ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި މާލޭގެ މިސްކިތްތަކުގައި އާއި އެނޫންވެސް އެކިއެކި ތަންތާނގައި ދީނީ ދަރުސްތައް ދެމުން ގެންދިޔަ، ލަންކާމީހެއްކަމުގައިވާ ޔަހުޔާ ސިލްމީއަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހުއްދަދިނުމުގެ ޤަވާޢިދަށް ފެތޭ ސެޓުފިކެޓެއް އޮތްމީހެއްކަމުގައި ނުވުމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އޭނާގެ ޢަމަލުތައް ހުއްޓުވައިފިއެވެ. މިކަމާއިގުޅިގެން ބަޔަކު މީހުންގޮސް އމިނިސްޓްރީ ތެރޭގައި، "ވަލިޔުއްލު އަމުރު"ގެ މި އެންގުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ދެކޮޅުހަދައި ވަލިއްޔުލް އަމުރާ ދެކޮޅަށް މިނިސްޓްރީތެރޭގައި މުޒާހަރާކޮށްފިއެވެ. އަދި މިނިސްޓްރީގެ އިސްބޭބޭފުޅުންނާއި ވަރަށް ހަޑިހުތުރު ބަހުރުވައިން މުޚާޠަބުކޮށް ޒުވާބުކޮށް ހަދައި، މިސްކިތްތަކުގައި ދަރުސް ނުދެވޭނަމަ ގޭގޭގައިވެސް އެކަން ކުރިޔަށް ގެންދާނޭކަމުގެ އިންޒާރުދީ ޤައުމުހިންގަން ތިބި ވެރިންނަށް ވަނީ ބިރުދައްކައިފިއެވެ.
މިއީ މިމީހުންގެ މަންހަޖާއި ޢަޤީދާއާއި މުޅީންޚިލާފް ޢަމަލެކެވެ. މިކަން އެހެންބަޔަކު ކުރިނަމަ އެބަޔަކު ހަމަ ވަގުތުން ޚަވާރިޖުވީހެވެ. އެއުސޫލުން މިމީހުންނޫން އެހެންއެންމެންނަކީ ބިދުޢަވެރިންނެވެ. އަދި ޚަވާރިޖު ފިކުރުގެ މީހުންނެވެ.
ޤައުމުގައި ހިނގާ މުންކަރާތްތަކާއި ބެހޭގޮތުން އެއްވެސް ވާހަކައެއްނުދައްކާ އަބަދުވެސް އިސްލާމްދީނަށް ޚިދުމަތްކޮށް މީހުންގެ މަޤުބޫލުކަންލިބޭމީހުންނާއިދޭތެރޭ ބަދުބަސް ބުނެ އެމީހުންގެ ނުބައިވާހަކަ ދެއްކުމަކީ މިމީހުންގެ އެންމެ ބޮޑު އަޅުކަމެވެ. އަދިހަމަ މިއާއެކު މިމީހުންނަކީ ސަލަފުއްޞޯލިޙުންގެ މަންޙަޖުގައި ހަމައެކަނި ތިބޭމީހުންކަމަށް ދަޢުވާކުރެއެވެ.
ހަތަރު އަނބީންގެ އިތުރުން "މިލްކުލް ޔަމީން" (ޖާރިޔާއިންވެސް) ގެންގުޅޭ، އަދި އެކަމަށް ހިތްވަރުދީ ފަތުވާނެރެ ހުއްދަކޮށްފައިވާ މި ސިލްމީއަކީ ސްރީލަންކާގެ މިސްކިތްތަކުގެ ޖަމާޢަތުންވަކިވެ ވަކި ޖަމާޢަތެއް ހަދައިގެން ނަމާދުކުރަމުންދާ މީހެކެވެ. މިއީ ކަނޑައެޅިގެން މިމީހުންގެ ޢަޤީދާއާއި ފުށުއަރާ ކަމެކެވެ. މިމީހުންގެ ޢަޤީދާ ބުނާގޮތުން ނަމާދަށް ދާންޖެހޭނީ ހަމަސީދާ މިސްކިތްތަކަށެވެ. މިސްކިތުގެ އިމާމަކީ ކޮންމެފަދަ މީހެއްކަމުގައިވިޔަސް އަދި ނަމާދު ކުރަނީ ކޮންމެފަދަ ގޮތަކަށް ކަމުގައިވިޔަސް، ނަމާދަށް ދާންޖެހޭނީ މިސްކިތަށެވެ. އެހެންނޫނީ މިމީހުންގެ ކައިރީ އެމީހަކީ ބިދުޢަވެރިއެކެވެ.
ﷲގަންދީ ބުނަމެވެ! އަޅުގަނޑަކީ ސިލްމީ ފަހަތުގައި ސްރީލަންކާގެ ކޮޅުނބުގައި ހުކުރު ކުރިމީހަކީމެވެ. މިސްކިތެއްގައެއްނޫނެވެ. އޭނައަށް ތަބާވާ މަދުމީހުންކޮޅެއް ބައިތިއްބައިގެން ފާޑެއްގެ ޢިމާރާތެއްގެ 2 ވަނަ ބުރީގައެވެ.
ތިމަންމެނަކީ "ސަލަފީ" މަންހަޖުގައި ތިބި ބައެއްކަމުގައި ބުނަންޖެހޭނެކަމުގައި ދެކޭ، އަދި ނަމުގެ ފަހަތަށް "ސަލަފީ" ލާންޖެހޭނެކަމުގައިބުނާ މިފަދަ ފިކުރުތަކަށް ތަބާވާ މީހުންގެ އަސާސީ ދަޢުވާއަކީ "ވަލިއްޔުލް އަމުރު" (ޤައުމުގެ ވެރިޔާ)ގެ އަމުރުތަކާ ދެކޮޅަށް ނުކުތުމަކީ ޚަވާރިޖުންގެ ސިފައެއް ކަމުގައެވެ. ދީނުން ބޭރުވާނޭ ކަމެކެވެ. އެފަދަ ޢަމަލެއް މީހަކު ކޮށްފިނަމަ އެހިސާބުން އެމީހަކާ މުޅިއުމުރަށްވެސް އަނގައިންނެއް މިމީހުން ނުބުނާނެއެވެ. ނަމަވެސް ކަމަކު ޖެހެންދެނެވެ.
ލަންކާގެ މިމީހާގެ ދަރުސްތައް ދިނުމަށް މިފަހަރު ހުއްދަ ދިނީ އިސްލާމިކް މިނިސްޓްރީއަށް މީގެ ހަފްތާއެއް ހާދުވަސް ކުރީން ސަރުކާރުން ޢައްޔަންކުރައްވާފައިވާ ޒަކީއޭ ބުނާތީ އަޑުއެހީމެވެ. ޒަކީއަކީ މިމީހުން ކައިރީ ހަމަ ކަނޑައެޅިގެން ބޮޑު ބިދުޢަވެރިއެކެވެ. އެއީ ޒަކީ މައުމޫނުގެ ސަރުކާރާއި ދެކޮޅަށް ތެދުވެ މުޒާހަރާކޮށް މައުމޫނުގެ ސަރުކާރު ވައްޓާލީމައެވެ. ވަކިން ޚާއްސަކޮށް ޒަކީއަކީ ފަތިސްނަމާދުގެޤުނޫތު މައްސަލައިގައި ކުރީގެސަރުކާރާއި ދެކޮޅަށް ޢަމަލުތަކެއް ހިންގިމީހެއްކަމަށްވާތީ މިމީހުންގެ ކައިރީ ޒަކީވެގެންދިޔައީ ސަލަފީމަންޙަޖާއިޚިލާފު ޚަވާރިޖީ ފިކުރުގެ މީހަކަށެވެ.
މިމީހުންގެ ދަރުސްތަކުގައި "ތައުޙީދު" ދަސްކޮށްދިނުމުގެ ނަމުގައި ދެކެވޭ މައިގަނޑު ވާހަކައަކީ، ދީނީ މަޞްލަޙަތައްޓަކައި ތިމާމެންގެ ދީނުގެ ދިފާޢުގައި ނަމަވެސް ސަރުކާރާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދެއްކޭނޭކަމާއި، ރާއްޖޭގެ ގިނަ ޢިލްމުވެރިންނާއި، އަދި ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންނަށްވެސް އެތައް ފާޑެއްކިޔުމާއި، އެބޭބޭކަލުންނަކީ ޤަބޫލުކުރެވޭ "މަންހަޖެއް"ގައި ތިބި ބައެއް ނޫންކަމެވެ. ސިލްމީގެ މިފަހަރުގެ ދަތުރުގައި ޑރ.ޒާކިރުނައިކް އަދި ޑރ.ބިލާލް ފިލިޕްސް މެން ފަދަ އެތައް ޢިލްމުވެރިންނެއް "މަންޙަޖުން" ބޭރުކޮށް ބިދުޢަވެރިބައެއްކަމަށް ބުނެ ފަތުވާދިންކަމަށް ވެއެވެ. އަބަދުވެސް ކޮންމެވެސް ޢިލްމުވެރިއަކު "މަންޙަޖުން" ބޭރުކޮށް އޭނަ ނުބައި މީނަ ރަނގަޅު، މީނަ ނުބައި އޭނަ ރަނގަޅު ތަސްބީޙައެއްހެންކިޔައި ދަރުސްދިނުމަކީ މިބައިމީހުންގެ މުޅި "ތައުޙީދެވެ." ގާތްގަނޑަކަށް ކޮންމެ ދަރުސެއްވެސް ނިމިގެންދާއިރު ކޮންމެވެސް ޢިލްމުވެރިއަކަށް ފާޑުކިޔައި "މަންޙަޖުން" ބޭރު ކުރާނެއެވެ. މުޅިންވެސް އޮންނާނީ ޢިލްމުވެރިންގެ މަސްކެއުމެވެ. ﷲ ގަންދީ ބުނަމެވެ! އެއީ ހަމަޔަޤީނުންވެސް ސަލަފުއްޞޯލިޙުންގެ ގޮތެއްނޫނެވެ. އަދި މަންޙަޖެއްވެސް ނުމެނޫންމެއެވެ. ސަލަފުއްޞޯލިޙުން މިފަދަ ލާދީނީ ގޮތްކުޑަ ކަންތައްތަކުން ބަރީޢަވެގެން ވެއެވެ.
"ވަލިއްޔުލް އަމްރު"ގެ ޙުކުމްތަކަށް ތަބާވުމަށް ހަރު އަޑުން ގޮވައި ، އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އެންމެންނަކީ "މަންހަޖުން ބޭރުވެ" ކާފަރުވެފައިވާ ބަޔަކަށް ހަދައި، މުސްލިމުތަކުންނާ ސަލާމްކުރުމާއި ސަލާމް ބަލައިގަތުން ހުއްޓާލައި، އެމީހުންގެ ޚިޔާލާތާ އެއްގޮތް ނޫންމީހުން ދީނުން ބޭރުވާނޭކަމަށް ދެކޭ މިމީހުންގެ އަޞްލަކީ އަމިއްލައެދުމާއި ހަވާނަފްސަށް ތަބާވުންކަން މިފަދަ އެތައްކަމަކުން ވަރަށް ބޮޑަށް ހާމަވެއެވެ. އަދި ސިލްމީގެ ކަންތަކުގައި އިސްލާމިކް މިނިސްޓްރީއަށްގޮސް މުޒާހަރާ ކުރިކުރުމުން އިތުރަށް މިމީހުން ޤަބޫލުކުރާ މަންޙަޖުގައި މިމީހުންނަށްވެސް ސާބިތުނުވެވޭކަން ވަރަށްރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. އަދި "ވަލިއްޔުލް އަމުރަކީ" ކޮބައިކަން މިހާރު ވަރަށް ބޮޑަށް އޮޅިގެން ހިނގައްޖެއެވެ؟
މިމީހުން ޚުދުޤަބޫލު ކުރާ ޢަޤީދާއަކީ މީހުން ކާފަރުކުރުމާއި ދީނުންބޭރު ކުރެވޭނެ އެއްވެސް ޙާލަތެއް ނޯންނާނެކަމާއި އެމީހަކު އަމިއްލައަށް ތިމަންނާއަކީ ބޮޑު ކާފަރެކޭ ބުންޏަސް މިމީހުންކައިރީ އެމީހަކު ކާފަރެއްނުވާނެއެވެ. ބުނާ އެއްޗަކުން ކުރާ ޢަމަލަކުން ކާފަރެއް ނުވާނެއެވެ. އެފަދަ މީހެއްގެ ހިތްފަޅައިގެން ބަލަންޖެހޭނެއެވެ. މިޢަޤީދާ ޤަބޫލުކުރާޙާލު މިރާއްޖޭގައި 5 އިރު 5 ނަމާދު ކުރާ ބައެއް އަޚުންނާއި މިމީހުން ސަލާމެއް ނުކުރާނެއެވެ. އިސްއުފުލާ ބަލާވެސް ނުލާނެއެވެ. އެކަމަކު އެއްގޮތަކަށްވެސް ނަމާދު ނުކުރާމީހުން މިމީހުންގެ އެންމެ ގާތް ރަޙުމަތްތެރިންގެ ގޮތުގައި ތިބެއެވެ. މިހެންވެ ބައެއް މީހުން މިމީހުންނަކީ އަމިއްލަ އެދުމަށް "އަޅުކަންކުރާ" ބައެކޭ ބުނެއުޅެއެވެ.
Raajjeislam.com
Posted on 2010-04-03 04:29:20 |
Report this Comment