
ސަރުކާރު ހިންގުމަށާއި ދިވެހި ދައުލަތް ބިނާކުރުމަށް އެއްވެސް ހުރަހެއް ނެތް: ރައީސް ނަޝީދު
މަޖިލީހުން މިހާރު ފާސްކުރަމުންގެންދާ ބިލްތަކާއެއްގޮތަށް ސަރުކާރު ހިންގުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އެމްޑީޕީން ތަކުރާރުކޮށް އެތައްފަހަރަކު ބުނިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކަން ދޮގުކުރައްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އަމާޒުކުރި ސަރުކާރު ހިންގުމަށާއި، ދިވެހި ދައުލަތް ބިނާކުރުމަށް މިއަދު އެއްވެސް ހުރަހެއް ނެތްކަމަށެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީ ހަރުގޭގައި ބޭއްވި ޚާއްސަ ތަރާވީހުގައި ބައިވެރިވެވަޑައިގެން އެޕާޓީގެ މެންބަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިނގައިގަންނަން ފެށުމާއި، ވެރިކަން ދިފާޢުކުރެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާކަމެއް މިހާރު ކުރައްވާފައިވާ ކަމަށާއި އަދި މިވެރިކަމަކީ ޤާނޫނީގޮތުން އިންތިޚާބުތައް ބޭއްވިގެން، ދައުރުން ދައުރަށް، ރައްޔިތުން އެދޭގޮތަށް ބަދަލުވެގެންދާނެ ވެރިކަމެއް ކަމަށެވެ. އެނޫންގޮތަކަށް މިވެރިކަން ބަދަލުކުރެވޭނެ އެއްވެސްމަގެއް ނޯންނާނެ ކަމަށެވެ. ސަރުކާރުގެ އުމުރަކީ އިންތިޚާބު ކުރެވިފައިވާ ދައުރުކަން މިހާރު އެންމެންނަށްވެސް އެނގޭނެ ކަމަށާއި، އެންމެންވެސް އެކަން ޤަބޫލުކޮށްފިކަމަށް އުއްމީދުކުރައްވާ ކަމަށާއި، އިންތިޚާބަކުންނޫނީ ވެރިކަން ބަދަލުނުކުރެވޭނެކަން އެންމެންނަށްވެސް މިހާރު އެނގޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި، އެމްޑީޕީން އަމާޒްކުރި ސަރުކާރެއް ހިންގުމަށާއި، އަދި ދައުލަތެއް ބިނާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިގެންފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިރަމަޟާންމަހު މިހާތަނަށް 200 ވަރަކަށް ގެއަށް ޒިޔާރަތްކުރައްވައި އެގެތަކުގެ އަހުލުވެރިން ދިރިއުޅެމުންދާ ހާލަތު އަމިއްލަފުޅަށް ބައްލަވައިފިކަމަށެވެ. އެމަނިކުފާނު އާންމު ރައްޔިތުންގެ ގޭގެއަށް ކުރެއްވި ޒިޔާރަތުގައި، އުމުރުން 65 އަހަރުވެފައިވާ ހަތަރުމީހަކަށް ޕެންޝަންގެ ފައިސާ ނުލިބޭތާ ހަތަރުމަސް ހޭދަވެފައިވާކަން އެނގިވަޑައިގެންނެވިކަމަށްވެސް ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ފައިސާ ނުލިބި ލަސްވަނީ އެމީހުންގެ ބޭންކް އެކައުންޓު އަދި ނުހުޅުވޭތީކަމަށް ވިދާޅުވެ، އެއީ ވަރަށް ދެރަކޮށް ދިމާވާ ކަމެއް ކަމަށާއި، އެކަން ސަރުކާރުންވެސް ބަލަންޖެހޭނޭކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިތުރުން އަވަށްޓެރިންވެސް އެފަދަމީހުންގެ ހާލުބަލައި، އެގޮތަށް ކުރިމަތިވެފައިވާ ކަންކަން ހައްލުކޮށްދިނުމަށް އެހީތެރިވެދޭން މަސައްކަތްކުރުމަކީ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ސަރުކާރު ހިންގުމަށް ދަތިވާ އެތައްކަމެއް ހިމަނައިގެން މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމަށް ފޮނުވި ބިލު، މާލިއްޔަތު ގާނޫނަށް އިސްލާހް ގެނައުމުގެ ތަސްދީޤް ނުކުރައްވައި ރައީސް ފޮނުވާލުމުންވެސް އެބިލަށް އިތުރު އެއްވެސް އިސްލާޙެއް ނުގެނެސް، ހަމަކުރިން އޮތްގޮތަށް ސަރުކާރަށް ދަތިވާގޮތަށް ފާސްކުރުމާގުޅިގެން އެމްޑީޕީންބުނީ، މަޖިލީހުން މިހާރު ބިލްތައް ފާސްކުރަމުން ގެންދަނީ ސަރުކާރު ހިންގުމަށް ދަތިކުރުމަށް ކަމަށާއި، ޤައުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ވިސްނައިގެން ނޫން ކަމަށެވެ.
މީގެއިތުރުން މާލިއްޔަތު ޤާނޫނަށް މިގެނެވުނު ބަދަލާއިގުޅިގެން ކާބޯތަކެތީގެ އަގުއުފުލިގެން ދިއުމުގެ އިތުރުން، ސަރުކާރުންދޭ ވަރަށްގިނަ އެހީގެ ޕްރޮގްރާމްތަކަށް ހުއްޓުން އަންނާނެކަމަށްވެސް އެމްޑީޕީންދަނީ ބުނަމުންނެވެ. އެގޮތުން މަސްވެރިންނަށްދޭ ތެލުގެ ސަބްސިޑީސް، މަދަނަ، ކަރަންޓް ސަބްސިޑީ، ކިޔަވާކުދިންގެ ފޮތްލިސްޓް، އެކަނިވެރި މައިންނަށްދޭ އިނާޔަތްފަދަ ވަރަށްގިނަ ހިލޭއެހީތަކަށް ހުރަސްއެޅި، ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށެވެ. ނަމަވެސް މިއިން އެއްވެސްކަމެއް މެދުވެރިވެ، ރައްޔިތުންނަށް ދެރައެއް ލިބިދާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅެއްނުވެއެވެ.
Posted on 2010-09-06 21:10:07 |
Report this Comment