ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 05 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 76

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ

ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. އެކަމެއް އެގޮތަކަށް ކާމިޔާބެއްނުވިއެވެ. ޤާނޫނުއަސާސީގައި އިދާރީ ދާއިރާތަކަކީ ކޮބައިކަމާއި އިދާރީ ދާއިރާތަކުގައި އޮންނާނެ އިންތިޚާބީ ކައުންސިލްތަކުގެ ވާހަކަ ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވަނިކޮށް އެޤާނޫނު ހިލާލަން ކުރިހާމަސައްކަތް ދިޔައީ ތޮޅިއަށެވެ. އެންމެފަހުން ނިމިގެންއެދިޔައީ ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކެއް އޮންނަގޮތަށެވެ. ޕްރޮވިންސް ކައުންސިލެއްގެ ވާހަކައެއް ހަމަހިލާ އެޤާނޫނަކުވެސް ނެތެވެ. އެހެންނަމަވެސް އަދިވެސް އެމްޑީޕީން ޕްރޮވިންސް ހަދަން އެތިބީ ފޫގަޅައިގެނެވެ. ޤާނޫނުގައި ވަކިގޮތަކަށް އޮތަސް ރައީސް ނަޝީދު ޕްރޮވިންސް ނުހަދާނެގޮތަކީ ނެތްގޮތެކެވެ. އެމްޑީޕީން އެކަމަށް އަދިވެސް ދައްކާނެ ހުއްޖަތަކީ ޤާނޫނުއަސާސީގައި ޕްރޮވިންސް ނުހެދޭނެކަމަށް ބުނެފައިނެތް ވާހަކައެވެ. ޤާނޫނު އަސާސީގައި ކަމެއް އޮންނާނެގޮތް ވަކި ގޮތަކަށް ބަޔާންވެފައި އޮތުމުން އެކަމެއް އޮންނާންވާނީ އެގޮތަކަށެވެ. މިވެނި ގޮތަކަށް ނުކުރެވޭނެކަމަށް ބުނެފައިނެތުމަކީ އެކަމެއް ކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ.

ޕްރޮވިންސް ނުހެދިއްޖެނަމަ ރާއްޖޭގެ މުއްސަދިކަމުގެ ސާޅީސްޕަސެޏްޓުން އަތޮޅުތަކުގެ ރައްޔިތުން މަހުރޫމުވާނެކަމަށް ދެއްކި ވާހަކައަކީ ބޮޑުއޮޅުވާލުމެއްކަން މިހާރުމިއޮތީ ފެންނާށެވެ. ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގަން ފަށަންވާއިރު، އަތޮޅެއްގައި ދިގު މުއްދަތަށް ކުއްޔަށްނުދޭ ބިންކޮޅެއް ފަޅެއް ރަށެއް ނެތެވެ. ބަޔަކާ މަތިނުވާ، އިންޖީނުގެއެއް މަގެއް ނަރުދަމާއެއް ނެތެވެ.

އަނެއްކޮޅުން، ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމާއި، މިރާއްޖޭގައިއޮތީ، އެއްދައުލަތެއްކަމާއި، އެއްސަރުކާރެއްކަމާއި އެއްޖުޑީޝަރީކަން އެއްގޮތަކަށްވެސް ހަނދާން ނައްތާލާކަށްނުވާނެއެވެ. ފެޑެރަލް ދައުލަތެއްގައި ކަން ހިންގާ މަގުން ޔުނިޓަރީ ދައުލަތެއްގައި ކަންނުހިންގޭނެކަން ކުޑަކުއްޖަކަށްވެސް އެނގޭނެއެވެ. ޕްރޮވިންސް ހަދައިގެން އެޕްރޮވިންސެއްގެ ސިޔާސަތު އެޕްރޮވިންސަކުން ކަނޑައަޅައި، އެންމެހާ ކަންކަން އެޕްރޮވިންސްއަކުން ކުރާގޮތަށް އޮތުމުން، ޤައުމީ ސިޔާސަތުތަކާއި ޕްރޮވިންސްތަކުގެ ސިޔާސަތުތައް ފުށުއަރާ ދައުލަތް ހިންގުމަށް ބުރޫއަރާނެއެވެ.

ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ އުސޫލުގައި އޮންނަނީ މައިގަނޑު ތިންސިފަކަމެވެ. ރައްޔިތުން ހިއްޞާވާގޮތަށް ޚިދުމަތްދިނުމުގެ އުޞޫލާއި، ދައުލަތުން ރައްޔިތުންނަށްދޭ އެންމެހާ ޚިދުމަތްތައް މީހާއާއި ހަމަޔަށް ސަރުކާރުން ގެނެސްދިނުމާއި، އެބަޔެއްގެ އަމިއްލަ ސިޔާސަތުތަކަކަށް އެބައެއްގެ އަމިއްލައަށް ކަންކަންނިންމާ ތަންފީޒުކުރުމެވެ.

ރައްޔިތުން ޙިއްޞާވާގޮތަށް ޚިދުމަތް ދިނުމުގެ އުސޫލުގެދަށުން އެސަރަހައްދެއްގެ ބަޔަކު ބައިވެރިވާ ކުންފުނިތަކެއް މެދުވެރިކޮށް ޚިދުމަތްތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދިނުމަކީ ލާމަރުކަޒީ ކުރުމުގެ މައިގަޑު ސިފައެއްކަމުން އަސާސީ ޚިދުމަތްތައް ދިނުމަށް ޔުޓިލިޓީ ކުންފުނިތައް ޤާއިމުކޮށް ޚިދުމަތްދިނުމަކީ ލާމަރުކަޒީކުރުމުގެ އެއްބައެވެ. މިގޮތުން ޤާއިމުކުރާ ކުންފުނިތަކަކީ އެސަރަޙައްދެއްގައި ހިމެނޭ މީހުންގެ ރުހުން އޮވެގެން އެމީހުންގެ ވިސްނުމާ އެއްގޮތަށް އުފައްދާ، އެމީހުންނާއި ސަރުކާރުގެ އިތުބާރު ލިބިގެންވާ ތަންތަނަށްވުމަކީ ލާޒިމުކަމެކެވެ. މިވަގުތު ރާއްޖޭގައި އުފައްދާފައި ޔުޓިލިޓީ ކުންފުނިތައް އުފެދި ހިނގަމުންދަނީ ރައްޔިތުންގެ މާބޮޑު ބައިވެރިވުމެއް އޮންނަގޮތަކަށްނޫނެވެ.

ދައުލަތުން ރައްޔިތުންނަށްދޭ އެންމެހާ ޚިދުމަތްތައް ރައްޔިތުމީހާއާއިހަމަޔަށް ގެނެސްދިނުމަކީ ލާމަރުކަޒީ އެއްސިފައެވެ. ޞިއްޙީ ޚިދުމަތާއި ތަޢުލީމާއި ބޭންކިންގއާއި ދަތުރުފަތުރާއި ރައްޔިތުމީހާގެގާތުން ލިބޭނެގޮތްތަކުގެ އިތުރުން، ޕާސްޕޯޓްހެދުމާއި އެކިބާވަތުގެ ލައިސަންސް ނެގުމާއި އެނޫންވެސް އިދާރީ ޚިދުމަތްތައް އެމީހަކު ހުރިތާކުން ލިބޭނެގޮތަކަށް ހަމަޖައްސާދޭ ދިނުމަކީ ލާމަރުކަޒީ އެންމެ އަސާސީ ސިފައެވެ. އެގޮތުންބަލާއިރު މީހުންދިރިއުޅޭ ރަށްރަށުގެ ޢަދަދު މަދުނުވާއިރު، ކޮންމެ ރަށެއްގައިއުޅޭ ރައްޔިތުމީހާގެގާތަށް އިދާރީ ހުރިހާ ޚިދުމަތެއްހެން ގެންދެވޭއިރު، ތިން ހަތަރުއަތޮޅު އެއްކޮށްލައިގެން އެތިންހަތަރު އަތޮޅުގެ ހުރިހާރަށަކަށް ޚިދުމަތްދިނުމަށް ޕްރޮވިންސްގެ ވެރިރަށެއް ކަނޑައަޅާ، އެރަށެއްގައި އިދާރީ ޚިދުމަތްތަކާއި ދިރިއުޅުމުގެ ފަސޭހަތައް ޤާއިމުކުރުމަކުން ލާމަރުކަޒީއެއް ނުވެއެވެ.

އެބަޔަކު އަމިއްލައަށް އެބަޔެއްގެ ސިޔާސަތު ކަނޑައަޅާ އެސިޔާސަތުތައް ތަންފީޒުކުރުމުގެ ހުރިހާ ބާރެއްހެން އެބަޔަކަށް ލިބިދިނުމަކީވެސް ލާމަރުކަޒީކުރުމުގެ ސިފައެކެވެ. މިގޮތަށް އަމިއްލަ ފައިމައްޗަށް ސަރަޙައްދުތައް ތެދުވެ ހިންދަމާލެވިފައި ހުންނަނީ ޤުދްރަތީ ވަސީލަތްތައް ގިނަމީސްގިނަ މުޖުތަމަޢުތަކުގައެވެ. ވަރުގަދަ ޞިނާޢަތްތަކަށް ފުރުޞަތު އޮތްތަންތާގައެވެ. ދައުލަތުން އެއްކަމެއް ކޮށްނުދިނަސް އަމިއްލަ ކެރިފޯރުންތެރިކަމުގައި ބޭނުންވާކަންކަން ކޮށްލުމުގެ ޤާބިލުކަންހުރި ތަންތާގައެވެ. މިއުސޫލު ކާމިޔާބުކަމާއެކު ހިންގޭނީ ފެޑެރަލް ދައުލަތްތަކުގައެވެ. މިއުސޫލަށް މިރާއްޖެ ބައްޓަންވެއްޖެނަމަ ކުރިމަތިވާނެ އެންމެ ބިރުހުރިކަމަކީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގުމުގެ ފުރުޞަތު މައިސަރުކާރަށް ބަންދުވެގެންދިޔުމެވެ. ސަރުކާރުގެ ވުޒާރާތަކުން އަތޮޅުތަކުގައި ހިންގަންބޭނުންވާ ކަންކަން ހިންގުމުގެ ބާރު ސަރުކާރަކަށް ނެތުމެވެ. އެހެންދިމާވާނީ، އިންތިޚާބުކޮށްފައިތިބޭ މިނިވަންބަޔަކު އަތޮޅުތައް ހިންގަންތިބޭތީއެވެ. އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލެއްގައި ސަރުކާރުގެ ޕޮލިސީ ހިންގަންޖެހޭނީ މިހާރު ރައްޔިތުންގެ މަޖިލީހުން ކަންކަން ފާސްކުރުމަށް ސަރުކާރުން އުޅެންޖެހޭހެންނެވެ.

ބަޔާންވެދިޔަ ސިފަތަކަށް ބަލާއިރު އަމިއްލައަށް ސިޔާސަތުކަނޑައަޅައި، އެސިޔާސަތުތައް ތަންފީޒުކުރުމަށް ބާރުލިބޭ ލާމަރުކަޒީ އުސޫލެއް ރާއްޖޭގައި ކާމިޔާބުކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެހެނެއްކަމަކު ރައްޔިތުން ހިއްޞާވާގޮތަށް ޚިދުމަތްދިނުމުގެ އުޞޫލަކީ ރަނގަޅު ރޭވުމެއްގެދަށުން ނުކުރެވޭވަރުގެކަމެއް ނޫނެވެ. ސަރަޙައްދީ ކުންފުނިތަކަކުން ފެނާއި ނަރުދަމާއާއި ކަރަންޓާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތް ދިނުންފަދަ ކިތަންމެކަމެއް ޚަރަދުކުޑަ ޖީބަށް ލުއިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވިދާނެއެވެ. ހަމައެހެންމެ، ރައްޔިތުންނާއި ގާތަށް ދައުލަތުންދޭ ޚިދުމަތްތައް ގެނައުމަކީ އަތޮޅުފެންވަރާއި ރަށުފެންވަރަށް ގެނައުމަކީ މާބޮޑުކަމެއްނޫނެވެ.

އަތޮޅުތަކުގެ ރައްޔިތުން ކުރިއްސުރެ ބޭނުންވެގެންއުޅުނީ ދެތިންކަމެކެވެ. ރަށްރަށާއި އަތޮޅުތަކުގެ ރައްޔިތުންގެ މައްޗަށް އަމުރުމައުރޫފް ހިންގަންތިބޭބަޔަކީ އެރައްޔިތުން އިންތިޚާބުކޮށްގެން ވަކިމުއްދަތަކަށް ތިބޭބަޔަކަށް ހެދުމަށެވެ. މާލެއިންދޭ އިދާރީ އެންމެހާ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމަށެވެ. ރަށުއޮފީސްތަކާއި އަތޮޅު އޮފީސްތަކަށްވުރެ ދުރަށް ޚިދުމަތްތައް ގެންދާކަށް އަތޮޅުތަކުގެ މީހުން ބޭނުމެއް ނުވެއެވެ. ޢަމްދުން ޕްރޮވިންސްތަކުގައި އައްޔަނުކުރާ ސްޓޭޓް މިނިސްޓަރުން ތިބެގެން ރައްޔިތުން އިންތިޚާބުކުރާ މީހުންގެ މައްޗަށް ބަސްކިޔާގޮތަށް އޮތުމަކީވެސް އަރަތެކެވެ. ވަކިވަކިން އޮންނަ ދެރަށަކަށް ނުވަތަ އެތައްރަށަކަށް އެއްކައުންސިލް ހޮވައިގެން ބައިބޯ ރަށްރަށުގެ ބަސްވިކޭގޮތަށް ކުދިރަށްތައް އަޅުވެތިކުރުވުމަކީވެސް އެއުސޫލުން ކުރެވޭނެ ކަމެއްނޫނެވެ. ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ވަރަށް ބޮޑަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.