
ދައުޙާގެ ހުކުރު މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާ ދެއްވަމުން ފަޟީލަތުއްޝައިޚު ޑރ. ޤަރުޟާވީ އިންސާނުންގެ މިނިވަންކަމާއި ކޮންމެ ބަޔަކަށް ވެސް އެބައެއްގެ އަމިއްލަ މިނިވަންކަން ލިބެންޖެހޭނެ ކަމާއި ހަމަހަމަކަމަކީ އެންމެންނަށް ވެސް ލިބެންޖެހޭ އިންސާނީ، އަސާސީ ޙައްޤެއްކަން ބަޔާންކުރަށްވައި، އެކަންތަކަށް ދުނިޔޭގެ ސަރުކާރުތަކުން ސަމާލުކަން ދެއްވަންޖެހޭނޭ ކަމަށް ވާހަކަ ދައްކަވައި، އެކަމަށް އިލްތިމާސު ކުރަށްވައިފިއެވެ. މިޚުޠުބާ ޤަޠަރު ޓީވީއިން ވަގުތުން ފޮނުވަމުން ގެންދިޔައެވެ.
ޑރ. ޤަރުޟާވީ ވިދާޅުވެފައިވަނީ މުސްލިމު އަންހެނުން އަޅަމުންދާ ބުރުގާއަކީ މިފަދަ މިނިވަން ކަމެކެވެ. އެކަނބަލުންނަށް އެކަމުގައި ދެޙައްޤެއް ލިބެންޖެހެއެވެ. އެއްކަމަކީ އެކަނބަލުންގެ ޒާތީ މިނިވަން ކަމުގެ ޙައްޤެވެ. އަނެއްކަމަކީ އެކަނބަލުންގެ ދީނީ މިނިވަން ކަމުގެ ޙައްޤެވެ. އެހެންކަމުން މުސްލިމު އަންހެނުންނަށް އެކަނބަލުންގެ ޙައްޤު ދެޙައިސިއްޔަތުން ލިބެންޖެހޭނޭ ކަމަށާއި އެޙައްޤުތައް ހޯދައިދިނުމަކީ ސަރުކާރުތަކުން ކުރަންޖެހޭ ކަމެއްކަމުގައި ޝައިޚު ހާމަކުރެއްވިއެވެ.
ޤަރުޟާވީ ޚުޠުބާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މޫނު ބުރުގާ ކަމުގައިވިއަސް ނުވަތަ ބޮލު ބުރުގާ ކަމުގައި ވިއަސް މިއިން އެއްވެސް ކަމެއް މުސްލިމް އަންހެނާއަށް މަނާކުރެވިގެން ނުވާނެއެވެ. ބޮލު ބުރުގާ އެޅުމަކީ، ނުވަތަ އަންހެނާ ތިމާގެ ޢައުރަ ނިވާ ކުރުމަކީ އެނިވާކުރަންޖެހޭ ތަންތާގައި އޭނާގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. މިއީ ކީރިތި ރަސޫލާގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މުސްލިމް އުއްމަތުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގެންފައިވާ، އަދި އިސްލާމީ އުއްމަތް އިޖްމާވެފައިވާ މައްސަލައެކެވެ. އެއާ އިދިކޮޅަށް ޤާނޫނުތައް ހަދައި މުސްލިމުންގެ މިނިވަންކަން ނަގާލުމަކީ އެކަކަށްވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ.
މޫނު ބުރުގާއަށް ނުވަތަ ނިޤާބަށް ބަލާއިރު، އަޅުގަނޑު ދެކޭގޮތުގައި އެއީ ވާޖިބެއް ނޫނެވެ. އަދި މޫނަކީ ޢައުރައެއްވެސް ނޫނެވެ. މާތް ﷲ އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީކުރަށްވަވާފައިވަނީ �އެކަނބަލުން ތިމާމެންގެ މޫނާއި އަތްތިލަ ފިޔަވައި އެހެން ތަނެއް ފާޅުވިޔަދީ، ތިމާމެންގެ ޒީނަތް (ހިލޭ ފިރިހެނުންނަށް) ނުދައްކާހުށި ކަމެވެ. އަދި ތިމާމެންގެ ބުރުގާ މެއާ ހަމައަށް ވައްޓާފައި ބާއްވާހުށިކަމެވެ.� މިތާގައި ބުރުގާއަކީ ކޮންމެ މީހަކުވެސް ދަންނަ އެއްޗަކަށް ވެފައި، ޚާލިޤުވަންތަ ﷲ އަންހެނުންނަށް ހިލޭފިރިހެނުންގެ ކުރިމަތީގައި ތިމާގެ ޢައުރަ ނުދެއްކުމަށާއި ޢައުރަ ނިވާކުރުމުގެ ގޮތުން ބުރުގާ އަޅަން އެންގެވި އެންގެވުމުން، ތިމަންނައަށް ދޭހަވަނީ މޫނަކީ ޢައުރައެއް ނޫންކަމަށެވެ. އެހެންކަމުން މޫނަކީ ޢައުރައެއް ކަން ދޭހަވެ، މޫނު ނިވައިކުރުން ވާޖިބުކަމުގައި ބުނެވިދާނެ އެއްވެސް ދަލީލެއް ތިމަންނައަށް އެނގިފައި ނުވާކަމަށް ވިދާޅުވަމުން، ޝައިޚު ވިދާޅުވެފައި ވަނީ، ނަމަވެސް އިސްލާމީ އުއްމަތުގެ ސަލަފުން ފެށިގެން މިއަދާ ހަމައަށް މޫނާއި އަތްތިލަ ނިވައިކުރުން ވާޖިބުވެ، އެކަނބަލުންނަށް އެއީ ފަރުޟު ޢައިނެއްކަމަށް ވިދާާޅުވާ އެތަކެއް ހާސް ޢިލްމުވެރިން އެބަތިއްބެވި ކަމަށާއި އެޢިލްމުވެރިންގެ ރައުޔަށް ތާއީދުކޮށްގެން އެއީ ފަރުޟެއްކަމުގައި ދެކެ، ޤަބޫލުކޮށްގެން ތިބި އެތަކެއް މިލިޔަން މުސްލިމުން ދުނިޔޭގައި ދިރިއުޅެމުންދާއިރު، އެއީ ފުރާންސް ކަމުގައި ވިއަސް އަދި ބެލްޖިއަމް ކަމުގައި ވިއަސް އަދި އިސްލާމީ ޤައުމެއް ކަމުގައި ވިއަސް، އެއްވެސް ބަޔަކަށް މުސްލިމުންގެ ޙައްޤު ނިގުޅައިގަތުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ. ނިޤާބު ނުވަތަ މޫނު ބުރުގާ ވާޖިބެއްކަމުގައި ވިދާޅުވާ ޢިލްމުވެރިން ސަޢޫދީ ޢަރަބިޔާއާއި އިންޑިޔާއާއި ޕާކިސްތާނާއި ބަނގަލަދޭސްއާއި އަފްޣާނިސްތާނާއި ތުރުކީ ވިލާތުގައި ވަރަށް ވެސް ގިނަކަމަށެވެ. ތިމަންމެން މިޢިލްމުވެރިންގެ ފަތުވާއަށް އިޙްތިރާމް ކުރާ ކަމަށެވެ.
އަދިވެސް ޝައިޚު އިތުރަށް ވިދާޅުވެފައި ވެއެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުގައި، އެމީހުން ދެކޭ މިނިވަންކަމާއި ޑިމޮކްރަސީ އޮތްއިރު އެމިނިވަންކަން ލިބެންޖެހޭނީ ވަކި ބަޔަކަށް ނުވަތަ ވަކި ކަހަލަ ކަންތައްތަކަކަށް ނޫންކަމަށެވެ. ކޮންމެ ބަޔަކަށް ވެސް އެބައެއްގެ ޘަޤާފަތުގެ މިނިވަންކަން ލިބިގެން ވެއެވެ. އެބައެއްގެ ދީން ޙިމާޔަތްކުރުމާއި ދީނަށް އުޅުމުގެ މިނިވަންކަން ލިބިގެންވެއެވެ. މިނިވަންކަމަކީ މިއަދު ހުޅަނގުން ކުރަމުންދާ ދަޢުވާއަކަށް ވީއިރު އެދަޢުވާއާ އިދިކޮޅު ޢަމަލުތަކެއް އެއުރެންގެ ކިބައިންނާއި އެއުރެންގެ ޤާނޫނާއި ޤަވާޢިދުތަކުގެ ތެރޭން ފެނިގެން ދިއުމަކީ ތިމަންމެން ޤަބޫލުކުރާ އަދި ތިމަންމެން އެމީހުންގެ ކިބައިން އުއްމީދުކުރާ ކަމެއްނޫން ކަމަށެވެ. މިއަދު ބެލްޖިއަމްގެ ޤާނޫނުގައި ނިޤާބު އެޅުން ވަނީ މުސްލިމު އަންހެނުންނަށް މަނާކޮށްފައެވެ. ފުރާންސުން ބޮލު ބުރުގާ އެޅުން މަނާކުރަން އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. ޤާނޫނު ހަދަންވެސް މަސައްކަތް ކުރަމުން އެބަދެއެވެ. އެކަމަށް ވަކާލާތުކުރަމުން ފަތުވާ ހޯދަން އުޅެމުން އެބަދެއެވެ.
މިމޭރުމުން ޝައިޚު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވެއެވެ. ފުރާންސްގެ ބޮޑުވަޒީރުގެ ފަރާތުން ތިމަންނަގެ ގާތަށް އެމަނިކުފާނުގެ ސިޓީފުޅެއް ހިތްޕަވައިގެން ފުރާންސްގެ ސަފީރު ތިމަންނަގެ ގެއަށް ވަޑައިގަތެވެ. ފުރާންސްގެ ޢާއްމު މަޞްލަޙަތުއޮތީ އެގޮތުގައި ކަމަށް ބުނަމުންނެވެ. ވަކި ދީނީ ޝިޢާރެއް ނުވަތަ ޢަލާމާތެއް ޢާއްމުކޮށް ބޭނުންކުރުމީ މަޞްލަޙަތު އޮތްގޮތެއް ނޫންކަމަށް ވިދާޅުވަމުންނެވެ.
އަޅުގަނޑު ވަރަށް ޞަރީޙަކޮށް ޖަވާބު ދިނީމެވެ. ތިޔަބޭފުޅުންގެ ޤައުމުގައި ފުރިހަމަ ޑިމޮކްރަސީއަށް ޖާގަ ނުދެނީތޯއެވެ؟ އަޅުގަނޑު ދަންނަ ގޮތުގައި ފުރާންސަކީ ޑިމޮކްރަސީގެ މަންމަ ޤައުމެވެ. އެހެންކަމަށް ވާނަމަ ޑިމޮކްރަސީ ބުނަނީ އެންމެނަށް ފުރިހަމަ މިނިވަންކަން ދިނުމަށެވެ. ދެން އަނެއްކޮޅުން ތިޔަ ޤައުމުގެ ރައްޔިތުންގެ ތެރޭން އެއްބަޔަކަށް މިނިވަންކަން ދީފައި އަނެއްބަޔަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ނަތީޖާއަކަށް އަންނާނީ ރައްޔިތުން ބައިބައިވުން ނޫންތޯއެވެ؟ ރައްޔިތުންގެ ތެރޭން ޙައްޤު ހޯދުމުގެ ނަމުގައި ނުރަނގަޅު ޢަމަލުތަކެއް ގެނެސްގަންނަން މަސައްކަތްކުރާނެ ބަޔަކު އުފެދުމުގެ ދޮރު ހުޅުވުން ނޫންތޯއެވެ؟ ބައެއް އަންހެނުންނަށް ނިވާކަންކުޑަ، ބަހަރާކަންބޮޑު ހެދުން އެޅުމުގެ މިނިވަންކަން ލިބިގެންދާއިރު، އަނެކުންނަށް އެމީހުންގެ ނިވާކަން ކުޑަނުކުރުމުގެ މިނިވަންކަން ލިބެންއެބަޖެހޭ ނޫންތޯއެވެ؟ ތިމާގެ ވަނާތައް ދައްކައިގެން މަގުމަތީގައި އުޅުމުގެ މިނިވަންކަން ލިބޭކުއްޖާއަށް އެމިނިވަންކަން އޮންނަ ފަދައިން ވަނާތައް ނުދައްކަން ބޭނުންވާ ކުއްޖާއަށް އޭނާގެ ޙައްޤުވެސް ލިބިގެންނޫނީ ހަމަހަމަކަމަކަށް ނުބެލޭނެ ނޫންތޯއެވެ؟
އަދިވެސް ޝައިޚު ވިދާޅުވެފައި ވެއެވެ. ނިޤާބަކީ އަދި ބުރުގާއަކީ ވެސް ދީނުގެ ޢަލާމަތެއް ނޫނެވެ. ދީނުގެ ޝިޢާރެއްވެސް ނޫނެވެ. ދީނުގެ ޝިޢާރަކީ ނުވަތަ ޢަލާމަތަކީ ދީނުގެ ވަކިކަމެއްގައި އެއިން ދީން އަންގައިދޭ ކަންކަމެވެ. އެޢަލާމާތް ދީނުގެ އެކަމެއް ނިމެންދެން ދެމިހުންނަން ޖެހޭނެއެވެ. ބުރުގާ ނުވަތަ މޫނު ބުރުގާ އަޅަން މިޖެހެނީ ހިލޭ ފިރިހެނުންގެ ކުރިމަތީގައެވެ. މަގުމައްޗަށް އަންހެން ކުއްޖާ ނިކުންނަ ހިނދުގައެވެ. ގެއަށް ވަނުމާއެކު އޭނާ ބުރުގާ އެބަ ނަގައެވެ. އެހެންކަމުން މިއީ އަންހެންކުއްޖާ ތިމާގެ ޢައުރަ ނިވަންކުރަންޖެހޭ ބައެއްގެ ކުރިމަތީގައި ނިވާކުރުމަށްޓަކައި ތިމާގެ ހެދުމަށް ގެންނަ ބަދަލެކެވެ. ދެން އަނެއް ކޮޅުން މިއީ ދީނުގެ ޝިޢާރެއް ކަމުގައި ބެލިކަމުގައި ވިއަސް، އެކަން މަނާކުރަންޖެހެނީ ހަމައެކަނި މުސްލިމުންނަށްތޯއެވެ؟ ނަޞާރާއިންގެ ޞަލީބަކީ އެއިން އެމީހުންގެ ދީން އަންގައިދޭ ޢަލާމަތެއް ނޫންތޯއެވެ؟ ކުޑަ ތާކިހާއަކީ ޔަހޫދީންގެ ޔަހޫދިއްޔަތު އަންގައިދޭ ޢަލާމަތެއް ނޫންތޯއެވެ؟ ސިކުންގެ ފަގުޑިޔާއި އެމީހުން ބަދެގެން އުޅޭ ތުނބުޅިއަކީ އެމީހުންގެ ދީނީ ޢަލާމަތެއް ނޫންތޯއެވެ؟ އެހެންކަމަށް ވާނަމަ މިމީސްމީހުން އެމީހުންގެ ދީނީ ޢަލާމަތްތަކާއެކު މުޖްތަމަޢުގައި އުޅެވޭ ގޮތަށް، މުސްލިމުންނަށް ވެސް އެޙައްޤާއި އެހަމަހަމަކަން ލިބެން ޖެހޭނެ ނޫންތޯއެވެ؟
މިއަދުގެ ޚުޠުބާ ނިންމާލައްވަމުން ޝައިޚު ވިދާޅުވެފައި ވެއެވެ. މުސްލިމުން އިންޑިޔާއަށް ނުވަތަ ހިންދުސްތާނަށް 800 ވަރަކަށް އަހަރު ވެރިކަން ކޮށްފައި ވެއެވެ. އެތާގައި ތަފާތު ދީންތަކުގެ މީހުން އުޅުނެވެ. ހިންދޫންނާއި ބުޑިސްޓުންނާއި ސިކުންނާއި މަޖޫސީންނާއި މުސްލިމުންނެވެ. އެއްވެސް ބައެއްގެ ދީނީ ޙައްޤު ނިގުޅައިގަތުމުގެ ޤާނޫނެއް ހަދައި އެމީހުންގެ މެދުގައި ދީނީ ހަމަހަމަކަމާއި ދީނީ މިނިވަންކަން އަތުލައިގެންފައެއް ނެތެވެ. ހިންދީން އެމީހުންގެ އިލާހަކީ ގެރިކަމަށް ދެކޭއިރު، މުސްލިމުން އެމީހުންގެ ޢީދުގައި ކަތިލާ އުޟުޙިޔާއެއްގެ ގޮތުގައި އެގެރި ބަލަމުން ދިޔައެވެ. އެއްބަޔަކު މީހުން މަރުވުމުން ވަޅުލަނީއެވެ. އަނެއްބަޔަކު ފުންވަޅަކަށްލައި ކުނިކުރަނީއެވެ. އަނެއްބަޔަކު އަންދައިލައި އަޅިކޮޅު އުދުއްސާލަނީއެވެ. ނުވަތަ އޮޔާ ބެހިގެންދާން ދޫކޮށްލަނީއެވެ. މިއިން އެއްވެސް ބަޔަކާ ސަރުކާރު ބެހިފައެއްނެތެވެ. އަދި ޤާނޫނެއް ހަދައިގެން ވަކި ބައަކަށް ދަތިކޮށްފައެއްނެތެވެ. ހަމަހަމަކަމަކީ މިއީ ނޫންތޯއެވެ؟ ޑިމޮކްރަސީ ގޮވަނީ މިއަށް ނޫންތޯއެވެ؟
އަދިވެސް ޝައިޚު ވިދާޅުވިއެވެ. އަޅުގަނޑު ފުރާންސުގެ ސަފީރަށް ދެންނެވީމެވެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ މުސްލިމުންނަކީ އެއް މިއްލަތެއްގެ ބައެއްކަމެވެ. އެމީހުން ދެކޭގޮތުގައި، އުފެދުމުގައްޔާއި ނަސަބުގެ ގޮތުން މުޅި ދުނިޔޭގައި ވާހައި މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އުފަލާއި ހިތާމާގައި ބައިވެރިވާ، އަދި ބައިވެރިވާންޖެހޭ ބައެކެވެ. އާދެ، އެމީހުންވަނީ އެއްބައްޕައަކާއި މަންމައެއްގެ ނަސަބުން ގުޅިފައެވެ. އެމީހުންވަނީ އުފެއްދެވި ފަރާތަކީ ﷲ ކަމަށްވާތީ، އުފެދުމުގައި ގުޅިފައެވެ. އެހެންކަމުން އެމީހުން އެކަން އެބަ ޤަބޫލުކުރެއެވެ. އެޤަބޫލުކުރުން ފައުޅުކޮށް ޢަމަލީގޮތުން އެކަން ޙަޤީޤަތަށް ގެނެވޭތޯވެސް އެބަބަލައެވެ. މިދުނިޔޭގައި ގާތްގަނޑަކަށް 4.1 ބިލިޔަން މުސްލިމުން އުޅެމުންދާއިރު، މިސާލަކަށް ހުޅަނގުގެ ޤައުމުތަކުގައި އެމީހުންނަށް އެމީހުން ޤަބޫލުކުރާ ހެދުމެއްގައި އެތާގައި ނޫޅެވޭ ކަމަށްވާނަމަ، ނުވަތަ އެއިން ޤައުމަކަށް ނޭރެވޭ ކަމަށްވާނަމަ، މުސްލިމު ޤައުމުތަކުގައި ވެސް އެމީހުން ޤަބޫލުކުރާ ހެދުމެއް އަޅައިގެން ނޫނީ އަނެކުންނަށް ނޭރޭނެގޮތް ހަދަން ބަޔަކު އުޅުމަކީ ނުވެނުދާނެ ޠަބީޢީ ކަމެކެވެ. އެހެންކަމުން އަޅުގަނޑު ބުނާނީ އިންސާނުން އެދެނީ ހަމަހަމަ ކަމެވެ. އިސްލާމް ދީންވެސް ގޮވަނީ ހަމަ އެޙައްޤަށެވެ. އެހަމަހަމަކަން ކޮންމެ ތާކު އިންސާނުން އުޅުނު ކަމުގައި ވިއަސް ލިބޭކަމުގައި ވާނަމަ ދުނިޔެއަށް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ލިބޭނެއެވެ. މިއަދު ދުނިޔެއަށް އެންމެ ބޭނުވެފައި އޮތް އެއްޗަކީ މިއީއެވެ.
Raajjeislam.com