posted on 2010-03-09 23:09:12 | Report this Comment
ކަތްދަ:

އިސްލާމަކަށް ވެހުރެ ނަމާދެއް ނުކުރޭ، އިންސާނަކަށްވެ ހުރެ ގައިން ތާހިރެއް ނުވޭ، ދެން ކޮން އެވޯޑެއް ތޯ ދޭންވީ؟
ސަޅި : Miulhey zuvaan anhen kudhin namadhu kureytha??
ކަތްދަ: މި ލިޔުމަކުނެތޭ މިހާރު އުޅޭ ޒުވާނުންގެ ވާހަކައެއް. މި ދައްކަނީ ނާސިރާ އަށް އެވޯޑެއް ދޭވާހަކަ އޭ ކޮއްކޯ. މި ލިޔުން ރަނގަޅަކަށް ނުކިޔަމުދޯ.

Posted on 2010-03-10 01:29:01 | Report this Comment
ރަންދީ:

ނަސިރާ މުރާލިނޫން ވާހަކަ އެއްނޫން މިބުނަނީ އަހަރެން ހިތަށް އަރާ ނާސިރާ އެހާބުރަކޮށް މަސައްކަތް ކުރަނީ ކީއްކުރަންބާއޭ އެވަރަށް މަސައްކަތް ކޮށްގެން ލަރިއެއްކުރަނީ ކޮންބޭނުމަކުބާއޭ އެހެން މިބުނަނީ އެލާރިން ކުރަނީ ކޮންބޭނުމެއްކަން ނޭނގޭތީ އެހެން މީހުން ލާރިހޯދަނީ އަރާމުގަ ދިރިއުޅުންވޭތުކުރަން އެކަމަކު ނާސިރާ ލާރިތަށް ބެންކުގަ ބަހައްޓައިގެން ފެނެއްވަރަނީކީއްނޫން ރީތި ހެދުމެއްލަނީކީނުން ދެންކީއްކުރާ ލާރިއެއް ހިޔެއްނުވޭ ދަރިއަކުހުންނަހެނެއްވެސް އެހެންނަމަތާ ނާސިރާ ނެއްދުވަހަކުން ދަރިއަށްވެސް އެފައިސާ ބޭނުންކޮށްގެން އުފަލުގެއުޅެވޭނީ ވެދާނެދޯ ނާސިރާ މަރުވީމަ ސަރުކާރަށް ހަދިޔާކުރަން އެއްކުރާ ލާރިކަމަސްވެސް ހެހެހެހެހެހެހެހެހެހެ
ޑްރެކޯނިއަމްސް: ހިތުން ވަރަށް މޮޅު އެއްޗެކޭ ދޯ ތިބުނީ. ލޮލް.

Posted on 2010-03-11 09:00:20 | Report this Comment
ޑްރެކޯނިއަމްސް:

މީ ހަމަ ވަރަށް ފުރިހަމަ ލިޔުމެއް.

Posted on 2010-03-11 11:49:44 | Report this Comment
މުހައްމަދު:

ނާސިރާ މޮޔައީ ނަމާދު ނުކުރާރި، ތާހިރު ނުވާތި، އައުރަ ނިމާނުކުރާތި، އިސްލާމީ ރިވެތި އަހުލާގުގެ ކަންފޫޅެއްވެސް ނެތީމަ!

Posted on 2010-03-12 01:36:04 | Report this Comment
ޒިޔާދު:

ނާސިރާ ސަލާން ޖަހާމީހުންގެ ސަފުތަކުން ލިޔުން ތެރިޔާއަށް ނުފެނުނީ ލޯމަރައިގެން މާރުކޭޓް ސަރަހައްދުން ހިގާތީ ކަމަށްވުން އަކަށީގެންވޭ. ސަލާންޖަހަން ތިބޭމީހުންގެ ސަފުތަކުގައިވެސް ނާސިރާ ހުންނަތަން ފެންނަ މީހުން މަދުވާނެކަމަށް ނުދެކެން. މީ ދޮގެއްތޯ؟

Posted on 2010-03-12 09:25:58 | Report this Comment
ދެއްވަދޫ ޝިހާދު:

ހަމަ ލިޔުމުގައިވާ ގޮތަށް އަހަންނާ ދިމާލަށްވެސް "މޮޔަ ޝިހާދު" އޭ ނުވަތަ "މޮޔަ އަލިޔާ" އޭ ކިޔައެވެ. އެއީ އަހަރެންވެސް މޮޔަވެގެން ނޫނެވެ. މޮޔައެއްނަމަ މި ކޮމެންޓް ކުރާކަށްވެސް ނޭނގޭނެއެވެ. އެކަމަކު ދެން ބައެއް ފަހަރު އެބަހުރި ހަމަނުޖެހޭ ކަންތައްވެސް ކުރެވިފަ. އެކަހަލަ ކަންތައް އެންމެންވެސް ބައެއްފަހަރު ކުރާނެ. ތީ ވަރަށް ރަނގަޅު ލިޔުމެއް.

Posted on 2010-03-12 10:22:55 | Report this Comment
އާފިޔާ:

ރަގަޅު ޝުރުހީއެއް އެކަމަކު، އެއްވެސް ދިރާސާއެއް ނުކޮށް އަދި ނާސީރާގެ އަސްލު ހާލަތު ބަޔާންކޮށްފައި ނެތީމާ، ތަންކޮޅެއް ދަށް ފެންވަރުގެ ލިޔުމަކަށް ވަނީ

Posted on 2010-03-13 10:41:28 | Report this Comment
ފިޝް ބޯން :

ގައުމުގެ ލާމަސީލު އަންހެނާ އޮނަރަބްލް އަލްފާޟިލާ ނާސިރާ އަށް އަޅުގަނޑުމެންގެ ލޮބުވެތި ރައީސް މުހަންމަދު ނަޝީދުގެ އަތްޕުޅުން ފަތްކޮޅެއް ދެއްވުން ކީއްތޯ؟؟؟؟

Posted on 2010-03-13 14:55:07 | Report this Comment
Tink:

ނާސިރާ ރަނގަޅު ވާހަކަ ލިޔެފަ އެހެން އަންހެންކުދިންގެ ގޯސް ވާހަކަ މުޅިން ވެސް.....ކޮބާ ފިރިހެން ކުދިން ގެ ވާހަކަ..... ފިރިހެން ކުދިން މާ މުރާލިވެފަ ރަނގަޅީ ބާ؟

Posted on 2010-03-22 14:58:19 | Report this Comment
ދި ޕްރޮޑަކްޓް:

މެނޭޖަރަށް އެކަން ހަޖަމު ނުކުރެވުނީ ދޯ؟ ޕިސް ޕިސް..ޝަފީގް ކުރިން ފުތުމެން ބުނެފައިވާ ފަދައިން އޭނާ ގައިން ސާފުތާހިރުވެ ދީނީ ކަންތައްތަކަށް ސަމުކަން ދޭނަމަ ވަރަށް ސަޅިވާނެ...އެކަމު މުރާލި ކަމަށް ބަލަންޏާ އެއީ ހަމަ ބެސްޓް......

Posted on 2010-04-03 16:51:58 | Report this Comment
އަހްސަން:

ވަރަށް ފުރިހަމަ ލިޔުމެއް. ނާސިރާ މޮޔައެއް ކަމަށް ހަދާ މީހުންގެ މޮޔަކަން މާބޮޑު. މިލިޔުމަށްފަހު ނާސިރާއަށް 'ހާއްސަ' ނަޒަރަކުން ބަލާނަން. މިބުނީ ކުރިން ބެލީ 'މޮޔައެއް'ގެ ނަޒަރަކުންނޭ. މިހާރު ބަލާނީ 'މުރާލި' އަންހެނެއްގެ ގޮތުގައޭ. ދެން ނެތްތަ ލާމަސީލު ފިރިހެނާއެއް؟ ހެހެ ޝަފީގުގެ ލިޔުންތެރިކަމަށް ތައުރީފްކުރަން.

Posted on 2010-05-14 02:37:24 | Report this Comment
ވީސެލިއުޓް ނާސިރާ:

މީ ވަރައް ފުރިހަމަ ލިއުމެއް ކަމައް ދެކެން. ލިޔެންތެރިޔާއައް މިއައިޑިއާ އައިކަން ވަރަށް ރަނގަޅު. ނާސިރާއައް ހަމަ ސެލިއުޓް..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009