
•މަޖިލީހުގެ ތަޅަމުގައި ޑީއާރްޕީ ބޭޒާރުކޮއްލީ އައްޑުއަތޮޅުގެ އެއްމެމްބަރ އަލްޙާން ފަހްމީ!
• ޑރ. ހަސަނަށް ރަނިންމޭޓްގެއްލި މަޖިލިސް ދެމެމްބަރުންގެއްލި، ކޮށިދަނޑުގެއްލެނީ !
• ޚާރިޖީ ވަޒީރު ވައްޓާލެވުނުނަމަ، ސަރުކާރު ވައްޓާލުމުގެ އަގުޅި ނެއްޓުނީސް!
ރައްޔިތުންގެ ޑިމޮކްރަސީއާއި ޕާޓީސިސްޓަމަކީ، މީހަކު ނުވަތަ ބަޔަކު ބޭނުންހާ ގޮތެއްހެދޭ، ހިތަށްއެރިހާ ކަމެއްކުރެވޭ ވެރިކަމެއްނޫނެވެ. ޑިމޮކްރަސީއާއި ޕާޓީ ސިސްޓަމުގެ ސިޔާސީ ޙަޔާތުގައި ކާމިޔާބީއާއި ނާކާމިޔާބީ އެކުލެވިގެންވެއެވެ. ހައްތާ އަބަދު އޮގަރުކަނޑިން ކާމިޔާބު ހޯދަނީ، ޑިކްޓޭޓަރޝިޕްގައެވެ. އިސްލާމީ ދައުލަތް މަދީނާގައި އުފެދުނުތަނާ ކުރެވުނު ބަދުރުހަނގުރާމައިން މުސްލިމުންނަށް ލިބުނު ކާމިޔާބީއާއި، އޭގެފަހުން އުޙުދު ހަނގުރާމާގައި ލިބުނު ނާކާމިޔާބީއަކީ، ޑިމޮކްރަސީގެ ސިޔާސަތުގެ ރިވެތި މިސާލެކެވެ. ޚާރިޖީ ވަޒީރުގެ މައްޗަށް އިތުބާރު ނެތްކަމަށް ޑީއާރޕި ކޯލީޝަނުން ހުށަހެޅި މައްސަލަ ފާސްނުވެދިއުމަކީ، އާދަޔާ ޚިލާފުކަމެއްނޫނެވެ. ސިޔާސީގޮތުން ހިތްވަރުއެލުވަންޖެހޭ ކަމެއްވެސް ނޫނެވެ.
އިންޑިޔާގެ އިދިކޮޅު ޕާޓީ ބީޖޭޕީއިން، ކޮންގްރެސް ސަރުކާރުގެ އިތުބާރު ނެތްކަމަށްބުނެ ހުށަހެޅިމައްސަލާގައި 22 ޖުލައި 2008 ދުވަހު ޕާލަމެންޓްގައި ނެގިވޯޓުން، ބީޖޭޕީދިޔައީ ބަލިވެގެންނެވެ. މިމައްސަލާގައި ބީޖޭޕީ ތުހުމަތުކުރިގޮތުގައި، ދުނިޔޭގެ 5 ވަނަ މަހުޖަން، އިންޑިޔާގެ ބިލިއަނަރ މުކޭޝް އަންބާރީގެ ޚަރަދުގައި، ސަރުކާރުން ވަކިފަރާތަކަށްނުޖެހޭ 6 މެމްބަރުންނާއި، ކުދި ޕާޓީތަކުގެ 17 މެމްބަރުންވަނީ ގަނެފައެވެ. އަދި ސީދާ ބީޖޭޕީ ކޯލީޝަނުގެ ޕާޓީތަކުގެ މެމްބަރުންވެސް ގަނެފައިވެއެވެ. ސަރުކާރު ކާމިޔާބުހޯދީ މިގޮތުން ރިޝްވަތުގެ ބާރުގައެވެ. ނަމަވެސް، ކޮންގްރެސް މިކަމާ ދެކޮޅުހަދައެވެ. މިފަދަ އެއްވެސް މައްސަލައެއް ސަރިޔަތަށް ސާބިތުކޮއްދެވިފައެއް ނުވެއެވެ. ކޮންމެގޮތެއްގައިނަމަވެސް، ސަރުކާރު ކާމިޔާބު ހޯދައިފިއެވެ. އެހެނޭކިޔާފައި، ޢާއްމު އިންތިޚާބުގައި ބީޖޭޕީ ކުޑަކޮށްވެސް ހިތްވަރު އެލުވައެއްނުލައެވެ. ޑިމޮކްރަސީގެ އުސޫލަކީމިއެވެ.
އެމެރިކާގެ ރައީސް ކުލިންޓަން، ވައިޓްހައުސްގެ ވަގުތީ މުއައްޒަފެއްކަމަށްވާ މޮނިކާ ލުއިސްކީ އާއެކު ރިޒޯޓެއްގައި ނާޗަރަންގީ ކުޅުނުމައްސަލަ، ކުލިންޓަންގެ ރައީސްކަމުގައި، އިދިކޮޅު ޕާޓީން ޕާލަމެންޓަށް ހުށަހެޅިއެވެ. އެމައްސަލާގައި ކުލިންޓަން ބެދޭކަމަށް ތަޙްޤީޤަށްވަނީ ސާބިތުވެފައެވެ. ނަމަވެސް، ރައީސް ކުލިންޓަން ސަރިއަތަށް ފޮނުވާކަށް ސެނެޓުން ފާހެއްނުވިއެވެ. އެއްމެވޯޓެއްގެ ތަފާތުން އިދިކޮޅުޕާޓީ ބަލިވީއެވެ.
ހަމަމިގޮތަށް، ވިއެޓްނާމު ހަނގުރާމައިގެ ދުވަސްވަރު، އެމެރިކާގެ އޭރުގެ ރައީސް ޖޯންސަންގެ އިތުބާރުނެތްކަމަށްވެސް ޕާލަމެންޓަށް ހުށަހެޅިއެވެ. ނަމަވެސް، ހަމައެންމެ ވޯޓެއްގެ ބާރުގައި ޖޯންސަން ކާމިޔާބު ހޯދިއެވެ.
އައްޑޫމައްސަލާގެ ދުވަސްވަރު، އޭރުގެ ބޮޑުވަޒީރު ފާމުލަދޭރި ކިލެގެފާނުގެ އިތުބާރުނެތްކަމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގައިވެސް، ވަޒީރުންގެ މަޖިލީހުގައިވެސް ވާހަކަދެކެވުނެވެ. އެއީ، އެއިން އެއްވެސް ފަރާތަކަށް ނޭނގި، އައްޑޫގަމާއި، ހިތަދޫމާމެންދޫން 110 އޭކަރުގެބިން، އިގިރޭސީންނަށް 100 އަހަރަށް ކުއްޔަށްދިނުމުގެ ޑުރާފްޓް އެގްރީމެންޓެއްގައި 15 ޑިސެމްބަރ 1956 ގައި ސިލޯނުގައި ހުންނަވައިގެން ކިލެގެފާނު އިނީޝިއަލް ކުރެއްވި މައްސަލާގައެވެ. ރަސްމީގޮތުން އެއެގްރީމެންޓްގައި ސޮއިކުރުމަށް މުލީއާގޭގައި ބޭއްވި ކެބިނެޓް ޖަލްސާގައި، ކިލެގެފާނާއި އިގިރޭސި ހައިކޮމިޝަނަރުގެ ޙާޒިރުގައި، ވަޒީރުންގެ އިއްތިފާޤުން އެއެގްރީމެންޓްވަނީ ބާކީކޮއްލެވިފައެވެ. ޖަލްސާގައި އޭރުގެ އައުޤާފު ވަޒީރު ޝައިޚު ރުޝްދީ ވިދާޅުވިކަމަށްވަނީ "ސީދީއޭ، މިއީ ސީދީގެ އަމިއްލަ ބިންގަނޑެއްނޫނެވެ." (ސީދީއަކީ ބޮޑުވަޒީރު ފާމުލަދޭރިކިލެގެފާނެވެ.) މައްސަލަ ވަކިވަރަކަށް ހޫނުވުމުން، ރަދުން މުޙައްމަދު ފަރީދުލްއައްވަލު، ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައި، އިސްތިޢުފާ ދެއްވުމަށް އެންގެވިއެވެ. އެއާއެކު، ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވީއެވެ.
ޚަބަރުތަކުން އެނގޭގޮތުގައި 2007 ވަނައަހަރުތެރޭ، އޭރުގެ އެޓާރނީ ޖެނެރަލް އާޒިމާ ޝަކޫރުގެ އިތުބާރެއް ނެތްކަމަށްބުނެ، އިދިކޮޅު ޕާޓީ އެމްޑީޕީން، މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިއެވެ. ނަމަވެސް، މަޖިލީސްގެ އޭރުގެ ރައީސް އަޙުމަދު ޒާހިރު (ސީނާ) ނިންމެވީ، އެކަށީގެންވާ ޤާނޫނީ ސަބަބެއް ހުށަހަޅާފައިނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމުގައެވެ. މިއިން އެނގެނީ، އެކަށީގެންވާ ޤާނޫނީ ސަބަބެއްނެތި، ހަމަ ހިތަށް އެރިހާގޮތަކަށް، އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިޔަސް ބަލައިނުގަނެވޭނެކަމެވެ. އަނެއްކޮޅުންބަލާއިރު، ވަޒީރުންނަށް މަނާކަންތައްތަކާއި، ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭގޮތާއި، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޒިންމާދާރުކުރެޭ ގޮތްތައް ޤާނޫނުއަސާސީގައި ކަނޑައަޅާފައި އެބަވެއެވެ. މަޖިލީހުގެ ގަވައިދުގައި، މަޖިލީހަށް މައްސަލަތައް ބަލައިގަނެވޭ ގޮތްތައްވެސް ބަޔާންވެފައިވެއެވެ. މިޔާޚިލާފަށް، މަޖިލީހުގެ ރައީސަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ.
ޤާނޫނުއަސާސީގެ 70 ވަނަމާއްދާގެ 3 ވަނަ ނަންބަރުގައިވަނީ "ވެރިކަން ހިންގުމުގެބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިގާގޮތް ބެލުމާއި، ވެރިކަން ހިންގުމުގެބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް އެޅުން" މިހެންނެވެ. މިއިން އެނގެނީ، ސަރުކާރު ޒިއްމާދާރުކުރުވާށޭ ކިޔައިގެން، ޤާނޫނާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމެވެ.
މިނިސްޓަރުންނަށް ޤާނޫނުއަސާސީ މަނާކުރާ ކަންކަން ބަޔާންކޮށް، ޤާނޫނުއަސާސީގެ 136 ވަނަމާއްދާގެ (ހ) ގައި ބުނަނީ ".........އަދި ދައުލަތާއި އެހެންއެއްވެސް ފަރާތަކާދެމެދު ކުރެވޭ މުޢާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެމެމްބަރެއްގެ މާލީ އެއްވެސް މަޞްލަޙަތެއް ބާއްވައިގެންނުވާނެއެވެ." މިހެންނެވެ. ކަނޑައެޅިގެން" މާލީއެއްވެސް މަޞްލަޙަތެއް" މިހެން އޮތުމުން އިތުރު ތަރުޖަމާއަކާނުލައި އެނގެނީ، އެއީ، ކޮރަޕްޝަން ކަމުގައެވެ. މިސާލަކަށް، ބޭރުދައުލަތަކާ ދެމެދު ކުރެވޭ އެގްރީމެންޓެއްގެ ސަބަބުން، ވަޒީރަކަށް ސީދާ ނުވަތަ ނުސީދާ ފައިދާއެއް، މާލީގޮތުން ލިބުމެވެ. ކޮންޓްރެކްޓެއް ނުވަތަ ބީލަމެއް ކާމިޔާބުވުންކަހަލަ ނުވަތަ ކުންފުންޏެއްގެ ޝެއަރވުން ކަހަލަކަމެއް އޮތުމެވެ. އިޒްރޭލާއެކު ދިވެހިސަރުކާރުން ނިއުޔޯކުގައި އެކުރި ސޮޔެއްކޮށްގެން ޚާރިޖީ ވަޒީރަށް ލިބުނު މާލީފައިދާއެއް، ޙާޞިލްލުވީ މާލީ މަޞްލަހަތެއް، ޢަލީ ވަޙީދަކަށް ދެއްކިފައެއް ނެތެވެ. މައްސަލަ ހުށަހަޅަމުން ޢަލީ ވަޙީދު ބުނެފައިވަނީ، އިޒުރޭލާއެކު ސިޔާސީގުޅުން ޤާއިމް ކުރުމުގައި، ޤައުމުގެ މަސްލަޙަތަށްވުރެ ޝަހީދު އިސްކަންދީފައިވަނީ، އޭނާގެ އަމިއްލަ މަޞްލަޙަތަށް ކަމަށާއި، އޭނާބެލީ އޭނާއަށް މިނިސްޓަރުކަމުގައި ހުރެވޭނެގޮތް ކަމުގައެވެ. އެކަމަކު، ޑރ.ޝަހީދު ޒާތީ އަދި މާލީ މަޞްލަޙަތު އިސްކޮށްގެން ހުރިކަމެއް ޢަލީ ވަޙީދު ބަޔާނެއްނުކުރެއެވެ. އަނެއްކޮޅުންބަލާއިރު އިޒްރޭލާއެކު ސިޔާސީގުޅުން ކިތަންމެވަރަކަށް ރާއްޖެ ޤާއިމްކުރިޔަސް، ޑރ.ޝަހީދު ޚާރިޖީވަޒީރުކަމުގައި ދެމިހުރުމަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ދިވެހިރާއްޖެއަކީ، އިޒްރޭލުގެ ކޮލޮނީއެއްނޫނެވެ.
ދިވެހިދައުލަތުން، ބޭރުގެ ޤައުމުތަކާއެކު ގުޅުން ހިންގުމުގައި ޤާނޫނުއަސާސީ ބާރުދެނީ، ރައީސުލްޖުމްހޫރިއްޔާއަށެވެ. ޤާނޫނުއަސާސީގެ 115 ވަނަމާއްދާގެ (މ) ގައިވާގޮތުން "ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެސިޔާސަތު ހިންގާނުހިނގާގޮތްބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުންޤާއިމްކޮށް ދެމެހެއްޓުން" އެއީ، ރައީސުލްޖުމްހޫރިއްޔާގެ ކަމެކެވެ. އިޒްރޭލާއެކު ރައްޓެހިކަން ދަމަހައްޓާނޭކަމަށް، އދ.ގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. ރައީސް އަންގަވައިގެން، ޚާރިޖީ ވަޒީރު އެއްޗެއްގައި ސޮއިކުރުމަކުން ޚާރިޖީވަޒީރު ޒިއްމާއުފުލާކަށް ނުޖެހެއެވެ. އަމުދުން، އިޒްރޭލާއެކު ސިޔާސީވިޔަސް ޑިޕްލޮމެޓިކްވިޔަސް ގުޅުމެއްހިންގާފައެއް ނުވެއެވެ. އިޒްރޭލްދޭ ލާރި ޙަރާމިއްޔާ އެމެރިކާއާއި ޔޫރަޕް ދޭލާރިވެސް ޙަރާމްވާނެއެވެ.
މިހެންމިކަންއޮތްއިރު ވަކިސިފަތަކެއްހުރި، ވަކިދީނަކަށްތަބާވާ، ވަކިސިޔާސަތެއް ގެންގުޅޭ ޤައުމުތަކާއެކު ގުޅުން ނުހިންގާކަށް، ޤާނޫނުއަސާސީއާއި ޤާނޫނު ބުނެފައެއްނުވެއެވެ. މުސްލިމުންނަށް އަނިޔާކޮށް، އދ.ގެ ޤަރާރުތަކަށް ބޯނުލަނބާ ޤައުމުތަކާއެކު ގުޅުން ހިންގުން މަނާކުރާ އެއްވެސް ޤާނޫނެއް ރާއްޖެއަކުނެތެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލިސް މަސައްކަތްކުުރަން ޤާނޫނުއަސާސީ އަންގަނީ، ޤާނޫނީ ޙުދޫދުގެ ތެރޭގައެވެ. ޖަދަލީ ޙުދޫދުގެ ތެރެއަކު ނޫނެވެ.
ޚާރިޖީވަޒީރުގެ އިތުބާރުނެތްކަމަށް ހުށަހަޅާ ވަކާލާތުކުރާއިރު، ޑީއާރްޕީން އަބަދުވެސް ތަޅަމުގައި ދައްކަނީ، އިޒްރޭލުން ފަލަސްޠީނަށް ޙަމަލާދޭ ވާހަކަޔާ، އިޒްރޭލު އދ.ގެ ޤަރާރުތަކަށް ބޯނުލަނބާ ވާހަކައެވެ. މިފަދަ ޤައުމަކާއެކު، ދިވެހި ދައުލަތް ގުޅުން ހިންގީމާ ޝަހީދުގެ އިތުބާރުވެއްޓި ފައިން އެރުނުވާހަކައެވެ. މިއީ، މިމައްސަލާގައި ޤާނޫނީގޮތުން އެއްވެސް ބުރަދަނެއްހުރި ވާހަކައެއްނޫނެވެ. ހަމަ ސޭކު ހުސް އަނގައެވެ. ހަމަސީދާ ޖެއްސުންކުރުމެވެ.
އިޒްރޭލާއެކުގުޅުން ނުބާއްވަންޏާ، އެމެރިކާއާއި ޔޫރަޕާއެކު ދިވެހިރާއްޖޭން ބާއްވާގުޅުން އަވަހަށް ކަނޑާންލަންވީއެވެ. މުސްލިމުންނަށް އަނިޔާކޮށް، ޤާނޫނަށް ބޯނުލަނބާ ބަޔަކާ ގުޅުން ކަނޑަންޏާ، މައުމޫނާއި ޑީއާރްޕީއާއެކު ދިވެހިން ބާއްވާ ގުޅުން އަވަހަށް ކަނޑާލަންވީއެވެ.