
ދައުލަތަށް ލިބޭ އެއްޗެއް މުޅިހެން ހޭދަކުރާން ޖެހިފައިވަނީ މުސާރައަށެވެ. ދައުލަތުގެ ޢަމްދަނީ ހަތްބިލިޔަނުގައި އުޅޭއިރު މުއައްޒަފުންގެ މުސާރަ ހަބިލިޔަނާ ގަތްކުރެއެވެ. މިވަރުގެ ބޮޑު ހޭދައެއް ކުރަންޖެހޭ ދައުލަތެއްގެ މުސާރައިގެ ކަންތައް އެއްހަމައެއްގައި ހިފެހެއްޓުމަކީ ލާޒިމުކަމެކެވެ. މައުމޫނު ވެރިކަމުގެ ފަހުކޮޅު ދައުލަތުގެ މުސާރަތައް ވަޒަންކޮށް ގިންތިކުރާނަމުގައި ކޮމިޝަނެއް އުފެއްދިއެވެ. އެކޮމިޝަނުގެ ނަންބޯޑު ފިނޭންސް މިނިސްޓްރީގެ ބޭރުފާރުގައި ހުއްޓާ ދުށީމެވެ. އެކޮމިޝަނެއް އުފެދުނީއްސުރެ މިއަދާހަމަޔަށްވެސް އެކޮމިޝަނުން ކުރިކަމެއްގެ ވާހަކައެއް ނުއަހަމެވެ. މިހާރު އެކޮމިޝަން ކޮބައިކަމެއްވެސް ނޭގެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ބޮޑު ބަދަލާއެކު ދައުލަތުން މުސާރަދޭންޖެހޭ އެތައް ކޮމިޝަނަކާއި، އެތައް މުއައްސަސާއެއް ވުޖޫދަށް އަތުވެއްޖެއެވެ. ދައުލަތުގެ ތިންބާރުވެސް މުސްތަޤިއްލު ވެއްޖެއެވެ. ސިޔާސީ މަޤާމުތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސިވިލް ސާރވިސް މުޅިން ވަކިވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ޕޮލިސީ ލެވެލްގެ ހުރިހާ މަޤަމަކީ ސިޔާސީ މަޤާމުތަކެއްކަމުގައި ކަނޑައެޅި ނިމިއްޖެއެވެ. ސަރުކާރުގެ ޕޮލިސީ ލެވެލްގެ މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާ މުސާރަ ކަނޑައަޅާ ބައެކެވެ. ރައީސުލްޖުމްހުރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެންމެހާ މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންގެ މުސާރަތައްވެސް ކަނޑައަޅަނީ މަޖިލީހުންނެވެ. އަނެއްކޮޅުން މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ ހުރިހާ މުއައްޒަފުންނަށްވެސް މުސާރަ ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު ފުރަތަމަ ކަނޑައެޅިއިރުވެސް ބޮޑެތި ތަފާތުތަކެއް ހުއްޓެވެ. އެންމެފަހުން ކަނޑައެޅި އޮނިގަނޑަކީވެސް މިވީ އެކަހަލަ އެއްޗަކަށެވެ. ވަނީވެސް އެހެންނެވެ. މާލިއްޔަތު ކޮމީޓީގައި ތިއްބަވާ އެގާރަ މެންބަރުންނަކީ އެމެންބަރުންގެ ހުރިހާ ވަގުތެއް ސީރިޔަސްކަމާއެކު އެކަމަށް ހޭދަކޮށްލެއްވޭ ވަރަށްވުރެ ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުންކޮޅެކެވެ. އެފަދަ ޙައްސާސް މަސައްކަތެއް ކުރެއްވޭނީ އެކަމަށް ވަރަށްބޮޑެތި ދިރާސާތައް ކުރައްވާ ޒާތީ ތަޢައްޞަބުން އެއްފަރާތްވެ ސިޔާސީ ވާދަވެރިކަމުން ސަލާމަތްވެފައިތިބި ވަރަށްފަންނުވެރި ބަޔަކަށެވެ. މުސާރައިގެ އޮނިގަނޑު އެހާބޮޑަށް ތަފަތުވުމުން އެކަމަމެދު ސުވާލު ނުއުފެދެނީ އެހެން ވެގެންނެވެ.
ޤާނޫނުއަސާސީން ލާޒިމުކުރާ މިނިވަން މުއައްސަސާތަކާއި ޤާނޫނުން ލާޒިމުކުރާ މުއައްސާތަކާދެމެދު މުސާރައިގެ ފަރަގެއް ހުރުމަކީ މައްސަލައެއްނޫނެވެ. ޤާނޫނުއަސާސީން ލާޒިމުކުރާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންތަކުގެ މުސާރައާއި އެކެއްގެ މައްޗަށް ބިނާވެފައި އޮންނަ މުއައްސަސާއެއްގައި ހުންނަމީހަކަށްދޭ މުސާރަ ތަފާތު ވާންޖެހޭނެއެވެ. އޮޑިޓަރ ޖެނެރަލާއި ޕްރޮސެކިއުޓާރ ޖެނެރަލާއި މަނިޓަރީގެ ގަވަރނަރގެ މުސާރަ ތަފާތުވެގެން ނުވާނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މުސާރައިގާ ތަފާތެއް ހުރެގެންނުވާނެއެވެ.
ޤާނޫނަކުން އުފެދޭ ކޮމިޝަންތަކާއި އޮތޯރިޓީތަކާއި އެފަދަ އެހެނިހެން މުއައްސަސާތަކުގެ މުސާރަވެސް ވާންޖެހޭނީ އެއްވަރެވެ. އެގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި މީޑިޔާ ކައުންސިލާއި އިންލަންޑް ރެވެނިއު އޮތޯރިޓީއާއި ލޭބަރ ޓުރައިބިއުނަލްފަދަ މުއައްސަސާތަކުގައި މުސާރައިގެ ތަފާތެއް ހުރެގެންނުވާނެއެވެ.
އެންމެ ބޮޑު ވާންޖެހޭނީ ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައެވެ. ނާއިބު ރައީސާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ އެއްވަރުވާންވާނެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސާއި ހަމަހަމަ ވާންވާނެއެވެ. ހައިކޯޓުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންނާ މުސާރައެއްވަރު ވާންވާނެއެވެ. އެހެންނަމަވެސް ސްޓޭޓް މިނިސްޓަރުންނާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންނާއި އެއްހަމަވެފައި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަޒީރުންގެ ނާއިބުންނާއި އެއްހަމައެއްގައި މުސާރަ ހިފެހެއްޓެންވާނެއެވެ.
ދައުލަތުގެ ހުރިހާ މުއައްސާއެއްގައިއުޅޭ ފަންނީ އިދާރީ އަދި ސަޕޯރޓް ސާރވިސްގެ މުއައްޒަފުންނަށްދޭ މުސާރަ ވަކިތަނެއްގައި ތަފަތުވެގެން ނުވާނެއެވެ. ރައީސްއޮފީހާއި ވުޒާރާތަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޖުޑިޝަރީއާއި އެންމެހާ މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުނަށް ވަޒީފާގެ އޮނިގަނޑު އެއްއުސޫލަކުން ހަމަޖައްސައި އެއެންމެންނަކީވެސް ސިވިލް ސާރވިސް ނުވަތަ ޕަބްލިކް ސާރވިސްގެ މުއައްޒަފުންކަމުގައި ކަނޑައަޅައިގެން އެއްއުސޫލަކުން މަޤާމުތައް ތަރުތީބުކޮށް މަޤަމާއި ގުޅޭގޮތަށް މުސާރަތައް ކަނޑައެޅެންވާނެއެވެ. ކުރާމަސައްކަތުގެގޮތުން އިތުރު ޢިނާޔަތެއް ދޭންޖެހޭގޮތަށް މަސައްކަތްކުރާ މުއައްސަސާތަކުގައި ސަރވިސް އެލަވަންސާއި ރިސްކް އެލަވަންސް ދިނުމުން ދައުލަތުގެ މުސާރަދިނުމުގައި ހުރިތަފާތުތައް ކުޑަކުރެވޭނެއެވެ. އެހެނަސް މިކަހަލަކަމެއް ކޮށްލެވޭނީ ފިސާރި ކެތްތެރިވެގެންނެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލައި ޤައުމީ މަސްލަޙަތު ކުރިޔަށް ނެރެގެންނެވެ.
Posted on 2010-09-08 00:23:21 |
Report this Comment