"ލިޔުންތެރިކަން އެންމެނަށް" މި ޝިޔާރުގެ ދަށުން އެތައް އާ ޚިދުމަތްތަކާއިއެކު ދިވެހިބަހާއި ލިޔުންތެރިކަން ކުރިއެރުވުމާއި، ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ރޮނގުން އިންގިލާބުތަކެއް ގެނުވާ އާފަންނާނުން ތަކެއް އުފައްދައިދިން "އެންމެންގެ ގަލަން - މުރާސިލް" ގިނަ ދުވަސްތަކަކަށް ފަހު އަލުން ޚިދުމަތްފަށަނީ!
2009-2015, Muraasil.com
މިއީ މުރާސިލްގައި 2010 މާރިޗު 7 ވަނަ ދުވަހު "އަބްދުﷲ ޝަފީގު އަލީ" ޝާއިއު ކޮށްފައިވާ ލިޔުމެއް.

ގައުމުގެ ލާމަސީލް އަންހެނާ - އޮނަރަބަލް އަލްފާޟިލާ ނާސިރާ

އެއީ މީގެ އެތައް އަހަރެއްކުރިއެވެ. ވެލާނާގެ މަޝްހޫރު އަނބުގަސް ހުރި ޒަމާނެވެ. ރޭގަނޑު ދަންވަރު ވަގަށް އަނބު ބިންނަ މީހުން އެކަން ކުރަމުންދެއެވެ. އެހެން ހުރަސްކުރާ ސްކޫލްކުދިން ފޮތާއި ދަބަސް ފަދަ ތަކެތި އެއްލައިގެންވިޔަސް އަނބެއް ލިބޭތޯ ބަލައެވެ. ނަމަވެސް މި އެންމެންނާ ތަފާތު ކެތްތެރި އަންހެނަކު ވެލާނާގެ ފާރު ބޭރުގައި މަޑުކޮށްލައިގެން ހުރެއެވެ. އަބަދުވެސް ބަލަނީ ބިންމަތީގައި އަނބެއް ޖެހޭނެ އިރަކަށެވެ. ގަހުގެ ތަނޑުންވަކިވެ، އެއްމެނަށް 'ހުއްދަ' ވާ މަގުމައްޗަށް އަނބެއް ވެއްޓޭނެ އިރަކަށެވެ. ގަދަވަޔާއި ވިއްސާރަ ވެހޭނަމަ އެއީ އޭނަގެ ނަސީބެވެ. ބޯވާރޭ ތެރޭގައި އަނބެއް ވެއްޓޭނެކަމުގެ އިންތިޒާރުގައި ހުންނައިރު އެހެން މީހުންނަށް ތަކުލީފަކަށްވެ، އަނބު ހޮވަން ނައިސް، ގޭގައި ދެފައިދަމާފަ ނިދާ ރެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގަން އުނދަގޫވާ ދަރަޖައިގަވެސް މިބުނާ އަންހެންމީހާ ފަރިތަކަމާއެކު ގޭގެއަށް ކުނި އުކާލަދީ، މާރުކޭޓުން މަސްގެނެސްދީ ހަދައެވެ. އާމްދަނީ ހޯދުމުގެ މާތް މަގުސަދުގައެވެ. އެއީ ފަހުގެ ތާރީހުގައި ދިވެހިރާއްޖެ ދުށް އެންމެ މުރާލި، ކެތްތެރި އަންހެނާއެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އަހަރެންނަށް އެންމެ ފާހަގަކޮށްލަން ބޭނުންވާ ޝަހުސިއްޔަތެވެ. އެންމެންގެ އެކުވެރި، ދެކެފަރިތަ ނާސިރާއެވެ.

ނާސިރާ އަހަރުމެންގެ ތެރެއަށް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް މަޝްހޫރުވެފައިވަނީ މޮޔަ ނާސިރާގެ ނަމުންނެވެ. އަހަރެން ކުޑައިރުވެސް ނާސިރާ ދައްކާފައި އެއީ މޮޔަނާސިރާއޭ ބުނެއެވެ. ނާސިރާކޮށްދޭ ހިދުމަތް ހަނދާން ނައްތާލާފައެވެ.

އަހަރެން ހިތަށް އަރައެވެ. 'މޮޔަ' އޭ މިބުނަނީ ކޮން މާނައެއްގައި ބާވައެވެ. ނާސިރާގެ އަމަލުތަކުން މޮޔަ މީހެއްގެ އަސަރެއް ނުފެނެއެވެ، އޭނާ ކުރާ މަސައްކަތަކީ އެންމެ ހޭ ޖެހޭ އަންހެނަކުވެސް ކުރެވޭ ފަދަ މަސައްކަތެކެވެ. އެކި މީހުން މޮޅުވެ ކުރިއަރާނީ އެކި ރޮނގުންނެވެ. އަހަރެން ފުޓްބޯޅަ ކުޅޭތާ މިހާރު ވިހިއަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ދުވަހަކުވެސް މޮޅެއްނުވެއެވެ. މިހާރުވެސް ކުޅެން ގޮސްފިނަމަ ޓީމަށް ނަގަނީ އެންމެ ފަހުންނެވެ. އަހަންނަށް ވުރެ ނިކަމެތި، އަހަރެންނާ އެކީ ހުސްފައިގައި ކުޅުނު ކުދިން މިހާރު ކުޅެނީ ގައުމީ ޓީމަށެވެ. އެހެންކަމުން ހުނަރާއި، އެމީހާ ގެ މަސައްކަތުގެ ރޮނގަކީ ތިމާގެ ބޭނުންވާ، ކުރިއަރާ ދާނެ ފަދަ ރޮނގަކަށް ހަދަން ޖެހެއެވެ. ނާސިރާ ފަދައިންނެވެ.

މޮޔަ އޭ ބުނާއިރު އެބުނާ ހޭޖެހޭ މީހެއްކޮބައިހެއްޔެވެ؟. ކޮންމެ އިންސާނެއްގެވެސް އުނިސިފައެއް ހުރެއެވެ. އެ ސިފައަށް މޮޔަ ކިޔާނަމަ ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަން ކުރީވެސް ހުސް މޮޔައިންނެވެ. އަހަރެންގެ ހަޔާތުގައި ފެނުނީ ދެ ރައީސުންނެވެ. އެދެ ފަރާތުގެ އުނި އެތައް ސިފައެއް މިހާރުވެސް ކިޔައެވެ. އެ ސިފަތަކަކީ މޮޔައިންގެ ސިފައެކޭ ބުނާ ނަމަ ރާއްޖޭގެ ރައީސުންނަކީ މޮޔައިންނެވެ. އަދި އެމީހުން ހޮވި އަހަރުމެން ރައްޔިތުންގެ މޮޔަކަން މާބޮޑެވެ. އުނިސިފައަކަށް މޮޔަ އޭ މީހުން މިކިޔަނީ ނާސިރާއަށް ނިސްބަތްކޮށް މީހުން މޮޔައޭ ބުނާތީއެވެ. އޭނަ މޮޔަ އަކަށް ވަނީ ހަޑި މަސައްކަތްކުރާތީއެވެ. އަތްވާއި ވާރޭގައި ގަދަ އަޅާ މަސައްކަތް ކުރާތީއެވެ. ފެންނުވަރާ، ގެއެއް ދޮރެއްނެތި އުޅޭތީއެވެ. މިއީ ހައްތާވެސް އޭނަގެ މޮޔަކަން މީހުން ތަސައްވަރުކުރާ ގޮތެވެ. ނާސިރާގެ އެ ހިތްވަރުގަދަ މަސައްކަތަކީ މޮޔައެކޭ ބުނެވޭނެ އެއްވެސް ސިފައެއްނޫނެވެ. އެއީ އޭނަގެ މުރާލިކަމެވެ. ސަލާން ޖަހާ މީހުންގެ ސަފުތަކުގައި މާލޭގެ ގެދޮރު ހުރި މީހުންނާއި ސިއްހަތު ސަލާމަތުން ތިބި މީހުން ފެންނައިރު، އަހަރެންނަށް ދުވަހަކުވެސް ނާސިރާ މިފަދަ ތަނަކުން ފެނިފައިނުވެއެވެ. ކަންނެތްކަން މަތީ މަސައްކަތެއްނުކޮށް، މައިންބަފައިން އަތުން ކައިގެން މިހާރު އުޅޭ ޒުވާނުންގެ މޮޔަކަން މާބޮޑެވެ. ނާސިރާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ
އޭނައަށް ކޮންމެވެސް ގޮތަކުން ކުރިމަތިވި މުސީބާތެއްގެ ސަބަބުން ހިޔާރުކުރި ގޮތަކަށްވެސް ވެދާނެއެވެ. އިންސާނުންނަށް ދިމާވަނީ އެކި ހާލަތްތަކެވެ، ބައެއްމީހުންނަކީ އެ ހާލަތުން އަރައިގަތުމަށް މަސައްކަތްނުކޮށް، އެހެން ކަންތައްތަކުންނާއި ދިރިއުޅުމުގެ ބާކީ ހުރި ކަންތަކަށް ސަމާލުކަންދީގެން އުޅޭ މީހުންނެވެ. މިހާރުވެސް ޒުވާނުންގެ ތެރޭގައި ފެން ނުވަރާ ބޮލާއި ތުނބުޅި ދިގުވާނެ ގޮތަކަށް ދޫކޮށްލައިގެން އުޅޭ މީހުންނާއި، 'ގޮތިކް' ހެދިގެން ގަބުރުތަކެއްހެން އުޅޭ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ހަމަގައިމުވެސް ނާސިރާއަކީ އެކަހެރި އަންހެނެކެވެ. މިބުނާ ބައިގަނޑަކީ ކޮފިތަކާއި އަދި އެނޫންވެސް މުޖުތަމައުގެ މީހުންގެ ތެރެއަށް މަސްހުނިވެ އުޅޭ މީހުންނެވެ. އެމީހުންގެ ފަރާތުން ލައްކަ އުނދަގޫ ވެއެވެ. ނާސިރާގެ ފަރާތުން އެ އުނދަގުލެއްނުވެއެވެ.

މީހުން މަލާމަތް ކުރަނީ އޭނަ ގެންގުޅޭ ފޮތި ކޮތަޅުގެ ވާހަކައިންނެވެ. ނާސިރާ ބޭނުންނަމަ އެންމެ މިޒަމާނުގެ 'ގޫޗީ' ދަބަހެއް ގަނެވިދާނެއެވެ. މީހުންނަށް ދެއްކެން އެކި ކުލައަރާ ބޮޑެތި އަތްދަބަސް ކޮނޑުގައި އަޅުވައިގެން އުޅެވިދާނެއެވެ. މިހެން ބުނާ މީހުންގެ ހާލަތު ބަލައިފިނަމަ ގިނަފަހަރަށް މިފަދަ ބްރޭންޑަޑް ދަބަހެއް ގެނެގެން އުޅޭނީ ކޮންމެވެސް ރައްޓެއްސެއްގެ އަތުން ލާރި ހޯދައިގެންނެވެ. ނުވަތަ މުސާރައިން ކަނޑާގޮތަށް ފައިސާ ނަގައިގެންނާއި، އުފަންދުވަހުގެ ހަދިޔާއަކަށް ދަބަހެއް ބޭނުމޭ ކިޔައިގެން ފޭސްބުކްގަ އިސްތިހާރުކޮށް، ހަދިޔާ ހޯދާގެންނެވެ. ބެންކުން ލުއި ލޯނު ނަގައިގެން ސްރީލަންކާއަށް ގޮސް 'އޮޑެލް' ހެދިގެން ވިޔަފާރި ކުރާ އަންހެނުންނަކީ ހަގީގަތުގައިވެސް ހަމަ މޮޔައިންނެވެ.

މީހުން ބުނެއެވެ. އޭނައަކީ މޮޔައެއްކަން އެނގޭ އެންމެ ބޮޑު ސިފައަކީ މޮޔަ ނާސިރާއޭ ބުނާއިރަށް ފަހަތުން ދުއްވައިގަންނާތީއެވެ. އަދި އެގަޑީގައި ހަޑިބަހުރުވައިން ޒުވާބު ކުރާތީއެވެ. އަހަރެން އަހާލަން ބޭނުމެވެ. އެ ބުނާ ހަމަ ޖެހޭ މީހަކާ ދިމާއަށް، ތިމާ ނުރުހޭ ނަމަކުން ގޮވައިފިނަމަ ވާނެގޮތެވެ. ނާސިރާ ތިރީހަކަށް އަހަރު އެބަ ކެތްކުރޭ ނޫންހެއްޔެވެ. މިހާރުގެ މީހަކާ ދިމާއަށް ދެފަހަރަކު ބުނާއިރަށް ގަޔަށްބޮލަށް އަރައިގަންނާނެއެވެ. ގުރޫޕެއް ފޮނުވައިގެން މަރާމާރީވެސް ހިންގާނެއެވެ. އެހެން ވީމާ ތި މީހުންގެ މޮޔަކަށް ނާސިރާއަށްވުރެ ބޮޑެވެ.

ކޮންމެ ގޮތަކަށް ބެލިޔަސް އެފަދަ ހީވާގި އަންހެނަކު މި ފަހުގެ ތާރީހެއްގައި ދިވެހިން ދެކެފައިނުވާނެއެވެ. ކެތްތެރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ. މަސައްކަތްތެރިކަމުގައި މާމުއި ކުޅަނދުރެއްފަދައެވެ. އެންމެން ސިޔާސީ ފިކުރުތަކުން ގެނބި ހަލާކުވަމުންދާއިރު އެކަމުން ސަލާމަތްވެގެން ހުރި މަޝްހޫރު އަންހެނެކެވެ. ތަހުޒީބުގެ އޮއިވަރުގައި ނުޖެހި އެއް އުސޫލަކެއްގައި ހުރި ސަގާފީ ބޭކަނބަލެކެވެ. މިކަންތައް އަގު ކުރެވޭނީ ސާފު ހިތަކައިގެން ނާސިރާއަށް ބަލާލީމައެވެ. މިފަދަ ދުވަހެއްގައި ލާމަސީލް އަންހެންދަރިޔާގެ އެވޯޑް ނާސިރާއަށް ނުދީ އެހެން ފަރާތަކަށް ދީފިނަމަ ދިވެހި ހީވާގި އަންހެނުންނަށްވެސް ހުތުރެކެވެ. ސަރުކާރުން އެކަން ފާހަގަނުކޮށްފިނަމަ މިހާތަނަށް ވެރިކަން ކުރި ވެރިންގެ ފަސްބައިގައި ޖެހޭނެ ލައްގަނޑެކެވެ. ތިމާމެން ފާހަގަ ކުރަން ޖެހޭ ފަރާތްތައް ދޫކޮށްލިކަމުގެ ބަދުނާމުގެ ލައްގަނޑެވެ. ހަމަ ގައިމުވެސް އަހަރެން ނާސިރާއަށް ސެލިއުޓް ކުރަމެވެ. ތިޔަ ފަރާތުގެ ނަމުގެ ކުރިއަށް ހަމައެކަނި އިތުރުކުރުން ހައްގުވާނީ އޮނަރަބަލް އަލްފާޟިލާ ނާސިރާއެވެ.
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ފިކުރެއް ނޫނެވެ."