
ވަރަށް ގިނައިން އަޅުގަނޑުމެން އެކަކު އަނެކަކަށް ނުވަތަ އެކި އެކި ޖަލްސާ ހަފްލާ ނުވަތަ އާއްމުންނާ މުޙާތަބުކޮށްވެސް ބުނަމުއެވެ. އަދި އޭގެ އެތައް ގުނައެއް ގިނައިން އެވާހަކަ އަޑުވެސް އަހަމެވެ. އެހެންނަމަވެސް އެބުނާ އެއްޗެއް ދޭހަވާލެއް ވަރަށްވެސް ކުޑައެވެ. ކޮންވާހަކައެއް ތޯއެވެ.
ކޮންމެ އަކަސް އަޅުގަނޑުގެ ގަލަމުގެ އަމާޒު ހިތުގެ ގަސްތާއި އެއްގޮތަށް ދާނަމަ މި ލިޔަމުން ދަނީ މިއަދު އަޅުގަނޑު އަބަދުވެސް "ހިމާޔަތޭ" ކިޔާ ގޮވަމުން ދާ އެ މުދަލެއްގެ ވާރިސުންގެ ގޮތުގައި ހަމަ މި ދިވެހި ބިމަށް އުފަން ދިވެހިލޭ ހިގާ ކޮންމެ ދަރިއެއް ހިމެނޭ މުދަލުގެ ވާހަކައެވެ. ދިވެހި މާދަރީކަމުގެ ވާހަކައެވެ. ބަޔަކުން ތިމަންނަމެންގެ ހަށިގަނޑުގައި ހިގަނީ އިނގިރޭސި ލެޔޭ ބުންޏަސް އެކަން ޚުދު އެބުނިމީހާވެސް ޤަބޫލެއް ނުކުރެއެވެ.
ކާބަފައިންގެ ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ހެނެއް އަޅުގަނޑަކަށް ނުފެނެއެވެ. ސަބަބަކީ ކާބަފައިންގެ ދައުރުގައި އެބައިމީހުންގެ ދިރިއުޅުމުގެ ކޮންމެ މަސައްކަތެއްގައި މި އަގުހުރި ދިވެހި ތަރިކަތަށް ހިމާޔަތްކުރުމުގެ ވައްޓަފާޅިތަށް ހިމެނެއެވެ. އެމީހުންނަކީ ތިިމަންނަމެންގެ ކިބައިން "މާދަރީކަން" ކެނޑުމުން ނުވަތަ އެކަން ފޭރިގަތުމުން ލިބުނު ނިކަމެތިކަމާއި ހިތްދަތިކަން ތަޙައްމަލް ކޮށްފައިވާ ބައެކެވެ. އެހެންކަމުން އެކަންތައްތައް ތަކުގެ ރަހަ ދެކެފައިތިބިބަޔަކަށް ތިމާމެންގެ އަމިއްލަ ވަންތަކަން ދެމެހެއްޓުމުގެ މުހިއްމުކަން އިޙްސާސްވާނެއެވެ. މި ސަބަބު ތަކަށްޓަކައި އެމީހުންގެ ހިތުގައި ދިވެހި މަދަރީކަމަށް އޮތީ އިޙްލާސްތެރި ލޯތްބެކެވެ. އެނބުރި އެތަރިކަ ތަކާއި އަލްވަދާޢު ކިޔާފައިދިޔައީ އެ ދެމެހެއްޓުމަށް ރޮއި އާދޭސްކުރަމުންނެވެ. ލޯބޯ ކޮށިވެގެން އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށް އެކަން ޖެހިގެން އައި ޖީލުތަކަށް ފެންނާނެ ކަމުގެ ޔަޤީންކަމާއި އެއްކޮންނެވެ.
އައި ޖީލުތަކުގެ ޚަބަރަކީ ކޮބާތޯއެވެ. އަޅުގަނޑުމެންނޭތޯ؟ އަޅުުގަނޑުމެންނަކީ ސްކޫލް ދައުރުގައި ޓެސްޓްތަކަކުން ފާސްވުމަށް ދިޔަބަޔެކެވެ. ހަމަ އެއާއި އެކު އަޅުގަނޑުމެންގެ ޓީޗަރުންނަކީ ފޮތުގައި އޮތް އެއްޗެއް ކިޔަވައިދޭ ބަޔެކެވެ. މިހެންކަމުން އަޅުގަނޑު މިދަންނަވާ " މާދަރީ " އޭ ބުނާ ބަސް ނުވަތަ އެބަހާއި ގުޅޭ ލިޔުމުގެ ލަފްޒުތަށް ހިތަށް ވަނީ ކިތަންމެ ވަރަކަށްވެސް ވަދެ ބިންވަޅު ނެގިފައެވެ. އެހެންނަމަވެސް އޭގެ މަޢުނަވީކަން ދެނެގަނެވިފައެއް ނުވެއެވެ.
މިއަދުގެ މި މުޖުތަމަޢުއަށް ކަޅިއަޅާލާ އެކަކުވެސް ދެން މި މުޖުތަމަޢުއަށް މާދަރީ ކުލައެއް އަރާނެއެކޭ ނުބުނާނެކަން ޔަގީނެވެ. އެއަށްވުރެ ޒަމާނީ ކުލަތަކާއި ކުރިއަރާފައިވާ މުޖުތަމަޢުތަކުގެ ވައްޓަފާޅިތަށް މިވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަކި ހިއްޕާލާފައެވެ. އަޅުގަނޑުމެންގެ ފިކުރުތަށް މިވަނީ އެހެން ބައެއްގެ ފިކުރުތަކާއި ގުޅިފައެވެ. ބޮލުގެ ކޮޅުންފެށިގެން ފައިގެ ބޮޑުވާ އިނގިލީގެ ކޮޅާއި ހަމަޔަށެވެ. ކުރާ ކަންތައްތަކާއި ދައްކާ ވާހަކައިން ފެށިގެން ގޮސް ސިކުނޑީގެ އެންމެ ފުޅުން ވިސްނާ ވިސްނުމާއި ހަމަޔަށް ބެލި ނަމަވެސް ފެންނާނީ މާދަރީ ކަމުގެ ކަންފުޅެއްވެސް ނެތްކަމެވެ.
މިސާލަކަށް ދިވެހިންގެ ހެދުމަށް ބަލާލަމާތޯއެވެ. ކާބަފައިންގެ ޒަމާނުގައި އެއީ ވަރަށް ބޮޑަށް ބެލެވިގެން ވަކި ގޮތަކަށް ހުރީމަ ނޫނީ ނުލެވޭ ދުވަސް ވަރެއްވެސް އައި ހެދުމެކެވެ. އޭގައި އަމިއްލަ ވަންތަކަން ދައްކުވައި ދިނުމާއި އެކު އަމިއްލަ އުފެއްދުންތެރިކަން އެކުލެވިގެން ވިއެވެ. އޭރު ބޭރު މުޖުތަމައުގެ ބައެއް ހެދުންތައް ފެންނަނީ ބާއްވާ ހަފްލާއެއްގެ ތަމްސީލަކުން ނުވަތަ އެނޫންވެސް މިފަދަ ދައްކާލުމަކުންނެވެ. އެހެންނަމަވެސް މިއަދު މިކަން މިއޮތީ އެކޮޅު ކޮޅުންނެވެ. އަޅުގަނޑުމެންގެ އުފެއްދުން ތަރައްޤީކޮށް ބައްޓަންކުރުމުގެ ބަދަލުގައި އެނަގާ އެއްލާލުމަށްފަހު އަޅުގަނޑުމެން ނަގައިގެން މިއުޅެނީ އެހެން ބައެއްގެ އުފެއްދުންތަކެވެ. ހަމަޔަޤީނުން އެމީހުންވެސް އަޅުގަނޑުމެން އެ އުފެއްދުންތައް ބޭނުންކުރުމަށް ހިތްހަމައެއް ނުޖެހޭނެއެވެ. ސަބަބަކީ އަމިއްލަ އުފެއްދުމަށް ނުކުރި އިޙްތިރާމެއް އެއަށްވެސް ނުކުރާނެކަން އެގޭތީއެވެ. މިއަދު އަޅުގަނޑުމެންނަށް ދިވެހިންގެ އުފެއްދުންތެރި ހެދުމެއް ފެންނާނީ އިހުގައި ބޭރުގެ ފެނުންތަށް ހިމެނުނު ތަމްސީލުތަކާއި ޕްރޮގްރާމްތަކުންނެވެ.
މިއީ އަޅުގަނޑުމެންގެ ހާލު ހުރި ހިސާބެވެ. ވަކިކަމަކުން ނޫން ހުރިހާ ކަމަކުންނެވެ. މިއަދު އެހެން ބައެއްގެ އުފެއްދުމަކާއި އަޅުވާ ކިޔުމަށްވެސް އަޅުގަނޑުމެންނަށް ލިބޭނީ އެހެން ބައެއްގެ އުފެއްދުމެކެވެ. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އޮތީ ހުއްޓިފައެވެ. އެއަށް ފެންދީ ބަލަހައްޓާނެ މީހަކުނެތް މޯޅިވެފައިވާ ގަހެއްގެ ސިފައިގައެވެ.
އެހެން ނަހަދަމާތޯއެވެ. އެހެން ނޫނީ އިސްވެ ދެންނެވި މޯޅިވެފައިވާ ގަހެއްގެ ސިފައިގައި އޮތް އަޅުގަނޑުމެންގެ މާދަރީކަން މަރުވެ ނުވަތަ ފޭރިގެން ފާނެއެވެ. އޭރުން އަޅުގަނޑުމެންނަށް އެކަމުގައި އޮތް ނިކަމެތިކަން އިޙްސާސްވާނެއެވެ. ކަބަފައިންގެ ވާހަކަ ދެއްކި ނަމަވެސް އެމީހުން ވީފަދަ ގުރުބާނީތަކެއް ވުމަކީ ފަސޭހަކަމެއް ނޫނެވެ. މިހެންކަމުން މިއީ ދިރުވަންވީކަމެކެވެ. އެކަން ދިރުވާ އާލާ ކުރުމަކީ އަޅުގަނޑުމެން ނޫން ބަޔަކު ކުރާނެ ކަމެއްވެސް ނޫންމެއެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ނުކުރި ލޯތްބެއް ، ނުކުރި ޙިދުމަތެއް އަޅުގަނޑުމެންގެ ދަރިންގެ ކިބައިން ވަކި ފެންނާނެކަމުގެ ޔަޤީންކަން އެބައޮތްތޯއެވެ. މިއީ ވެދިޔަ ޖީލުތަކަށް އަޅުގަނޑުމެން ވި ބޭއިންސާފީއެކެވެ. އަންނަން އޮތް ޖީލުތަކަށް ވާ ޚިޔާނާތެކެވެ.
ވވވ