
ޑިމޮކްރަސީ ނުވަތަ ރައްޔިތުންގެ ވެރިކަމަކީ، އެންމެގިނަމީހުން ރުހޭ ސިޔާސަތުކަމަށް ވިޔަސް، ދުނިޔޭގެ އެކި ޤައުމުގައި ޑިމޮކްރަސީ ހިންގަނީ އެކި އުސޫލަށެވެ. އެއްގޮތްވަނީ މައިގަނޑެވެ. މަޤްޞަދަކީ ރައްޔިތުންގެ ބާރު، ވީހާވެސް ގަދަކުރުމެވެ. ފަރުޢީ މައްސަލަތައް ހުންނަނީ ވަރަށް ތަފާތުކޮށެވެ. އެއީ، ތަނުގެ ސަޤާފަތާއި މާޙައުލުގެ، ފިކުރު އެޔާ ގުޅިފައިވާތީއެވެ. އެތަފާތު ހިމެނިގެން އައުމުގައިވެސް، އަމާޒު ކުރަނީ ރައްޔިތުންގެބާރެވެ. ޑިމޮކްރަސީގެ މާނައަށްޓަކައެވެ.
ޑިމޮކްރަސީ މާނަކޮށްދެނީ "ރައްޔިތުންގެ ބާރު" ކަމަށްވާއިރު، އޭގެ ހަޤީޤަތަކީ ހަމައެކަނި، ޕާލަމެންޓްރީ ނިޒާމާއި، ޕުރެޒިޑެންޝަލް ނިޒާމެއްނޫނެވެ. ޑިމޮކްރަސީގެ ބާރުގެ ޙަޤީޤަތަކީ، ރައްޔިތުންގެ މިނިވަންކަމެވެ. އިންސާނީ ފިޠުރީ މިނިވަންކަމެވެ. އިންސާނާއަށް ޤުދުރަތުން ލިބިފައިވާ އަސާސީ މިނިވަންކަމުގެ ޙައްޤުތައް، އެއިންސާނާއަށް ވެރިކަމުގެ ފަރާތުން ހޯދައިދިނުމެވެ. މުޖްތަމަޢުގެ ސިޔާސީބާރަށް، ރައްޔިތުންގެ ބަސްވިކޭގޮތްވުމަކީ އޭގެ އެއްބައެވެ. ޤައުމުގެ ވެރިކަމަށް، ރައްޔިތުންގެ ބާރު ނުފޯރުވޭހާހިނދަކު، އެރައްޔިތުންނަށް، އިންސާނީ ފިޠުރީ ޙައްޤުތައް ލިބޭނެގޮތެއް ނޯވެއެވެ. ޖުމްހޫރީވެރިކަން އުފެއްދީވެސް އެކަމާހެދިއެވެ. ރަސްކަމުގެ ފަރާތުން ރައްޔިތުން އަޅުވެތި ކުރާތީއެވެ. ހަމައެކަނި، ޔޫރަޕްގެ އިސްތިޢުމާރީ ބާރުތަކުން، އުތުރުއެފްރިކާގެ ރަށްތަކަށްއަރާ، އެތަންތާގެ ރަށްވެހިން އަޅުވެތިކޮށް، ޔޫރަޕަށް ވިއްކިވާހަކަ ހިތަށްގެނައުމުން، މިކަމަށް ދަލީލު ލިބޭނެއެވެ. ހަމައެފަދައިން، އަމްބަރާ ޠޫރިއްޔާ (އެމްޕެޔަރ) ތަކުން، ކުދި ޤައުމުތަކަށް އަރައި ޤަތުލު ޢާއްމު ހިންގައި، އެތަންތަން އަތްދަށުލާފައިވާ ތާރީޚު މުރާޖިޢާ ކޮއްލިޔަސް ހެކިލިބޭނެއެވެ.
މިކަންކަން މިހެންހުރިއިރު، މެދުޒަމާނަށްއައި އިރުވެސް، ރޯމަންއެމްޕެޔަރ ވެއްޓުނުއިރުވެސް، ދީނާއި، މަޒްހަބާއި، ފަލްސަފާއާއި، ޠަރީޤާގެ ސަބަބުން، މީސްތަކުންވަނީ ތުންމަޅި އަޅުވައިފައެވެ. މިސާލަކަށް، އަނދިރި އަނދިރީގެ ވެރިކަމުގައި، ރާއްޖޭގެ ރައްޔިތުންގެ ކަރަށް ބަނގުރާއެޅުމުގެ ނޯޓިސްއެެއް ދީފާވެއެވެ. މުސްތަޢުމިރުން ނުވަތަ އެމްޕަރަރއިން، އަތްދަށުލާ ކޮންމެތަނެއްގައިވެސް، އެލީޑަރުންތަބާވާ ދީނަކަށް އުޅުމަށް މީސްތަކުންނަށް މަޖުބޫރު ކުރެއެވެ. އެކަމާ ދެކޮޅުހަދާ އެންމެން އަޅުންނަށް، ޖާރިޔާއިންނަށް ހަދައެވެ. ނުވަތަ ޤަތުލުކުރެއެވެ.
މިއުސޫލުތަކާ ޚިލާފަށް އިންސާނީ މިނިވަންކަން ހޯދުމަށް ފުރަތަމަ މަސައްކަތްކުރީ، ޔޫރަޕް މީހުންނެވެ. ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، އިގިރޭސިވިލާތުގައެވެ. އެތެރެވަރީގެ އިސްތިޢުމާރު ވިއްސިވިހާލި ކޮއްލެވުނު ދުވަސްވަރު، އިންޑިޔާގެ ގާނދީ ބުނެފައިވަނީ "ވަކިދީނަކާހެދި ޤައުމުގައި އުޅޭންދަތިވެއްޖެ ކޮންމެމީހަކު އިންޑިޔާއަށް އަންނާށެވެ. މިއީ ލާދީނީ (ވަކިދީނަކަށް މަޖުބޫރު ނުކުރާ) ޤައުމެކެވެ." ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީކަމަށް މަޝްހޫރުވެފައިވަނީ އިންޑިޔާއެވެ. އަޞްލު ޙަޤީޤީ ޑިމޮކްރަސީ ހިންގުމަށް މަޝްހޫރުވެފައިވަނީ ޔޫރަޕެވެ. ޚާއްޞަކޮށް ހުޅަގުޔޫރަޕެވެ. މިފަދަ ޤައުމުތަކުގައި، އިންސާނީ ފިޠުރީ މިނިވަންކަން ރައްޔިތުންނަށް ލިބިފައިވެއެވެ. ވަކިދީނަކަށް ވަކިމަޒްހަބަކަށް ވަކި ޠަރީޤާއަކަށް އުޅުމެއް މަޖުބޫރެއްނޫނެވެ. ވަކި ޤައުމެއްގެ، ވަކިކުލައެއްގެ، ވަކިބަހަކުން ވާހަކަދައްކާމީހަކާމެދު ވަކިގޮތެެއް ހެދުމެއްނޯވެއެވެ. އަމުދުން ފަންތީތަކާއި ޖިންސީ އިމްތިޔާޒެއް ނޯވެއެވެ. އެޔާއެކު، ޝިޓިޒެންޝިޕް މިނިވަންކަން އެންމެނަށްވެސް ލިބިދީފައިވެއެވެ. ޢަދުލު އިންޞާފު ޤާއިމްކުރުމުގައި އިންސާނީ ހަމަހަމަކަމަށް އިސްކަންދީފައިވެއެވެ. ދުނިޔޭގައި މިހާރު ސިޔާސީގޮތުން ހަމަޖެހިފައިވާ ޞުލްޙަވެރި ޤައުމުތަކަކީ، މިއުސޫލުތަކަށް ތަބާވާޤައުމުތަކެވެ. ބައިނަލްއަޤްވާމީ ޑިމޮކްރަސީ ހިންގޭ ޤައުމުތަކެވެ.
ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް، އެއްވެސް ޤައުމެއް ތަބަޢަ ކުރުވުމަކަށް ބަޔަކުމީހުން މަސައްކަތެއް ނުކުރެއެވެ. އދ.ގެ ޤަރާރުތަކާއި ޗާޓަރަށް ބޯލެނބުމަކީ އެބަޔަކު އަމިއްލަ އިޚްތިޔާރުގައި ކުރުންއޮތްކަމެކެވެ. ބައިނަލްއަޤްވާމީ އުސޫލުތައް ގަބޫލުނުކޮށް، އެކަހެރިވެގެންވެސް ތިބެވިދާނެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގައި، އިސްލާމީއުސޫލުތައް ހިންގުމުގެ ނަމުގައި، ބައިނަލްއަޤްވާމީ ހަމަތަކާއި، އިންސާނީ މިނިވަންކަމާ ދުރުގައި، އަމިއްލަ އުސޫލުތަކެއް ހިންގިދާނެއެވެ. އެކަމާ ބަޔަކުމީހުން ނުބެހޭނެއެވެ. އދ. އައިސް، ޤާނޫނުއަސާސީއެއް ހަދާފައި، މިޔާއެއްގޮތަށް ނުހިންގައިފިނަމަ، ބަޑިޖަހާ މަރާނަމެކޭ ނުބުނާނެއެވެ. އެކަމަކު ބައިނަލްއަޤްވާމީ ހަމަތަކާ އުސޫލުތައް ގަބޫލު ނުކުރަންޏަކާ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީއެއް ޤައުމަކަށް ނުލިބޭނެއެވެ. އެފަދަ އެއްޤައުމަކީ ބަރުމާއެވެ. އަނެއްޤައުމަކީ އިޒްރޭލެވެ. އެފަދަ ޤައުމުތައް އެއޮންނަނީ މުޅިދުނިޔޭން އެކަހެރިވެފައެވެ. އެކަމަކު، ބަރުމާއަކީ، އަމިއްލަ އުފެއްދުންތެރިކަމެއް އޮވެފައި، ރަޝިޔާއާއި ޗައިނާގެ ގޮނޑިކޮއްކޮއަކަށްވީމާ، އެމީހުން އެފަޤީރު ކަމުގައިވެސް އަދި އެބަތިބެވެއެވެ. އެމެރިކާއިން ކާންބޯން ނުދޭނަމަ، އިޒްރޭލެއް ނޯތީހެވެ. ޢިރާޤާއި، ލީބިޔާއަށް، ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ދުވަސްވަރު އެތަންތާގެ ކުޑަކުދިން މަރުވަމުންދިޔަ ރޭޓް، ޑަބްލިޔުއެޗްއޯ އަށްވެސް ރެކޯޑްކުރެވިފައެއްނުވެއެވެ. މިހާރުވެސް، އުތުރުކޮރެޔާ، ކިއުބާފަދަ ތަންތަންއެއޮތީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ. މިބަޔާންކުރި ޤައުމުތަކަކީ، މެޓީރިއަލްސް ހުރި، އުފެއްދުންތެރި، ޤުދުރަތީ ވަސީލަތް ތަނަވަސް، ބިންވެސްއޮތް ޤައުމުތަކެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ދުނިޔެއާ ވަކިވުމުން، އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓަށް އެވަނީ ވެއްޓިފައެވެ. އަފްޣާނިސްތާނާއި ޕާކިސްތާނަށް މިއަަދު ކުރިމަތިވެފައިއެވާ ޙާލަތު އެއީ، އެމީހުން ބައިނަލްއަޤްވާމީ ދުނިޔެއާ ވަކިވުމުގެ ސަބަބުން، ކުރިމަތިވެފައިވާ ކަންކަމެވެ. އެތަންތާގެ މެޖޯރިޓީގެ ފިކުރު ހަނިވުމުގެ ސަބަބުން، ސިޔާސީ މައްސަލަތައް އުފެދިއައީއެވެ.
މިއަދު ދުނިޔޭގެ ޤައުމަކަށް ސަލާމަތުން ދިރިދެމިއޮވެވޭނީ، އެޤައުމެއްގައި، ބައިނަލްއަޤްވާމީ އުޞޫލުތައް ތަޢާރަފު ކުރެވިގެންނެވެ. ހަމައެކަނި، ތިމާމެން ތަބާވާދީނާއި، މަޒްހަބާއި، ޠަރީޤާއާއި، ސަޤާފަތުގެ ހަނި ފިކުރުގައި، ނުވަތަ ތިމާމެންގެ އަވައްޓެރި ޤައުމުތަކާޖަދަލު ކުރުމުގެ ޢަސްކަރީ ވާދަވެރިކަމުގައި، ނުވަތަ ޑިމޮކްރަސީގެ މިނިވަން އުސޫލުތަޢާރުފު ވިޔަނުދީ މިލިޓަރީ ވެރިކަމުގެ ޚުދުމުޚުތާރިއްޔާގައި ބައިނަލްއަޤްވާމީ ދުނިޔެއާ ވަކިންތިބެގެނެއް އެއްވެސް ޤައުމަކަށް މިއަދަކު އަމާންކަމެއް، އަދި ތަނަވަސްކަމެއްވެސް ނެތެވެ. ދިވެހިރާއްޖެ ކަހަލަ ވަކިވަކި ފުށިރައްތަކެއް ކަނޑުގެ ސަޠަޙާ އެއްވަރަށް ތިރީގައިހުރި، އުފެއްދުންތެރިކަމެއްނެތް ޤައުމަކަށް އަމުދުން ކެތެއްނުކުރެވޭނެއެވެ. ރާއްޖޭގެ އިޤްތިޞާދަކީ، މަސްވެރިކަމާއި ޓޫރިޒަމެވެ. ދެންބޭރުގެ އެހީއެވެ.
ބޭރުގެ އެހީލިބޭނީ، ބައިނަލްއަޤްވާމީ ހަމަތަކަށްތަބާވެ، އދ.ގެ އިންސާނީ ޙައްޤުތަކާއި، މިނިވަންކަމާއި، ހަމަހަމަކަމުގެ ޤަރާރުތަކާއި، ޗާޓަރަށް ބޯލަނބާނަމައެވެ. އަފްޣާނިސްތާނާއި، ކިއުބާއާއި، އުތުރުކޮރެޔާ މިސާލަކަށް ނަގައިގެން ބޭރުގެ އެހީއެއް ނުލިބޭނެއެވެ. ޕާކިސްތާނާއި، ސަޢޫދީ އެރެބިޔާއަކީ، ވަސީލަތްތައްހުރި މުއްސަނދި ދެޤައުމަކަށްވާއިރު އެދެޤައުމާ، ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިފައިވާ ބޮޑެތިސިއްރު ގުޅުންތަކެއްހުރިއިރު، އެދެޤައުމާ އެއްގިންތީގައި އުޅެވިދާނެއޭ ހިތައިގެން ފަރަކު ނުޖެހޭނެއެވެ. މިހާރު މިރާއްޖެ މިދެކޭ ތަރައްޤީއަކީ ޓޫރިޒަމްގެ ފައިދާއެވެ.
ދިވެހިރާއްޖޭގައި ޓޫރިޒަމް ޢާއްމުނުވެ، ހަމައެކަނި މަސްވެރިކަން ކޮށްގެން އުޅުނުއިރު ޙާލަތުއޮތްގޮތް ދުއްމީހުން މިހާރު އަދިވެސް އެބަތިއްބެވެ. މިހާރުވެސް، މިފްކޯއެއޮތީ މަހެއްނުލިބިގެން ދަރާފައެވެ. ފެލިވަރާއި، ކޫއްޑޫ އެއޮތީ ހުއްސަރިބަޔަށެވެ. މަސްގަންނަ އަމިއްލަ ދެކުންފުނި އެއޮތީ އުވޭ ހިސާބުގައެވެ. ޓޫރިޒަމްނެތި ހަމައެކަނި މަސްވެރިކަމަށް ބަރޯސާވެގެން ދިވެހިރާއްޖެއަކަށް ދިރިއެއް ނޯވެވޭނެއެވެ. ނަވާރަސަތޭކަ އައްޑިހައިގެ އަހަރުތައް ނިމުނުއިރުވެސް، ރާއްޖެއޮތީ ވަރަށް ދަތިޙާލުގައެވެ. އޭގެފަހުން ކިރިޔާވެސް ކޮޅަށް މިތެދުވެނީ، ޓޫރިޒަމްގެ ބާރުގައެވެ.
ޓޫރިޒަމާއި މަސްވެރިކަންއޮތަސް ބޭރުގެ އެހީޔާ ނުލައި (އުޅެވޭ އެއްވެސް ޤައުމެއްނެތްއިރު) ދިވެހިރާއްޖެއަކަށް އެއްފިޔަވަޅުވެސް ކުރިޔަކަށް ނޭޅޭނެއެވެ. މިއަދު ދިވެހިރާއްޖޭގެ ޑިމޮކްރަސީއާ ގުޅިގެން މިމައްސަލަތައް މިވަނީ ކުރިމަތިވެފައެވެ. ބައިނަލްއަޤްވާމީ މިނިވަންކަން ރާއްޖެއަށް ގެންނާނީތޯ ނޫނީ، އެކަހެރި ވެގެންތިބޭނީތޯ ބަލައި ގޮތެއް ކަނޑައެޅުމުގެ ވަގުތު މިހާރު މިއޮތީ އައިސްފައެވެ. ދަންނަބޭކަލުންވެސް، ރައްޔިތުން މަޖިލިސްވެސް، އިދިކޮޅުޕާޓީވެސް، މިކަމާމެދު ވިސްނުން ލާޒިމެވެ.
ރައްޔިތުންގެ ސަޕޯޓް ހޯދުމަށްޓަކައި ނުވަތަ، ތިމާގެ ޢިލްމުވެރިކަމުގެ އުސްކަން ދައްކާލުމަށްޓަކައި، ޤައުމާއި ޤައުމުގެ ޙާލަތާއި މުސްތަޤްބަލަށް ނުވިސްނައި، ބަނގުރަލޭ، އޫރުމަހޭ، ފައްޅިއޭ، ޤިޞާޞްހިފުމޭ، އިޒްރޭލޭ ކިޔައިގެން ތާކުންތާކުނުޖެހޭ އަނގަތެޅުމަކީ، ދުވަހަކުވެސް މަޢާފު ނުލިބޭނެ ޤައުމީ ކުށެއްކަން ހަނދާން ކުރަންޖެހޭނެއެވެ. ރާއްޖެ ބަނޑަށްޖެހޭއިރު، ތިމާވެސް ބަނޑަށް ޖެހޭނެއެވެ. އެދުވަހުން ސިޔާސީޕާޓީ ހިންގާނީ މެލޭޝިއާއާއި އަފްޣާނިސްތާންގައި ހެއްޔެވެ.
Posted on 2009-11-23 19:05:03 |
Report this Comment
Posted on 2009-11-23 20:02:09 |
Report this Comment
Posted on 2009-11-24 02:25:40 |
Report this Comment
Posted on 2009-11-24 06:03:56 |
Report this Comment