ކުރީގެ ސަރުކާރުގެ ފަރާތުން ވާރުތަވެފައިވާ ދަރަނި ލުއި ކޮށްދެއްވުމަށް ދިވެހިރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ކިބައިން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު އެދިވަޑައިގެންފިއެވެ. އެ މަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެހީދޭ ފަރާތްތަކުގެ މަހާސިންތާ ނުވަތަ ޑޯނަރޒް ފޯރަމްގެ ކުރިން ކޮޅުނބުގައި ތިއްބަވާ އެހީދޭ ޤައުމުތަކުގެ މެދުގައި މައުލޫމާތުދެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
.
މި ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ފޯރަމްގައި ރާއްޖޭގެ ސަރުކާރުން އިސްކަންދެއްވާ ފަސް ދާއިރާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މި ފަސްދާއިރާއަކީ ރާއްޖޭގެ މާލިއްޔަތު ހަރުދަނާކުރުމާއި ހިންގުމުގެ ދާއިރާ އިސްލާހުކުރުމާއި ޤާނޫނުގެ އަމުރު ހިންގުމާއި ޑިމޮކްރަސީ ހަރުދަނާކުރުމާއި އަދި ތިމާވެށީގެ ނުރައްކަލުން ހިމާޔަތްހޯދުމެވެ.
.
މީގެ އިތުރުންވެސް ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ފަސްވަޢުދު ވަނީ ތަރައްޤީގެ މަޝްރޫޢުގެ ގޮތުގައި ރުކުރުވާލެވިފައި ކަމަށާއި ޑޯނަރޒް ފޯރަމްގެ ބޭނުމަކީ އެކަންތައްތައް ތަންފީޒްކުރުމަށް އެހީ ހޯދުން ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މިއަހަރު ނިމޭއިރު ރާއްޖެ އުނިވާނެކަން ފާހަގަކުރައްވަމުން މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުމަކީ ދިވެހިރައްޔިތުންނަށް ވާރުތަވެފައިވާ ދިވެހިރާއްޖޭގެ ދަރަނި ކަމަށް ވިދާޅުވިއެވެ.