އަހުމަދު ހާޝިމް
މާލޭ ދަފްތަރުގައި ރަޖިސްޓަރ ކުރެވިފައިވާ އާދައިގެ ލިޔުންތެރިޔެއް
  • ޝާއިޢުކުރި ތާރީޚް: 26 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 67
  • މޯބައިލް ލިންކު: m.muraasil.com/6267

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މަޖިލީހުގައި ހިނގާ ދެބަސްވުމެއްގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށްވެސް، އަމާންކަމަށްވެސް ހުރަހެއްއެޅިޔަ ނުދެއްވައި، ކަންކަން ކުރިއަށް ގެންދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ - ރައީސް

ރައްޔިތުންގެ މަޖިލީހުގައި ހިނގާ ދެބަސްވުމެއްގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށްވެސް، އަމާންކަމަށްވެސް ހުރަހެއްއެޅިޔަ ނުދެއްވައި، ކަންކަން ކުރިއަށް ގެންދެވުމަށް ސަރުކާރަށް އެޅުއްވެން ހުރި ހުރިހާ ބާރެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އަޚްލާޤީ މިންގަނޑުތަކުން މުޅިން ނެއްޓި، އެއްމެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްލައްވައި، އަދި އެއްގޮތަކަށްވެސް ޢާންމު ތަންތަނުގައި ވިދާޅުވާން ނުޖެހޭ ބާވަތުގެ ވާހަކަތައް ވިދާޅުވަމުން ގެންދެވުމަކީ، މަޖިލީހުގެ މަސައްކަތަށް އަދި އެމަޖިލީހުގެ ގެ، ރައްޔިތުންނަށް ފެންނަ ގޮތަށް ހުރަސްތަކެއް އެޅޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ކިތަންމެ ބޮޑަށް ނުރުހުންވެގެންދިޔަސްވެސް އަދި ޚިޔާލު ތަފާތުވެގެންދިޔަ ކަމުގައިވިޔަސްވެސް، އެއްމެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްނުލައްވައި، ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހިންގަވަމުން ގެންދެވުމަކީ، ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޖިލިސްކުރާ ހޯލްތެރެއިން ބޭރުގައި ބައެއްފަހަރު މެންބަރުން، އަންހެން ބޭފުޅުންނަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާ ކަމުގެ ޚަބަރު ލިބިވަޑައިގަންނަވާ ކަމަށާއި، މިއީކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންނަށް ވަރިހަމަކޮށްގެން ތިބެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. މަޖިލީހުގައި ކަންކަން ޙައްލުވެގެން ނުދިޔައީމާ، އެކަންކަން މަޖިލީހުން ބޭރަށް، މަގުމައްޗަށްވެސް ފުރޮޅިގެން އެބަދާ ކަމަށާއި، އެއަށްފަހު އެކަންކަމަށް އެތައް ބާރަކާއި އެތައް ހަމަނުޖެހުމެއް މުޅި ރާއްޖޭގެ ކަންކޮޅުތަކުން ވަދެގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެމަތީ ވެރިޔާ ކަމަށްވުމާއެކު، މިދައުލަތް ހެޔޮގޮތުގައި، ރަނގަޅު ގޮތުގައި އަންނަން އޮތް ޖީލަށް ނުވަތަ ދެން އަންނަން އޮތް ސަރުކާރަކަށް ރައްދުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އަންނަ އާދީއްތަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ، އެހީދޭ ޤައުމުތަކާއި ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ އެކި މުއައްސަސާތަކުގެ ބައްދަލުވުން ކަމަށްވާ ޑޯނަރސް ކޮންފަރެންސްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މި ކޮންފަރެންސްގައި ބޭރުގެ ތަފާތު 80 ފަރާތަކުން އެބަ ބައިވެރިވާ ކަމަށާއި، ސަރުކާރުން އުންމީދު ކުރައްވާ މިންވަރަށް މިކޮންފަރެންސަށްފަހު ސަރުކާރަށް ފައިސާ ހޯއްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިތާބުގައި، ސަރުކާރުން މިހާތަނަށް ވަރަށްގިނަ ޢަދަދެއްގެ އެމް.އޯ.ޔޫ.ތަކުގައި ސޮއިކުރައްވާފައިވުމާއެކު، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އިރާދަކުރެއްވިއްޔާ، ދެން ފެނިގެންދާނީ، އެ އެމް.އޯ.ޔޫ.ތަކުގެ މުއްދަތު ހަމަވެ، އެ އެމް.އޯ.ޔޫތައް އެގްރީމަންޓްތަކަކަށް ބަދަލުވެ، އެއެގްރީމަންޓްތަކާ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާތަން ކަމުގައި ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަހެއް ނުވަތަ ތިންމަހެއްހާ ދުވަހުގެ ތެރޭގައި، ވަރަށްގިނަ އެގްރީމަންޓްތައް ކުރެވި، މަސައްކަތްތައް ފެށިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.