
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ޖިނާއީ ކުށްސާބިތުނުވެ އެކަމާމެދު ޢާންމުން ހިތްނުތަނަވަސްވެފައިވަނިކޮށް "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުމުގެ ޤާނޫނު" ފާސްވުމުން އަޅުގަނޑުވެސް އުފާވިއެވެ. އެހެން ނަމަވެސް މިގާނޫނުން އަޅުގަނޑު ހައިރާންވި މާއްދާއެއް ފެނުނެވެ. މިޤާނޫނުގައި "ކައިވެނީގެ އިސްތިސްނާ" އަރިމަތީ ސުރުޚީއަކަށްވާ 14ވަނަ މާއްދާގައި ބުނެފައިވެއެވެ.
"މީހަކު، އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭކަމަށްވާނަމަ، އެކައިވެނީގެ ގުޅުމުގެ ތެރޭގައި، މިޤާނޫނުގެ ދަށުން ޖިންސީ ޢަމަލެއްގެ ކުށްކަމުގައި ބެލެވިދާނެ ޢަމަލެއް ކުރިކަމުގައި ވީނަމަވެސް، އެއީ މިޤާނޫނުގެ ބޭނުމަށްޓަކައި ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ. "
އަޅުގަނޑު ހައިރާންވަނީ މިމާއްދާގައި އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން، ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅުމަކީ ހުއްދަކަމެއް ކަމަށާއި، އަދި އެފަދައިން ކައިވެނި ކޮށްގެން އެކައިވެނީގެ ތެރޭގައި ކުރިން މިބުނި ގާނޫނުގައި ބަޔާންކުރާ ކުށެއް ނުކުރެވޭނެކަމަށް ބުނާ ބުނުމަށެވެ.
އިސްލާމްދީނަށް މީހުން ނަފުރަތުކުރުވުމަށް މީހުންކުރާ އެއްތުހުމަތު، މިގާނޫނުން ޔަގީނަށް ބަދަލުކޮށްދެއެވެ. އެއީ ކުޑަކުދިންނާއި ކައިވެނި ކުރުމެވެ. ދިވެހިރާއްޖޭގެ ގާނޫނުތަކުގައި މިކަން ހުރިގޮތާއި، އަދި މިގާނޫނުގެ 14ވަނަ މާއްދާގެ ދަށުން އަންނަ ކަންތައްތަކަށް ބަލާލާނަމެވެ.
ކުޑަކުދިންނަކީ އެގާނޫނުގެ 60ވަނަ މާއްދާގެ (ށ)ގެ ދަށުން އެކުއްޖަކު އުފަންވީއްސުރެ 18އަހަރު ފުރިފައިނުވާ ކުދިންނެވެ. އަދި 18އަހަރު ފުރުނަސް ބުއްދީގެ ގޮތުން ތަސައްރަފު ނުފުރޭނަމަ އެކުދިންނަކީ ކުޑަކުދިންކަމުގައި މިގާނޫނު ބުނެއެވެ. މިމާއްދާއަށް ބަލާއިރު، 18އަހަރު ވުމުގެ ކުރިން ބާލިޣްވިކަމުގައިވިޔަސް އެއީ ޤާނޫނީ ގޮތުން ކުޑަކުއްޖެކެވެ. އެކަމަކު ޝަރުޢީ ގޮތުން 18އަހަރު ނުވިޔަސް ބާލިޣްވުމުން ކައިވެނި ކުރެވޭނެއެވެ. ސުވާލަކީ ގާނޫނީ ކުޑަކުއްޖަކަށްވެފައި ޝަރުޢީ ގޮތުން "ބޮޑު މީހަކަށް"ވެއްޖެނަމަ، އެމީހަކީ، ކުޑަކުއްޖެއްކަމަށް ބެލިދާނެބާވައެވެ.
މިސުވާލުގެ ޖަވާބު ހޯދުމަށް ޤާނޫނުއަސާސީއަށް ބަލާއިރު، ޤާނޫނުއަސާސީގެ 2ވަނަ މާއްދާއާއި، 10ވަނަ މާއްދާގެ (ށ)އާއި 70ވަނަ މާއްދާގެ (ށ)ގެ (2)ގެ ދަށުން، އިސްލާމްދީނުގައި ކަމެއްއޮންނަގޮތް، ގާނޫނުގައި އޮންނަގޮތަކާ ޚިލާފުވެއްޖެނަމަ، އެކަމެއް ދީނުގައި އޮންނަގޮތަށް އިސްކަންދޭން ޖެހޭނެކަމަށް ފެނެއެވެ.
ވާހަކަމިދައްކާ މައުޟޫއާ ގުޅޭ ޤާނޫނު ނަންބަރު 4/2000 ޢާއިލާއާބެހޭ ޤާނޫނުގައި ކައިވެނި ކުރެވޭނެ އެންމެ ހަނގުއުމުރު ބަޔާންކޮށްފައިވެއެވެ. އެގާނޫނުގެ 4ވަނަ މާއްދާގައި ބުނެފައިވަނީ "އުމުރުން މީލާދީގޮތުން އަށާރަ އަހަރު ފުރިފައިނުވާ މީހަކު ކާވެނިކުރަން އެދި ހުށަހަޅައިފިނަމަ، އެމީހަކޫ ބާލިޣުވެފައިވާ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ ޖިސްމާނީ ދުޅަހެޔޮކަމަށާއި ދިރިއުޅުމުގެ ފުދުންތެރިކަމަށާއި، ކައިވެނިކުރަން ބޭނުންވާ ސަބަބަށް ރިޢާޔަތްކޮށް، އެމީހަކު ކާވެނިކުރުވުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ކާވެނީގެ ރަޖިސްޓްރާރއަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއަކީ، ކުރިން ބަޔާންކުރި މާއްދާގައި ކައިވެނި ކުރަންބޭނުންވާ ބާލިޣްނުވާ ފަރާތަށް މުޚާޠަބުކޮށްފައިވަނީ "މީހާ" މިލަފުޒުންނެވެ. އިސްލާމީ ޝަރީޢަތުގައިވެސް، ކައިވެނި ކުރުމާމެދު ހުރިދަލީލުތަކުގައި އައިސްފައިވަނީ "ނިސާ" (އަންހެނުން)، "ރިޖާލް" (ފިރިހެނުން) އަދި "ޝަބާބު" (ޒުވާނުން) މިފަދަ ލަފުޒުތަކެވެ.
ކުރިން ބުނެވުނު ކަންކަން އެހެން ހުރުމާއެކު، ޝަރުޢީގޮތުންވެސް އަދި ދިވެހިރާއްޖޭގެ ޤާނޫނީ ތަރަހައިގެ ތެރެއިންވެސް އިސްލާމީ އުސޫލުތަކުގެ ދަށުން ކުޑަކުއްޖަކާ ކައިވެންޏެއް ނުކުރެވޭނެއެވެ. އަދި އިސްލާމްދީނަކީ އެކަން އެއްގޮތަކަށްވެސް ހުއްދަކުރާ ދީނެއް ނޫނެވެ. އިސްލާމީ ޝޫރާގެ މަޖިލީހެއްގައި (ރައްޔިތުންގެ މަޖިލީހުން) ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވާ ޤާނޫނެއްގައި، އިސްލާމްދީނާމެދު ނުބައިގޮތަކަށް ވިސްނޭފަދަ، އަދި އެދީނުގެ އަޞްލާޚިލާފުމާއްދާއެއް ހިމެނިފައިއޮތުމަކީ ހަމަހައިރާންވާކަމެއް ނޫންބާވައެވެ.