
އާބާދީގައި ގާތްގަނޑަކަށް 11000 މީހުން ދިރިއުޅޭ މާސިންގާ ކަނޑެއްގެ މެދުގައި އެކަހެރިކޮށް އޮންނަ ފުވައްމުލަކަކީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ދިމާވެފައިވާ ރަށެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިންވެސް ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ އެއް ރަށަކީ ފުވައްމުލަކެވެ. ބޮޑެތި ބިޔަ ރާޅުތަކުގެ މުޅި ރަށްވަށައިގެން ނަގަމުންދާ ނާޒުކު ތިމާވެއްޓެއް އޮންނަ ރަށުގެ ހިމާޔަތަކަށްވެފައި އޮންނަނީ ރަށުގެ ހޭޅިފަށެވެ. ރަށުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަނީ ރަށުގެ ގޮނޑުދޮށް ގިރައިގެންގޮސް އެއްގަމު ފަރާތުން ބޮޑެތި ތަންތަންގަނޑު ރުއްގަހާއެކު ކަނޑައިގެން ވެއްޓެމުންދާތަނެވެ.
ދެން އުފެދޭ ސުވާލަކީ ރަށް ގިރުމުގެ މައްސަލަ މިހާ ބޮޑަށް ދިމާވާންވީ ކޮންސަބަބަކާ ހުރެތޯއެވެ. މީގައިވެސް ވަރަށް ބައިވަރު ސަބަބުތެކެއްވެއެވެ. ފުރަތަމަ ރަށް އުފެދިފައިވާ ގޮތުންވެސް ފުވައްމުލަކަކީ ވަރަށް ނާޒުކު ތިމާވެއްޓެއް އޮންނަ ރަށެކެވެ. ރަށް ހިމާޔަތްކުރާނެ ފަޅެއް ނެތި ވަށައިގެން ބިޔަ ރާޅުތަކެއް ރަށުގެ އެކި ދިމަދިމާލަށް އެއްވެސް ހިފެހެއްޓުމެއްނެތި އަރަމުންދާއިރު މި ރާޅުތަކުގެ ހިމާޔަތްކުރަން މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނެތެވެ. އަޅުގަނޑުމެން ކުޑައިރު ފުވައްމުލަކަކީ ވަރަށް ބޮޑު ދޮންވެލިގަނޑެއް އޮތްރަށެކެވެ. ރަށުގެ އެކި ދިމަދިމާލުން އިމާރާތްކުރުމުގެ ބޭނުމުގައާއި އެނޫން ބޭނުންތަކުގައި ވެއްޔާއި އަކިރި ނެގުމުގެ ނަތީޖާއަކަށްވީ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިއުމެވެ. ފުވައްމުލަކު ދުވަސްވީ މީހުން ބުނާގޮތުގައި ބަނދަރު ހެދުމުންވެސް ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔައެވެ. ބަނދަރު ހެދުމުން އެހިސާބުގެ އޮއެވަރު ބަދަލުވެ ކުރިން އެ ހިސާބުގައި ދެމެމުން އައި ވެލިގަނޑު ހުއްޓުނީއެވެ.
1990 ގެ އަހަރުތަކުގައި ފުވައްމުލަކަށް އަރާފޭބުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ރަސްގެފަންނު ނެރުން ބޮޑު ބައެއް ވަނީ ކޮނެ ފުންކޮށްފައެވެ. މީގެ ނަތީޖާއަކަށްވީ އެތަނުގެ ގުދުރަތީ ވެއްޓަށް ބަދަލުތަކެއް އައިސް އެހިސާބުގެ ތަބީއީ ތިމާވެށި ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިއުމެވެ. އެދިމާއިން ރަށުގެ ފަސްގަނޑު ހަލުއި ބާރުމިނެއްގައި ގިރަންފަށައި ރަށުގެ ފަސްގަނޑުން ބައެއް މާސިންގާ ކަނޑުތެރެއަށް ވެއްޓިގެން ދިޔައެވެ. މިކަން ހައްލުކުރުމަށް ރައްޔިތުން ނިކުމެ މަސައްކަތެއްކުރިނަމަވެސް އެއީ ދާއިމީ ހައްލަކަށްނުވިއެވެ
2006 ވަނައަހަރާއި 2007 ވަނައަހަރު ތެރޭގައި ކުރެވުނު ސާރވޭތަކުން ދައްކާގޮތުގައި ރަށުން ގާތްގަނޑަކަށް 1900 މީޓަރުގެ ދިގު ސަރަޙައްދެއް އިރުމަތީފަރާތުންވަނީ ގިރައިގެން ގޮސްފައެވެ. މިސާރވޭތަކުން ދައްކަނީ ރަށްގިރަނީ ރަށުގެ ތަބީއީ ތިމާވެއްޓާއި ފަރަށް ލިބެމުންދާ ގެއްލުމާއި އެތަންތަނަށް އަންނަމުންދާ ބަދަލާއި އަދި ޖައްވު ހޫނުވުމުން ދިއުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ކަނޑުގެ މެދުގައި ވަކިން އޮންނަ ރަށަކަށްވެފައި ރަށުގެ ހިމާޔަރަށް ފަރެއް ލިބިފައި ނެތުމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުވައްމުލައް ކަހަލަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރަށަކަށް ވަކިން މިމައްސަލަ ބޮޑުވާނެކަމަށް މިދިރާސާތަކުން ދައްކައެވެ
ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އަމަލީ ގޮތުން މަސައްކަތްތަކެއި ކުރެވިފައި ނެތްނަމަވެސް ފުވައްމުލަކު އޮފީހާއި، ފުވައްމުލަކު އަތޮޅު އޮފީހާއި ސަރުކާރާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދިޔައެވެ. މީގެ އިތުރުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ތަމްސީލުކުރައްވާ ދެމެންބަރުންވެސް ވަނީ މިކަމަށް ޙައްލު ހޯދުމަށް ތަފާތު މަސައްކަތްތަކެއްކޮށްފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފުވައްމުލަކަށް ތިމާވެއްޓާބެހޭ މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން ރަށްގިރަމުންދާ ސަރަހައްދު ބައްލަވައި މިކަން ހައްލު ކުރުމަށް މަސައްކަތްކޮށް ދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ. އެގޮތުން 2006 ވަނައަހަރު ރަށް ވަށައިގެން ބޮޑު ހިލަޖަހައިގެން ތޮށްޓެއްލާ ގޮތަށް ހަމަޖެއްސިއެވެ
ނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ޖެހޭކަމަކީ މިއަދާ ހަމައަށްވެސް މިކަމުގެ އަމަލީ މަސައްކަތްކުރެވިފައި ނެތުމެވެ. ނަމަވެސް މިތޮށިލުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިންކުރުމުގެ މަސައްކަތަށް ބޭނުންވާ ދިރާސާތަކެއް ކުންފުންޏަކާ ހަވާލުކޮށްގެން ވަނީ ކޮށްފައެވެ. ނިމިދިޔަ ސަރުކާރުންވަނީ މި ތޮށިލުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނާފައެވެ. ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް އެއިގެ އަސަރު ފޯރާފައިވާތީ ހަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ ބޮޑެތި މަޝްރޫއުތައް އުނިކުރެއްވިއިރު ފުވައްމުލަކުގެ ތޮށިލުމުގެ މަޝްރޫއުވެސް ވަނީ އުނިކޮށްފައެވެ
ރާއްޖޭގެ ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްރަށުގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަކީ ފަސޭހަކަމެއް ކަމުގައިވީނަމަވެސް ފުވައްމުލައް އެއާ މުޅިން ތަފާތެވެ. ރައްޔިތުން ނިކުމެ އެއް ރޫހެއްގައި މަސައްކަތްކޮށް ހަފްތާއެއް ތެރޭގައި މަސައްކަތް ނިންމާލިކަމުގެ ވިޔަސް މިރަށުގެ މިކަންކުރުމަކީ އަދި އެހާ ފަސޭހަކަމެއްނޫނެވެ. ސަބަބަކީ ފުވައްމުލަކަކީ ބޮޑު ބިޔަ ރަށަކަށްވެފައި މިކަމަށް ހިނގާނެ ހަރަދު ބޮޑުވުމެވެ. ފުވައްމުލަކުގެ ގިރާ ސަރަޙައްދު ވަގުތީގޮތުން ހިމާޔަތްކުރުމަށް މަދުވެގެން 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެކަމަށް ލަފާކުރެވޭކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އެހެންވުމުން ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގައުމީ ފެންވަރުގައި ސަރުކާރާއި ރައްޔިތުން ގުޅިގެންނޫނީ މިމަސައްކަތްކުރެވިގެންނޫނީ މިކަމަށް އެދެވޭ ހައްލެއް ނާންނާނެއެވެ. މިކަން ފުވައްމުލަކުގައި ހަދާފައި އެއޮތް ބަނދަރުންވެސް ފެންނަން އެއޮތީއެވެ. ފުވައްމުލަކު ރައްޔިތުންގެ އުއްމީދަކީ މިފަހަރު މަޖިލީހަށް ހޮވުން ފުވައްމުލަކު ތިން މެންބަރުންވެސް މަޖިލީހުގެ ތެރެއިން ނަމަވެސް ސަރުކާރުގެ ދަންނަވައިގެން މިކަންތައް އަވަސް ހައްލެއް ގެނެސްދިނުމެވެ. އެބޭފުޅުން ކެމްޕެއިންތެރޭގައި ވެވަޑައިގަތް ވައުދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ
މިގޮތަށް ރަށްގިރައިގެންދާނަމަ އަދި މިކަމަށް އަވަސް ހައްލެއް ގެނެސް ނުދެވޭނަމަ މިރަށުގެ ކުރިމަގާމެދު ރަށުގެ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. ދުނިޔޭގެ ބައެއް ޖަޒީރާތައް ނެތިގެން ދިޔަގޮތަށް މިރަށް ނެތިގެންދާކަށް ބޭނުންވާނެ އެއްވެސް ރައްޔިތެއް ފުވައްމުލަކުގައި ނުހުންނާނެއެވެ. ރަށުގެ ބޮޑުބައެއް ނުގެއްލެނީސް ރަށްވަށައިގެން ތޮއްޓެއްލެވި އެ ތޮށީގެ ހިމާޔަތުގައި މިރަށުގެ ރައްޔިތުން ދިރިއުޅެވޭނެ ދުވަހަކަށް އިންތިޒާރުކުރާ އެތައް ރައްޔިތެއް އެބަތިއްބެވެ. ފުވައްމުލަކު ރައްޔިތުންގެ އުއްމީދަކީ ދިވެހި ސަރުކާރުންވެސް މިއީ ކުއްލި މައްސަލައެއްގެ ގޮތުގައި ނަގައި މިރަށް ހިމާޔަތްކުރެވެން އޮތް ކޮންމެ މަސައްކަތެއް ވީހާވެސް އަވަސް ފުރުސަތެއްގެ ތެރޭގައި ކޮށްދިނުމެވެ
ރަސްގިރުމުގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއް ވެގެންދާނަމަ އަހަރެމެން ފުވައްމުލަކު ރައްޔިތުންވާނީ މިރާއްޖޭގައި އެންމެ ފުރަތަމަވާ ތިމާވެށީގެ ރެފިއުޖީންނަށްކަން ޔަގީނެވެ. މިއީ މިއަދު އަހަރެމެންގެ ކުޑަ ބޮޑު އެއްވެސް ރައްޔިތަކު ދެކެން ބޭނުންވާނެ ދުވަހެއްނޫނެވެ