
އެންމެ ރަގަޅު ޖިހާދަކީ އިސްލާމްދީނާ ބެހޭ މަޢްލޫމާތު ފަތުރައި އިސްލާމްދީނަށް ދައުވަތު ދިނުން ކަމުގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ މުޅިދުނިޔެއަށް މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެއެވެ. އެނާ މިވާހަކަ ދެއްކެވީ ރޭ ގައުމީ ސްޓޭޑިއަމްގައި ދެއްވި ދަރުސްގައި އިސްލާމްދީނާ ބެހޭގޮތުން ކުރެވޭ ކުށްހީތަކާބެހޭގޮތުން ތަގްރީރުކުރައްވަމުންނެވެ. މިމަވްޟޫޢުގައި ރޭ ޑރ. ޒާކިރު ނައިކް އަލިއަޅުވަލެއްވީ ޓެރަރިޒަމާއި ޖިހާދުގެ މައްޗަށެވެ.
ޑރ. ޒާކިރުނައިކްގެ ވާހަކަފުޅުގައި ވިދާޅުވީ ފަހަކަށް އައިސް ދުނިޔޭގެ މީޑިޔާއިން މުސްލިމުންނާމެދު ފަތުރަމުންދާ ޕްރޮފެންޑާގައި މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުންނާއި ޓެރަރިސްޓުން ކަމަށް ލޭބަލްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ ތާރީޚުގައި ހިގާފައިވާ ޓެރަރިސްޓް ޙަމަލާތަކަށްބަލާއިރު އޭގެތެރެއިން ގިނަ ޙަމަލާތަކަކީ މުސްލިމުންހިންގާފައިވާ ޢަމަލުތަކެއްނޫންކަމަށާއި، ފަހަކާޖެހެންދެން މުސްލިމުން ބައިވެރިވެފައިވާ ޓެރަރިސްޓް ޙަމަލާތައް ވަރަށް މަދުކަމުގައެވެ. އިސްލާމްދީނާއި އަދި މުސްލިމުންނާދޭތެރޭ ފަތުރަމުންމިދާ ދޮގު ޚަބަރުތަކުގެ ސަބަބުން، އިސްލާމްދީނަށް ލިބެނީ ކުރިއެރުންކަމުގައިވެސް ޑރ. ޒާކިރުނައިކް ވިދާޅުވިއެވެ.
މިރޮގުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެތެރޭގައި ދުނިޔޭގެ އެންމެ ބާރަށް އިތުރުވާ ދީނަކީ އިސްލާމްދީންކަމަށާއި، މިމުއްދަތުގައި އިސްލާމްދީނަށް 235 އިންސައްތަ އިތުރުވެފައިވާވާއިރު، ނަސާރާދީންއަށް މީހުން އިތުރުވެފައިވަނީ 47 އިންސައްތައިގެ ނިސްބަތުންކަމަށެވެ. އިސްލާމްދީނަކީ ކަނޑީގެ ބާރުން ފަތުރަމުންދާ ދީނެއްކަމަށްބުނާއިރު، މިހާގިނައަދަދަކަށް ޔޫރަޕާއި އެމެރިކާގައި އިސްލާމުން އިތުރުވަމުން މިދަނީ ކަނޑީގެ ބާރުން ނުވަތަ ހަގުރާމަ ކޮށްގެން ނޫންކަމަށް ވިދާޅުވިއެވެ. އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތާދީނެކޭ ކިޔައިގެން ދޮގުވާހަކަ ފަތުރަމުންދާއިރު، އިސްލާމްދީން އިޚްތިޔާރުކޮށް އެދީނަށް ވަންނަމުންދާ މީހުންގެތެރޭގައި ޔޫރަޕްގައިވެސް އެމެރިކާގައިވެސް އަންހެނުންގެ ނިސްބަތްއުޅެނީ ތިންބައި ކުޅަދެބައިކަމަށް ވިދާޅުވިއެވެ. މީގެ ސަބަބަކީ އިސްލާމްދީނަކީ ދުނިޔޭގެ ހުރިހާ މައްސަލައަކަށް ޙައްލުހޯދައިދޭދީންކަމުގައިވާތީކަމުގައި އޭނާ ވިދާޅުވިއެވެ.
އިސްލާމްދީނަކީ ޞުލްޙައިގެދީންކަމަށާއި، ހަގުރާމަކުރުމަށްވުރެ އިސްލާމްދީން ބާރުއަޅަނީ ސުލްޙައަށްކަމަށާއި،އިސްލާމްދީނުގައި ހަގުރާމައަކީ އެހެން ގޮތެއް ނެތިގެން އެންމެފަހުން އިޚްތިޔާރުކުރަންޖެހޭ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މީހުންމެރުމަކީވެސް އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެއްކަމަށާއި އިސްލާމްދީނުގައި މީހަކު މެރުމަކީ މުޅި އިންސާނިއްޔަތު މަރުންސަލާމަތްކުރުންފަދަ ކަމެއްކަމަށާއި، ހަމައެފަދައިން މީހަކުމަރުން ސަލާމަތް ކުރުމަކީ މުޅިއިންސާނިއްޔަތު ސަލާމަތްކުރުންހަކަލަ ފަދަ ކަމެއްކަމުގައި ވިދާޅުވިއެވެ.
މިއަދު އިސްލާމްދީނާ ދެކޮޅަށް އެތައްފަރާތްތަކަކުން ދޮގުމަޢްލޫމާތު ފަތުރައި އިސްލާމްދީނުގެ އަގުވައްޓާލަން މަސައްކަތްކުރާއިރު، އިސްލާމްދީނުގެ ޙަގީގަތްފަތުރައި އިސްލާމްދީންކުރިއެރުވުމަށް އެންމެ ބޮޑުބައެއް އަދާކުރަންޖެހޭ ބަޔަކީ މީޑީޔާކަމަށާއި، އެމަސައްކަތަކީ ވަރަށް ބޮޑު ޖިހާދެއްކަމުގައި އޭނާވިދާޅުވިއެވެ. އެހެން ކަމުން އިސްލާމީ މީޑީޔާ ވަރަށް ބޮޑަށް ޙަރަކާތްތެރިވެ މިޖިހާދަށް ނުކުންނަންވެއްޖެކަމަށް ޒާކިރު ނައިކު ވިދާޅުވިއެވެ.
ޓެރަރިޒަމްގެ މައްސަލާގައި އޭނާގެވާހަކަފުޅުގައި އެކި ޙާލަތުގައި ޓެރަރިސްޓުންކަމަށް ބަލާގޮތާއި އަދި އެޙާލަތުބަދަލުވުމުން ބަލާގޮތްތަފާތުކަމަށް ވިދާޅުވެ، އެމެރިކާ އިގިރޭސިންގެ އަތްދަށުން މިނިވަންވާން މަސައްކަތްކުރިއިރު ޖޯޖް ވޮޝިންގޓަން ދުނިޔޭގެ އެއްވަނަ ޓެރަރިސްޓްކަމަށާއި ނަމަވެސް އެމެރިކާމީހުން މިނިވަންކަމަށް ކުރި ޖިހާދުނިމި ޖޯޖްވޮޝިންގޓަން އެމެރިކާގެ ރައީސަކަށް ވެވަޑައިގަންނަވާފައިވިދާޅުވިއެވެ. ހަމައެފަދައިން ދެކުނު އެފްރިކާ ނަސްލީއިމްތިޔާޒުގެ ދުވަސްވަރު އެންމެބޮޑު ޓެރަރިސްޓަކަށް ބެލި ނެލްސަން މަންޑޭލާ ފަހުންވަނީ އެގައުމުގެ ރައީސް ކަންކުރައްވާ އަދި ސުލްޙައިގެ ނޯބަލް ޕްރައިޒް ހޯއްދަވާފާކަމަށް ވިދާޅުވިއެވެ. އެއްބަޔަކު ޓެރަރިސްޓްކަމަށް ބަލާއިރު އަނެއްބަޔަކު އެއީ މިނިވަންކަމަށް ޖިހާދުކުރާ ބައެއްކަމަށް ބަލާކަމަށް ވެސް އޭނާވިދާޅުވިއެވެ.
ޑރ. ޒާކިރު ނައިކްގެ ވާހަކަފުޅުގައި އިސްލާމްދީނުގެ އަދާވަތްތެރިން ފަތުރަމުންދާ ވަރަށްބޮޑު ދޮގެއްގެ ޙަގީގަތްވެސް ސާފުކޮށްދެއްވިއެވެ. ކީރިތިގުރުއާންގެ އާޔަތެއްގައި ކާފަރެއްފެނިއްޖެނަމަ މަރާށޭ މިގޮތަށް އަންގަވާފައިވާ ބަސްފުޅު ފަތުރަމުން އެދަނީ އެއާޔަތުގެ ކުރީއާޔަތްތަކާއި ފަހުން އައި އާޔަތްތައް ނުހިމަނާކަމަށާއި، ހުރިހާ އާޔަތްތަކަކުން މާތްﷲ އަންގަވާފައިއެވަނީ ހަގުރާމައިގެމައިދާނެއްގައި ކަންތައްކުރަން އެކަލާނގެ އަމުރުކުރައްވާފައިވާ ގޮތްކަމަށްވިދާޅުވިއެވެ. މިއާގުޅިގެން އޭނާ ވިދާޅުވީ އިސްމާދީނުގައި މީހުން މެރުމަކީ ޙަރާމްކުރައްވާފައިވާ ކަމެއްކަމަށާއި، މީހަކު މެރުމަކީ މުޅިއިއްސާނިއްޔަތު މެރުން ފަދަކަމެއްކަމަށް އަދި މީހަކު މަރުން ސަލާމަތްކުރުމަކީ މުޅިއިންސާނިއްޔަތު ސަލާމަތްކުރުން ފަދަ ކަމެއްކަމަށް އިސްލާމްދީނުގައި އޮންނަކަންވެސް ޒާކިރުނައިކް އަންގަވައިދެއްވިއެވެ.
ޑރ. ޒާކިރުނައިކުގެ ވާހަކަ ފުޅު ފައްޓަވަމުން ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމުގައުމެއްމަށާއި ވަރަށްރީތިތަނެއްކަމަށާއި އޭނާގެ ދަރުސް އަޑުއެހުމަށް މިހާގިނަބަޔަކު ޙާޟިރުވިކަމީ ރާއްޖޭގެ މީހުން މާތްﷲއަށް އޮތް ލޯބީގެ ބޮޑުކަމާއި އިސްލާމްދީނާމެދު ބަހައްޓާ ޝައުގުވެރިކަން ރަމްޒުވެގެންވާ ކަމެއްކަމަށްވިދާޅުވިއެވެ. ރޭގެ ދަރުސް އަޑުއެހުމަށް 15 ހާހަށްވުރެ ގިނަމީހުން ޙާޟިރުވިއެވެ. ދަރުސްއަށްފަހު ބައިވެރިން ކުރި ސުވާލުތަކަށް ޑރ. ޒާކިރުނައިކް ޖަވާބު ދެއްވިއެވެ. 10 ޖެހިއިރު ފެނުނު މިދަރުސް ނިމުނީ 12:30 ގައެވެ.
މުޙައްމަދު ތައުފީގު - މިއަދު ނޫސް
Posted on 2010-05-30 17:20:38 |
Report this Comment
Posted on 2010-05-31 00:12:36 |
Report this Comment
Posted on 2010-06-03 17:40:46 |
Report this Comment