
އިސްލާހު ކުރަން އުޅޭމީހުން "އިސްލާހު" މާނަކުރާގޮތުން ކުރިން ކޮށްފައިވާގޮތް ނޫން ކޮންމެގޮތަކަށް ކަން ކުރުމަކީ އިސްލާހު ކުރުމޭ ބުނާކަހަލައެވެ. މިގޮތުން ބަނގުރާ މިހާރަށްވުރެވެސް އާންމުވާގޮތަށް ހަދައިގެންއުޅުނު ޤަވާއިދަކީ ބަނގުރާ ހުއްޓުވުމަށް ބާރުއަޅާ އެއްޗެއްކަމަށް ދައްކަން އުޅުމަކީ މިކަމުގެ ހެއްކެކެ. އަދި މީހުން ދިރިއުޅޭ ރައްރަށުގައި ރާ ވިއްކުމާއި ދެކޮޅު ކޮންމީހަކީ ކުރީގެ ޤާވާއިދަށް ތާއީދުކުރާ މީހެއްކަމަށް ދައްކަން ކުރިމަސައްކަތަކީވެސް މިބާވަތުގެ ކަމެކެވެ.
އެނޫންގޮތެއްނެތިގެން އާގަވާއިދު އަނބުރާގެންދެވި ނަމަވެސް މިގަވާއިދުގެ ދިފާއުގައި އެބައިމީހުން އެންމެފަހު ވަގުތާޖެހެންދެން މަސައްކަތް ކޮށްފައިވާކަމީ ހަޤީޤަތެކެވެ. މިގޮތުން އެފަރާތްތަކުން ވަނީ އެންމެފަހުވަގުތުވެސް އެޤަވާއިދުން ބަނގުރާ އާންމުވުން ހުއްޓުވާގޮތްކަމަށް ބުނާ ޕޮއިންޓް ތަކެއް ހިމެނޭ ލިޔުންތަކެއް މާލޭގެ މަގުތަކަށް އަޅައި މީހުންގެ ވިސްނުން ބަދަލުކޮށްލަން މަސައްކަތްކޮށްފައެވެ.އެހެން ކަމުން ބުނެވިދިޔަ ލިޔުން ތަކުގައި ހުރި ބައެއްޕއިންޓް ތަކަށް ބަލައިލާނަމެވެ.
1 ބަރާބަރަށް މޮނިޓަރ ކުރުން:
ރާއްޖޭގައި ދިރިއުޅެނީ ކިތައްބިދޭސީން ކަމެއް ސަރުކާރަކަށް ނޭނގެއެވެ. ޤަވާއިދާ ޙިލާފައް އުޅެނީ ކިތައް ބިދޭސީން ކަމެއް އަމުދުން ނޭނގެއެވެ. އެކަން މޮނިޓަރ ނުކުރެވިގެން އެންމެފަހުން އެކަން ކަނޑާލީ އަތޮޅުތަކުގައި އާންމު ދަތުރުފަތުގެ ހިދުމަތްދޭ އާންމުފަރާތްތަކުގެ ބޮލަށެވެ. ސަރުކާރުގެ ރަސްމީލިޔުމެއް ނުދައްކައި ބުދޭސީއަކު ބޮއްކުރައެއްގައި ކައިރީގައިއޮތް ރަށައް ދިއަޔަސް އެބޮއްކުރަލުގެ ވެރިފަރާތް ކުއްވެރިވާނެކަން އިޢުލާނު ކުރިއެވެ. މިވަރުގެ ބަޔަކަށް ރާވިއްކާ ތަންތަނާ، ބޯމީހުންނާ އަދި އެ ގުދަންކުރާގޮތް މޮނިޓަރ ނުކުރެވޭނެ ކަމަށް ދިވެހިން ކުރަނި ސައްކެއް ނޫނެވެ. ޔަޤީނެވެ.
މޮނިޓަރ ކުރާވާހަކަ ދައްކަވާއިރު އެކޮނޮމިކް މިނިސްޓްރީއިން މޮނިޓަރ ކުރަންޖެހޭ އެހެން ކަންކަން ކޮބައިތޯއެވެ؟ ސައިހޮޓާތަކުގައި ސޭޓުންގެ ގޮތުގައިބިދޭސީން ތިބުމަކީ ޤަވާއިދުގައި މަނާކަމެކެވެ. މިވަރުކަމެއް ބަލާނުލެވޭ ބަޔަކު މޮނިޓަރ ކުރާނަމޭބުނެ އަނގަހުޅުވާކަން ދެރައެވެ. މޮނިޓަރ ކުރާވާހަކަ ދައްކާއިރު ތިމާގެ އެންމެހާ ޢަމަލެއް އެބަ މޮނިޓަރ ކުރެވޭކަން ހަނދާން ނެތުނުކަންވެސް އެހާމެދެރައެވެ.
2 ބާތަކުދައި ހުންނާނީ ސީސީ ޓީވީ ކެމެރާ ހަރުކޮށްފަޔޯލައެވެ.
ތިޔަ ސީސީ ޓީވީ ކެމެރާ މިހާރު ދިވެހިންނަކަށް އަލެއް ނޫނެވެ. މާލޭގައި ކަޓާރި އެހެން ތޫނުހަތިޔާރުން ހަމަލާދީ މީހުން މެރީ އެކެމެރާތަކުގެ ކުރިމަތީގައެވެ. އެކަންކަން ކުރިމީހުންގެ ތެރެއިން ގިނަމީހުން މިހާރުވަނީ ސާބިތުނުވެގެން ދޫކޮށްލާފައެވެ. އެކަށީގެންވާ ހެކި ނެތިގެންނެވެ. ފޫޓޭޖްތައް ކޮބައިތޯއެވެ؟ މަގުތަކުގައާއި އާންމުތަންތަނުގައި ހަރުކޮށްފައި ހުރި ކެމެރާތަކަށްވެސް ދިވެހިންގެ އިތުބާރެއްނެތެވެ. ފާހިޝްޢަމަލު ކުރަންހަދާ ތަންތަނުގައި ބަހައްޓާ ކެމެރާތަކަށް އަމުދުން އިތުބާރެއް ނުކުރާނެއެވެ.
3 ބާތަކުގައި ދިވެހިންނެއް ނުތިބޭނެޔޯލައެވެ.
ރިސޯޓްތަކުގެ ބާތަކުގައި ދިވެހި މުވައްޒިފުން ގެންގުޅުމުގެ ހުއްދަ އެބައޮތްތޯއެވެ؟ ނެތެވެ. ނަމަވެސް ކިތެންމެ ރިސޯޓެއްގައި ބާތަކުގައި ދިވެހިން ގެންގުޅެއެވެ. ނަމަވެސް މިކަން ބަލަނީ ކާކުތޯއެވެ؟ އެޅީކޮން ފިޔަވަޅެއްތޯއެވެ؟ ބެލޭކަށް،ފިޔަވަޅެއް އެޅޭކަށް ނުވެސްނެތެވެ. ރަންބިސްއަޅާ ކުކުޅަށް ދޫނިރޯގާ ޖެހިދާނެއެވެ. އެކަން ނުވި ބަޔަކަށް މިކަމެއްވެސް ނުވާނެއެވެ.
4 ބަނގުރާ ބޯމީހުން މަސްތުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިއްޖެނަމަ ހޮޓަލުން ނުނިކުމެވޭނެއެވެ.
މީއަދި މާހެއްވާ ވާހަކައެކެވެ. އިންސާނުންނާއި ޖަނަވާރުން ތަފާކުރަނީ އިންސާނުންނަށް ދެއްވާފައިވާ ބުއްދިއެވެ. ބުއްދި ފިލައިގޮސްފިނަމަ ވަލުޖަނެވާރެކޭ އޭނާއެކޭ ތަފާތެއް ނުހުންނާނެއެވެ. ވަލުޖަނަވާރުންގެ މައްޗައް ޤަވާއިދު ތަންފީޒު ކުރަން އުޅުމަކީ ޖޯކެކެވެ. މަސްތުގެ ސަބަބުން ކޮންޓުރޯލުން ނެއްޓިފައިވާ މީހެއްގާތުގައި "ކަލޭ މިތަނުން ނުނިކުންނާށޭ" ބުނީމައި ނުނިކުމެ ހުންނާނެހެއްޔެވެ؟ ބުއްދި ފިލާފައިތިބި ބަޔަކު ޤަވާއިދަކަށް ޢަމްލު ކުރާނެކަމަށް ނުވަތަ އެފަދަމީހުން ލައްވައި ޤަވާއިދަކަށް ޢަމަލު ކުރުވިދާނެކަމަށް ހީކުރާ މީހެއްގެ ބުއްދިއާއިމެދު ސުވާލު ނުއުފެދޭތޯއެވެ؟
ދެންއޮންނާނެގޮތަކީ އެފަދަމީހުން ހޮޓާތެރޭގައި ހިފެހެއްޓުމެވެ. ނުވަތަ ބަންދު ކުރުމެވެ. އެހެންނަމަ ހިފައި ހައްޔަރުކުރުމުގެ ބާރު 100 އެނދުގެ ހޮޓާތަކަށް ލިބިދެނީ ޤާނޫނު އަސާސީގެ ކޮންމާއްދާއަކުންތޯ އަހައިލާން ބޭނުމެވެ. ނޫންނަމަ ހޮލިޑޭއިން އިން އެދިއްޖެނަމަ ފުލުހުންގެ ބާރުތައްވެސް އެފަރާތަށް ލިބިދޭގޮތައް ޤަވާއިދުތައް ބަދަލުކުރާނީތޯއެވެ.
5 މިހާރު ދޫކުރެވިފައިވާ ގޮތައް ހުއްދަދޫނުކުރެވޭވާހަކަ
މިއީ ވަރަށްބޮޑު އޮޅުވާލުމެކެވެ. އެބުނާ ޤަވާއިދު ރަނގަޅަށް ބައްލަވާށެވެ. އދ އާއި އެފަދަ އެހެން ޖަމާއަތްތަކުން އައިސްތިބޭ އެންބަސަޑަރުންނާއި މަންދޫބުންނަށް މިހާރެކޭ އެއްގޮތަށް ހުއްދަދިނުމަކަށް އަލަށް ޢަމަލުކުރަން އުޅުނުޤަވާއިދުން އެއްވެސް ހުރަހެއް ނާޅައެވެ. އދގެ އެންމެ ބޮޑު އެއް އަސާސަކީ އެންމެހާ އިންސާނުންގެ ދީނާއި ސަޤާފަތައް އިހްތިރާމު ކުރުމެވެ. އެހެން ކަމުގައިވާއިރު އެފަރާތުގެ މަންދޫބުން މުޅިން މުސްލިމު މުޖުތަމައުއެއްގައި ރާބުއިމަކީ އދގެ އުސޫލުތަކާވެސް ޙިލާފުކަމެއްކަމަށް ދެކެމެވެ. އެހެންކަމުން އެވަރަކުން އެބައިމީހުންނަށް ރާދޭންޖެހޭހެއްޔެވެ.
މިހާހިސާބުން އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. އެބުނާ ދެ ބާރު (ސަރުކާރާއި މަޖިލިސް) އެތިބީ އެޤަވާއިދާ އެއްކޮޅަށެވެ. އެހެންވުމުން ކޮންމެވެސް އެހެންސިފައެއްގައި އެކަންކުރަން ދިމާކުރުމަކީ އެކަށީގެންވާކަމެކެވެ. އަދި ހޮލިޑޭއިން ފަދަ އިންވެސްޓާރުން އަޅައިފާނެ ރަންބިހަކަށްވެސް ދިވެހިން މިއަދުމުވަނީ ސަމާލުވެ ތިބެންޖެހިފައެވެ.